އެއާ އެސްޓާނާއިން ރާއްޖެއަށް ފަށާ ދަތުރުތަކަށް ޑިމާންޑު ބޮޑު

އެއާ އެސްޓާނާގެ ފްލައިޓެއް -- ފޮޓޯ: ގެޓީ

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އެސްޓަނާއިން އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ދަތުރުތަކުގެ ޑިމާންޑު ބޮޑުކަމަށް ބުނެފިއެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައި ވާގޮތުން ޑިސެމްބަރު ފަހެއްގައި އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފަށާއިރު އެންމެ ފުރަތަމަ ބާއްވާނީ ހަފްތާއަކު ދެ ފްލައިޓެވެ. އެއީ ބުދަ އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޑިސެމްބަރު 21 އިން ފެށިގެން ހަފްތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށާއި އެގޮތުން ހޯމަ ދުވަހުވެސް ފްލައިޓެއް ބާއްވާނެ ކަމަށް ބުނެފައިވެ އެވެ.

ފުރަތަމަ ފަށާއިރު އެ އެއާލައިނުގެ އޭއާބަސް 321LR ގައި ދަތުރު ފެށިނަމަވެސް ޑިމާންޑު ބޮޑުވެ، ފަސިންޖަރުންގެ އަދަދު އިތުރު ވާނެތީ ޑިސެމްބަރު 16 އިން ފެށިގެން ޖެނުއަރީ 16 އާއި ހަމައަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 767 ގެ އެއާކްރާފްޓެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

ސެންޓްރަލް އޭޝިއާގައި ހިމެނޭ ކަޒަކިސްތާނަކީ ރަޝިއާ ހިމެނޭ ސަރަހައްދުގެ ގައުމަކަށްވާއިރު މިއީ ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ސަރަހައްދެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ.

ކުރިއަށް އޮތް ފިނި މޫސުމާއި ފަތުރުވެރިިކަމުގެ ސީޒަނާ ދިމާކޮށް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ފިނިމޫސުމާ ދިމާކޮށް ހާއްސަ ދަތުރުތައް ރާއްޖެއަށް ކުރާނެ އެއާލައިންތައްވެސް ހިމެނެއެވެ.

މިހާރުވެސް 15 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 18 ގެނިޔަލަށް 59،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ރާއްޖެއަންނަ ފަތުރުވެރިން 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ރިޒަލްޓެއް ހުށަހަޅަންޖެހޭއިރު ފަތުރުވެރިންނަށް 30 ދުވަހުގެ ވިސާ ލިބެއެވެ.

comment ކޮމެންޓް