ޑިމެގޮގީ ނުވަތަ ޑިމެގޯގަރީ

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމުހޫރީ ވެރިކަމަކަށް ބަދަލުވިފަހުން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުން ---- ސަން ފައިލް ފޮޓޯ

ހުރާގޭ ދަރިކޮޅަށް ދިވެހިރާއްޖޭގެ ރަސްކަން ލިބުމަށް ފަހު، ދިވެހީން ޢިލްމު ޙާޞިލު ކުރުން ފާޑަކަށް މަނާ ކުރެވުނު ކަމީ އަޅުގަނޑުމެންގެ ތާރީޚުން ފެންނަ ޙަޤީޤަތެކެވެ. އެއިގެ ކުރީން ވެސް ދިވެހިރާއްޖެޔަކީ ޢިލްމީ ގޮތުން ރަނގަޅު މަޤާމެއްގައި އޮތް މުޖުތަމަޢެއް ނޫނެވެ. އެހެންކަމުން ދައުލަތުގެ ރަސްމީ ސިޔާސަތަކީ ރައްޔިތުންނަށް ޢިލްމުގެ އަލިކަން ލިބުނަނުދިނުން ކަމުގައި ވެއްޖެ ނަމަ، ދެން ދާނީ ގޯހުން ގޯހަށް ތާއެވެ! ހުރާގޭ ދަރިކޮޅުގެ ރަސްކަމާއި ވެރިކަމުގެ ފަހުކޮޅު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދައުލަތުން މަދަރުސާއެއް ޤާއިމު ކުރެއްވެވީ ވެސް، ބުނެވޭ ގޮތުގައި، އަމިއްލަ މީހަކު މާލޭގައި ކިޔަވައިދޭ ތަނެއް ހުޅުވުމުން، އެ ތަނުން ކިޔަވައިގެން މީހުން ވެރިކަމާ ދެކޮޅުވެރި ވިސްނުންތައް ގެންގުޅެފާނެތީ، ވެރިކަމުގެ ފަރާތުން މީހުންގެ ސިކުނޑިޔަށް އަޅައިދޭން ބޭނުންވާ އެއްޗެއް އަޅައިދޭނެ މަދަރުސާއެއް ހެދުން މުހިއްމު ކަމަށް ފެނިވަޑައިގެންނެވެ.

ރަސްކަން މުޅީން އުވިދިޔުމަށް ފަހު، ވެލާނާގޭ އިބްރާހީމް ނާޞިރުގެ ރައީސްކަމުގައި ވެސް، އަދި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ވެސް ދިވެހީންގެ ތެރޭގައި ޢިލްމީ ދަންމަރެއް ދިއްލެވުމަކަށް ހަރުދަނާ މަސައްކަތެއް ނުކުރައްވައެވެ. މަދަރުސާތަކެއް ނާޅުއްވައެކޭ ނޫނެވެ. ނަމަވެސް އެ މަދަރުސާތަކުން ދިވެހި ކުދީންނަށް ދޭހަ ނުވާ ބިދޭސީ ބަހަކުން ކޮމާރސް އާއި އެކައުންޓިންގ އާއި އިކޮނޮމިކްސް އާއި ޓްރެވަލް އެންޑް ޓުއަރިޒަމް ސްޓަޑީޒް ފަދަ މާއްދާތަކެއް "ކިޔަވައިދިނީ" އެވެ. ކުދީންނަށް "އިސްލާމް" ކިޔަވައިދިނީ ފަރަންސޭސި އިސްތިޢުމާރީން ސީރިޔާ އާއި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތައް އިސްތިއުމާރު ކޮށްގެން، އެ ޤައުމުތަކުގެ މުސްލިމް ޅަދަރީން އިސްލާމް ދީނާ ދުރުހެލި ކުރުމަށް ޓަކައި، ނަތީޖާއެއް ނުނުކުންނަހައި ކުޑަކުޑަކޮށް ދީނީ ތަޢުލީމު ދިނުމަށް ރޭވި ރޭވުމެއްގެ ތެރެއިން އިސްލާމް ކިޔަވައިދޭން ތަޢާރަފު ކުރި މަންހަޖާއި މުޤައްރަރާ އެއްގޮތަށެވެ. މީގެ އިތުރުން، އެ މަދަރުސާތަކަކުން ކުދީންނަށް އިސްލާމީ ރޫޙާނިއްޔަތެއް، އިސްލާމީ އަޚްލާޤިއްޔަތެއް، އިސްލާމީ ތާރީޚެއް، އަދި ޢަޤުލީ ގޮތުން ކަންކަމުގައި ވިސްނައި ފިކުރު ކުރުމެއް ދަސް ކޮށްނުދެވުނު ތަނުގައި، އެންމެ ކުޑަމިނުން އަމިއްލަ ދިވެހި ބަހާއި އަމިއްލަ ޤައުމުގެ ތާރީޚު ވެސް ކިޔަވައެއްނުދެވުނެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، މީހެއްގެ ބަހަކަށް ބެއްލެވުމެއް ނެތި އެމަނިކުފާނަށް ފެނިވަޑައިގަތް ގޮތަކަށް، ދައުލަތުގެ ސިޔާސަތު އޮތް ތަނެއްގައި ބާއްވަވައިފައި، ހިންގެވި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ވަސީލަތުން ކުރެއްވި މަސައްކަތުން އުފެދުނު މަދު ދިވެހި ދަރީންތަކެއް މެނުވީ، ދިވެހި ޤައުމުގައި ދީނާއި ޤައުމުގެ އަގު ވަޒަން ކުރާން ދަންނަނީ ދާދި މަދު ބަޔެކޭ ދެންނެވުނީ މުޅިޔަކުން ގޯހަކަށް ނުވާނެއެވެ.

ނަތީޖާޔަކީ ކޮބައިތޯއެވެ؟

ނަތީޖާޔަކީ ދިވެހި ޅަ ސިކުނޑިތަކަކީ ހުޅަނގުން އަންނަ ފިކުރީ އިސްތިޢުމާރުގެ ކުރިމަތީގައި "އޮއި ކުނިކޮޅުތަކެއް" ފަދަ އެއްޗަކަށް ވެގެން ދިޔުމެވެ. ދިވެހި ޤައުމުގެ އެކި ދިމަދިމާޔަށް ނަޒަރު ހިންގަވާށެވެ! މި ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ. އެއް ބަޔަކު "އަހަރެމެން އުޅޭން ވާނީ ދޮން މީހުން އުޅޭ ގޮތަށޭ" ކިޔައި އަޑު އުފުލަނީއެވެ. އަނެއް ބަޔަކު ޔޫރަޕުގެ ޤައުމުތަކަށް ގޮސް ދިވެހިރާއްޖޭގައި އެމީހުންގެ ގޮތްތައް ނެތޭ ކިޔައިގެން ޝަކުވާ ކުރަނީއެވެ. އަނެއް ބަޔަކު ހުޅަނގުގައި ތިބިއްޔާ ތިބިހައި ބާރުގަދަ ބަޔަކަށް، ދިވެހިރާއްޖޭގައި އިސްލާމް ދީން އޮތީތީ ރުޅި އައިސްގެން ޝަކުވާގެ ސިޓީތަކާއި ރިޕޯޓުތައް ލިޔަނީއެވެ. މި ސިޓީތައް ޔޫރަޕިޔަން ޔޫނިޔަނުގެ އިސް ފަރާތްތަކުން ފެށިގެން ގޮސް އަލިފުދާލުގެ ކޮމިޝަންތަކާއި ކޮމިޓީތަކާ ހަމަޔަށް އެބަ ދެއެވެ. ސާންތާ ކްލޯޒަށް ވެސް ނުލިޔާކަމެއް ނޭނގެއެވެ.

މި ދެންނެވި ޙާލަތުގައި، ދިވެހީންގެ ކިބައިން ނެތިދިޔަ އެންމެ މުހިއްމު އެއް ޤާބިލިއްޔަތަކީ، ނުބައެއް ފެނުމުން، އެއީ ނުބައެއްކަން ދެނެގަތުމުގެ ޤާބިލިއްޔަތެވެ.

މި ދަންނަވާ ޤާބިލިއްޔަތަކީ ރޫޙާނީ އަދި އަޚްލާޤީ ގޮތުން މީހާގެ ނަފުސު އަލި ވެފައި ހުރެގެން، އަދި ކަންކަމާ މެދު ތަންޤީދީ ގޮތުން، ހެޔޮ ބުއްދި ބޭނުން ކޮށްގެން ވިސްނައި ފިކުރު ކުރުމުގެ ޒިހުނީ އަދި ޢިލްމީ ކުޅަދާނަކަން ހުރުމުން، ލިބޭ ޤާބިލިއްޔަތެކެވެ. ރޫޙާނީ ގޮތުންނާއި އަޚްލާޤީ ގޮތުން ބަނގުރޫޓު ވެފައި ވާ ބަޔަކުގެ ކިބައިގައި މި ޤާބިލިއްޔަތެއް ނުހުންނާނެއެވެ. އެފަދަ ބަޔެއްގެ ބަހާއި ޢަމަލުތައް ބިނާ ވެގެން ދާނީ އެ ބަޔަކުގެ ތަޢައްޞުބުތަކުގެ މައްޗަށެވެ. އެ ބަޔަކަށް އެކިއެކި ގޮތްގޮތުން ލިބޭން ހުރި މާއްދީ އަދި މާލީ ފައިދާތަކެއް ކޮންމެ ގޮތަކުން ވެސް ލިބިގަތުމުގެ މައްޗަށެވެ. އެ ބަޔަކު ނުރުހޭ ކޮންމެ މީހަކާއި ބަޔަކު ނިކަމެތި ކޮށްލުމުގެ މައްޗަށެވެ. ތިމާގެ އަވަށްޓެރީންނާއި ޤައުމާއި ދީނީ އަޚުން އުޚްތުންގެ މަޞްލަޙަތުތައް ޤުރުބާން ކޮށްފައި އަމިއްލަ އެދުންތައް އިސް ކުރުމުގެ މައްޗަށެވެ. ދިވެހި މުޖުތަމަޢުގައި ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުން ވޯޓު ވިއްކުމާއި، ލީޑަރުން ކެންޕޭނޭ ކިޔައިގެން ދޮގު ހެދުމާއި، އިދިކޮޅު ޙަރަކާތް ހިންގަނީއޭ ކިޔައިގެން މީހުންނަށް އެއްޗެތި ގޮވައި ދޮގު ހަދައި މީހުންގެ އަބުރު ކަތިލުން ފަދަ ކަންކަން ޢާއްމު ކުރުން ފަދަ އެންމެހައި ކަންތައްތަކެއްގެ އަޞްލަކީ މި ދެންނެވީއެވެ.

ދިވެހި ޤައުމުގައި ޢިލްމީ ދަރީން ވެސް މަދުމަދުން އެބަތިއްބެވެ. އަޚްލާޤީ ނަޒާހަތްތެރިކަމުގެ އަހުލުވެރީން ވެސް އެބަތިއްބެވެ. އިސްލާމީ ހެޔޮ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިގެން ތިބި މަދު މީހުން ވެސް އެބަތިއްބެވެ. ނަމަވެސް އެމީހުންގެ އަގެއް ޤައުމުގައި ނެތެވެ. އެމީހުންގެ ބަސް އަހާނޭ މީހަކު މަދުން ނޫނީ ނެތެވެ.

މި ހިތާމަވެރި ޙާލަތުގައި، ދިވެހި ޤައުމަށް ތަޢާރަފު ކުރެވުނު އެންމެ ނުބައި އެއް ކެންސަރަކީ ޤައުމު އިޞްލާޙު ކުރުމުގެ ނަމުގައި، މީލާދީން 2003 ހައި ތަނުގައި ތަޢާރަފު ކުރެވުނު "ޑިމެގޮގީ" ނުވަތަ "ޑިމެގޯގަރީ"ގެ ގަދަފަދަ އޮއިވަރެވެ. މި އޮއިވަރު ގެނައީ ރައީސް މައުމޫނުގެ އަނިޔާވެރިކަމާއި ޚުދުމުޚްތާރު ވެރިކަމުގެ ކަސްތޮޅުތައް މުގުރައިލައި، އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމުގައި ޢާއްމު ވެފައި އޮތް ނަހަމަކަމާއި ފަސާދަ ނައްތައިލައި، ޤައުމު ހެޔޮމަގަށް ގެންދިޔުމަށް ކުރާ މަސައްކަތެއްގެ ނަންބޯޑު އަޅުވައިގެންނެވެ. އެ އޮއިވަރު ގެނައި މީހުންގެ ބަހުން، އެމީހުންގެ މަސައްކަތަކީ އިޞްލާޙީ މަސައްކަތެކެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ރުހުމާއި އިރާދާޔާ އެއްގޮތަށް ކުރެވޭ ވެރިކަމެއް ޤާއިމު ކޮށް "ޑިމޮކްރަސީ" ހަރުދަނާ ކުރުމުގެ މަސައްކަތެކެވެ. ޢަދުލުއިންޞާފު ހަރުދަނާ ކޮށް، އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތުގައި އެންމެ އިސްކޮށް ތިބި، އެންމެ ވަރުގަދަ، އަދި އެންމެ އަޑުގަދަ މީހުންނަކީ "ޑިމެގޯގެއްގެ" ފަހަތުގައި ސާބިތު ވެތިބި ބައެކެވެ. އެ "ޑިމެގޯގަށް" ވެރިކަމާއި ބާރު ހޯދައިދީގެން އަމިއްލަ އެދުންތައް ފުއްދުމަށް ފައި ނަގައިގެން ތިބި ބައެކެވެ. އެއިގެ ތެރޭގައި، އެ ޙަރަކާތުގެ ޙަޤީޤީ އަޞްލު ނުދެނެތިބެ، މި ކުރެވެނީ އިޞްލާޙީ މަސައްކަތެކޭ ހީ ކޮށްގެން، އެކަމުގައި ބައިވެރި ވި މަދު ބަޔަކު ވެސް ތިއްބެވެ. ނަމަވެސް ޖުމުލަކޮށް ދަންނަވާ ނަމަ، 2003 ހައި ތަނުގައި ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ފެށުނު މި ޙަރަކާތަކީ ދިވެހި ޤައުމު ދުށް އެންމެ ނުރައްކައުތެރި އެއް ވަބާއެވެ. އެއީ ދިވެހި ޤައުމު މުޅީންހެން ހަލާކު ކޮށްލި "ޑިމެގޯގަރީ" އެކެވެ. ދިވެހި ރައްޔިތުން ކުރެ މަދު ބަޔަކު ފިޔަވައި ދެން ތިބީ، ކުރީން ދެންނެވިހެން، ނުބައެއް ފެނުމުން އެއީ ނުބައެއްކަން ދެނެގަތުމުގެ ޤާބިލިއްޔަތު ނެތް މީހުން ކަމުން، ޤައުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ ގާތަށް އެ "ޑިމެގޯގަރީ"ގެ ޖާދޫގައި ޖެހުނީއެވެ. އެ "ޑިމެގޯގަރީ"ގެ އަޑު އުފުލަމުން ގެންދިޔަ "ޑިމެގޯގް" އަކީ ރައްޔިތުންގެ ލީޑަރެއް ކަމުގެ ބިލާހީ ވިސްނުމުގައި ހަފުސް ވީއެވެ.

"ޑިމެގޮގީ" ނުވަތަ "ޑިމެގޯގަރީ" އަކީ ބޭރުފުށުން "ޑިމޮކްރަސީ" އާއި "ޖުމްހޫރިއްޔަތު"ގެ ލޭބަލްތަކާއި ޝިޢާރުތަކާއި ދިދަތައް އުފުލާ ތަޙްރީކެކެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ "ޑިމޮކްރަސީއެއް" ނޫނެވެ. ޖުމްހޫރިއްޔަތެއް ވެސް ނޫނެވެ. އެއާ ޚިލާފަށް، "ޑިމެގޯގަރީ"ގެ ކުޅިވަރު ކުޅޭ "ޑިމެގޯގުންނަކީ" ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ހުންނަ ތަޢައްޞުބުތައް ހެއި ލައްވާ ބައެކެވެ. ރައްޔިތުންގެ ޖަޒުބާތުތަކާއި ޝުޢޫރުތައް ކައްކުވައި، ހެޔޮ ވިސްނުމާއި ޟަމީރާއި ޢިލްމުގެ އަސާސްތަކުގެ ބަދަލުގައި އެ ޖަޒުބާތުތަކާއި ޝުޢޫރުތަކުގެ ޖޯޝުގައި އެމީހުން ބޭނުންވާ މިޞްރާބަކަށް ރައްޔިތުން ހިންގުވާ ބައެކެވެ. މީސްތަކުން ނޭނގުމެއް ނުވަތަ ޖާހިލުކަމެއްގެ ތެރޭގައި ތިބި ނަމަ އެ ނޭނގުމުގެ ތެރެއިން މީސްތަކުން ރަނގަޅު މަޢުލޫމާތާއި ޢިލްމީ ހެއިލުންތެރިކަމުގެ ތެރެޔަށް ގެނައުމުގެ ބަދަލުގައި، ރައްޔިތުންގެ ނޭނގުމާއި ޖަހާލަތަކީ ތިމާމެންނަށް ލިބިފައި އޮންނަ ފުރުޞަތެއް ކަމަށް ބަލައިގެން، ރައްޔިތުންގެ ޖާހިލުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ހެޔޮ މަގުގެ ބަދަލުގައި ތިމާމެން ބޭނުންވާ އެކިއެކި ނުބައި މަގުތަކުން ރައްޔިތުން ހިންގުވާ ބައެކެވެ. އެމީހުންގެ އެންމެ ޢާއްމު އެއް އުކުޅަކީ، ރައްޔިތުންގެ ހިތްތަކުގައި ސިޔާސީގޮތުން ތިމާޔާ ވާދަވެރި މީހުންނާ މެދު ބިރުވެރިކަމާއި ނަފްރަތު އުފެއްދުމެވެ. ތިމާ ނޫން އެހެން ސިޔާސީ ލީޑަރުންނަކީ ރައްޔިތުންނަށް އަނިޔާވެރި، ނުބައި ބަޔަކު ކަމުގައި ބުނެ އަޑު އުފުލުމެވެ. ތިމާ ނޫން ބަޔަކު ވެރިކަމުގައި ތިބި ނަމަ އެ ބަޔަކު ކުރާހައި ކަމަކީ ނުބައި ކަންކަން ކަމުގައި ސިފަ ކޮށްގެން އެ ބަޔަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމެވެ. ތިމާ ފިޔަވައި އެހެން ސިޔާސީ ލީޑަރެއްގެ ސަރުކާރު އޮތް ނަމަ، އެ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ނުބައި ކަމެއް ކަމަށް ހަދައިގެން، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ރުޅިވެރިކަމާއި ވަހުމުތައް އުފެއްދުމެވެ. ޑިމެގޯގުން ރައްޔިތުންގެ ތާއީދު ހޯދާނީ ރައްޔިތުންގެ "ފިއަރޒް މެނިޕިޔުލޭޓް" ކޮށްގެންނެވެ. އެމީހުން ރައްޔިތުން "ރެލީ" ކުރާނީ ރައްޔިތުން ކައްކުވައިގެން، ރައްޔިތުން މަގުމައްޗަށް ނެރެގެން، އިޙުތިޖާޖު ކުރުވައި ހަޅޭއްލަވައިގެން، ފުލުހުންނާ ތަޅުވައިގެންނެވެ. ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ވެރިކަން ކުރުމާއި، ވެރިކަމަށް އައުމަށް މަސައްކަތް ކުރުން ފަދަ އެއްވެސް ކަމެއްގައި، ހަމަބުއްދި އާއި ޟަމީރާއި ރިވެތި އަޚްލާޤާއި ޢިލްމާއި މަޑުމައިތިރިކަމާއި މެދުމިނާއި، ޢަދުލުވެރިކަމުގެ އުޞޫލުތަކާއި ޤިޔަމުތަކަށް އެމީހުން ބޮލެއް ނުލަނބާނެއެވެ. އެމީހުންގެ ފޮތުގައި، އިންތިޚާބުތަކުގައި ދޮގު ވަޢުދު ވުމަކީ ސިޔާސީ ހުނަރެކެވެ. ކާމިޔާބު ޑިމެގޯގުންނަކީ ފިސާރި މޮޅަށް ވާހަކަ ދައްކާ ބައެކެވެ. އެމީހުންގެ ވާހަކައިގެ ބާރުގައި ރައްޔިތުންގެ ކިބައިގައި ހުންނަ "ނުބައިކަން" ބޭރަށް ނެރެ، ރައްޔިތުންގެ ކިބައިގައި ހުންނަ "ހެޔޮކަން" ޣަފްލަތުގެ ދާނުގައި ނިންދަވައިލައެވެ. އެމީހުންގެ ވާހަކައިގެ ބާރުގައި، ރައްޔިތުންގެ ހިތަށް ދޮގު ތެދުގެ ގޮތުގައި، އަދި ތެދު ދޮގުގެ ގޮތުގައި ވައްދައި، އޮޅުންބޮޅުމާއި ނަފްރަތުގެ ކަނުއަނދިރީގެ ތެރޭގައި ރައްޔިތުންގެ ބުއްދިތަކާއި ހިތްތައް ޤައިދު ކުރެއެވެ.

ޑިމޮކްރެސީގެ ނިޒާމާ މެދު ވާހަކަ ދައްކަވާ ވަރަށް ގިނަ ޢިލްމުވެރި މުފައްކިރުން ވިދާޅުވާ ގޮތުން، "ޑިމޮކްރެސީ"ގެ ނިޒާމަކަށް ކުރިމަތި ވާނޭ އެންމެ ބޮޑު ބިރަކީ "ޑިމެގޯގުން"ގެ ބިރެވެ. ހަމައެހެންމެ، ދައުލަތެއްގައި ހެޔޮ ވެރިކަމެއް ކުރުމާއި، ޢިލްމާއި، ޙިކުމަތާއި، ހަމަބުއްދިޔާއި، ރިވެތި އަޚްލާޤާއި، އެހެން ސިޔާސީ ލީޑަރުންނާ މެދުގައި ވެސް ސަމާޙަތާއި އިޙުތިރާމުގެ ގޮތްތައް ބޭނުން ކުރުމާ ދެކޮޅުވެ، މުޖުތަމަޢުގެ ބައިބައިވުން ގެންނަ، މުޅި ޤައުމުތައް ފޭލި ކޮށްލުމުގެ އެންމެ ނުރައްކާ އެކައްޗަކީ ޑިމެގޯގުންނެވެ.

ދެހާސް ތިން ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ރާއްޖެޔަށް ގެނެވުނު ވަރުގަދަ "ޑިމެގޯގަރީ"ގެ އޮއިވަރު، ދިވެހިން ކަނު ކޮށްލީއެވެ. އެ ބޮޑު ނުބަޔަކީ ނުބައެއްކަން ދެނެގަތުމުގެ ޤާބިލިއްޔަތެއް މި ޤައުމުގައެއް ނެތެވެ. އެހެނީ، އެފަދަ ބޮޑެތި ނުބައިތަކަކީ ނުބައިކަން ދެނެގަތުމަށް ބޭނުންވާ ހެޔޮ ބުއްދިޔާއި، ހެޔޮ ޟަމީރާއި، ޢިލްމީ އަލިކަން މި ޤައުމުގައި ނެތެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ މުހިއްމު ވާޖިބަކީ، މި ދެންނެވި އަލިކަން މި ޤައުމަށް ގެނައުމުގެ މަގެވެ. ދިވެހި ރައްޔިތުން މިއަދު ތިބި ޙާލަތުން، ޑިމެގޯގަކާ ދިމާޔަށް އިނގިލި ދިއް ކޮށްފައި "އެއީ ޑިމެގޯގެކޭ" ބުނުމުން އޭނާގެ ނިތްކުރީގައި "ޑިމެގޯގް" މިހެން ލިޔެވިފައި އޮތަސް، ޙަޤީޤަތް ފެންނަ ވަރަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ ތަޢައްޞުބީ ކަނުކަން ބޮޑެވެ. ދައްޖާލުގެ ނިތްކުރީގައި "ކާފިރު" މިހެން ލިޔެފައި އޮއްވައި ފެނުމުން ވެސް، މުސްލިމުންގެ ލޭބަލް ޖަހައިގެން ތިބޭ ގިނަ މީހުންނަށް ވެސް އެތަން ނުފެންނާނެ ވާހަކަ ކީރިތި މާތް ނަބިއްޔާގެ ޙަދީޘްފުޅުގައި އޮވޭ ނޫންތޯއެވެ؟ އަޅުގަނޑުމެންގެ ޙާލަތު މިހިރީ ދާދި އެކަހަލަ ގޮތަކަށެވެ. އެހެންކަމުން، މިއަދު ކުރާން ޖެހޭ މަސައްކަތަކީ ހެޔޮ ބުއްދިޔާއި، ހެޔޮ ޟަމީރާއި، ދީނީ އަދި ދުނިޔަވީ މަތިވެރި ޢިލްމުތަކުގެ އަލިކަން ފަތުރައިގެން، ހެވާއި ނުބައި ފެނުމުން އެ ދޭތި ވަކި ކުރާން ދަންނަ ޤައުމަކަށް ދިވެހި ޤައުމު ހެދުމުގެ މަސައްކަތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް