އިންޑިއާއިން ހަމަލާތައް ސްޕޮންސާ ކުރާ ކަމުގެ ހެކި އެބަހުރި: ޕާކިސްތާން

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރެއިޝީ -- ފޮޓޯ: އޭޕީ

އިސްލާމްއާބާދު (ނޮވެމްބަރު 16): އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމަށް ހަރަދު ކުރާ ކަމުގެ ހެކި ހުރި ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރެއިޝީ ވިދާޅުވި ގޮތުގައި އިންޑިއާއިން ޓެރަރިސްޓު ހަމަލާތަކަށް ހަރަދު ކުރުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން މަރުވެފައިވާ ކަމުގެ ހެކި އެގައުމުން އދ.އަށާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ހުށަހަޅާނެ އެވެ.

"އިންޑިއާއިން ޕާކިސްތާނުގައި ޓެރަރިޒަމް ސްޕޮންސާ ކުރުމުގެ ސަބަބުން ޕާކިސްތާނުގެ ކުށެއް ނެތް ރައްޔިތުންތަކެއް މަރުވިކަން ދައްކުވައިދޭ ހެކި އަޅުގަނޑުމެން ދުނިޔެއަށް ހުށަހަޅާނަން،" މިނިސްޓަރު ގުރެއިޝީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ އާއި އަސްކަރިއްޔާއިން ބުނި ގޮތުގައި އިންޑިއާގެ ހާރިޖީ ޖާސޫސީ އިދާރާ، ރިސާޗް އެންޑް އެނެލެސިސް ވިންގް (ރޯ)އިން ދަނީ އެގައުމަށް ދޭ ހަމަލާތައް ރޭވުމަށް، އަފްގާނިސްތާނުގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންތައް ބޭނުން ކުރަމުންނެވެ. އަދި ޕާކިސްތާނުގެ ބަލޮޗިސްތާނުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާއަތްތަކަށާއި ތާލިބާނަށް އިންޑިއާއިން ހަރަދު ކުރިކަން ދައްކުވައިދޭ ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށް ގުރެއިޝީ ވިދާޅުވި އެވެ.

މީގެ އިތުރުން ޕާކިސްތާނުގައި ޗައިނާއިން ފަށާފައިވާ އިގުތިސާދީ މަޝްރޫއުތަކަށް އިންޑިއާއިން ސްޕޮންސާ ކުރާ ހަމަލާތައް އާއްމުކޮށް އަމާޒު ކުރާ ކަމަށްވެސް އެގައުމުން ބުންޏެވެ.

ޕާކިސްތާނުން އެ ތުހުމަތުތައް ކުރީ، ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުގެ އިން ވަކިކޮށްދޭ ސަރަހައްދުގައި ދެ ފަރާތުން ބަދަލު ކުރި ހަމަލާތަކުގައި 10 އާއްމު ރައްޔިތުންނާއި ފަސް ސިފައިން މަރުވި ފަހުންނެވެ.

comment ކޮމެންޓް