އިންޑިއާގެ ރިޕަބްލިކް ޓީވީގެ ޗީފް އެޑިޓަރު އަރުނަބު ގޮސްވާމީ ދޫކޮށްލައިފި

މަޝްހޫރު ނޫސްވެރިޔާ އަރުނަބް ގޮސްވާމީ---

ހަފްތާއެއް ކުރިން ޖަލަށް ލާފައި ހުރި އިންޑިއާގެ ރިޕަބްލިކް ޓީވީގެ ޗީފް އެޑިޓަރު އަރުނަބް ގޮސްވާމީ މިނިވަންކޮށްފި އެވެ.

އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަރުނަބު ކަފާލާތުގެ ދަށުން އިއްޔެ ދޫކޮށްލިއިރު މީގެ ތިން ދުވަހެއްހާ ކުރިން ކޯޓުން ވަނީ އޭނާ މިނިވަންނުކުރަން ނިންމުމަށްފަހު 12 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އަރުނަބް ހައްޔަރުކުރީ ސްޓޫޑިއޯ ޑިޒައިން ކުރި އާކިޓެކްޓް، އަންވޭ ނައިކް އަމިއްލައަށް މަރުވުމުގައި ގޮސްވާމީގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭތީކަމަށް ބުނެ އެވެ.

ކޮންކޯޑް ޑިޒައިންސް ކިޔާ ކުންފުންޏެއްގެ ވެރިން ކަމަށްވާ ނައިކް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިން މެއި 2018ގައެވެ. އަދި ނައިކް ލިޔެފައިވާ ނޯޓެއްގައިވާ ގޮތުން އޭނާ މަރުވީ އޭނާގެ ކުންފުންޏަށް ގޮސްވާމީއާއި އިތުރު ބަޔަކު ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އިންޑިއާގެ ހައިކޯޓުން ބުނީ އަރްނަބު، ނައިކަށް ދޭންޖެހޭ ފައިސާ ހުރެ އެ ނުދެއްކިގެން އޭނާ އަމިއްލައަށް މަރުވީކަމަށް ބުނިއިރު އެ މައްސަލައިގައި އަރުނަބުގެ އަތެއްވާކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އަދި އޭނާ އަމިއްލައަށް މަރުވުމުން އެ ކޭސް "އެބެޓްމެންޓު ސުއިސައިޑް" ކޭހަކަށް ވާނެކަމާމެދު ހައިކޯޓުން ވަނީ ސުވާލުވެސް އުފައްދާފަ އެވެ.

އަރުނަބު މިނިވަންކުރުމާ ގުޅިގެން ގިނަ ތަރިންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އުފާފާޅުކުރަމުންނެވެ. އަރުނަބު މިނިވަންކުރުމާ ގުޅިގެން މަރުހަބާކީ މީހުންގެ ތެރޭގައި ކަންގަނާ ރަނައުތު، އަނުޕަވް ޚޭރް، ޕަޔަލް ގޯޝް އަދި ސުޝާންތުގެ ދައްތަ ޝްވެތާ ހިމެނެ އެވެ.

comment ކޮމެންޓް