ރިލްވާންގެ މަރުގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން މަސައްކަތް ފައްޓަވައިފި

ރިލްވާނަށް އިންސާފު ހޯދުމަށް އެދި ބޭއްވި ހިނގާލުމެއްގެ ތެރެއިން

ވީނުވީއެއް ނޭނގި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން، މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ފައްޓަވައިފި އެވެ.

ރިޔާސީ ކޮމިޝަނުން ކުރަމުންދާ ރިލްވާންގެ ތަހުގީގަށް ބޭރުގެ މާހިރަކު އައްޔަނުކުރުމަށް އެދުނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.

ބޭރުގެ މާހިރު މިހާރު ރާއްޖެ އައިސް މަރު ކޮމިޝަނާއެކު މަސައްކަތް ކުރަމުންދާ ކަން އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިއަދު "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިސްބާހު ނުދެއްވަ އެވެ.

ބޭރުގެ އިންވެސްޓިގޭޓަރެއް، ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މިިދިޔަ އޮގަސްޓް މަހު އަށް ވަނަ ދުވަހު އެވެ. އެއީ ރިލްވާންގެ ގެއްލުނުތާ ހަ އަހަރު ފުރުނު ދުވަހު އެވެ.

އެއާއެކު ސެޕްޓޭމްބަރު މަސް ތެރޭ ބޭރުގެ މާހިރު ކޮމިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

މީގެ ކުރިން މަރު ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން ހީނުކޮށް، ދޯންޏަކަށް އެރުވުމަށް ފަހު އަލްގައިދާ ރާއްޖޭގެ ގޮފިން އޭނާ މަރާލާފައިވާކަން އެހާތަނަށް ހޯދި ހެކިތަކުން އެނގިފައިވާ ކަމަށެވެ.

https://sun.mv/123731

comment ކޮމެންޓް