ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، މެމްބަރު ކޮވިޑް19 އަށް ނެގެޓިވް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
ޓެސްޓުތަކެއް ހަދާ އިތުރަށް ބެލުމަށް ޑޮކްޓަރު ބޭނުންވުމުން، ޝިޔާމް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެމްބަރު ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށާއި، އަދި ނަތީޖާ ނެގެޓިވް ކަމަށެވެ. ހަމައެއާއެކު ޝޔާމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް އިން ބުނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި މެމްބަރު ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާއާ ގުޅިގެން، އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.