އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށް ހަފްތާއަކު 10 ފްލައިޓު ބާއްވަން ނިންމައިފި

އެމިރޭޓްސް ގެ ފްލައިޓެއް ވީއައިއޭގައި ---- ސަން ފޮޓޯ

އަންނަ އާދީއްތަ ދުވަހުން ފެށިގެން އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށް ހަފްތާއަކު 10 ފްލައިޓު ބާއްވަން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ 25 އިން ފެށިގެން އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު އެމިރޭޓްސް އިން ރާއްޖެ އަށް އިތުރު ފްލައިޓެއް ބާއްވާނެ ކަމަށެވެ.

އެމިރޭޓްސް އިން މިހާރު ރާއްޖެއަށް ދުވާލަކު ދަތުރެއް މަގުން، ހަފްތާ އަކު ހަތް ދަތުރު ބާއްވަ އެވެ. އެ ދަތުރުތައް ބާއްވަނީ މާލެ އާއި ދުބާއީ އާއި ދެމެދު އެވެ.

އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން777ގެ މަތިންދާ ބޯޓެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހަތަރު މަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15ގައި ބޯޑަރު ހުޅުވާލުމުން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ ޖުލައި 16 ވަނަ ދުވަހު އެވެ.

އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.

ކޮވިޑު19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އެމިރޭޓްސް އިންނެވެ. މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިނުން 13,379 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޔޫއޭއީ އެވެ. ބޯޑަރު ހުޅުވާލިފަހުން އެ ގައުމުން 3،377 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޔޫއޭއީގެ އެމިރޭޓްސް އަދި އިއްތިހާދުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. މީގެ އިތުރުން މި މަހުގެ 27 އިން ފެށިގެން އެމިރޭޓްސްގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީ އިން ވެސް ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް