ތިން ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ޕީޖީން ފާސްވީ އަމީންއަށް އިތުބާރު އޮތް ކަމަށް

އަމީން: އޭނާ މަގާމުން ވަކިކުރަން އެމްޑީޕީ ޕީޖީން ފާހެއް ނުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއަށް އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު(ޕީޖީ)ގައި މިއަދު ނެގި ވޯޓުން ފާސްވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި އެގޮތަށް ފާސްވީ ތިން ވޯޓުގެ ތަފާތަކުންނެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް މިއަދު ބޭއްވީ، އަމީނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާމެދު ގޮތެއް ނިންމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޕީޖީގެ ބައްދަލުވުމުގައި ޖުމްލަ 58 މެމްބަރަކު ބައިވެރި އިރު، އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެމްބަރެކެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ނަމަވެސް، ބައެއް މެމްބަރުން ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ. އަމީންއާ އެއްކޮޅަށް ވޯޓު ދެއްވީ ކިހާ އަދަދެއްގެ މެމްބަރުން ކަމަށް އަދި ސާފެއް ނޫނެނެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ ޕީޖީން އަމީން ވަކިކުރުމަށް ފާސް ނުވި ނަމަވެސް، އޭނާ މަގާމުން ވަކިކުރުމަށް މަޖިޅީހަށް ހުށަހެޅުމަށް އެމްޑިޕީގެ ބަައެއް މަޖިލިސް މެމްބަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އަމީނަށް ތުހުމަތު ކުރެވެނީ، ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ގަތުމުގެ ތެރޭ ނާޖާއިޒު ކަންތައްތަކާއި ހީލަތް ހަދާފައިވާ ކަމުގެ ތުހުމަތެވެ.

ވެންޓިލޭޓަރު މައްސަލައިގައި އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން މިދިޔަ ހަފްތާ ބުދަ ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕޮރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފަ އެވެ. އެހެން ނަމެވެސް މިއަދު ޕީޖީން ވަނީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ސާބިތުކުރުމާ ގާތަށް ވެސް ހެކި ނެތް ކަމަށް ބުނެ، ދައުވާ ނުކުރަން ނިންމާފަ އެވެ.

ދައުވާ ނުކުރަން ޕީޖީން ނިންމި ނަމަވެސް، އެ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތުން ކުރި ހަރަދުތައް އޮޑިޓްކޮށް އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓްގައިވާ ގޮތުގައި މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަސައްކަތް ހަވާލު ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުރުމެވެ.

އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާ ދީގެން ހޮވި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެއީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. ޖުމްލަ 34.50 މިލިއަން ރުފިޔާއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. އޭގެ ތެރެއިން 10 ވެންޓިލޭޓަރު ފިޔަވާ އެހެން ވެންޓިލޭޓަރުތައް އަދިވެސް ލިބިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު