ސްރީލަންކާ މާކެޓަށް ބޭރު ގައުމުތަކުން ބާނާ މަސް އިމްޕޯޓުކުރުން މަނާކުރި ނަމަވެސް ރާއްޖެއިން އެގައުމަށް މަސް އެކްސްޕޯޓުކުރުމަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުން ދީފިއެވެ.
ސްރީލަންކާގެ އާ ސަރުކާރު މިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ތަންފީޒުކުރަން ފެށި އާ ސިޔާސަތުގެ ދަށުން ސްރީލަންކާގައި ހެއްދޭ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިންނަށް ބޭނޭ މަހުގެ ބާވަތްތައް އެގައުމަށް އިމްޕޯޓުކުރުން ވަނީ މަނާކޮށްފައެވެ. މިކަން ތަންފީޒުކުރަން ފެށީ މި އަހަރުގެ ތެެރޭގައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނަ އަދި މަސްވެރިކަމާ ބެހޭ މިނިސްޓަރު ޑޮގްލަސް ދޭވަނަންދަ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަޖިތު ނިވާޑް ކަބްރާލްއާ މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވ"މަޝްވަރާތަކަށްފަހު [އެބޭފުޅުން] ވަނީ ރާއްޖޭގެ މަސް ލަންކާއިން އިމްޕޯޓުކުރުމަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން ދެއްވާފައި. ޝުކުރިއްޔާ ސްރީލަންކާ،" ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ލަންކާއިން ކަނޑުމަހުގެ އިމްޕޯޓަށް އެޅި ފިޔަވަޅުތަކުން ރާއްޖެ އިސްތިސްނާ ކޮށްދޭން ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ މަހު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ލަންކާ ސަރުކާރުން މަހުގެ ވިޔަފާރިއަށް ގެންގުޅޭ އާ ސިޔާސަތާ މެދު ސަރުކާރުން ކަންބޮޑުނުވާ ކަމަށެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށާއި ސްރީލަންކާގެ މާކެޓު ދިވެހި މަހުގެ ބާވަތްތަކަށް ހުޅުވާލުމަށް އެގައުމުގެ ސަރުކާރާ މަޝްވަރާކުރުމަށް މެމްބަރު ސަލީމް އެދުވަހު ގޮވާލެއްވިއެވެ.