ސްރީލަންކާއިން މަސް އިމްޕޯޓުކުރުމަށް އާ ސިޔާސަތެއް ގެންގުޅޭން ވިސްނި ނަމަވެސް ރާއްޖެއަށް އެ މާކެޓު ދެމިއޮންނާނެ މަގު ތަނަވަސްކުރުމަށް އެގައުމާ މަޝްވަރާކުރުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ގޮވާލައްވައިފިއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވި އިރު، ސްރީލަންކާގެ ސަރުކާރުން ކަނޑުމަހުގެ ވިޔަފާރިއާ ބެހޭގޮތުން ގެންގުޅެން ނިންމާފައިވާ އާ ސިޔާސަތާ ބެހޭގޮތުން މެމްބަރު ސަލީމް މިނިސްޓަރާ ސުވާލުކުރެއްވިއެވެ.
ސްރީލަންކާގެ އާ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެގައުމުގައި ނުހުންނަ ބާވަތްތަކުގެ މަސް އެގައުމަށް އިމްޕޯޓު ނުކުރުމަށެވެ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށްގެއްލުމެއް ލިބިދާނެތޯ ސަލީމް ސުވާލުކުރެއްވުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެކަމާ މެދު ކަންބޮޑުނުވާ ކަމަށާއި ހިކި ކަނޑުމަހަކީ މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އަމާޒު ހުރީ އަގުބޮޑެތި ބާޒާރުތަކަށް ކަމަށް ޒަހާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ހަވީރު ވާހަކަދައްކަވަމުން މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ހެނދުނު ދެއްވި ޖަވާބާ ހުރެ ކަންބޮޑުވުން އުފެދުނު ކަމަށެވެ. އަދި މި ވަގުތަކީ ތައްޔާރުކޮށްގެން ވިއްކެން އޮތް އެއްޗެއް ވިއްކަން މަސައްކަތްކުރަންވީ ވަގުތުކަމަށް ސަލީމް ވިދާޅުވިއެވެ.
"އެއީ ރާއްޖެއިން ވިސްނަންޖެހޭ ކަމެއް ނޫންކަމަށް އެކަމަނާ ވިދާޅުވި ކަމުގައި ވިޔަސް މި ހާލަތަކީ އެންމެ ވަޅޯމަސްގަނޑެއްވެސް، އެންމެ ހިކިމަސްގަނޑެއްވެސް ވިއްކާލެވެން އޮތްކަމަށް ވަންޏާ ވިއްކާލަން މަސައްކަތްކުރަންޖެހޭ ވަގުތެއްކަމުގައި ގަބޫލުކުރަން،" ސަލީމް ވިދަޅުވިއެވެ.
އެހެންކަމުން ސަރުކާރުން މިކަމުގައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، ސްރީލަންކާ ސަރުކާރާއެކު މަޝްވަރާކޮށްގެން އެގައުމުގެ މާކެޓު ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ހުޅުވިފައި ބޭއްވޭނެ ގޮތެއް ތަނަވަސްކޮށްދޭން އޭނާ ގޮވާލެއްވިއެވެ.