އެތައް ތެލްސީމިއާ ކުދިންނެއް ފުރާވާރުު އުމުރުގައި ރާއްޖޭގައި މަރުވަމުން ދާ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް މޯލްޑިވަސް ތެލްސީމިއާ ސޮސައިޓީގެ ޗެއާޕާޝަން ޖީހާން ސަލީމް ވިދާޅުވެއްޖެ އެވެ.
ތެލްސީމިއާ ސޮސައިޓީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ ގުޅިގެން މިއަދު ފެށި މަސައްކަތުގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، މިދިޔަ އަހަރުގައި ގާތް ގާތު ތެލްސީމިއާ ކުދިންތަކެއް ދުނިޔެ ދޫކުރުމުން އެކަން މީޑިއާ އާއި އެކި ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ނަމަވެސް އެކަމަކީ ތެލްސިއާ ކުދިންނަށް އާ ކަމެއް ނޫން ކަން ޖީހާން ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ރަހުމަތްތެރިން އެކުވެރިން އަޅުގަނޑުމެންނާ ވަކިވެގެން އެދަނީ ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ވަކިވެގެން އެބަދޭ ފުރާއުމުރުގައި. މިއީ އަސްލު ހަގީގަތުގައި މަސައްކަތް ކުރާ ބަޔަކަށް ލިބޭ ވަރަށް ބޮޑު މާޔޫސް ކަމެއް. މަސައްކަތް ކުރާ ބަޔަކަށް ލިބޭ ވަރަށް ބޮޑު ނުތަނަވަސް ކަމެއް،" ޖީހާން ވިދާޅުވި އެވެ.
ތެލްސީމިއާ ކުދިން ދުޅަހެޔޮ ސިއްހަތެއް ލިބޭނެ ކަހަލަ މާހައުލެއް ގާއިމު ކުރުމަށް ކަމާ ގުޅޭ ފަރާތްތަކާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުން ނިންމާފައިވަނީ، ތެލްސީމިއާގެ ހާލަތު އަލުން ދިރާސާކޮށް ރިކޮމެންޑޭޝަންތަކާއި އެކު އަލުން ބައްދަލުކޮށް ނަތީޖާ ނެރެވޭނެ ކަހަލަ މަސައްކަތްތަކެއް ކުރުމަށް ކަމަށް ޖީހާން ވިދާޅުވި އެވެ.
ރާއްޖެ އަކީ ވަސީލަތްތައް ހުރި ގައުމެއްކަން ފާހަގަކޮށް ޖީހާން ވިދާޅުވީ، ނަތީޖާ ނެރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މިއަދު މަޖިލީހުގައި ތިބީ ވަރަށް ފޮނި އުންމީދެއްގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އުންމީދު ކުރަން މިއީ ފެށުމެއް ކަމަށް. ނަތީޖާ ނެރެވޭނެ ކަމަށް،" ޗެއާޕާޝަން ޖީހާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަމާޒަކީ އުންމީދެއް ދިނުން ކަމަށާއި ރައްޔިތުން އުންމީދު ގެއްލި ނުދާނެ ހުރިހާ ގޮތެއް ހޯދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"ހާއްސަ ގޮތެއްގައި އަޖަލުގައި ޖެހިފައިވާ އާއިލާތަކަށް ގޮތްތަކެއް ހޯދައިދިނުން އެއީ އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑުމެންގެ ބޭނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.