މީހުންގެ އަބުރާ މެދު ނޫސްވެރިން ސަމާލުވާންޖެހޭ: ޕީޖީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަބަރާއި މައުލޫމާތު ފެތުރުމުގައި، މީހުންގެ އަބުރާ ގުޅުންހުރި ކަންކަމުގައި ނޫސްވެރިން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފި އެވެ.

އެމްއެމްސީއިން ހިންގި "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިރޭ ޕީޖީ ޝަމީމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިންމު އެއް އަސާސީ ހައްގު ކަމަށެވެ.

ނޫސްވެރިކަމަކީ ވަރަށް ގިނަ ބާރުތަކެއް ލިބޭ މަސައްކަތެއް ކަމަށާއި ގާނޫނު އަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަޔާންކޮށްފައި އޮންނަނީ ވެސް އެހެންވެގެން ކަމަށް ޕީޖީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއްވެސް ބާރެއް ބޭނުންކުރާއިރު، އެއްވެސް ހަމައެއް ލަމައެއް ނެތި، އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެއީކީ ޒިންމާދާރު ގޮތެއް ވެސް ނޫން. އެހެންވީމާ ނޫސްވެރިކަމުގެ އަސާސީ ހައްގާ ގުޅިގެން ވެސް ޒިންމާތަކެއް އަންނަކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" ޕީޖީ ވިދާޅުވި އެވެ.

ގާނޫނުއަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވާ ފަދައިން، ކޮންމެ ރައްޔިތަކަށް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ވެސް ލިބިގެންވާކަން ޕީޖީ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔާފައި މީހުންގެ އަބުރު ކަތިލާ، މީހުންނާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ޒިންމާދާރު ކަމަކަށް ވެސް ނުވާނެ،" ޕީޖީ ވިދާޅުވި އެވެ.

މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފާރާތުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އަބުރުގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ވެސް ޕީޖީ ވަނީ މިރޭ ވާހަކަދައްކަވައިފަ އެވެ.

ޕީޖީ ވިދާޅުވީ އެ ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރީ، މީގެކުރިން ކަން ހިނގާފައި ހުރި ގޮތުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް، ކޮންމެ މީހަކަށް ވެސް އަބުރު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، ދައުލަތުގެ ތެރޭގައި އެކަން ތަންޒީމުކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުރީގައި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް ނަމަވެސް، އަބުރުގެ މައްސަލަތަކުގައި ޖިނާއި އަދުލުގެ ނިޒާމު ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެއީ މަދަނީ ގޮތުން ކޮންޓްރޯލްކޮށް، ތަންޒީމުކުރަންޖެހޭ ކަމެއް ގޮތަށް މިހާރު ގަބޫލުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމަ އޭޖީ އޮފީހުން ވެސް އެބަ ވިދާޅުވޭ އަބުރާ ބެހުމުގެ ގާނޫނުގެ ތެރޭގައި ޖިނާއީ އަދުލުގެ ތެރެއިން ފިޔަވަޅު އެޅޭގޮތެއް ނޫނޭ މި ތައާރަފް ކުރައްވަނީކީއެއް. އެހެން ނަމަވެސް ކޮންމެސް ނިޒާމެއް އޮންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވަނީ މިހާރަކަށް އައިސް، ކަނޑައެޅިގެން ހަގީގަތާ ހިލާފު، އަދި ބައެއް ފަހަރު ގާނޫނާ ވެސް ހިލާފު ވާހަކަތައް، ކަމުގެ ހަގީގަތް އެނގޭ އިރުވެސް ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޕީޖީ ވިދާޅުވީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށާއި މައުލޫމާތު ފެތުރުމުގައި ވެސް ކޮންމެސް ހަމަތަކަކާއި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

"އެހެންވެގެން ނޫސްވެރިކަމުގެ އެތިކްސް އަކީ އެހާ މުހިންމު ކަމަކަށް ވެގެން މިދަނީ. އެތިކްސް އަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން، ހާއްސަކޮށް އަބުރާ ބެހޭ ކަންކަމުގައި، މީހުންގެ އަބުރާ ބެހޭ ކަންކަމުގައި ތަންކޮޅެއް ސަމާލުވެގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ޕީޖީ ވިދާޅުވި އެވެ.

comment ކޮމެންޓް