އެމިރޭޓްސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރު ބާއްވަނީ

އެމިރޭޓްސްގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: އެމްއޭސީއެލް

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ހަފްތާގެ ހަތްދުވަހު ފްލައިޓު ބާއްވަން ނިންމައިފިއެވެ.

އެ އެއާލައިނުން މިހާރު ހަފްތާއަކު ހަ ފްލައިޓު ދުބާއީ އާއި ވީއައިއޭ އާއި ދެމެދު ބާއްވައެވެ. އެމްއޭސީއެލް އިން ބުނީ އެމިރޭޓްސްގެ ފްރެކުއެންސީ އިތުރުކޮށް ހަފްތާގެ ކޮންމެ ދުވަހަކު ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން777 ގެ މަތިންދާ ބޯޓެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހަތަރު މަސް ވަންދެން ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15ގައި ބޮޑަރު ހުޅުވާލުމުން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ ޖުލައި 16 ވަނަ ދުވަހު އެވެ.

އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޔޫއޭއީ އެވެ. ޔޫއޭއީގެ އެމިރޭޓްސް އަދި އިއްތިހާދުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. މީގެ އިތުރުން މިމަހުގެ 27 އިން ފެށިގެން އެމިރޭޓްސްގެ ބަޖެޓް އެއާލައިމް ފްލައި ދުބާއީ އިންވެސް ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް