އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން އެއްވެސް މަންފާއެއް ހޯދާފައި ނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ހިޔާނާތުގެ ފައިސާ އިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އަބްދުލްޣަފޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވެ، އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ.
"މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް، މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވޭ. މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.
އަދީބުގެ ވާހަކަތަކަށް ފަހު އަދާލަތު ޕާޓީން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދައްކައި އެކަމާ ފާޅުގައި ދެކޮޅު ހެދި ޕާޓީ ކަމަށެވެ.
ކުރީގެ ނައިބު ރައީސް ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ، އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީ ވެސް އެ ޕާޓީން ކަމަށް އަދާލަތު ޕާޓީއިން ބުންޏެވެ.
"އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީންކަމަކީ މި ހިޔާނާތުގެ ތެރެއިން ހޯދިކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާ މި ޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަމެވެ،" އަދާލަތު ޕާޓީން ބުންޏެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާއި، ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލް، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ލަސްނުކޮށް ހާމަކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.