އުފަންވެ، އުޅެ ބޮޑުވީ ސިޔާސީ އާއިލާއެއްގެ ތެރެއަށެވެ. ސްކޫލު ދައުރުގައި މަޖާ ނަގައި އުޅުމަށްފަހު ދެން ކުރިއަށް ހިނގައިގަތީ ސިޔާސީ ހަރަކާތްތަކާއި ކެމްޕޭނުތަކާ ދިމާލަށެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު އޭރުގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓް ގ. ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަމުގެ ގޮނޑިއަށް އިންތިހާބުކުރުމަށް ހިންގި ކެމްޕޭނުގެ ޕީއާރު ފިސާރި ގަދަޔަށް ހިންގީ މީނާ އިސްވެ ހުރެގެންނެވެ.
"ކާމިޔާބުކޮށްފައި [އަންނި] ގޮނޑިއަށްވެސް ލެވުނު. ހަޔާތުގަވެސް ފުރަތަމަ ކެމްޕޭނު އެއީ. ކާމިޔާބު ކެމްޕޭނެއް،" ސޫޒަން އިބްރާހިމްފުޅު (ސޫންތަ) އޭނާގެ ޕޮލިޓިކަލް މަސައްކަތުގެ ވާހަކަ ކިޔައިދޭން ފެއްޓީ މިހެންނެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުމަށް ފުރުސަތު ނެތް ޒަމާނުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރާއްޖެއިން ބޭރުގައި ވުޖޫދުކޮށް، އެޕާޓީގެ ބިންގާ ގާއިމުކުރުމަށް އިންތިހާބުކުރި ވަލީ ކޮމިޓީއަށް ސޫޒަންވެސް ހޮވި، ޕާޓީގެ ފައުންޑޭޝަން ރަނގަޅަށް ގާއިމުކޮށްވެސް ނިންމާލައިފި އެވެ.
އެމްޑީޕީގެ ތެރޭގައި އެންމެންވެސް އިހުތިރާމްކޮށް ގަދަރުކުރާ، މިވަގުތު އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރު ސޫޒަންއަކީ އެންމެންގެ "ސޫންތަ"އެވެ. ސަކަ މިޒާޖެއް ގެންގުޅޭ ސޫޒަންގެ، ހަޔާތުގައިވެސް އޭނާ އަކީ އިންޓަވިއުދީ މީޑިއާގެ އެޓެންޝަންގައި ހުރި މީހެއް ނޫނެވެ. އޭނާ އެކްސްކްލޫސިވް އިންޓަވިއުއެއް ދީފައި މިވަނީ "ސަން"އަށެވެ. ސޫންތަގެ ވާހަކަތައް ޝާއިއުކުރުމަށް މިއަދަށްވުރެ ވަކި މުނާސަބު ދުވަހެއްވެސް ނެތެވެ.
ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ލަވަކިޔުމާއި މިއުޒިކް ކުޅުމާއި އެކި ކަހަލަ ފަންނުތަކަށް ލޯބިކުރާ، މިނިވަން ރޭޑިއޯގެ މަޝްހޫރު "ކަލް ދޯ ބަޖޭ" ޝޯގެ ޕްރޮޑިއުސަރު/ޕްރެޒެންޓަރު މިވަނީ އާ ކަމެއް ކޮށްފަ އެވެ-- ފިލުމެއް ކުޅުނީ އެވެ. "ބައިސްކޯފު"އިން މިއަދު ނެރޭ ވެބްސީރީޒް "ގަމިނި"ގެ މުހިންމު ރޯލަކުން ސޫންތަ ފެންނާނެ އެވެ.
"ދެން އުމުރުގަ ވީހާ ދުވަހެއް ވަންދެން ޕާޓީގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑުމެން ދާނީ ކުރިއަށް. މިހާރު މި ނުކުތް ފިލްމީ ދާއިރާއަކީ މުޅިން ތަފާތު ކަމެއް. ސިޔާސީ ގޮތުން ކުރި ކަމެއް ނޫން. މިއީ މުޅިން މީހާގެ ހުނަރަށްޓަކައި، އާޓް އަށްޓަކައި، އެވެއާނަސްއަށްޓަކައި އާނއެކޭ ބުނެގެން ނެގި ޗެލެންޖެއް،" ސޫންތަ ބުންޏެވެ.
މަޖާ ނަގަމުން ދިން އިންޓަވިއުގެ ތެރެއިން ސޫންތަ ހިއްސާކުރި ބައެއް ވާހަކަތަކަކީ އަޑުއަހާލަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ސިޔާސީ އިސްލާހަށް މަސައްކަތްކުރި އެކްޓިވިސްޓެއްގެ ގޮތުގައި 2000 ގެ އަހަރުތަކުގައި ސޫންތަ ކުރި ތަޖުރިބާތަކަކީ ވޭނީ ކަންކަމެވެ. އެ ވާހަކަތަކަކީ ވަރަށް "ހާޑްކޯ" ވާހަކަތަކެއް ކަމަށް ސޫންތަ ބުންޏެއެވެ. އެ ވޭންތަކާއި ތަދު އުމުރުދުވަހަށް ހަނދާނާއި ޖިސްމުގައި ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"މާދަމާ ނޫންކަމެއް ނޭނގޭ ގޭގައި އޮއްވާ [ޖަލަށް] ގެންދާނީ. އެހެން [އޭރު] ހަދަނީވެސް. މީގެ ތެރޭ[ގައި ހިމެނެނީ] ވަރަށް ބޮޑެތި ވާހަކަ އިނގޭ. ޓެރަރިޒަމްގެ ދައުވާ މުޅިން އައިސް ހުރީ. އޭގެ މާނައަކީ ކޮންމެ ފަހަރަކު އަހަރެން ޖަލަށް ދާ އިރު ވިސްނަން ޖެހޭނީ އެއީ 25 އަހަރުގެ ހުކުމެކޭ. އެ ސިކުނޑީގައި، ހިތުގައި ބައިންދައިގެން ކުރާ ހުރިހާ ކަމެއް ކުރަން ޖެހެނީ،" ސޫންތަ ބުންޏެވެ.
ކުރާ ކުށަކީ އޭރު އޮތް ނިޒާމުން ޖާގަ ނުލިބޭ ހަރަކާތްތަކެއް ހިންގުމެވެ. ސަރުކާރަށް ފާޑު ކިޔައި، ނޫހުގައި ލިޔެ ވެބްސައިޓުތައް ހިންގައި ލިޔުން ޝާއިއުކުރުމެވެ. އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމެވެ. އަސާސީ ހައްގުތަކާ މިނިވަންކަން ހޯދުމަށް ގޮވާލުމެވެ.
"ޖަލުގަ މިސާލަކަށް މަސް ދުވަހު އަހަރެން ބާއްވައިލީ ލޯޔަރެއް ނުދީ، ކީއްހޭ ޖަލުގަ ތި ކުރަނީ އަހާލަން ނައި މީހަކު. ގާތްގަނޑަކަށް ނިޒާމުން ގެއްލުވާލަން ދިމާކޮށްފައި ތިބެނީ އޭރު. އެ ލެވެލްގެ ބިރުވެރިކަމެއްގެ ތެރޭގައި އަހަރެމެން ލިޔަނީވެސް. ލިޔެގެން ގެންގޮސްފައި އެބަހުރި. ލިޔެގެން ސުވާލުކުރޭ. އެކަމަކު ދެން ކީއްތާ ކުރާނީ، ލިޔަންތާ ޖެހޭނީ. އެޔެއް ނުހުއްޓުވޭނެ އެއްނު. އާޓިކަލްތައް ލިޔުނީމާ ބިރުދައްކަން ގެންދަނީ. އެކަމަކު އަނބުރާ އައިސް އެޔަށްވުރެ ރަނގަޅަށް، މޮޅަށް އެކަން ކުރަނީ. ކުރީމަ ވާ ގޮތަކީ އަމިއްލައަށްވެސް ބިރު ފިލައިގެންދޭ،" އެތައް ފަހަރަކު ޖަލުގައި ބަންދުކުރި ނަމަވެސް ބިރު ފަހަނައަޅައި ދިއުމުގެ ހިތްވަރު ނެރޭ ގޮތް ސޫންތަ ކިޔައިދިނެވެ.
"ކުރާ ކޮންމެ ކަމެއްގައިވެސް ވަރަށް ބޮޑަށް ހައްދުފަހަނަ އަޅައިގެން ގޮސްގެން ނޫނީ ބިރުވެރިކަމެއް ނުފިލާ. އެ މަޖުބޫރުކަން އައިސްގެން ހުރިހާކަމެއްވެސް ހަޔާތުގައި ކުރެވިފަ ހުރީ. އަސްލު އަމިއްލަ ދިރިއުޅުމެއް އުޅޭކަށް ފުރުސަތެއް ނުލިބުނު، އަބަދުވެސް ކޮންމެވެސް ކަންތައްގަނޑެއްގައި ތާ އުޅެވުނީ،"
ސޫންތައާއި އެމްޑީޕީއިން 2000 ގެ އަހަރުތަކުގައި ކުރި މަސައްކަތުން ރާއްޖެއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވި އެވެ. އަދި އެންމެ ފަހުން ޑިމޮކްރަސީވެސް ގާއިމުވުމާއެކު ސޫންތަ ކުރީގައި ކުރި "ހާޑްކޯ" މަސައްކަތްތައް ދޫކޮށްލީ އެވެ. ނޫސްތަކަށް ލިޔުންވެސް އެހިސާބުން ނިމުނީ އެވެ. އެކަން ދެން ކުރާނީ ސިޔާސީ އާ ބަދަލުތަކަށް ހޭނެމުން އަންނަ އާ، ޒުވާން ޖީލުތަކުން ކަމަށް އޭނާ ނިންމި އެވެ.
ސިޔާސީ ކަންކަމާ ހަމަ އެއްހަމައެއްގައި ފަންނުތަކުގެ ތެރޭގައި ފީނަމުން އައި ސޫންތަ ކެމެރާގެ ކުރިމަތިން އެކްޓުކުރަން ފުރުސަތު ލައްވާލީ އެކުވެރި މޫމިން ފުއާދާއި އާއިލާގެ އެކުވެރި މުހައްމަދު ޒުހުރީ (ޒުހުރީބެ)އާ ހެދި އެވެ. -- ސޫޒަންއަށް ޕްލޮޓު ވަރަށް ކަމުދާނެ ކަމާއި އޭނާއަށް އެއާ އެއްގޮތަށް ޕަފޯމް ކުރެވޭނެކަމުގެ އިތުބާރު އެބައޮތްކަމަށް މޫމިން ފުއާދު ވިދާޅުވުމުން ސޫންތަ އެއްބަސްވީ އެވެ.
"މޫމިން ފުއާދު ވަރަށް ބޮޑު ޔަގީންކަން ދެއްވި އަޅުގަނޑު ރިގްރެޓް ނުކުރާނެކަމަށް މި މަސައްކަތާ މެދު. މަޖާކޮށް އުފަލުގައި މިކަން ކޮށްލައި ނިންމާލެވޭނެކަން އަދި ޓެލެންޓު ދައްކާލެވޭނެކަން ހިތްހަމަޖެހޭވަރަށް. އަޅުގަނޑު ހަމަ ވަރަށް ބޮޑު އިތުބާރާއެކު ވަގުތުން އާނއެކޭވެސް ބުނީ،" ކެމެރާ ކުރިމަތީގައި "ޗަރުކޭސް ކުޅެން" މެދުވެރިވި ވާހަކަ ސޫންތަ ކިޔައިދިނެެވެ.
މި ފިލްމުގެ ޕްލޮޓު ސޫންތައަށް ކަމުދާނެކަމަށް މޫމިން ފުއާދު ވިދާޅުވީ، އެއީ ސޫންތަ ކުރަމުން އައި އިސްލާހީ މަސައްކަތްތަކާ ގުޅުމެއް އޮތުމުންނެވެ.
"ގަމިނި"އަކީ ބާރުގަދަ، ނުފޫޒުގަދަ މީހުންނާ ނިކަމެތި ރައްޔިތުންގެ ކުރިމަތިލުމެކެވެ. ސޫންތަ ވިދާޅުވީ އެއީ ބާރުގަދަ މީހުން ބާރުގެ ބޭނުންކުރާ ނޭއްގާނީ ގޮތްތަކާއި އެކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި ރައްޔިތުން ނިކަމެތިވާ ގޮތުގެ ވާހަކަ ކަމަށެވެ.
"އިމޯޝަނަލްވެސް ވާނެ، އެންމެންނާ ރިލޭޓުކުރެވޭނެ. ބަލާފައި އެނގޭނެ 'އަހަރެންވެސް ދަންނަންކަން މިހެން ވެފަ ހުރި މީހެއް'. ނޫނީ ތިމާއަށްވެސް މިހެން ވެފަ ވާކަން،" ސޫންތަ ބުންޏެވެ.
އަހަރު ދުވަހުގެ މަސައްކަތާއެކު"ގަމިނި"ގެ ޝޫޓިންގް ނިމުނެވެ. މިރޭ އޮތީ ޕްރިމިއާ އެވެ. ކުރި މަރާނުލުމަށްޓަކައި ޕްލޮޓުގެ ވާހަކަ އެހިސާބުން ނިންމާލީ އެވެ.
އެކަމަކު މިއީ މަޝްހޫރުވާން ސޫޒަން "ކުޅުނު ފިލުމެއް" ނޫނެވެ. މިއީ ކުރީގައި ކުރި އިސްލާހީ މަސައްކަތުން މަޝްހޫރުކަން ހޯދައި ނިމިފައި ހުރި، އެންމެންގެ ސޫންތަ އެވެ. "ގަމިނި"ގައި އެކްޓުކުރީ ހަމަ ފިލްމީ ދާއިރާގެ ފަންނުވެރިކަމަށްޓަކަ އެވެ. ފިލްމުގެ ޕްލޮޓުންވެސް ދެނީ ކުރެވުނު ސިޔާސީ މަސައްކަތުންވެސް ދޭން ބޭނުންވާ މެސެޖެވެ.
ސޫންތަ ބުނާ ގޮތުގައި މީގެ ކުރިން ކޮށްފައިވާ ސިޔާސީ މަސައްކަތަކީވެސް "ވަރަށް ބައިވަރު ޗަރުކޭހެ"ވެ. މި ޗަރުކޭސްތަކުގެ ނަތީޖާވެސް ހަމަ ރަނގަޅެވެ. ސިޔާސީ ބިރުވެރިކަން އޮތް ޒަމާނެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އަލަށް ރާއްޖެއަށް ތައާރަފުކުރަން ހިފާލި ފަލްސަފާ ގަބޫލުކުރަން ދެކޮޅު ހަދައި ދިވެހި ރައްޔިތުން ޕާޓީ ބަލައިނުގަތް ދުވަސްތަކެއްވެސް ތާރީހުގެ ތެރޭގައިވެ އެވެ.
"[އެކަމަކު] ބަލައިގަންނަ ވަރު ކުރެވިއްޖެ. އަޅުގަނޑުމެން މި މަސައްކަތުން، މިއަދުވެސް އަޅުގަނޑު ހައިރާންވޭ ނުކުމެލާފަ މި ޕާޓީގައި 80،000 މީހުން ތިބެއޭ ބުނަން. އޭރުގަ ނެތް، 35 މީހުންވެސް ހަމަނުވޭ،" ސޫންތަ ބުންޏެވެ.
އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނޭ ހިތްވަރުގަދަ އިސްލާހީ އެކްޓިވިސްޓު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސުގެ ޕްރޮޖެކްޓް ޑިރެކްޓަރެއްގެ ގޮތުގައި ސަރުކާރުގައި މަސައްކަތް ކުރެއްވި އެވެ. އޭނާ އުޅުއްވީ، އެ ޕްރޮވިންސްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގަ އެވެ.
އެކަމަކު ސިޔާސީ މަގާމެއް ހޯދާކަށް ސޫޒަން އިބްރާހިމްފުޅު ބޭނުމެއް ނުވެ އެވެ. ހިދުމަތް ކުރަންވީ ދާއިރާއެއް ކަނޑަނާޅާ އޮވެ މަސައްކަތްކޮށްގެން މާ ބޮޑެތި ނަތީޖާ ނެރެވެންޏާ އެގޮތް ސޫޒަންއަށް މާ ރަނގަޅެވެ. އެކަން ކުރާކަށް ވަކި މަގާމެއް އޭނާ ބޭނުމެއް ނުވާނެ އެވެ.
އިސްލާހީ މަސައްކަތްތަކާއި "ފިލްމީ ޗަރުކޭސް"ތަކުގެ ވާހަކައަށްފަހު އިތުރު ދެ ވާހަކައެއް ސޫންތަ އެބަ ކިޔައިދެ އެވެ. އެއީ، "ގަމިނި"ގެ ޝޫޓިންގެ ތެރެއިން ސޫޒަން ވަނީ ހަޔާތުގެ ބައިވެރިއަކު ހޯދައި، މި އަހަރު ނިމުމުގެ ކުރިން ދެމީހުން އެކުގައި ހަޔާތެއް ފަށަން ތައްޔާރުވެފަ އެވެ.
ދެވަނަ ވާހަކައަކީ އިސްލާހީ މަސައްކަތްތަކާއި ސިޔާސީ އެކްޓިވިޒަމްގައި ކުރެވިފައިވާ މަސައްކަތްތަކާއި ތަޖުރިބާތައް ކޮންމެވެސް ދުވަހަކުން ޝާއިއުކުރުމަށްޓަކައި ސޫންތަ ގެންދަނީ އެ ވާހަކަތައް އޭނާގެ ޑައިރީގައި ލިޔަމުންނެވެ.
"ތާރީހުގެ ތެރެއަށް، ބަޔަކު އަމިއްލައަށް ވިސްނައިގެން އެތަން މިތަނުން ހޯދައިގެން ވާނުވާ ނޭނގިގެން އުޅުމަށްވުރެ އަޅުގަނޑުމެން [އެ ތަޖުރިބާ] ކުރި މީހުން އެ އެއްޗެހި [ލިޔުމުގެ ސިފައިގައި] ކިޔައިދީފިއްޔާ މާ ރަނގަޅުވާނެ،" ސޫންތަ ބުންޏެވެ.