ސުލްޠާން ޢަބްދުލްޙަމީދުގެ ޙަޔާތްޕުޅުން ފިލާވަޅެއް

ސުލްޠާން ޢަބްދުލްޙަމީދު

އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި، ފަލަސްޠީނުގެ މުސްލިމް ރައްޔިތުންނަށް އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމައި އަނިޔާވެރިކަން ކުރިމަތި ކުރަމުން ގެންދާ ޖައްބާރު، ޣައިރުޤާނޫނީ، ލާއިންސާނީ، އަދި ވަޙުޝީ އިސްތިޢުމާރީ "ދައުލަތެއް" ކަމުގައި ވާ ޒައިނިސްޓް އިސްރާއީލާ އެކު ސިޔާސީ އަދި ސަފާރީ ގުޅުން ބަދަހި ކުރާން، ޢަރަބި މުސްލިމު ދެ ޤައުމު ކަމުގައި ވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަޙްރައިނުން އިހަކަށް ދުވަހު ނިންމި ނިންމުމަކީ، ފަހަކަށް އައިސް އިސްލާމީ އުއްމަތުގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތެވެ.

މި ދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު، އިސްރާއީލާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔޫއޭއީ އާއި އިސްރާއީލަ ދެމެދުގައި ސިޔާސީ އަދި ސަފާރީ ހުރިހައި ގުޅުންތަކެއް "އާދައިގެ ޙާލަތަކަށް" ގެންނަނީ، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީގެ އެތައް ސަރަޙައްދެއް އިސްރާއީލުގެ ސަރަޙައްދު ކަމުގައި ކަނޑައެޅުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ހުއްޓައިލާ މަތީން ކަމުގައެވެ. އެހެންކަމުން، މި ތިން ޤައުމުން ދަޢުވާ ކުރަނީ، ޔޫއޭއީން އަނިޔާވެރި ޒައިނިސްޓް ދައުލަތާ ގުޅުން ބަދަހި ކުރީ ފަލަސްޠީނުގެ ބިންތައް ސަލާމަތް ކުރުމަށް ޓަކައި ކަމުގައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤެއް ގެއްލިގެން ދިޔަނުދިނުމަށް ޓަކައި ކަމުގައެވެ. މި ތިން ޤައުމުގެ ބަހުން ނަމަ، އަނިޔާވެރި އަދި އިސްތިޢުމާރީ އިސްރާއީލުން، ބައިނަލްއަޤްވާމީ އެންމެހައި ޤާނޫނުތަކާއި ޢަދުލުއިންޞާފުގެ އެންމެހައި ހަމަތަކާ ޚިލާފަށް، ނުޙައްޤުން ފަލަސްޠީނުގެ ބިންތައް ފޭރުމުން ދުރުހެލި ވުމަކީ، އިސްރާއީލަށް "އިނާމާއި ތައުރީފާއި ހަދިޔާ" ޙައްޤު ކަމެކެވެ. އެމީހުންގެ ބަހުން ނަމަ، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރެމުން، އަތުލަމުން ގޮސް، ބާކީ އޮތް ކުޑަކުޑަ އެތިކޮޅު އަތުލައިނުގަނެ ލަސް ކޮށްލާކޮށްލުމަކީ އިސްރާއީލުގެ "ހެޔޮފުޅު" ކަމެވެ. އިސްރާއީލުގެ "ރަނގަޅު" ކަމެވެ. އެހެންކަމުން، އިސްރާއީލުގެ މި "އިޙްސާންތެރިކަމުގެ" ބަދަލު އަދާ ކުރުމުގެ ގޮތުން، ހުރިހައި ޢަރަބީންނާއި މުސްލިމުން އިސްރާއީލާ ގާތް ގުޅުން ބަދަހި ކުރާން ވީއެވެ.

އިސްރާއީލާ އެކު ސިޔާސީ އަދި ސަފާރީ ގުޅުންތައް ޢާއްމު ޙާލަކަށް ގެންނާން ބަޙްރައިނުން ނިންމިކަން އިޢުލާން ކުރީ މި ހިނގާ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަހުގެ 15 ވަނަ ދުވަހު، ބަޙްރައިނާއި ޔޫއޭއީގެ ވެރީން ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު އެއް މަޖިލިހެއްގައި ތިއްބަވައިގެން، ޒައިނިސްޓް އިސްރާއީލާ އެކު "ޞުލްޙައިގެ" އަދި ސިޔާސީ ގުޅުންތައް ޢާއްމު ޙާލަތަކަށް ގެނައުން، ނުވަތަ ގުޅުން ބޭއްވުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފައެވެ. ފަލަސްޠީނުގެ އެތައް ޢާއިލާތަކެއް އިސްރާއީލުގެ އަނިޔާއިން ބިކަ ކޮށްލެވިފައި، އެތައް ހާސް ޒުވާނުންނާއި މުސްކުޅީންނާއި ކުޑަކުދީން އިސްރާއީލުގެ ޖަލުތަކުގެ އަނިޔާގައި ތިއްބައި، އެތައް ހާސް ކުޑަކުދީންނާއި އަންހެނުންނާއި ފިރިހެނުން އިސްރާއީލުގެ ބޮންއަޅާ ބޯޓުތައް ދެކެ ބިރުން ދުވާލަކު ވެސް ރެއިގަނޑަކު ވެސް ލޮލުފިޔައެއް ނުޖެހި ނިންޖަށް ބަލި ވެ ނަފްސާނީ ގޮތުން ހަލާކު ވުމުގެ ފައްތަރުގައި ތިއްބައި، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކާއި ގެދޮރާއި މުދާތަކަށް އިސްރާއީލުން ހިތުހުރި ގޮތެއް ހަދަމުން ގެންދަނިކޮށް، އަދި މުސްލިމުންގެ ތިންވަނަ ޙަރަމްފުޅާއި ބައިތުލްމަޤްދިސް އިސްރާއީލުގެ ޖައްބާރު ސިފައިންގެ ޢަސްކަރީ ކޮންޓްރޯލުގެ ދަށުގައި ވަނިކޮށް، "މުސްލިމުން" ގެ ނަމުގައި ތިބި ޣައްދާރުން އިސްރާއީލާ އެކު ސޮއި ކުރި އެއްބަސްވުންތަކަށް ދިން ނަމަކީ "ދި އެބްރަހަމް އެކޯރޑްސް" އެވެ. ﷲ ގެ ނަބިއްޔާ އިބްރާހީމް ޢަލައިހިއް ޞަލާތު ވައްސަލާމްގެ ނަންފުޅަށް ނިސްބަތް ކޮށެވެ. ބައެއްގެ ކިބައިގައި ބުއްދިއެއް ޟަމީރެއް ނެތި، ޖާހިލުކަމާއި، ފައިސާޔަށް ނިވައްތައިގަތުން ޙައްދުފަހަނައަޅައިގޮސް، ޕެޓްރޯޑޮލަރުގެ މަސްތުގައި މޮޔަ ވެ، ލަދުޙަޔާ އާއި ސަރަމުގެ އެންމެހައި ޙިއްސުތަކެއް ކެނޑިގެން ދިޔުމުން، އަދި އިސްތިޢުމާރީ އަޅުވެތިކަމުގެ ދަށުގައި ތިމާމެންގެ އިންސާނިއްޔަތުކަމާއި، މުރުއްވަތްތެރިކަމާއި، ޣީރަތްތެރިކަން މުޅީން ނެތިވެގެން ދިޔުމުން، ދެން ވާނީ މި ކަހަލަ ގޮތެއްތާއެވެ!

އިސްރާއީލާ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ޔޫއޭއީން، އެކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރާ ކަމެކޭ، ތިމަންމެން އިސްރާއީލާ އެކު ސޮއި ކުރާ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގުއައްސޭރީގެ ބިންތަކުގެ 30 ވަރަކަށް އިންސައްތަ ރަސްމީކޮށް އިސްރާއީލުގެ ސަރަހައްދު ކަމުގައި ކަނޑައެޅުމަށް ރާވައިފައި އޮތް ރޭވުން މަޑު ޖައްސައިލާނެޔޭ، މި ކަހަލަ ގޮތަކުން، މީހުންގެ ބުއްދިޔަށް ފުރައްސާރަ ކުރުން ކަމުގައި ހިމެނޭ ކަހަލަ ވާހަކަތަކެއް ދެއްކުމުން، އަޅުގަނޑު ހަނދާނަށް އައި އެއް ކަމަކީ، ދިވެހިރާއްޖޭގެ ސަރުކާރުން ވެސް 2010 ހައި ތަނުގައި، އިސްރާއީލާ ގުޅުން ބަދަހި ކުރުމަށް ކުރި މަސައްކަތުގައި މި ބާވަތުގެ ވާހަކަތަކެއް ދެއްކިކަމެވެ. އެއިރުގެ ރައީސުލްޖުމްހޫރިއްޔާ "އިސްރާއީލާ އެކު ދިވެހިރާއްޖެއން ގުޅުން ބަދަހި ކުރުމުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން އިސްރާއީލާ ވާހަކަ ދައްކައިގެން ޙައްލުތައް ހޯދުމުގެ މަގު ފަހި ވާނެޔޭ" ވިދާޅުވި ވާހަކަ ނޫސްތަކުން ފެނުނު ހަނދާނެއް ވެއެވެ. މީހަކު އަޅެ ފަހެ ހިންޏާއިގެން ފަޅައިގެން ނުދާނެތޯއެވެ! މި ޣައްދާރުންނަށް ހީ ވަނީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް ކިހިނެއް ވެފައި ހުރި ކަމަށްތޯއެވެ!

މުސްލިމުންގެ ވެރިކަމުގައި ފިނޑި، އަޅުވެތި، މުރުއްވަތްތެރިކަމެއް އަޚްލާޤެއް ނެތް، ޝަރަފެއް ޙުރުމަތެއް ނެތް، ޣަދަރުވެރި އަދި ޚިޔާނާތްތެރި ބަޔަކު ތިބެގެން، މުސްލިމުންގެ ޢާއްމު ޖަޒުބާތުތަކުގައި ހުޅު ޖަހައި، ފަލަސްޠީނުގެ ނިކަމެތި އަދި ލޮބުވެތި ރައްޔިތުންގެ ބުރިކަށްޓަށް ޣައްދާރީގެ ވިހަ އަދި ތޫނު ވަޅި ޖަހައި، ޒައިނިސްޓް އިސްރާއީލާ ގުޅުންތައް ބަދަހި ކުރަމުން ގެންދާދިޔުމާ ގުޅިގެން، ހަނދާން ކޮށްލާން ޖެހޭ އެއް ކަމަކީ، މީގެ ޤަރުނެއްހައި ދުވަސް ކުރީން، އިސްލާމީ އުއްމަތުގެ ޚަލީފާއިންގެ ތެރެއިން އެންމެ މަތިވެރި އެއް ޝަޚްޞިއްޔަތު ކަމުގައި ވާ ޢުޘްމާނީ ޚަލީފާ އައްސުލްޠާން ޢަބްދުލްޙަމީދު އައްޘާނީ ރަޙިމަހުއްﷲ ތަޢާލާ، ފަލަސްޠީނުގެ ބިން ގަންނާން އައި ޒައިނިސްޓުންނަށް ދެއްވި ޖަވާބެވެ.

މީލާދީން 1876 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު، ސުލްޠާން ޢަބްދުލްޙަމީދު އައްޘާނީ ޚިލާފަތުގެ ތަޚްތުގައި އިށީނދެވަޑައިގަތް އިރު، ޔޫރަޕުގެ ޒައިނިސްޓް ޙަރަކާތުން، ތިއޮޑޯރ ހާރޒްލްގެ ޒަޢާމަތުގައި، ގެންދިޔައީ ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓް ދައުލަތެއް ޤާއިމު ކުރުމަށް ފިސާރި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތަށް ޔޫރަޕުގެ ޒައިނިސްޓް ޔަހޫދީ މަހުޖަނުން ކަމުގައި ވާ ރޮތްސްޗައިލްޑް ޢާއިލާފަދަ ފަރާތްތަކާއި، ޔޫރަޕުގެ ބޮޑެތި ދައުލަތްތަކާއި، އަދި އިސްލާމީ ދުނިޔޭގައި ޙަރަކާތްތެރި ވަމުން ދިޔަ ޔަންގް ޓާރކްސް ފަދަ ޣައްދާރު އަދި ލާދީނީ ޚާއިނުންގެ އެހީތެރިކަން އެކި ސިފަސިފައިގައި ދިޔައީ ލިބެމުންނެވެ. ސުލްޠާން ޢަބްދުލްޙަމީދު ވެރިކަމަށް ވަޑައިގެންފައި، މި ބޮޑު މައްސަލަޔާ ގުޅިގެން ގެންގުޅުއްވާން ވީ އިސްތިރާޖީ ސިޔާސަތުތަކާ މެދު ވިސްނުންފުޅު ހިންގަވައި، އެތައް ފިޔަވަޅުތަކެއް އެޅުއްވިއެވެ. 1883 ވަނަ އަހަރު އެމަނިކުފާނު ކުރެއްވި އެއް ކަމަކީ، ފަލަސްޠީނުން ބިން ގަތުން ޤާނޫނީ ގޮތުން ކުރިޔަށް ވުރެ ދަތި ކުރައްވައި، ފަލަސްޠީނުގެ މުހިއްމު ގިނަ ބިންތަކެއް ޚުދު އެމަނިކުފާނުގެ އަމިއްލަފުޅު މުދާ ކަމުގައި ބައްލަވައިގަތީއެވެ. އެއީ، މީހެއްގެ އަމިއްލަ މުދަލަކަށް ބޭނުންހައި ގޮތެއް ހެދުން، ވެރިކަމަށް ބަދަލެއް އަޔަސް އުނދަގޫ ވާނެތީއެވެ. 1900 ވަނަ އަހަރު، އެމަނިކުފާނު އެއްވެސް ޔަހޫދީއަކަށް ފަލަސްޠީނަށް ބޭރުން އައިސް 30 ދުވަހަށް ވުރެ ދިގު މުއްދަތަކަށް މަޑު ނުކުރެވޭ ގޮތަށް ހަމަޖެއްސެވިއެވެ. އަދި ޢުޘްމާނީ ދައުލަތުގެ އެއްވެސް ތަނަކުން، ޢުޘްމާނީ ރައްޔިތުން ކަމުގައި ހިމެނޭ ޔަހޫދީން ފިޔަވައި އެހެން އެއްވެސް ޔަހޫދީއަކަށް ބިން ނުގަނެވޭނެ ގޮތް ވެސް ހެއްދެވިއެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ، ޔޫރަޕުގެ އެކިއެކި ކަންކޮޅުތަކުން ޔަހޫދީން އައިސް ފަލަސްޠީނުން ބިން ގަންނަމުން ގެންދިޔަދިޔުން ހުއްޓުވުމެވެ.

ޒައިނިސްޓުންގެ ރޭވުމާ ދެކޮޅަށް ސުލްޠާން ޢަބްދުލްޙަމީދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅާ ގުޅިގެން، ޒައިނިސްޓުންގެ ލީޑަރު ތިޔޮޑޯރ ހާރޒްލް، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރެވޭތޯ މަސައްކަތް ކުރާނަމޭ ހިތައި، އެމަނިކުފާނާ ބައްދަލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެމަނިކުފާނު އެކަމަށް އިންކާރު ކުރެއްވުމުން، އޭނާގެ ގާތް އެކުވެރިޔެއް ކަމުގައި ވާ ފިލިޕް ނިއުލިންސްކީ މެދުވެރި ކޮށް ވެސް، 1901 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސުލްޠާނަށް ރިޝްވަތުގެ ހުށައެޅުމެއް ހުށައެޅިއެވެ. އޭނާ ހުށައެޅީ، ފަލަސްޠީނުން ޒައިނިސްޓުންނަށް ބިން މިލްކު ކުރުމުގެ ފުރުޞަތު ދެއްވާ ނަމަ، ޢުޘްމާނީ ދައުލަތުގެ ބޭރުގެ ދަރަނި އެކަށް އަދާ ކޮށް ޚަލާޞް ކޮށްދޭނެ ކަމަށާއި، ޔޫރަޕުގައި ސުލްޠާން ޢަބްދުލްޙަމީދުގެ ތަޞައްވުރު ރަނގަޅު ކޮށް އެމަނިކުފާނުގެ ނުފޫޒު ވަރުގަދަ ކުރުމުގެ ޕްރޮޕެގެންޑާ ޙަރަކާތެއް ހިންގައިދޭނެ ކަމުގައެވެ. މި ހުށައެޅުމުގެ ޖަވާބުގައި ސުލްޠާން ވިދާޅުވި ބަސްފުޅުތައް ތާރީޚުގައި ލިޔެވި ރައްކައު ކުރެވިފައި ވެއެވެ. އެމަނިކުފާނު ވިދާޅުވިއެވެ. "އަހުރެން ފަލަސްޠީނުގެ ބިމުން ހަމަ އެންމެ ތަންކޮޅެއް ވެސް، ހަމަ އެންމެ އިންޗިއެއް ވެސް، ނުވިއްކާނަމެވެ. އެހެނީ ފަލަސްޠީނުގެ ބިމަކީ އަހުރެންގެ އަމިއްލަ ބިމެއް ނޫނެވެ. އެއީ މުސްލިމުންގެ އެންމެންގެ ބިމެކެވެ. އަހުރެންގެ އަހުލުވެރީން އެ ބިން މިލްކު ކުރީ އެމީހުންގެ ލެއިން އެ ބިމުގެ އަގު ދީގެންނެވެ. އަހުރެމެން އެއްޗެއް ހޯދި ގޮތަކަށް މެނުވީ އެ އެއްޗެއް ދުލެއް ނުކުރަމެވެ.

ޖެހިގެން އައި އަހަރު، ހާރޒްލް އޭނާގެ ހުށައެޅުން ދެވަނަ ފަހަރަށް ސުލްޠާން ޢަބްދުލްހަމީދުގެ އަރިޔަހަށް ފޮނުވައި، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރެވޭތޯ އުޅުނެވެ. ނަމަވެސް ސުލްޠާންގެ ޖަވާބަކަށް ބަދަލެއް ނައެވެ.

މި ވާހަކަ މިހެން ދެންނެވުމުން، ސުލްޠާން ޢަބްދުލްޙަމީދަކީ ޔަހޫދީންނާ ދެކޮޅު ބޭފުޅެކޭ ބައެއް މީހުން ހީ ކޮށްފާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ސުލްޠާން ޢަބްދުލްޙަމީދު ވެސް، އަދި އިސްލާމް ދީނުގެ މައުޤިފް ޙަޤީޤަތުގައި ދަންނަ ކޮންމެ މުސްލިމަކު ވެސް، ދެކޮޅު ހަދަނީ "ޒައިނިޒަމް" އާއެވެ. ޔަހޫދީންނަކާ ނޫނެވެ. ޔަހޫދީންނަކީ އިބްރާހީމް ޢަލައިހިއް ޞަލާތު ވައްސަލާމްގެ މާތް ދަރިކަލުން އިސްޙާޤް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅު ކަމާއި، އެއީ އަހުލުކިތާބީންގެ ޖަމާޢަތެއް ކަމާއި، އެމީހުން ކުރި ނަމަ ކުރި ކުށެއްގެ އަދަބު އެމީހުންނަށް ދެއްވާނީ ﷲ ކަމާއި، އިތުރު ނަބިއްޔާގެ ލޮބުވެތި އަނބިއަނބިކަނބަލުންގެ ތެރޭގައި ޔަހޫދީ ބެއިފުޅަކު ހިމެނޭ ކަމާއި، ޔަހޫދީންނަކީ ނަފްރަތު ކުރާން ޖެހޭ ނުވަތަ ނިކަމެތި ކުރެވޭން ޖެހޭ ބައެއް ކަމަށް އިސްލާމް ދީން އެއްވެސް ގޮތަކުން ނުބުނާ ކަމާއި، ޔަހޫދީންނާ ދެކޮޅަށް ވިޔަސް އަދި އެހެން ބަޔަކާ ދެކޮޅަށް ވިޔަސް ނަސްލީ އިމްތިޔާޒު ގެންގުޅުމަކީ އިސްލާމް ދީނުގައި ބޮޑު ވެގެންވާ ޙަރާމްކަމެއް ކަން، ޙަޤީޤީ ކޮންމެ މުސްލިމަކު ދަނެއެވެ. ޒައިނިޒަމަކީ ޔަހޫދީންނާ ތަފާތު އެއްޗެކެވެ. ޒައިނިޒަމަކީ ޙަޤީޤަތުގައި ޔަހޫދީންގެ އުފެއްދުމެއް ވެސް ނޫނެވެ. އެއީ ޔަހޫދީ ދީނަށް ވަދެ، ޔަހޫދީން ކަމުގައި ވެގެން އުޅޭ، ޔޫރަޕު ނަސްލުގެ ޚާޒާރީން، ނުވަތަ އަޝްކެނާޒީ ޔަހޫދީންގެ އުފެއްދުމެކެވެ. މިއަދު ޒައިނިސްޓް އިސްރާއީލުގެ ރައްޔިތުންގެ 80 އިންސައްތަޔަކީ މި ދަންނަވާ އަޝްކެނާޒީ، ޔޫރަޕިޔަން ޔަހޫދީންނެވެ. އިސްރާއީލުގެ ޔަހޫދީންގެ ބޭރުފުށުގެ ސޫރަޔަށް ބައްލަވައިލެއްވިޔަސް، އެއީ އިބްރާހީމް ޢަލައިހިއްޞަލާތު ވައްސަލާމްގެ ދަރިފަސްކޮޅުން އައިސް ތިބި، ޢަރަބީންނާ ދެބެއިންގެ ދެދަރި ބަޔަކު ނޫން ކަމާއި، އެއީ ޔޫރަޕު ނަސްލުގެ ބައެއްކަން ނުހަނު ފަސޭހައިން އެނގިވަޑައިގަންނަވާނެއެވެ. ސުލްޠާން ޢަބްދުލްޙަމީދުގެ ދައުރުގައި ވެސް، އަދި އެއިގެ ކުރީން ވެސް، މުސްލިމް ޢުޘްމާނީ ޚިލާފަތުގައި ޔަހޫދީންނަށް މިނިވަންކަމާއި ރައްކައުތެރިކަމާއި އިޙްތިރާމު އޮތެވެ. ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މީލާދީން 1400 ގެ ތެރޭގައި، ސްޕޭނުގެ ކްރިސްޓިޔަން އިންކުއިޒިޝަނުގެ ތެރޭގައި، ސްޕެއިނުގެ ޔަހޫދީންނަށް ކުރިމަތި ވި ބިރުވެރި އަދި ވަޙުޝީ އަނިޔާތަކުން ސަލާމަތާއި ރައްކައުތެރިކަން ހޯދުމަށް ޓަކައި، އެތައް ހާސް ޔަހޫދީން އެގޮތަކުން މިގޮތަކުން ކްރިސްޓިޔަނުންގެ އަތްދަށުން ސަލާމަތް ވެގެން އައިސް ޙިމާޔަތާއި ރައްކައުތެރިކަން ހޯދީ ވެސް ޢުޘްމާނީ މުސްލިމުންގެ ބިންތަކުންނެވެ. ސުލްޠާން ޢަބްދުލްޙަމީދު އައްޘާނީގެ ވެރިކަމާ ހަމަޔަށް އައި އިރު، މުސްލިމުންގެ ބިންތަކުގައި ޔަހޫދީން އުޅެމުން ގެންދިޔައީ މުސްލިމުންނެކޭ އެއްފަދައިން، ޤާނޫނުގެ ފުރިހަމަ ޙިމާޔަތާއި ރައްކައުތެރިކަމާއި ޙައްޤުތައް ލިބިގެންވާ ރައްޔިތުންގެ ގޮތުގައެވެ. އެއިރު ޢުޘްމާނީ ޝަހަރެއް ކަމުގައި ވާ ތެސަލޯނިކީ އަކީ ދުނިޔޭގައި އޮތް ޔަހޫދީންގެ އެންމެ ބޮޑު ޝަހަރެވެ.

އެހެންކަމުން، ޒައިނިޒަމާ ދެކޮޅަށް ސުލްޠާން ޢަބްދުލްޙަމީދު އައްޘާނީ ކުރެއްވި މަސައްކަތްޕުޅާއި، އަދި މިއަދު ވެސް މުސްލިމުން ކުރާ މަސައްކަތާ ދެކޮޅަށް "ޔަހޫދީންނާ ދެކޮޅަށް ނަސްލީ ގޮތުން ޢަދާވާތްތެރި ވަނީއޭ" ކިޔާން އަނގަ ހުޅުވާ މީހުންނަށް ދަންނަވާން އޮތް ވާހަކަޔަކީ، "ހޯހޯ، އަވަހަށް އަނގަތައް ލައްޕާ، ތިޔަ ކާޑު ކުޅެގެން އޮޅުވައެއްނުލެވޭނެ" މިއެވެ.

ފައިސާޔާއި ނުފޫޒާއި ބާރު އޮވެގެން، އިނގިރޭސީންނާއި ފަރަންސޭސީންގެ އިތުރުން ރޫސީން ފަދަ ޔޫރަޕުގެ ވަރުގަދަ ދައުލަތްތަކުގެ ވެސް ސަޕޯޓާ އެކު މަސައްކަތް ކުރަމުން ގެންދިޔަ ޒައިނިސްޓުންގެ ކުރިމަތީގައި ސާބިތުކަމާ އެކު ހުއްޓިވަޑައިގަތުމުގެ ސަބަބުން، ސުލްޠާން ޢަބްދުލްޙަމީދާ ދެކޮޅަށް އެތެރެއިންނާއި ބޭރުން އެތައް މަސައްކަތްތަކެއް ކުރެވުނެވެ. އެމަނިކުފާނު އަވަހާރަ ކޮށްލުމަށް އެތައް ފަހަރަކު މަސައްކަތް ކުރެވުނެވެ.އެންމެފަހުން، ޒައިނިސްޓުންގެ ތާއީދާ އެކު ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި، ސީދާ ތުރުކީގައި، ޙަރަކާތްތެރި ވަމުން ދިޔަ "ޔަންގް ޓަރކްސް" ގެނައި ބަޣާވާތެއްގައި އެމަނިކުފާނުގެ ވެރިކަން ވައްޓައިލައި، އެމަނިކުފާނު އަރުވައިލީ ތެސަލޯނިކީއަށެވެ. އެ ޝަހަރުގައި، ޔަހޫދީ ބޭންކަރެއް ކަމުގައި ވާ އައްލާޓިނީގެ ގޭގައި އެމަނިކުފާނު ގޭބަންދުގައި ބެހެއްޓީއެވެ.

"ޔަންގް ޓާރކްސް" ގެ ސަފުތަކުގައި ޒައިނިސްޓް ޔަހޫދީ މުސްތަޝާރުންނާއި މުޙައްރިކުންނާއި އެޖެންޓުންގެ އެތައް ބަޔަކު ޙަރަކާތްތެރި ވަމުން ދިޔައެވެ. މިއަދުވެސް، މުސްލިމުންގެ ތެރޭގައި އިސްލާމް ދީނާއި އިސްލާމީ ޝަޚްޞިއްޔަތު ކަތިލުމަށް މަސައްކަތް ކުރަމުން ގެންދާ ޣައްދާރުންގެ ސަފުތަކުގައި ޑޭވިޑް ހާރޑިންގހަމާއި މައިކަލް އޯޝެއަރ ފަދަ، އިސްލާމް ދީނުގެ ދުޝްމަނުންގެ އެޖެންޓުން ޙަރަކާތްތެރި ވާ ފަދައިންނެވެ. "ޔަންގް ޓަރކްސް" ގެ ސަފުތަކުގައި ޙަރަކާތްތެރި ވަމުން ގެންދިޔަ ޒައިނިސްޓުންނާއި، ފްރީމޭސަނުންނާއި، ސެބަޓިސްޓުންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ، އަޝްކެނާޒީ ޔަހޫދީ ބޭންކަރެއް ކަމަށް ވާ އިމޭނުއެލް ކަރާއްސޯއެވެ. މީނާޔަކީ ސުލްޠާން ޢަބްދުލްޙަމީދަށް ޣައްދާރު ވި ބޮޑުވަޒީރު ޠަލަތު ޕާޝާގެ ގާތް ރަޙުމަތްތެރިއެކެވެ. ސުލްޠާން ޢަބްދުލްޙަމީދުގެ އަރިޔަހަށް ގޮސް އެމަނިކުފާނުގެ ވެރިކަން ވައްޓައިލެވި އެމަނިކުފާނު ތަޚްތުން "ޢަޒުލު ކުރެވިއްޖެޔޭ" ދެންނެވި ވަފުދުގައި ވެސް އިމޭނުއެލް ކަރާއްސޯ ހުއްޓެވެ. އޭނާޔަކީ ތެސަލޯނިކީގެ ޔަހޫދީންގެ ތެރޭގައި އެންމެ ބާރުގަދަ، އެންމެ މުއްސަނދި އެކެކެވެ. ތެސަލޯނިކީ ޔަހޫދީންގެ ފަރާތުން ޢުޘްމާނީ ދައުލަތުގެ ބަރުލަމާނުގައި ހުރި މެންބަރެއް ވެސް މެއެވެ. މިފަދަ ޒައިނިސްޓުންގެ އެހީތެރިކަމާ އެކު ސުލްޠާން ޢަބްދުލްޙަމީދުގެ އަތްޕުޅުން ޚިލާފަތުގެ ބާރުތައް ފޭރިގަނެ، ލާދީނީ ވެރިކަމެއް ޤާއިމު ކުރުމަށް "ޔަންގް ޓާރކްސް" ކުރި މަސައްކަތް ކާމިޔާބު ވުމުން، އެމީހުންނަށް "ޔަންގް ޓާރކްސް" ގެ ސަރުކާރުން ދިން އެއް ހަދިޔާއަކީ، ޢުޘްމާނީ ޚިލާފަތުގެ ސަރަޙައްދުގެ ތެރޭގައި އެމީހުން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރުމާއި، ޤާނޫނާ ވެސް ޚިލާފަށް ވިޔަފާރި ކޮށް މުއްސަނދިކަން އިތުރު ކުރުމުގެ ފުރުޞަތެވެ. އެގޮތުން، އިމޭނުއެލް ކަރާއްސޯ ވެސް ވަނީ، "ޔަންގް ޓާރކްސް" ސަރުކާރުގެ ފުރިހަމަ އެހިތެރިކަމާ އެކު، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަނގުރާމަވެރީންނަށް ކާބޯތަކެތި ފޯރު ކޮށްދިނުމުގެ ވަގުވިޔަފާރި ކޮށްގެން، އޭނާގެ މުއްސަނދިކަން އެތައް ގުނައެއް އިތުރު ކޮށްފައެވެ.

"ޔަންގް ޓާރކްސް" ވެރިކަމަށް އައުމަށް ފަހު، ޒައިނިސްޓުން ފަލަސްޠީނުން ބިން ގަތުމަށް ހުރި ހުރިހައި ހުރަސްތަކެއް ނައްތައިލިއެވެ. ޚުދު ސުލްޠާން ޢަބްދުލްޙަމީދު ބައްލަވައިގަނެ އަމިއްލަފުޅު ކުރައްވައިފައި ހުރި ބިންތައް ވެސް ގަދަބާރުން ފޭރިގަނެ، "ނެޝަނަލައިޒް" ކޮށް، އެ ބިންތައް ވެސް ޒައިނިސްޓުންނަށް ގަނެވޭނެ މަގު ފަހި ކުރިއެވެ.

ސުލްޠާން ޢަބްދުލްޙަމީދު އައްޘާނީ އަކީ މުސްލިމް ޞޫފީ ޠަރީޤާއެއް ކަމުގައި ވާ ޝާޛިލީ ޠަރީޤާގެ މެންބަރެކެވެ. އެމަނިކުފާނުގެ މުޅި ޢުމުރުފުޅު ހޭދަ ކުރެއްވީ "ﷲ ގެ ޢާޝިޤެއް" ގެ ގޮތުގައެވެ. "ޔަންގް ޓާރކްސް" އެމަނިކުފާނުގެ ތަޚްތު ފޭރިގަނެ، އެމަނިކުފާނު ތެސަލޯނިކީގައި ގޭބަންދުގައި ބަންދު ކޮށްގެން އުޅޭތާ އަހަރުތަކެއް ފަހުން، 1913 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު، އެމަނިކުފާނު ޝާޛިލީ ޠަރީޤާގެ ޝައިޚް އަބޫޝަމަތު މަޙްމޫދަށް ލިޔުއްވި ސިޓީފުޅެއްގައި ވެއެވެ. "އަޅުގަނޑަށް ޚިލާފަތު ދޫކޮށްލާން މަޖުބޫރު ވީ "ޔަންގް ޓަރކްސް" ގެ އަނިޔާވެރިކަމާއި ބިރުދެއްކުންތަކުގެ ސަބަބުންނެވެ. މި ޖަމާޢަތުގެ މީހުން ގެންދިޔައީ، ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށް އަޅުގަނޑަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެކި ގޮތްގޮތުން އެކަމަށް ބާރު އަޅަމުންނެވެ. އަޅުގަނޑު އެމީހުންގެ ހުށައެޅުންތަކަށ އިޢުތިރާޟު ކޮށް އިންކާރު ކުރީމެވެ. އެންމެ ފަހުން އެމީހުން އަޅުގަނޑަށް އިނގިރޭސި ރަނުން 150 މިލިޔަން ފައުނުގެ ރަން ހުށައެޅިއެވެ. އަޅުގަނޑު އެ ހުށައެޅުމަށް ވެސް އިންކާރު ކޮށް، އެމީހުންގެ ގާތުގައި ބުނީމެވެ. "އިނގިރޭސި ރަނުން 150 މިލިޔަން ފައުނުގެ ރަން ކީއްކުރަން ހެއްޔެވެ، މުޅި ދުނިޔޭގައި ހުރި ހުރިހައި ރަނެއް ކަލޭމެން އަހަރެންނަށް ދިނަސް، ކަލޭމެން ތިޔަ ހުށައަޅާ ހުށައެޅުމަށް އަހަރެން އެއްބަހެއް ނުވާނަމެވެ." އަޅުގަނޑު ތިރީސް އަހަރަށް ވުރެ ދިގު މުއްދަތެއް ވާންދެން މުސްލިމް އުއްމަތަށް ޚިދުމަތް ކުރީމެވެ. އަޅުގަނޑު އަޅުގަނޑުގެ ކާބަފައިން ދެރަ ވެ ލަދުވެތި ވާނޭ ފަދަ، އެމީހުންގެ ޝަރާފަތާއި ކަރާމާތަށް ހިރަފުސް ބުރާނޭ ފަދަ ކަމެއް ނުކުރަމެވެ. އަޅުގަނޑު "ޔަންގް ޓާރކްސް" އަށް ދިން މި ދެންނެވި ފަހު ޖަވާބަށް ފަހު، އެމީހުން އަޅުގަނޑު ތަޚްތުން ޢަޒުލު ކުރުމަށް ކަނޑައަޅައި އެއްބަސް ވިއެވެ. އަދި އަޅުގަނޑު ތެސަލޯނިކީއަށް ފޮނުވައިލިއެވެ. އަޅުގަނޑު ﷲ އަށް ޙަމްދު ކުރަމެވެ. އަޅުގަނޑު ފަލަސްޠީނުގެ ބިމުގައި، ޢުޘްމާނީ ދައުލަތުގެ ސަރަޙައްދުގައި، މުސްލިމް އުއްމަތުގެ ތެރޭގައި އައު ދައުލަތެއް އުފައްދާކަށް ރުހޭބަހެއް ނުދެމެވެ."

"ޔަންގް ޓާރކްސް" އަކީ ނަމުން ކޮންމެ އެއްޗެއް ދޭހަ ވިޔަސް، ހަމައެކަނި ތުރުކީންގެ ޙަރަކާތެއް ނޫނެވެ. އެ ޙަރަކާތުގައި ޢުޘްމާނީ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބި ޢަރަބީންނާއި، ޔަހޫދީންނާއި، އަލްބޭނިޔާ މީހުންނާއި، ގްރީކުންނާއި، އަރުމީނިޔަނުން ފަދަ ޖަމާޢަތްތަކުގެ އެތައް ބަޔަކު ވެސް ތިއްބެވެ. އެމީހުންގެ ޒަޢާމަތުގައި، 1914 ވަނަ އަހަރު ޢުޘްމާނީ ދައުލަތް ޖަރުމަނާ އެއް ކޮޅަށް ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައިވެރި ވިއެވެ. މި ހަނގުރާމައިން ޢުޘްމާނީ ޚިލާފަތު ބަލި ވީއެވެ. ނަތީޖާޔަކީ ޢުޘްމާނީ ދައުލަތް ރޫޅައިލެވުމެވެ. ޢުޘްމާނީ ބިމެއްގެ ގޮތުގައި އޮތް ފަލަސްޠީނަށް، އިނގިރޭސި ސިފައިން ވަނީ ޖެނެރަލް އެޑްމުންޑް އެލެންބީގެ ކޮމާންޑުގެ ދަށުން 1917 ވަނަ އަހަރުއެވެ. އެ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އޭނާ އަލްޤުދުސަށް ވަނެވެ. އެއީ، ޔޫރަޕުގެ ޞަލީބީންގެ އަތްދަށުން، މުސްލިމުންގެ މަތިވެރި ބަޠަލް ނާޞިރުއްދީން ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ޤުދުސް މިނިވަން ކުރެއްވި ފަހުން، ޔޫރަޕު މީހުންނަށް މުސްލިމުން ބަލިކޮށް ޤުދުސް އެމީހުންގެ އަތްދަށަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. އެ ދުވަހު ޤުދުސަށް ވަދެވަޑައިގެންފައި، ޖެނެރަލް އެލެންބީ ވިދާޅުވިއެވެ. "ޞަލީބީ ހަނގުރާމަ މި ނިމުނީއެވެ." މާނަޔަކީ، އިސްލާމީ ދުނިޔެއާ ދެކޮޅަށް ފަލަސްޠީނުގެ ކޮންޓްރޯލް ހޯދުމަށް ޔޫރަޕު މީހުން ފެށި ހަނގުރާމަ އާޚިރުގައި އެމީހުންނަށް ކާމިޔާބު ލިބިގެން ނިމުނު ވާހަކައެވެ.

ތާރީޚަކީ ލޯ ހުޅުވައިދޭ އެއްޗެކެވެ.

ތާރީޚުން ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ އާއި، ސުލްޠާން ޢަބްދުލްޙަމީދުއް ޘާނީ ފަދަ މަތިވެރި ބަޠަލުން ފެންނާނެއެވެ. އަދި "ޔަންގް ޓާރކްސް" އާއި، އިއްޔެ ނޫން އިހަށް ދުވަހު އަބޫދާބީއަށް ޖެއްސި އިސްރާއީލުގެ އަލަތު ފްލައިޓަށް މަރުޙަބާ ކިޔާން އިސްރާއީލުގެ ދިދަ ޖެހި މާސްކު އަޅައިގެން ތިބި ޔޫއޭއީގެ އޮފިޝަލުންނާއި، ވައިޓް ހައުސްގައި އިސްރާއީލާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރާން ހެވިފައި ތިބި ޔޫއޭއީ އާއި ބަޙްރައިނުގެ ވެރީން ކަހަލަ ނުލަފާ، ޙަރާންކޯރު ޣައްދާރުން ވެސް ފެންނާނެއެވެ. މި ދެބައިމީހުންގެ މަގު ދުވަހަކު ވެސް އެއް މަގަކަށެއް ނުވާނެއެވެ. އެއް މަގަކީ ﷲ އާއި އެކަލާނގެ ރަސޫލުންގެ މަގެވެ. އަނެއް މަގަކީ އިބްލީހާއި ދައްޖާލުގެ މަގެވެ. ސުލްޠާން ޢަބްދުލްޙަމީދުއް ޘާނީ ފަދަ މުސްލިމުންގެ މަތިވެރި ލީޑަރުންގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ މިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް