ނޫސްވެރިންގެ ބައިވެރިވުމާއެކު އެމްޖޭއޭ ހިންގުމަށް ބަދަލުތަކެއް ގެންނަނީ

އެމްޖޭއޭ ހިންގާ ކޮމިޓީގެ ބައްދަލުވުން: ނޫސްވެރިންގެ ބައިވެރިވުމާއެކު ޖަމިއްޔާގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައި --- ފޮޓޯ/ އެމްޖޭއޭ

ނޫސިންގެ ބައިވެރިވުމާއެކު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޖަމިއްޔާއިން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުވި ޖަމިއްޔާގެ ހިންގާ ކޮމިޓީން ވަނީ އިއްޔެ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ޖަމިއްޔާ އަކީ ހުރިހާ ނޫސްވެރިންގެ ބައިވެރިވުމާ އެކު، އިދާރީ ގޮތުން ހިންގުމަށްޓަކައި ދާއިމާ ހަތަރު ކޮމިޓީއެއް އެކުލަވާލަން އިއްޔެ ބައްދަލުވުމުގައި ނިންމި އެވެ. އެ ހަތަރު ކޮމިޓީ ލީޑް ކުރައްވާނީ ހިންގާ ކޮމިޓީގެ މެމްބަރުންނެވެ.

އެމްޖޭއޭ އިން ބުނީ، ހިންގާ ކޮމިޓީގެ މެމްބަރުންގެ ލިޑާޝީޕްގެ ދަށުން އެކުލަވާލާ އެ ކޮމިޓީތަކުގައި ބައިވެރިވާން ޝައުގުވެރިވާ ޖަމްއިއްޔާގެ އާންމު މެންބަރުންނާއި ނޫސްވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދާއިމާ ހަތަރު ކޮމިޓީ:

1. ފޮރިން ރިލޭޝަންސް ކޮމިޓީ – މުގައްރިރު މުހައްމަދު ޖުނައިދު (ހިންގާ ކޮމިޓީގެ މެމްބަރުު)

2. އެޑްމިން އެންޑް މީޑިއާ ރިލޭޝަންސް ކޮމިޓީ – މުގައްރިރު އަހުމަދު ނާއިފް (ހިންގާ ސެކްރެޓަރީ)

3. ރިސާޗް އެންޑް އެޑްވޮކެސީ ކޮމިޓީ – މުގައްރިރު ފާތިމަތު ސާޔާ އަހުމަދު (ހިންގާ ކޮމިޓީގެ މެންބަރު)

4. ޕްރޮގްރާމްސް އެންޑް ފަންޑް ރެއިޒިން – މުގައްރިރު ނާޒިމް ހަސަން (ބަޖެޓް ސެކްރެޓަރީ)

މީގެ ކުރިން ޖަމިއްޔާ ހިންގުމަށް އެފަދަ ކޮމިޓީތަކެއް ހަދާފައި ނުވެ އެވެ.

ޖަމިއްޔާއިން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް އާސީސީ ގަވައިދު އިސްލާހު ކުރުމަށްވެސް އިއްޔެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަސާސީ ގަވައިދު އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި އާއްމު މެމްބަރުންނާއި ނޫސްވެރިން، އެ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ކޮމިޓީން ނިންމި އެވެ.

އެމްޖޭއޭ އިން ބުނީ، އަސާސީ ގަވައިދުގައި ހިމެނޭ ޑިމޮކްރަސީއާ ބީރަށްޓެހި މާއްދާތައް އުނިކޮށް، މެމްބަރުންގެ ހިޔާލުތަކާ އެކު ޒަމާނީ ބަދަލުތަކެއް އެ ގަވާއިދަށް ގެނައުމަކީ އާ ހިންގާ ކޮމިޓީން އެންމެ އިސްކަންދޭނެ މަސައްކަތް ކަމަށެވެ.

ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވެސް ނިންމި މި ބައްދަލުވުމުގައި ވަނީ އާއްމު މެމްބަރުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަށްޓަކައި ނޫސްވެރިން އަދި އެޑިޓަރުންނާ އެކު ކޮމިއުނިކޭޝަންސް ޕްލެޓްފޯމެއް ގާއިމްކުރުމަށް ނިންމައިފަ އެވެ.

އޭގެ އިތުރުން ޖަމިއްޔާގެ ފަރާތުން ޕަބްލިކޭޝަނެއް ނެރުމަށާއި އާއްމުންނަށް ހުޅުވާލައިގެން ނޫސްވެރިކަމާ ގުޅޭ ޑައިލޮގްތަކެއް ބޭއްވުމަށްވެސް ނިންމިއެވެ. މިކަންކަމުގެ ތަފްސީލުތައް މި ޖަމްއިއްޔާއިން ފަހުން ހާމަކުރާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި، ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ މިއަދަށާއި މާދަމާއަށް ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުމެވެ. އަދި ދިވެހި ނޫސްވެރިން އެތިކަލް ނޫސްވެރިކަމަކަަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް ޖަމްއިއްޔާގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެކަމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި މުއައްސާތަކާއި އިދާރާތަކާއި އެމްބަސީތަކާ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ކަންކަން ހޯދައި ބަލަން މަސައްކަތް ވަނީ ފަށައިފައިވާ ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ.

ޖަމްއިއްޔާގެ އާ ހިންގާ ކޮމިޓީއެއް އިންތިހާބުކޮށް ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން ބައިނަލްއަގްވާމީ ދެ ޖަމާއަތް ކަމަށްވާ ރިޕޯޓާސް ވިތައުޑް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައި.އެފް.ޖޭ) އިން ވަނީ މަރުހަބާ ކިޔައި ހިތްވަރުދީފަ އެވެ. އަދި އެ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިހާރު ވަނީ މަޝްވަރާތައް ފެށިފަ އެވެ.

comment ކޮމެންޓް