އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް ހަނިމާދޫ އެއާޕޯޓުގައި ޖައްސައިފި

މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލަ އެއާޕޯޓްގައި ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ބޯޓު ---

އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ބޯޓު ހަނިމާދޫ އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 10:25 ގަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ ބޯޓު މި މަހުގެ 16 އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓްގައި ޖެއްސި ސަވައިލެންސް ޑޯނިއާ މިމަހުގެ 16އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށާއި އެ ބޯޓް ރާއްޖެ އައިސްފައިވަނީ "ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފް ކޯސްޓް ގާޑްގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަކަށް" ކަމަށެވެ.

ކޯސްޓްގާޑާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް އިންޑިއާގެ ބޯޓެއް ރާއްޖެ އައިސްފައިވާކަން އެމްއެންޑީއެފުން ހާމަކުރި ނަމަވެސް އައި ކިތައް ބޯޓު ކަމެއް އަދި ކިހާ ސިފައިނެއް ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.

އާޒިމް ވިދާޅުވީ، އާންމުކޮށް އޮޕަރޭޝަންތަކަށް ދެ ފްލައިޓް އަންނާނެ ކަމަށާއި އެއީ ބެކް ފްލައިޓަކާއި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓް ކަމަށެވެ.

"އެތަނުން ބެކް ފްލައިޓް އާންމުކޮށް އަންނަ ދުވަހު ފުރާނެ. އެގޮތުން ބެކް ފްލައިޓް މިއަދު އެނބުރި ފުރާނެ. އޮޕަރޭޝަންގައި ބައިވެރިވާނީ އެއް ފްލައިޓް،" އާޒިމް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުން އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަރުކާގެ ދެ ބޯޓު ހަނިމާދު އެއާޕޯޓަށް ވަނީ ޖައްސާފަ އެވެ.

މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލަ އެއާޕޯޓްގައި ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓު ---

ސަވަޔަލެންސް ޕެޓްރޯލް އަށް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓު ޖުލައި މަހުގެ 31 ވަނަ ދުވަހުވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެ ބޯޓު އަނބުރާ ދިޔައީ ކޮންއިރަކު ކަމެއް ސާފެއް ނުވެ އެވެ.

އިންޑިއާގެ އެ ބޯޓު ރާއްޖެ އައިސްފައިވާ މި ދަނޑިވަޅަކީ، އިދިކޮޅު ފަރާތްތަކުން 'އިންޑިއާ އައުޓު' ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން ހިންގަމުންދާ ދުވަސްކޮޅެކެވެ.

comment ކޮމެންޓް