ކުރީގެ ރަައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެ މަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގައި ހުންނެވި ބޭރުގެ ސަފީރަކު ވިދާޅުވި ގޮތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ތުހުމަތު ކުރައްވައިފިއެވެ.
ޕީއެސްއެމްއިން ދެއްކި ރައީސްގެ އެކްސްކްލޫސިވް އިންޓައިއުއެއްގައި ވަނީ، މި ސަރުކާރުން އަސްކަރީ ބޭނުމަށް ގަނެފައިވާ ޑްރޯންތަކުގެ އަގު ހާމަނުކުރާތީ އިދިކޮޅުން ކިޔާ ފާޑުކިޔުންތަކަށް ރައީސް ދެއްވާނެ ޖަވާބާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއަށް މިދިޔަ ދައުރުގައި ވެރިކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ރާއްޖޭގެ މިނިވަންކަން ހިމާޔަތް ނުކުރެވުނު ކަމަށާއި ގައުމުގެ މިނިވަންކަން އޮތީ އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ވަކި ގައުމެއްގެ ނަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޞާލިޙްގެ މައްޗަށް އަމުރުކުރާ އެހެން ގައުމެއްގެ ސަފީރަކު ހުރި ކަމަށާއި އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ.
"ހުރިހާ މާނައެއްގައި ވެސް މިނިވަންކަން އޮތީ އަޅުގަނޑުމެންގެ އަތުން ދޫވެފައި، އިގުތިސާދީ ގޮތުން ވެސް. އެހެންވީމަ މިގޮތަށް ކަންތައްތައް ކުރިއަށްގެންގޮސްފައިި ދެން އަޅުގަނޑުމެން އެކަން ރަނގަޅު ކުރުމަށް، ދިވެހީންގެ ރާއްޖެ، ދިވެހިން އެދޭ ގޮތުގައި މިސްރާބު ޖަހައި އެގޮތަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަންކަމުގައި އެ ބޭފުޅުން ބަލައެއް ނުގަންނާނެ އެކަންކަމެއް،" ރައީސް ވިދާޅުވިއެވެ.
ޑްރޯންތަކުގެ އަގާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ކަންކަން ސިއްރުނުކޮށް ހާމަކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އަސްކަރީ އެފަދަ މަސައްކަތްތަކުގެ ތަފުސީލު އެއްވެސް ގައުމަކުން އިއުލާން ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމީ ސަލާމަތަށް މިހާ މުހިންމު ކަމެއްގައި އަޅުގަނޑަށް ވަރަށް ބޮޑަށް ރިލައިވެވޭނެ އަލުގަނޑުމެންގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޖެނެރަލުން ވިދާޅުވާ ވާހަކަފުޅުތަކަށް، އެހެންވީމަ އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑުމެން ކަންކަމުގައި އެ ބޭފުޅުންގެ އަޑު އަހާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ މިނިވަންކަމަށް އަގެއް ނުކިޔޭނެ ކަމަށާއި އެއީ އެއަށްވުރެ މާ މުހިންމު އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރު އިންޑިއާއަށް މާ ބޮޑަށް ބަރޯސާވެފައި އޮތް ކަމަށް މި ސަރުކާރުން ތުހުމަތު ކުރާއިރު، މި ސަރުކާރުން އިންޑިއާއާ ގުޅުން ގޯސްކޮށް، ޗައިނާއާ ގާތް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުނެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ކެމްޕެއިންގައި އެންމެ މުހިންމު އެއް ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމެވެ. ސަރުކާރުން މިހާތަނަށް ވަނީ ބައެއް އިންޑިއާ ސިފައިން ފޮނުވާލައި، އެ ސިފައިން ދުއްވަމުން އައި ހެލިކަޕްޓަރުތައް އޮޕަރޭޓު ކުރާނެ މަދަނީ މީހުން ގެނެސްފައެވެ.