އެމިރޭޓްސް މުވައްޒަފުންގެ މުސާރަތައް އިއާދަކޮށްފި

އެމިރޭޓްސްގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: އެމްއޭސީއެލް

ކޮވިޑް19ގެ ހާލަތާ ގުޅިގެން އެމިރޭޓްސްގެ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި އަންނަ މަހުން ފެށިގެން އިއާދަ ކުރަން ނިންމައިފި އެވެ.

ދުބާއީގެ އެމިރޭޓްސް އިން ވަނީ ހަ މަސްވަންދެން އެ އެއާލައިންގެ މުވައްޒަފުންގެ މުޒާރައިން ބަޔެއް އުނިކޮށްފައެވެ. ނަމަވެސް ދުބާއީގެ ސަރުކާރުން އެމިރޭޓްސް އަށް ދިން ދެ ބިލިއަން ޑޮލަރުގެ މާލީ އެހީ އާއެކު އެމިރޭޓްސް އިން މިހާރު ނިންމާފައިވަނީ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި އަންނަ މަހުން ފެށިގެން ދިނުމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން، އެމިރޭޓްސްގައި އެކި ގައުމުތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރާއިރު ކޮވިޑް19 އާއި ގުޅިގެން އިންޓަނޭޝަނަލް ބޯޑަރުތައް ބަންދުކޮށް ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި ހީނަރުކަމާ ގުޅިގެން އެތައް މުވައްޒަފުންނެއް ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ. އެގޮތުން 700 ކެބިން ކްރޫއިންނާއި 600 ޕައިލޮޓުން އެމިރޭޓްސްގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ގައުމުތަކުގެ ބޯޑަރުތައް މިހާރު ހުޅުވަމުންދާއިރު އެމިރޭޓްސް އިން ވަނީ 80 މަންޒިލަކަށް އެ މީހުންގެ ދަތުރުތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އެމިރޭޓްސް އަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އުފުލާ އެއާލައިނެކެވެ.

އެމިރޭޓްސްގެ މުވައްޒަފުންގެ މުސާރަ އިއާދަކުރަން ނިންމާފައިވާއިރު އަބޫދާބީގެ އިއްތިހާދު އެއާލައިނުން ވަނީ އެ އެއާލައިނުގެ މުވައްޒަފުންގެ މުސާރަތައް މިއަހަރުގެ ނިޔަލަށް ކުޑަކުރަން ނިންމައިފަ އެވެ. އެގޮތުން އެ އެއާލައިނުގެ މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓާއި ހަމައަށް ކުޑަކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް