ނުވަ އަހަރަށް ފަހު އެމްޖޭއޭގެ އެކްސްކޯ އިންތިހާބުކޮށްފި، ރައީސްއަކަށް ހަމްދޫން

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އެކްސްކޯއަށް އިންތިހާބުވި މެމްބަރުން -- ފޮޓޯ/ އެމްޖޭއޭ

ނުވަ އަހަރަށް ފަހު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އެކްސްކޯ މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.

މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޖޭއޭގެ ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި 130 ނޫސްވެރިން ބައިވެރިވި އެވެ. ޒޫމް މެދުވެރިކޮށް ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް ވޯޓު ނެގީ ޓެލެގްރާމް ގްރޫޕެއްގައި ޕޯލް ހުޅުވައިގެންނެވެ.

މިއަދު އެމްޖޭއޭގެ ހިންގާ ކޮމިޓީގެ ރައީސަކަށް އިންތިހާބު ކުރީ މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަން ކުރެއްވި މިހާރު ނޫހުގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫނެވެ. ހަމްދޫނަށް 66 ވޯޓު ލިބުނު އިރު އޭނާއާ ވާދަ ކުރި ދުވަސް ނޫހުގެ އެޑިޓަރު އަޒްމީ އަލީއަށް ލިބުނީ 59 ވޯޓެވެ.

އެމްޖޭއޭގެ ނައިބު ރައީސަކަށް ހޮވުނީ އެމްއެމްސީގެ މިހާރުގެ މެމްބަރު އަދި "ވަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ. އޭނާއަށް 65 ވޯޓު ލިބުނު އިރު އޭނާއާ ވާދަ ކުރި ވޮއިސްގެ އެޑިޓަރު މުހައްމަދު ސައުޒަމްއަށް ލިބުނީ 63 ވޯޓެވެ.

ހިންގާ ސެކްރެޓަރީއަކަށް ހޮވުނީ އެމްއެމްސީގެ މިހާރުގެ މެމްބަރު އަދި "ސަން" އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. ނާއިފަށް 64 ވޯޓު ލިބުނު އިރު އޭނާއާ ވާދަ ކުރި "ދަ ޕްރެސް" ނޫހުގެ ނޫސްވެރިޔާ ނިމާ ހަސަންއަށް ލިބުނީ 60 ވޯޓެވެ.

ބަޖެޓު ސެކްރެޓަރީއަކަށް ހޮވުނީ އެމްއެމްސީއިން ހޮވާ އުއްމީދީ ނޫސްވެރިޔާއާއި އެންމެ މޮޅު ކޯޓު ރިޕޯޓަރުގެ އެވޯޑު ހޯދާފައިވާ "ޖަޒީރާ" އޮންލައިންގެ ނާޒިމް ހަސަނެވެ. ނާޒިމަށް 73 ވޯޓު ލިބުނެވެ. އޭނާއާ ވާދަ ކުރި ވަގުތު ނޫހުގެ ނޫސްވެރިޔާ ނަޒާހަތު އިބްރާހިމް ރަޝީދަށް ލިބުނީ 54 ވޯޓެވެ.

އާއްމު މެމްބަރުންގެ ގޮތުގައި ހޮވުނީ "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދާއި ފްރީލާންސް ނޫސްވެރިޔާ މުހައްމަދު ޖުނެއިދެވެ. އާންމު މެމްބަރުން ހޮވީ އެ ދެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކަށް ފެންނަ ނުފެންނަ ވޯޓު ނަގައި، އޭގެ ތެރެއިން އެންމެ ގިނައިން ފެންނަ ވޯޓު ލިބޭ ދެ މީހުން ބަލައިގެންނެވެ. ޖުނައިދުއަށް 63 ވޯޓު ލިބުނު އިރު ސާޔާއަށް 64 ވޯޓު ލިބުނެވެ. ދެން އާންމު މެމްބަރުންގެ މަގާމަށް ކުރިމަތިލީ "ވަގުތު"ގެ އެޑިޓަރު އާދަމް ނަވާޒާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި "ދިވެހި ޗެނަލް"ގެ އެމްޑީ އަބްދުﷲ ޔާމީން ރަޝީދެވެ. ނަވާޒަށް 57 ވޯޓު ލިބުނު އިރު ޔާމީނަށް ލިބުނީ 53 ވޯޓެވެ.

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފަ އެވެ.

އެންމެ ފަހުން އެމްޖޭއޭގެ އެކްސްކޯއަށް މެމްބަރުން އިންތިހާބުކޮށް އެ ޖަމިއްޔާ ހިންގީ މީގެ ނުވަ އަަހަރު ކުރިން 2011 ވަނަ އަހަރު އެވެ. އަދި 2014 ވަނަ އަހަރުވެސް އެމްޖޭއޭގެ އިންތިހާބު ބޭއްވި ނަމަވެސް، އަހަރީ އާންމު ޖަލްސާގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ޖަމިއްޔާގެ ހިންގުން ހުއްޓުމަކަށް އައެވެ.

ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކާ ހެދި ހަމަނުޖެހުން ބޮޑުވެ 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ނުކުރެވި، އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮއްވާ ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތް ޔޫތު މިނިސްޓްރީއިން ވަނީ މި މަހުގެ 13ގެ ކުރިން ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އަންގައިފަ އެވެ.

comment ކޮމެންޓް