ނޫސްވެރިން އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ ހާސިލްކުރާނެ: ރައީސް

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށި ކެމްޕޭން، އިފްތިތާހްކޮށްދެއްވައި ރައީސް ސޯލިހު ވީޑިއޯ މެސެޖެއް ފޮނުއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ނޫސްވެރިންނަކީ ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް ކަމަށާއި، ނޫސްވެރިން އެކުގައި، އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ އެކަމެއް ހާސިލްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ނޫސްވެރިންނަށް ތައުރީފުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވާފައި ވަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށި ކެމްޕޭން، އިފްތިތާހްކޮށްދެއްވައި، ފޮނުއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސް ވިދާޅުވީ މީޑިއާތަކުން ފެށި ކެމްޕޭނަކީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕޭނެއް ކަމަށެވެ. އަދި އެއީ ގައުމީ މަސައްކަތެއް ކަމަށް ސިފަކުރައްވައި، ރައީސް ވަނީ ކެމްޕޭންގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުންނަށާއި، ކެމްޕޭންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މީޑިއާތަކުން ފެށި ކެމްޕޭންގެ މަގްސަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކެމްޕޭންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، މިނިވަން މުއައްސަސާތައް ވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން. ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް އޮބި ނޯންނަ ހާލަތަށް ކަންތައް ހިނގައިދާނެ ކަމަށާއި ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެއްޖެ ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި އެ މަންޒަރު ދިވެހި ހުރިހާ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ނޫސްވެރިންނަށް އެ މަންޒަރު ވަރަށް ގާތުން ފެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ގައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަންވީ އެ ހާލަތަށް ނުދަނީސް، ބަލި ކޮންޓްރޯލް ކުރުމަށް ކަމަށާއި ދިވެހި ނޫސްވެރިންގެ މި ކެމްޕޭނާއެކު މިކަމުގައި ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ރާއްޖޭގެ ނޫސްވެރިންނަކީ، ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދީ ގޮތުން ވިޔަސް، ނުވަތަ ސިޔާސީ ގޮތުން ވިޔަސް، ގައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް އާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެ ނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލްކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކަންކަމުގެ ހަގީގަތް ނޯޅޭ ގޮތަށް، ތެދު ހަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރިހާ ނޫސްވެރިންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ގޮސް، މިއަދު މީޑިއާތަކުން ފެށި މިކެމްޕޭން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މީޑިއާތަކުން މިއަދު ފެށި ކެމްޕޭނަކީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިފަދަ ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މީޑިއާތަކުން މިއަދު ފެށި ގައުމީ މަސައްކަތުގައި ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

މީޑިއާތަކުން މިއަދު ފެށި ކެމްޕޭނުގެ ދަށުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް