ފުރަތަމަ ޖޭމްސް ބޮންޑް އަށް 90 އަހަރު ފުރިއްޖެ

މަޝްހޫރު ފްރެންޗައިޒް ކަމަށްވާ "ޖޭމްސް ބޮންޑް"ގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ އަށް 90 އަހަރު ފުރިއްޖެ އެވެ.

ސްކޮޓްލެންޑް އަށް އުފަން ކޮނެރީ ވިހާފައި ވަނީ 1930 ގަ އެވެ.

އޭޖެންޓް 007ގެ ރޯލުން ގިނަ އެކްޓަރުންތަކުން ފެނިގެން ގޮސްފައި ވީނަމަވެސް އެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ކޮނެރީ އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ބޮންޑް ފުރަތަމަ ފިލްމު ކަމަށްވާ "ޑރ. ނޯ" އިންނެވެ. އެ ފިލްމު ނެރެފައި ވަނީ 1962 ގަ އެވެ.

ކޮނެރީ ފިލްމު އިންޑަސްޓްރީއާ ދުރަށް ދިޔަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންނަމަވެސް އޭނާއަކީ އަދިވެސް އެތައް ބަޔަކަށް އެނގޭ ބޮޑު ފަންނާނެކެވެ.

ބޮންޑް ފިލްމުތަކުގެ އިތުރުން ވެސް އޭނާ ވަނީ ބޮޑެތި ފިލްމުތައް ކުޅެފަ އެވެ. އެގޮތުން އަލްފްރެޑް ހިޗްކޮކްގެ މަޝްހޫރު "މެރީން" އިން ވަނީ އޭނާ 1964 ވަނަ އަހަރުގައި ފެނިގެން ގޮސްފަ އެވެ. އޭގެއިތުރުން 1987 ވަނަ ނެރުނު ފިލްމު ކަމަށްވާ "ދަ އަންޓަޗެބަލްސް" އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ. އެ ފިލްމުގައި ކުޅުނު ރޯލަށް އޭނާއަށް ވަނީ އެކެޑެމީ އެވޯޑެއްވެސް ލިބިފަ އެވެ.

ޝޯން ކޮނެރީއަށް ފަހު ބޮންޑްގެ ރޯލު ވަނީ ގިނަ ބަޔަކު ކުޅެފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބައެއް އެކްޓަރުންނަކީ ޕިއާސް ބްރޮސްނަން އާއި ޑޭނިއަލް ކްރެއިގް އަދި ޓިމަތީ ޑެލްޓަން އެވެ.

comment ކޮމެންޓް