ޕާކިސްތާނުން އޯއައިސީން ވަކިވުމާމެދު ވިސްނަނީ

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ

އިންޑިއާއިން ކަޝްމީރު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އިން އަޅާނުލާ މައްސަލާގައި ޕާކިސްތާނަށް އަބަދު ހިމޭނުން ނޯވެވޭނެކަމަށާއި އޯއައިސީގެ އަމަލުތައް ހުންނަ ގޮތުން އެޖަމްއިއްޔާއިން ވަކިވުމާމެދު ޕާކިސްތާނު ސީރިޔަސްކޮށް ވިސްނަމުން ދާކަމަށް އެގައުމުގެ ހާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.

އިސްލާމް އާބާދުގައި ތުރުކީގެ އަނަތޯލިއާ ނޫސްއެޖެންސީއަށް މިދިޔަ ހަފްތާގައި ދެއްވި ބަސްދީގަތުމެއްގައި ގުރައިޝީ ވިދާޅުވީ އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ނިންމި ނިންމުމާބެހޭގޮތުން މަޝްވަރާކުރުމަށް އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބައްދަލުވުމެއް ބާއްވަން އޯއައިސީގެ ކިބައިން ޕާކިސްތާން އެދެމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާ ނަމަވެސް އެޖަމްއިއްޔާއިން އެކަމަށް އިޖާބަ ނުދޭތީ އެޖަމްއިއްޔާއާ މެދު ޕާކިސްތާން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމުގައެވެ.

އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒްތައް އިންޑިއާއިންވަނީ މިދިޔައަހަރު އުވާލައި އެއީ އިންޑިއާގެ އެހެން ސްޓޭޓްތައް ފަދައިން އިންޑިއާގެ ސިޔާދަތު އޮންނަ ސްޓޭޓެއްކަމަށް ނިންމާފައެވެ. ނަމަވެސް އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައި ޖަންމޫ ކަޝްމީރަށް ޚާއްސަ އިމްތިޔާޒްތަކެއް ދީފައިވަނީ ކަޝްމީރު ދެބައިވެގެންދިޔައިރު އިންޑިއާގެ ސިޔާދަތުގެ ދަށުގައި ކަޝްމީރު ބޭއްވުމުގެ ޝަރުތެއްގެ ގޮތުންނެވެ. އިންޑިއާއިން އެޝަރުތު އުވާލުމުން ޖަންމޫ ކަޝްމީރު ކޮންޓްރޯލް ކުރުމުގެ ގާނޫނީ ހައިޘިއްޔަތު މިހާރު އިންޑިއާއަށް ގެއްލިފައިވާކަމަށް ބައިނަލްއަގްވާމީ ގާނޫނުތަކާބެހޭ މާހިރުން ވިދާޅުވެއެވެ.

އަނެއްކޮޅުން އިންޑިއާގެ އެނިންމުމަކީ ކަޝްމީރުގެ މުސްތަގްބަލާ ބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާވެސް މުޅިން ޚިލާފު ކަމެކެވެ. އެގަރާރު އިންޑިއާއަށް ގޮވާލަނީ ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އެސަރަހައްދުގެ މުސްތަގްބަލް ކަނޑައެޅުމަށްޓަކައި ކަޝްމީރުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އެގަރާރު ތަންފީޒު ކުރުމަށް އިންޑިއާ ފާޅުގައި ދެކޮޅު ހަދާއިރު އިންޑިޔާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއަށް މިދިޔައަހަރު ގެނައި ބަދަލާއެކު ކަޝްމީރުގައި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުން ވަޒަންވެރި ކުރުމަށް ކުރިން އޮތް ގާނޫނީ ހުރަސްތައްވެސް އިންޑިއާއިން މިހާރުވަނީ ނައްތާލާފައެވެ. މިމައްސަލާގައި ކަޝްމީރުގެ ރައްޔިތުން އިޙްތިޖާޖް ކުރަންފެށުމުން އިންޑިއާއިންވަނީ ކަޝްމީރު އެއްކޮށް ބަންދުކުރުމަށްފަހު ވަރަށް ހަރުކަށިގޮތެއްގައި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައެވެ.

ޕާކިސްތާނާ އަދި ކަޝްމީރުގެ މުސްލިމް ލީޑަރުން އިންޑިއާގެ މިއަމަލުތައް ސިފަކުރަނީ (1947 ގައި އިނގިރޭސީންގެ އަތްދަށުން މިނިވަންވެ އިންޑިއާއާއި ޕާކިސްތާން ދެދައުލަތުގެ ގޮތުގައި އުފައްދައި އިންޑިއަން ސަބްކޮންޓިނެންޓް ދެބައިކޮށްލިއިރު ޚާއްސަ ސަރަހައްދެއްގެ ގޮތުގައިއޮތް) ކަޝްމީރު އިންޑިއާގެ ތަނެއްގެ ގޮތުގައި ހެދުމަށް އިންޑިއާ ހިންގާ އިސްތިއުމާރީ އަމަލެއްގެ ގޮތުގައެވެ.

މީގެއިތުރުން ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ގާނޫނު އަސާސީއަށް މިގެނައި ބަދަލަކީ ކަޝްމީރުގައި އިންޑިއާގެ އެެހެން ސްޓޭޓްތަކުގެ ޣައިރު މުސްލިމުން ވަޒަންވެރިކޮށް އެސަރަހައްދުގައި އޮންނަ މުސްލިމުންގެ ބޮޑު އަޣްލަބިއްޔަތު ނައްތާލުމަށް އިންޑިއާގެ މިހާރުގެ ސަރުކާރުކަމަށްވާ ބީޖޭޕީ ސަރުކާރުން ރާވައިގެން ހިންގާ އިސްތިއުމާރީ ހަރަކާތެއް ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ސިފަކުރެއްވިއެވެ.

ގުރައިޝީ ވިދާޅުވީ ކަޝްމީރުގެ 8 މިލިޔަން މުސްލިމުންގެ ހައްގުތަކަށް އިންޑިއާ އަރައިގަންނަމުންދާއިރު އޯއައިސީން އެކަމާ އަޅާނުލުމަކީ އަދި އެމައްސަލާގައި އިންޑިއާއަށް ފިއްތުންތައް ކުރިމަތި ކުރުންފަދަ ކަންކަމަށް އޯއައިސީ ފަސްޖެހުމަކީ ޕާކިސްތާނަށް ގަބޫލުކުރެވޭނެކަމެއް ނޫންކަމަށާ އެހެންކަމުން ޕާކިސްތާން މިހާރު ވިސްނަނީ އޯއައިސީން ވަކިވުމަށް ކަމުގައެވެ.

އޯއައިސީގެ އަމީން އާންމު ޔޫސުފް ބިން އަހްމަދުލްއުޘައިމީން

އޯއައިސީގެ މަރުކަޒު ހުންނަނީ ސައޫދީގައި ކަމަށްވެފައި އެ ޖަމްއިއްޔާގެ އަމީން އާންމަކީވެސް ސައޫދީ ބޭފުޅަކަށްވެފައި އެޖަމްއިއްޔާގެ އަމަލުތައް ހުންނަގޮތުން އެއީ ސައޫދީ ސަރުކާރުގެ ނުފޫޒު ގެ ދަށުގައިވާ ޖަމްއިއްޔާއެއްކަމަށް މެލޭޝިއާ، ޕާކިސްތާން، ތުރުކީ، އިންޑޮނީޝިއާ އަދި ގަތަރުފަދަ އިސްލާމީ އެތަށް ގައުމަކުން ދެކެއެވެ.

ސައޫދީ ބޭނުންވާ މައްސަލަތަކުގައި ނޫނީ އޯއައިސީގެ ބައްދަލުވުންތައް ނުބޭއްވޭތީ މެލޭޝިއާ، ޕާކިސްތާން، ތުރުކީ، އިންޑޮނީޝިއާ އަދި ގަތަރުން މިދިޔައަހަރުވަނީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ޒަޢާމަތުގައި އިސްލާމީ ސަމިޓެއް ކުއާލަލަންޕޫރުގައި ބާއްވާފައެވެ. އެސަމިޓަށް ސައޫދީންވަނީ ނުރުހުން ފާޅުކޮށްފައެވެ. އެސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވިނަމަވެސް އިމްރާންޚާންގެ ބަދަލުގައި އެސަމިޓްގައި ބައިވެރިވެ ވަޑައިގަތީ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީއެވެ.

ކުއާލަލަންޕޫރުގެ ސަމިޓްގައި އިމްރާންޚާން ބައިވެރިވެ ވަޑައިނުގެންނެވީ ސައޫދީ ސަރުކާރުގެ ފިއްތުންތަކާ ގުޅިގެންކަމަށް ގުރައިޝީ ވިދާޅުވިއެވެ. އެދުވަސްވަރު ޕާކިސްތާނުގެ ނޫސްތަކުން ވަނީ އިމްރާންޚާން ކުއާލަލަންޕޫރުގެ އިސްލާމީ ސަމިޓަށް ވަޑައިނުގެންނެވީ ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބާއްވައިދޭނެކަމުގެ ޔަގީންކަން ސައޫދީން ދިނުމުންކަމަށް ބުނެފައެވެ. ނަމަވެސް ފަހުން އެޔަގީންކަމާ އެއްގޮތަށް ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ ސަމިޓެއް ބާއްވާފައިނުވާތީ ޕާކިސްތާނުގެ ކެތްތެރިކަން ކޮޅުން ލާފައިވާކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވެއެވެ.

ސައޫދީގެ ނުފޫޒު އޮންނަ އޯއައިސީގެ ބޭރުން އިސްލާމީ ވެރިންގެ ސަމިޓެއް ބޭއްވުމަކީ އިސްލާމީ ދުނިޔޭގައި ސައޫދީން ފަތުރަން ބޭނުންވާ ބާރާއި ނުފޫޒަށް ބުރޫއަރާނެ ކަމެއްކަމަށް ސައޫދީ ދެކެއެވެ.

ކަޝްމީރުގެ ރައްޔިތުންގެ ހައްގުތަކަށް އިންޑިއާ އަރައިގަންނަމުންދާ މައްސަލަ ކުށްވެރިކޮށް މިދިޔައަހަރު އޯއައިސީން ނެރެފައިވަނީ ހަމައެކަނި އާދައިގެ ބަޔާނެކެވެ. އެކަންކުށްވެރިކޮށް އިސްލާމީ ހުރިހާ ގައުމުތަކެއް ގުޅިގެން އިންޑިއާއަށް ވަރުގަދަ މެސެޖެއް ދިނުމަށްޓަކައި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ނޫނީ އިސްވެރިންގެ ފެންވަރުގައި ބައްދަލުވުމެއް ބޭއްވުމަށް ޕާކިސްތާނުން ތަކުރާރުކޮށް އެދުނު އެދުމަށް އެޖަމްއިއްޔާއިން އިޖާބަ ދީފައެއް ނުވެއެވެ.

މީގެއިތުރުން ސައޫދީ އާއި ޔޫއޭއީގެ އިސް މަސްއޫލުވެރިންވަނީ ކަޝްމީރު ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަތުމަށް އިންޑިއާ ނިންމި ނިންމުމަށްފަހުވެސް އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރައްވައި އިންޑިއާއާ ގުޅުންތައް ބަދަހިކޮށް އަދި އެތަށް ބިލިޔަން ޑޮލަރެއް އިންޑިއާގައި އިންވެސްޓް ކުރުމަށް ނިންމިކަންވެސް އިއުލާންކުރައްވާފައެވެ. މިގޮތަށް އެދެގައުމުން އަމަލުކުރުމުން ޕާކިސްތާން ވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.

ސައޫދީއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ސްޓްރެޓީކް ގުޅުންތަކެއް އޮންނަ ވަރަށް ގާތް ދެގައުމެވެ. ސައޫދީ އަކީ ކުރިން އާދަޔާ ޚިލާފަށް މާލީގޮތުން ޕާކިސްތާނަށް އެހީތެރިވެސް ވަމުންދިޔަ ގައުމެކެވެ. ނަމަވެސް 2015 ވަނައަހަރު ސައޫދީން ޔަމަނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ބައިވެރިވުމަށް ޕާކިސްތާން ދެކޮޅު ހެދުމުން ސައޫދީއާއި ޕާކިސްތާނުގެ ގުޅުންތަކަށްވަނީ ބުރޫއަރާފައެވެ. ކަޝްމީރުގެ މައްސަލާގައި ސައޫދީން އަޅާނުލީވެސް ޔަމަންގެ ހަނގުރާމައިގާ ބައިވެރިވުމަށް ޕާކިސްތާނު ދެކޮޅު ހެދުމުން އެމައްސަލާގައި މެސެޖެއް ދިނުމުގެ ގޮތުންކަމަށް ޕާކިސްތާން ދެކެއެވެ.

މިއާއެކު ޕާކިސްތާންވެސްވަނީ ސައޫދީ އާ ތަންކޮޅެއް ބޮޑަށް ދުރަށްގޮސް ސައޫދީގެ ވާދަވެރިންގެ ގޮތުގައި ބެލެވޭ އިސްލާމީ ދެގައުމު ކަމަށްވާ ތުރުކީއާއި އީރާނާ ގާތް ގުޅުންތަކެއް އުފައްދަން ފަށާފައެވެ. ޕާކިސްތާނާއި ސައޫދީގެ ގުޅުންތައް މިހާރު އޮތީ އާދައިގެ ހާލަތެއްގައެވެ. ޔަމަންގެ ހަނގުރާމައިގެ ކުރިން އެދެގައުމުގެ ގުޅުންތައް އޮތްފަދަ ސްޓްރެޓީޖިކް އަދި ބަދަހި ހާލަތު ގައެއްނޫނެވެ. މީގެއިތުރުން ސައޫދީވަނީ ކަޝްމީރުގެ މައްސަލައަށް ބެލުމެއްނެތި އިންޑިއާއާވެސް ގުޅުންތައް ބަދަހި ކުރަންފަށާފައެވެ.

މިދިޔަ ހަފްތާގައި އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ ސައޫދީގެ ނަން ވިދާޅުނުވެ ޔަމަންގެ ހަނގުރާމައަކީ އަނިޔާވެރި އަދި ގަބޫލު ނުކުރެވޭނެ ހަނގުރާމައެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އިންޑިއާއިން ކަޝްމީރަށް ބޭނުންގޮތެއް ހަދަމުންދާއިރު ޕާކިސްތާން އަތް އުރާލައިގެން ނޯންނާނެކަމާއި ޕާކިސްތާނުގެ ގައުމީ މަސްލަހަތާ އެއްގޮތަށް ޕާކިސްތާނުންވެސް ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެ ކުރިން ވާހަކަ ނުދައްކަވާ އިބާރާތުން އިމްރާންކާން ވަނީ ވާހަކަ ދައްކަވާފައެވެ.

މިއީ ނުސީދާގޮތެއްގައި ސައޫދީ އަށް އަމާޒުކޮށް ހިތްހަމަޖެހިވަޑައި ނުގެން އިމްރާންޚާން ވިދާޅުވި ބަސްފުޅެއްކަމަށް މުހައްލިލުން ދެކެއެވެ.

comment ކޮމެންޓް