ސިޔާސީ ޕާޓީތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ގޮވާލައްވައިފި އެވެ.
އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި އިންސާނީ ކަރާމާތައް އިސްކަންދީގެން ކަމަށެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުކުރުމަށް އެންމެން އެކަމުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަކްރަމް މިފަދައިން ވިދާޅުވެފައި މިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮވިޑް ފެތެރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީން އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.
މުޒާހަރާ ތަކާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް މަގުމައްޗަށް އެއްވެ އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި ބައެއް މީހުން މާސްކު ވެސް ނާޅައި އެއްވުންތައް ކުރިއަށްގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން ހާލަތާ އެއްގޮތަށް ހިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މަގުމައްޗަށް ނުކުމެ އުޅުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސާވިސްއިން އިލްތިމާސްކޮށް ހަނދުމަކޮށްދެމެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށް މިސާވިސްއިން އިލްތިމާސް ކުރަމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.