މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދު ބަދަލުކުރަން އުޅެނީ ބިރު ދެއްކުމުގެ ގޮތުން: އެޑިޓަރުން

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން އުޅެނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގެ އެޑިޓަރުން ތުހުމަތުކޮށްފި އެވެ.

ދާދި ފަހުން ސަފާރީއެއްގައި "ޖިންސީ ގޯނާ" ކުރަން އުޅުނު މައްސަލައަކާ ގުޅިގެން ރާއްޖޭގެ ބައެއް ނޫސްތަކުން އެ ހަބަރު ގެނެސްދިން ގޮތާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފަިއވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިމަހުގެ އެއް ވަނަ ދުވަހު ސޮއިކުރައްވައި މީޑިއާ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ އަށް ވަަނަ ދުވަހުގެ ކުރިން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް އަމުރުކޮށްފަ އެވެ.

ރާއްޖޭގެ ދުވަހު ނޫސްތަކުގެ އެޑިޓަރުން ގުޅިގެން، "އެޑިޑާސް ގިލްޑް"ގެ ނަމުގައި ރޭ ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން އޮންލައިން"ގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަފާރީ މައްސަލާގައި ހިމެނޭ މީހުންގެ މައުލޫމާތު "އެކްސްޕޯސް"ވާތަން ނުފެންނަ ކަމަށެވެ. އެކަމުގައި ޖިންސީ ގޯނާ ލިބުނު "ވިކްޓިމް"ގެ މަސްލަހަތު އެ ހިންގި އަމަލަށް ވުރެ އިސްކުރަން މަސައްކަތް ކުރުމަކީ އެ މައްސަލަ "އަންޑާމައިން" ކުރަން އުޅުން ކަމަށް ހިރިގާ ފާހަގަކުރެއްވި އެވެ.

ސަފާރީ ކޭސްއާ ގުޅިގެން އެކި ނޫސްތަކުގައި އެކިގޮތަށް އެ ހާދިސާގެ ވާހަކަތައް ޝާއިއުކޮށްފައި ވާތީ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން "މެންދުރު އޮންލައިން" ކިޔާ ނޫހެއްގައި އެ ހާދިސާ ހިނގި ގޮތްކަމަށް ބުނެ ހަބަރު ގެނެސްދީފައިވާނީ ކަން ހިނގިގޮތަށް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"މީޑީއާ ކައުންސިލުން އެ މައްސަލަ ބަލައި އެކަން ތެދު ދޮގު ބުނެދެން ޖެހޭނެ. އެހެން ނަމަވެސް އެކަން ބެލުމުގެ ކުރިން ވަކި ގޮތަކަށް އަމަލުކުރާށޭ. ވަކި ބަޔަކު ޖޫރިމަނާކުރާށޭ އެހެން ބުނަންޏާ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް. ދެން ބްރޯޑްކޮމްއިން ވެސް އެބަ ފޮނުވާ މީޑިއާތަކަށް ސިޓީތަކެއް ނޫނީ ބަޔާނެއް ނެރުއްވާފައި އެބަ ވިދާޅުވޭ އެ މައްސަލަ ނޫހެއްގެ އޮތްކަމަށް ބުނެ ބްރޯޑްކާސްޓްކުރާ ކަމަށް ވަންޏާ އެ މައްސަލަ ބައްލަަވާ ވާހަކަ. އެއީ ބިރުދެއްކުމުގެ އަމަލެއް އިނގޭތޯ. އެއީ އަޅުގަނޑުމެން ބަލައިގަންނަކަމެއް ނޫން. ފްރީ މީޑީއާއެއްވެއްޖިއްޔާ އެ ފްރީޑަމް މީޑީއާގައި އޮންނަން ޖެހޭނެ،" ހިރިގާ ވިދާޅުވި އެވެ.

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަންއޮންލައިން"ގެ ޗީފް އެޑިޓަރު ސިނާން އަލީ ވިދާޅުވީ މީޑިއާތައް ޖޫރިމަނާކުރެވޭނެ ގަވައިދެއް އެކުލަވާލުމަށް ހަތް ދުވަހުގެ ކުރު މުއްދަތެއްގެ ދިނުމަކީ ސުވާލު އުފެދޭކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާ ކައުންސިލްއަކީ މީޑިއާގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ މިނިވަން މުސްތަގިއްލު މުވައްސަސާއެއް ކަމަށާއި މައްސަލަތައް ބެލުމަށް އެ މުވައްސަސާގައި ކޮމެޓީތަކާއި ގަވައިދުތަކާއި އުސޫލުތައް އެކުލަވާލާފައި އޮންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މައްސަލަތައް ބަލައި މީޑިއާ ކައުންސިލްއިން ފިޔަވަޅުއަޅަން އިރުޝާދު ދެވިގެން ނުވާނެ ކަމަށް ސިނާން ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންނަށް މާނަކުރެވެނީ ބިރުދެއްކުގެ އަމަލެއްގެ ގޮތުގައި. އެއްވެސް ހާލެއްގައި މިވެނި މީޑިއާގެ މައްސަލަ ބަލަން އެވެނި މީޑިއާއެއްގެ މައްސަލަ ބަލަން އެއީ މީޑިއާ ކައުންސިލް އިން އެކަން ކުރާނެ. އެކެން ކުރެވޭނެގޮތް މީޑީއާ ކައުންސިލްތެރޭގައި ހަމެޖހިފައި އޮންނާނެ." ސިނާން ވިދާޅުވި އެވެ.

މީޑިއާގެ ގަވައިދަކާ ހިލާފުވެއްޖެ ނަމަ 2000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އުސޫލާ ގުޅޭ ގޮތުން ސިނާން ވިދާޅުވީ އެކަމުގެ ނިޔަތަކީ ކޮންމެހެން ޖޫރިމަނާކުުރުން ނޫން ކަމަށާއި އަދި އެކަން ކުރަން އުޅެނީ ބިރު ދެއްކުމުގެ ނިޔަތުގައިކަމަށް ބެލެވޭ ކަމަށެވެ.

ސަފާރީ ހާދިސާއާ ގުޅޭ ގޮތުން "މެންދުރު އޮންލައިންއިން"ގައި ގެނެސްދިން ރިޕޯޓެއް އެއްވެސް އުނިއުތުރަކާ ނުލައި ޗެނަލް 13 އިން ގެނެސްދީފައި ވާތީ އެ މައްސަލަ ބަލަން ވެސް ރައްޔިތުންގެ މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ވަނީ އަންގައިފަ އެވެ.

އެކަމަށް އިޝާރާތްކޮށް ސިނާން ވިދާޅުވީ މީޑިއާއަކުން ވެސް މީޑިއާގެ އެތިކްސްއާ ހިލާފަށް ކަމެއްކުރާ ނަމަ އެކަން ބެލެން ޖެހޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. އަދި އެކަމަށް ވެސް ރާއްޖޭގައި ވަކި އުސޫލުތަކެއް ރާއްޖޭގައި ހުރިކަން ސިނާން ފާހަގަކުރެއްވި އެވެ.

"ގާނޫންގެ ތެރެއިން އުސޫލުތަކެއް އެބަހުއްޓޭ. އެ އުސޫލުތަކުގެ ތެރެއިންނޭ އެކަންކަން ހިނގަން ޖެހޭނީ. އެއީ މީޑިއާ ވެސް ބަލައިގަންފައި އޮތް މީޑިއާ ވެސް ރެޕްރެޒެންޓިވްވާގޮތަށް ހެދިފައި އޮތް ބޮޑީތަކެއް. އޭގެ ބޭރުން ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އެކަން ކުރެވިގެން ނުވާނެ،" ސިނާން ވިދާޅުވި އެވެ.

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

"މެންދުރު އޮންލައިން" އަކީ ރެޖިސްޓްރީ ނުކޮށް ހިންގާ ނޫހެއްކަމަށް

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ ފެތުރިފައިވާ އަޑުތަކާ ގުޅޭ ގޮތުން "އަވަސް އޮންލައިންގެ" ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ ނޫސްތަކާއި ޗެނަލްތައް ރަޖިސްޓްރީކުރުމަކީ މިހާރު ދުނިޔޭގެ ތަހުޒީބްވެގެންވާ މުޖުތަމައުތަކުން ނެތެމުންދާކަމެއް ކަަމަށެެވެ. އެހެން ނަމަވެސް އަދިވެސް ރާއްޖޭގެ އުސޫލުތައް އޮންނަނީ ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުން ކަމަށްވާތީ އެންމެ ރަނގަޅުގޮތަކީ އެކަން ކުރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއް ނޫހަކުން ނުވަތަ ޗެނަލެއްގެ ކޮންޓެއްޓެއް އަނެއް ނޫހަކުން ބޭނުންކުރަމަކީ ތަހުޒީބީ އަމަލެއްކަމަށް ވެސް މުންޑޫ ވިދާޅުވި އެވެ.

"ހަމަ ހަވާލާދީފައި ހަމަ ބޭނުންކުރަންވީ." މުންޑޫ ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޕްރެސް ނޫހުގެ ޗީފް އެޑިޓަރު އަލީ ޝައްމަން ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިނިވަން މީޑިއާއަކަށް ވަރަށް ބޮޑަށް ޖާގަ ދިނުން ކަމަށް އަބަދު ވެސް ވާހަަކަ ދައްކަމުން ދިޔަ ކަަމަށެވެ.

"އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވެސް ވިދާޅުވި އެބޭފުޅުންނަކީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނޭ. ރައްޔިތުންގެ މަލިލީހުގެ މެމްބަރުންނަށް އިޝާރާތްކޮށް އެ ވާހަކަ ވިދާޅުވި ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ މަޖިލީހުގައި ތިއްބެވިއޭ މީޑިއާއަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންނެވި ބޭފުޅުން. އޭގެ ތެރެއިން ބޭބޭފުޅުން އެބަތިއްބެވި މިހާރު އަޅުގަނޑުމެން ވަކާލާތުކުރާ މައްސަލާގައި މީޑިއާ ކައުންސިލްގައި ވަކިގޮތަކަށް ކަން ކުރުމަށް އަމަރުކުރި ކޮމެޓީގައި ވެސް. އެ ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މީޑިއާއަކީ ކޮބައިކަމާއި މީޑިއާގެ މަސައްކަތްތައް ހިނގަނީ ކޮން ގޮތަކަށްކަން. ދެން އެހެން އޮއްވަައި ކައުންސިލްއަށް ވަކިގޮތަށް ކަން ކުުރުމަށް އަމުރުކުރުން އެއީ އަޅުގަނޑުމެންނަށް ބަލައިނުގަނެވޭނެކަމަކީ،" ޝައްމަން ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިޔަރެސް ނޫހުގެ ސީނިއާ ޖާނަލިސްޓް އަހުމަދު އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީީޑިއާ ކައުންސިލްއަށް ލިޔުން ފޮނުވުމުން ކަންބޮޑުވާ ކަމަށެވެ. އަދި ވަކި މުވައްސަސާއަކުން ވަކި ގަވައިދެއް ހަދަން އަމުރުކޮށް އެފަދަ ލިޔުމެއް ފޮނުވުމަކީ މަޖިލީހަށް ހާއްސަކޮށް މަޖިލީހުގެ އަމީން އާންމަށް ލިބިގެންވާ ބާރެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އިސްވެރިންގެ މަސްލަހަތު ހިމެނޭ، މައުލޫމާތުތަކެއް އާންމުވެގެން އުޅޭ ދުވަސްވަރެއްގައި އެފަދަ ގަވައިދެއް ހަދަން އެންގުމުން އޭގެން ދޭހަވަނީ ވަކި ބައެއްގެ ވާހަކަ ދެއްކުން މަނާކުރަން ހެދުންކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ދެން 2000 ރުފިޔާ އިން ޖުރިމަނާކުރާ ގޮތަށް ގަވައިދެއް ހަދަން އެންގީ އަޅުގަނޑު ވެސް ގަބޫލްކުރާ ގޮތުގައި ބިރުދައްކަން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިގަވައިދު ހަދަން ސީދާ މަޖިލީހުގެ ކޮމެޓީއަށް މިގޮތަށް މި ސިޓީީ ދޭން އެންގީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެއީ މަޖިލީހުގެ މެމްބަރަކު އަޅުގަނޑަށް މައުލޫމާތު ދެއްވާފައި އޮތީމާ،" އަޒާން ވިދާޅުވި އެވެ.

"މެންދުރު އޮންލައިން"ގެ ކޮންޓެންޓް، ޗެނަލް 13 އިން ގެނެސްދިނުމާ ގުޅޭ ގޮތުން ޗެނަލް 13 އިގެ ޗީފް އެޑިޓަރު ފަތޯނާ ފާއިޒް ވިދާޅުވީ އެ މައުލޫމާތުތައް ގެނެސްދިން އިރު ގެނެސްދޭން މަސައްކަތް ކުރީ ވީހާ ވެސް ތެދަށް މައުލޫމާތުތައް ގެނެސްދޭން ކަމަށެވެ. އަދި އެ ރިޕޯޓް ގެނެސްދިންއިރު ވެސް އެއީ "މެންދުރު އޮންލައިން"ގައި ގެނެސްދީފައިވާ ރިޕޯޓްއެއް ކަމަށް ބުނެފައިވާނެކަމަށް ފަތޯނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރަކަށް އައިސް އެކި މުވައްސަސާތަކުން މައުލޫމާތު ލިބުމުގައި ވަރަށް ދަތިކަމަށާއި އަދި ހާއްސަކޮށް އަލަށް އުފަންވާ ކުދިންގެ ތެރެއިން މަރުވާ ކުދިންގެ މައްސަލަތަަކުގައި މައުލޫމާތު ނުލިބޭ ކަމަށެެވެ.

ރޭގެ ބައްދަލުވުމުގައި ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީން އަބްދުﷲ ވެސް ވަނީ މައުލޫމާތު ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް އެއް އަަހަރަށް ވުރެ ގިނަ ދުވަހު ފުލުގުންގެ މީޑިއާ ގްރޫޕްތަކުން "ވަގުތު ނޫސް" ބޭރުކޮށްގެން އުޅުނު އުޅުން އޭނާ ފާހަގަކުރެއްވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ އިތުރަށް ވިދާޅުވީ އަބަދުވެސް މީޑިއާގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށާއި އަދި ނުފޫޒު ފޯރުވައިގެން މީޑިއާ ކޮންޓްރޯލް ކުރަން މީޑިއާ ތަޅުއަޅުންވަން މަސައްކަތް ކުރާ ކަމަށް ވަންޏާ މީޑިއާގެ ހައްގުގައި އިހުތިޖާޖް ކުރާނެ ކަމަށެވެ.

"މީގެ އެންމެ ބޮޑަށް ކަންބޮޑުވާކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ... އިން މި އަންގަނީ މިވެނި ދުވަހެއްގެ މިވެނި ގަޑިއެއްގެ ކުރިން މީޑިއާ ކައުންސިލްގެ ގަވައިދަށް އެބަދަލު ގެނެސް މަޖިލީހަށް އަންގާށޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީޑިއާ ކައުންސިލްގެ މާނައެއް ހަގީގަތުގައި ނެތް [އެހެން ވެއްޖިއްޔާ]. މީޑިއާ ކައުންސިލްއަކީ މީޑީއާތަކުން އިންތިހާބުވެގެން އަންނަ 15 ބޭފުޅުންގެ ކައުންސިލެއް. އެ ކައުންސިލްގެ ބޭނުމެއް ނެތް ވަކި ގޮތަކަށް ސްޓޭމަޕް ޖަހައި ހަދަން." ހިރިގާ ވިދާޅުވި އެވެ.

comment ކޮމެންޓް