އެލްޖީއޭގެ ބޯޑު ބައްދަލުވުން ބާއްވަން އޮތް ދަތިތަށް ނައްތާލަން ގާނޫނަށް އިސްލާހެއް

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން --- ފޮޓޯ/ މަޖިލިސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ބައްދަލުވުންތައް ބާއްވަން މިހާރު ހުރި ހުރަސްތައް ނައްތާލަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހާއްސަ ގާނޫނަކީ ކޮވިޑްގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ދިގުލައިގެން ދާތީ ކައުންސިލުތަކުގެ ދައުރު ދިގުކުރުމުން ދެން އަމަލުކުރަން ޖެހޭ ގޮތް ބަޔާން ކުރާ ގާނޫނެކެވެ.

އެ ގާނޫނުގެ ދަށުން ބާރު ލިބިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުން ބޯޑު އެލްޖީއޭގެ ބޯޑު އެކުލަވާލާފަ އެވެ. ނަމަވެސް އެ ގާނޫނުގައި އެލްޖީއޭގެ ބޯޑު ބައްދަލުވުން ބޭއްވުމާއި ރިޔާސަތު ބަލަހައްޓާނެ ފަރާތާއި އެފަދަ ތަފްސީލުތައް ހިމަނާފައެއް ނުވެ އެވެ.

މެމްބަރު ފިރުޝާން އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް އަކުރުތަކެއް އިތުރުކުރަން ވަނީ ހިމަނާފަ އެވެ. އެގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސާއި ނައިބު ރައީސްއަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ. އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް ކަމަށެވެ. އަދި އެ އޮތޯރިޓީގެ ނައިބު ރައީސަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޯޑުގެ މެމްބަރެއް ކަމަށް ވަނީ ބުނެފަ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސް ކަމަށް ވަނީ އިސްލާހުގައި ބުނެފަ އެވެ. އަދި ރައީސް ނެތް ހާލަތުގައި ނައިބު ރައީސަށްވެސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އެ ދެ ފަރާތަށް ހާޒިރު ނުވެވޭ ހާލަތުގައި ބޯޑުން ކަނޑައަޅާ މީހަކު ރިޔާސަތު ބަލަހައްޓައިގެންވެސް ޖަލްސާ ބޭއްވޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ބޯޑުގެ ޖަލްސާތައް ބޭއްވޭނެ ހާލަތްތަކެއްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ބޯޑުގެ ޖަލްސާތައް ބޭއްވޭނެ ހާލަތްތައް

  • ބޯޑުގެ ރައީސް ޖަލްސާއަކަށް ގޮވާލުން
  • ބައްދަލުވުމެއް ބޭއްވުމަށް ބޯޑުން ނިންމުން
  • ބޯޑުގެ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުންގެ ތާއީދާއެކު ބޯޑުގެ މެމްބަރަކު ޖައްސާއެއް ބާއްވަން އެދުން

އޭގެ އިތުރުން ހަފްތާއަކު އެއްފަހަރު އެލްޖީއޭ ބޯޑުގެ ބައްދަލުވުމެއް ބާއްވަން ގާނޫނަށް ހުށަހެޅި އިސްލާހުން ލާޒިމް ކުރެ އެވެ. އަދި ބޯޑުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި އެ އޮތޯރިޓީގެ ހިންގާ ގަވައިދުގައި އޮންނަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ފިރުޝާން "ސަން" ވިދާޅުވީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެލްޖީއޭގެ ބޯޑުވެފައި އޮތީ ހަމައެކަނި ކައުންސިލަރުންނަށް ފިޔަވަޅު އަޅާތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެލްޖީއޭ ވާން ޖެހޭނީ ކައުންސިލުތަކުގެ ކެޕޭސިޓީ ބިލްޑް ކުރަން މަސައްކަތް ކުރާ ތަނަކަށް ކަމަށާއި އިސްލާހަކީ އެކަމަށް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކަމަށް ފިރުޝާން ވިދާޅުވި އެވެ.

"މިހާރު އޮތް ބޯޑުންވެސް މަސައްކަތްތަކެއް ކުރޭ. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެލްޖީއޭގެ ބައްދަލުވުންތައް ގިނަ ކުރަން. ބޯޑުން ނިންމަން ޖެހޭ ކަންކަން. ކުރަން ޖެހޭ ކަންކަން ވީހާވެސް އަވަހަށް ކުރަން." ފިރުޝާން ވިދާޅުވި އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވާފަ އެވެ.

comment ކޮމެންޓް