މައްސަލަ ބަލަންވީ މަޖިލީހަކުން ނޫން، ސްޕޯޓްސް ކޮމިޝަނުން: އެފްއޭއެމް

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެފްއޭއެމްގެ ލޯޔަރު ޖައުޝަން ޝަރީފް ---

މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އެފްއޭއެމް އާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ބަލަންވީ މަޖިލީހުގެ ކޮމިޓީތަކުން ނޫން ކަމަށާއި އެ މައްސަލަ ބެލުން އެންމެ ރަނގަޅީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނުން ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި އިންތިހާބީ ކޮންގްރެސްގައި، ބައްސާމަށް އިތުރު ދައުރެއް ދޭން ވަނީ ކްލަބްތަކުން ނިންމައިފަ އެވެ.

އިންތިހާބު ނުބާއްވަން އެފްއޭއެމުގައި އެދެން އިޖްތިމާއީ ކޮމިޓީން މިނިސްޓްރީގައި އެދުނީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެއް އެ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެފްއޭއެމްގެ މައްސަަލައެއް ބެލޭނެކަމަށް ގަބޫލުނުކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވި ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އޭނާއާއި އެފްއޭއެމްގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ލޯޔަރު މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ މި މައްސަލަ މަޖިލީހުން ބެލުމަށް ވުރެން އެންމެ ރަނގަޅު ގޮތަކީ ސްޕޯޓްސް ކޮމިޝަނުން މައްސަލަ ބެލުން ކަމަށެވެ.

ޖައުޝަން ވިދާޅުވީ ދިވެހި ރާއްޖެ ގާނޫނީ ގޮތުން އ.ދ ގެ މެމްބަރަކަށް ވެފައި ވުމާއެކު، 1970 ގެ އިންޓަނޭޝަނަލް ޗާޓާ އޮފް ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސްއަށް އަދި 2009 ވަނަ އަހަރު ލިޒްބަން ޓްރީޓީގެ ދަށުން، ކުޅިވަރާ ގުޅިގެން އަދި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ހުށައެޅޭ މައްސަލަ ތަކަކީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ނޫނީ ނުބެލޭ މައްސަލަތަކެއް ކަމަށް ވަނީ ކަނޑައެޅިފައި ކަމަށެވެ.

"އިއްޒަތްތެރި ކޮމިޓީން ދިވެހި ރައްޔިތުންގެ ހައްގުގައި މި މައްސަލަ ބެއްލެވުމަކީ އަޅުގަނޑުމެން އެއަށް އިއުތިރާޒް ކުރާ ކަމެއް ނޫން. އެހެން ނަމަވެސް ބައިނަލް އަގުވާމީ ގޮތުން އަދި ދިވެހި ރާއްޖޭން ބައިވެރިވެފައި ހުރި މުވާހަދާ ތަކަށް ބަލާއިރު، މިކަން ބެލުން އެންމެ އައުލާކަން ބޮޑުވަނީ ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނުން ވެސް އެ ޒިންމާ މަތިކޮށްފައިވާ ނެޝަނަލް ސްޕޯޓްސްއާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ނޭޝަނަލް ސްޕޯޓްސް ކައުންސިލް ގެ ދަށުން." ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވިދާޅުވީ ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ދަށުން މިކަހަލަ މައްސަލަތައް ބެލުމަށް މިހާތަނަށް އުފެދިފައި ނެތް އާބިޓަނޭޝަނަލް ޕެނަލެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި ގާނޫނުގައި ބުނެފައި އޮންނަ ގޮތުން މިފަދަ މައްސަލަތައް ބެލުމަށް ކުރިން ދެންނެވި އިދާރާތަކަށް އެކަން ދޫކޮށްލުމަށް ޖައުޝަން ވަނީ މަޖިލީސް މެމްބަރުންގެ ފަރާތުން އެދިލައްވާފަ އެވެ.

ޖައުޝަންގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އަދި ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، މަޖިލީހުން މިފަދަ މައްސަލައެއް ބަލަން ފެށުމުގެ ކުރިން ގާނޫނީ ގޮތުން އެކަމަށް އެއްވެސް ހުރަހެއް އޮތްތޯ ބަލާ ކަމަށެވެ. އަދި ގާނޫނީ ހުރަހެއް އެކަމަށް އޮތް ނަމަ މަޖިލީހުން އެ މައްސަލައެއް ނުބައްލަވާނެ ކަމަށާއި، މަޖިލީހަށް މައްސަލަތައް އަންނަނީ ގާނޫނީ ބޭފުޅުންގެ ގާނޫނީ ލަފަޔާ އެއްކޮށް ކަން އީސަ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެން މި މައްސަލަ މި ބަލަނީ ގާނޫނީ އަސާސީގެ 99 ވަނަ މާއްދާއާއި އެ ގާނޫނުގެ ދަށުން ހެދިފައި އޮތް 156 ވަނަ މާއްދާގެ ދަށުން. ރައްޔިތުންގެ 179 ވަނަ މާއްދާގެ ދަށުން އިއްޒަތްތެރި މެމްބަރުންނަށް ލިބިދޭ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން ހުށައަޅުއްވާފައި އޮތް މައްސަލައެއް މިއީ،"

މެމްބަރު އީސަ ވިދާޅުވީ މި މައްސަލައިގައި ކުރިއަށް ހުރި ކޮމިޓީ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށާއި އެފްއޭއެމްގެ ވަކީލު މިކަމަށް ހުރަސްއެޅޭ ނުވަތަ އެކަމާ ގުޅުން ހުރި ގާނޫނުތަކާއި، ބައިނަލް އަގުވާމީ މުވާހަދާ ތަކާ ބެހޭ ލިޔެކިޔުންތައް މަޖިލީހަށް ވީހާ ވެސް އަވަހަށް ލިޔެކިޔުމުން ހުށައެޅުމުން މެނުވީ މި މައްސަލަ ބެލުން ހުއްޓާ ނުލައްވާނެ ކަމަށެވެ.

https://sun.mv/139697

މަޖިލީހުން ބަލަމުންދާ މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވީ، މަޖިލީހަށް ހުށައެޅޭ މައްސަލަތައް މެމްބަރުން ބެއްލެވުމަކީ މެމްބަރުންގެ އަތް މަތީގައި އޮތް ކަމެއް ކަމަށާއި، އެފްއޭއެމުން މިކަމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް