އެފްއޭއެމް ތެރޭގައި ނުރަނގަޅު ކަމެއް ހިނގިޔަ ނުދޭނަން: ބައްސާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ތެރެއިން: މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުން ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ވަނީ ބައިވެރިވެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާ ތެރޭގައި އެއްވެސް ނުރަނގަޅު ކަމެއް ހިނގިޔަ ނުދޭނެ ކަމަށާއި އެތާގެ ތެރޭގައި ހިނގާ ކަމަށް ދެކެވޭ ކޮރަޕްޝަންގެ އަމަލުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް މިއަދު ހާޒިރު ކޮށްފައިވާ އިރު މިފަހަކަށް އައިސް ބައްސާމްއާއި އެފްއޭއެމްއަށް ތުހުމަތު ކޮށްފައިވާ ގިނަ ކަންކަމަށް ބައްސާމް ވަނީ ރައްދު ދެއްވައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ދެ ވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މައްސަލަ މަޖިލީހުން ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރާއްޖޭގެ ގާނޫނުގެ ތެރެއިން އެ ބާރު ލިބިގެން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށެވެ.

އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީން ވާން އަންގައިފިނަމަ ޖާވާބުދާރީ ވާނެ ކަމަށް އޭރު ވިދާޅުވި އިރު މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައްސާމްއާއި އަލަށް އިންތިހާބުވި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު އަދި ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް(ޖަވާ) ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިދާރާގެ ތެރޭގައި ހިނގާ ކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެތަނުގައި ނުރަނގަޅު ކަމެއް ހިނގިޔަ ނުދޭނެ ކަމަށާއި އެފްއޭއެމްއަކީ ގަވާއިދުން އޮޑިޓް ހެދެމުންދާ އިދާރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖެނެރަލް ޕަބްލިކްގައި ވަރަށް ގިނަ ރޫމާސް އެބައުޅޭ. އެއީ ހަމަ ތޯތޯ ވާހަކަތަކެއް ގިނައިން މިއުޅެނީ. އިރެއްގައި ވަކި ބަޔަކު ވަކި ގޮތަކަށް ކަންތައް ކުރީއޭ ކިޔާފައި މިހާރު އެގޮތަށް އަމަލު ކުރާނޭ ކަމަށް ދެެކޭ ދެކުން ބަދަލުވާން އެބަޖެހޭ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްއާ ބެހޭ ގޮތުން އެންމެ ފުރަތަމަ ބޮޑު ތުހުމަތު ތަކެއް ކުރެވެން ފެށީ ކުރީ ސަރުކާރުގައި ރައީސް ޔާމީންގެ އަނބިކަނަބަލުން ފާތިމަތު އިބްރާހިމްގެ ކެމްޕެއިން އޮފީހެއް އެފްއޭއެމްގެ އިދާރާ ތެރޭގައި އިން ކަމުގެ ވާހަކަތަކަކާ އެކު އެވެ. އެފްއޭއެމުން އެކަން އޭރު ދޮގު ކުރި ނަމަވެސް ބައެއް ކުލަބުތަކާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ އޭރު އެކަން ހިނގި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ކޮރަޕްޝަނުގެ ހަޑި މުޑުދާރު އަމަލުތައް އެތާ ތެރޭގައި ހިނގާވާހަކަ، އަޅުގަނޑު ޔަގީންކަން ދެން ކޮންމެ އަހަރަކުވެސް ތިންފަރާތަކުން އަޅުގަނޑުމެންގެ އޮޑިޓްތައް ހެދިގެންދާނެ. ފީފާގެ ފަރާތުން އޮޑިޓް ހެދޭނެ. އޭއެފްސީގެ ފަރާތުން އޮޑިޓްތައް ހެދިގެން ދާނެ. އަދި އަޅުގަނޑުމެން އައްޔަން ކޮށްފައިވާ އޮޑިޓާގެ ފަރާތުން ކޮންމެ އަހަރަކުވެސް ހެދިގެންދާނެ،"

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އިދާރާއަށް ހެދޭ ހުރިހާ އޮޑިޓެއް ވެސް އެ އިދާރައިގެ މެމްބަރު ކުލަބުތަކަށާއި، އެ އިދާރައިގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަށް ގަވާއިދުން ހިއްސާ ކުރަމުންދާ ކަމަށެވެ.

"އެފްއޭއެމް ތެރޭގައި ނުރަނގަޅު އެއްވެސް އަމަލެއް ހިންގިޔަކާ ނުދޭނަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ފީފާއާއި، އޭއެފްސީގެ ސްޓެޓިއުޑްސްއާއި ރާއްޖޭގެ ހެދިފައި އޮންނަ ކުޅިވަރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް،"

comment ކޮމެންޓް