މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގދ. ތިނަދޫއަށް އުދައަރާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް އެއް ހުށަހަޅައިފި އެވެ.
ވޭތުވެ ދިޔަ ދެ ދުވަހު އަދި މީގެ ކުރިން ވެސް މި މޫސުމާ ދިމާކޮށް ތިނަދޫއަށް އުދައަރާ މައްސަލާގައި އެރަށަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އެވެ. މައްސަލަ ހުށަހަޅުއްވަމުން ސަނީފު ވިދާޅުވީ އުދައެރުމުގެ ސަބަބުން ތިނަދުއާއި ގދ. އަތޮޅުގެ ގިނަ ރަށްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ސަނީފު ވިދާޅުވީ އުދައުރުމުގެ މައްސަލައަކީ ކޮންމެ އަހަރަކުވެސް ހަވަރަކަށް ފަހަރު އެރަށްރަށަށް ކުރިމަތިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެކަމަށް އަދިވެސް މިހާތަނަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އއ. ރަސްދޫއަށް އުދައަރާފައި--- ފޮޓޯ: ފުލުހުން
"އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބި މިކަން ދިގުލައިގެން ދިއުމަކީ އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ 12000 ވަރަކށް ރައްޔިތުންނަށާއި ކޮންމެ ހަފްތާއަކު ތިން ދުވަހު ކަހަލަ ގޮތަކަށް ފެރީތަކުން އެކި ބޭނުންތަކަށް ރަށަށް އަރާ ފައިބާ އަތޮޅުގެ 1500 އެއްހާ ރައްޔިތުންނަށް އެހާމެ ނުރައްކާތެރި ކަމެއް." ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވި އެވެ.
ސަނީފު ސަރުކާރަށް ގޮވާލާފައި ވަނީ އެ މައްސަލައަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މޫސުން ގޯސްވެ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށް ރަށަށް އާދަޔާ ހިލާފަށް ބޮޑަށް ދަނީ އުދައަރަމުންނެވެ.
މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައިވާ އިރު މީގެ ކުރިން އުދަ ނާރާ ވަރަށްް ބައެއް ރަށްރަށަށް އުދަ އަރާ ވަނީ ފެންބޮޑުވެފަ އެވެ. މީގެ އިތުރުން އަންނި ޖެޓީގެ ނަމުން މަޝްހޫރުވެފައިވާ މާލޭގެ ނޯތް ހާބަރު ސަރަހައްދާއި އެމްޕީއެލްގެ މައި ޕޯޓަށް ވެސް ދަނީ ވަރަށް ބޮޑަށް އުދައަރަމުންނެވެ.