އުދަ އެރުމުގެ ބިރުވެރި މަންޒަރުތަކެއް، މުޅި ރަށް ލޮނުގަނޑު ތެރެއަށް!

ކ. ދިއްފުއްޓަށް މިއަދު އުދަ އަރާފައި --- ފޮޓޯ : އަހުމަދު ނާޝިޒް / ޓްވިޓާ

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މޫސުން ގޯސްވެ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށް ރަށަށް އާދަޔާ ހިލާފަށް ބޮޑަށް އުދަ އަރަމުން އެބަދެ އެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފައިވަނީ މިއަދު މެންދުރުން ފެށިގެން ހަވީރު 4:00 އާ ދެމެދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައިވާ އިރު މީގެ ކުރިން އުދަ ނާރާ ވަރަށްް ބައެއް ރަށްރަށަށް އުދަ އަރާ ވަނީ ފެންބޮޑުވެފަ އެވެ. މީގެ އިތުރުން އަންނި ޖެޓީގެ ނަމުން މަޝްހޫރުވެފައިވާ މާލޭގެ ނޯތް ހާބަރު ސަރަހައްދާއި އެމްޕީއެލްގެ މައި ޕޯޓަށް ވެސް ދަނީ ވަރަށް ބޮޑަށް އުދައަރަމުންނެވެ.

ގދ. ތިނަދުއަށް މިއަދު އުދައަރަނީ --

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި ފަހުން މާލޭގެ ނޯތު ހާބަރު ސަރަހައްދަށް އުދަ ނާރާ ވަރަށް ދަނީ އުދަ އަރައި މާލެ ތެރެއަށް ލޮނުގަނޑު ވަންނަމުންނެވެ.

އަތޮޅުތެރޭގެ އެކި ރަށްތަކަށްވެސް ދަނީ އުދައިގެ އަސަރު އެކި ވަރަށް ކުރަމުންނެވެ. އެގޮތުން ކ. އަތޮޅު ދިއްފުއްޓާއި ތުލުސްދޫ އާއި އއ. ރަސްދޫ އަދި ނ. މަނަދޫ އާއި ރ. ވާދޫ އަދި ލ. ކުނަހަންދޫ އަށްވެސް ވަނީ އުދަ އަރައިފަ އެވެ.

ބައެއް ރަށްރަށުގެ މީހުން "ސަން"އަށް ބުނީ މިފަހުން އެހާ ބޮޑަށް އުދަ އަރަނިކޮށް ފެނިފައި ނުވާ ކަމަށެވެ. ބައެއް ރަށްރަށުގެ އެތެރެއަށް ލޮނުގަނޑު ވަންނަމުން ދިޔައިރު ހީވީ ރަށް އަޑިއަށް ދާހެން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އެހާ ބޮޑަށް އުދައެރުމާ ގުޅިގެން ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. ތަބިކަށްޓަށް ވުރެ މައްޗަށް ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ގދ. ތިނަދުއަށް އުދަ އަރަނީ -- ފޮޓޯ/ އަލީ ނަދީމް، ޓްވިޓާ

ކ. ތުލުސްދޫ: 10 ވަރަކަށް ގެއަށް ގެއްލުން

ތުލުސްދޫ ކައުންސިލުގެ ރައީސް އަހުމަދު އަނީސް، ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު އެރަށަށް އުދަ އެރުން ހުއްޓިފައިވާ ކަމަށެވެ.

އެހެންނަމަވެސް އުދައިގެ އަސަރު، އަތިރިމަތީހުރި ގެތަކަށް ކޮށްފައިވާ ކަމަށް އަނީސް ވިދާޅުވި އެވެ. އެގޮތުން ގާތްގަނޑަކަށް 10 ވަރަކަށް ގެއަށް އުދަ އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ އުދައިގެ އަސަރު ކުރަމުން ދިޔަ ގެތައް ގާތުގައި ވެލި ބަސްތާ ޖަހާފައި ކަމަށެވެ.

ކ. ދިއްފުށި: 20 ގެއަށް ގެއްލުން

ސަން އަށް މައުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް އަޒީމް ވިދާޅުވީ މިއަދު މެންދުރު ފަހު 1:30 ހާއިރު އައި ކޮޅިގަނޑުގައި ރަށަށް އުދަ އަރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދިޔަވަރު ކުޑަވަމުންދާތީ މިހާރު އެހާ ބޮޑަށް އުދަ އަރަމުން ނުދިޔަ ނަމަވެސް އުދައިގެ އަސަރު އަދިވެސް ކޮންމެވެސް ވަރަކަށް ކުރަމުންދާ ކަމަށް އަޒީމް ވިދާޅުވި އެވެ.

އަޒީމް ވިދާޅުވީ އުދައިގެ އަސަރު ރަށުގެ 20 ވަރަކަށް ގެއަށް ކޮށްފައިވާ ކަމަށެވެ. އަދި ގެތަކަށް ގެއްލުންވާ ވަރު ކުޑަކުރުމަށްޓަކައި އެ ގެތަކުގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުދައިގެ އަސަރު މާދަމާވެސް ކުރާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އއ. ރަސްދޫ: ރަށުގެ މުހިންމު އިމާރާތްތަކަށް ގެއްލުން

ސަން އަށް މައުލޫމާތު ދެއްވަމުން އއ. ރަސްދޫ ކައުންސިލުގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ އެރަށަށް އެންމެ ބޮޑަށް އުދަ އަރާފައިވަނީ މިއަދު މެންދުރު 2:330 އެހާއިރު ކަމަށެވެ.

އުދައިގެ އަސަރު ރަށުގެ ހަ ގެއަކާއި އަތޮޅު ކައުންސިލުގެ އިމާރާތަށް އަދި ސްކޫލަށްވެސް ކޮށްވައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އުދައިގެ އަސަރުކޮށްފައިވާ ހަ ގޭގައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.

މިހާރު ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އުދައިގެ އަސަރު ކޮށްފައިވާ ތަންތަނުގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގދ. ތިނަދުއަށް ވެސް މިއަދު މެންދުރެއްހާއިރު ވަރަށް ބޮޑަށް އުދަ އަރައި ރަށުގެ މުހިންމު ސަރަހައްދުތަކެއްގައި ފެންބޮޑުވި އެވެ.

މެޓް އޮފީހުން އަދި ބުނެފައިވަނި މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތައް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެކި ހިސާބުގެ ކަނޑުތައް ގަދަވެ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް