ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހެކަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެއާއެކު މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ގަލޮޅި ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހުށަހަޅުއްވާފައެވެ.
ނަމަވެސް އެކަމާ ގުޅޭ ބިލެއް މަޖިލީހުގައި އޮތުމުން ޝަރުތު ހަމަނުވާކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
މެންބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސައްހަކަމާ ގުޅޭގޮތުން ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.
މެންބަރު މީކާއިލް -- ފޮޓޯ/ މަޖިލިސް
އެކަން ފާހަގަކުރައްވައި މީކާއީލްގެ ސިޓީގައި ވިދާޅުވެފައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މިހާރު އެ ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފައެވެ.
އެގޮތުން ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސުޕްރިމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ނުފޫޒުފޯރުވުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
ވަކިން ޚާއްސަކޮށް ފަނޑިޔާރުންގެ އަދަދު ވަކިކޮށްފިނަމަ، އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލިގެންދާ ދުވެލި ލަސްވެ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނުނިމި ދިގުލައިގެންދާނެ ކަމަށް ވެސް މެންބަރު މީކާއިލް ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާގޮތަށް އަދި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާ ޚިލާފަށް އަދި ގާނޫނުތައް އެކުލަވައިލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެންނުވާކަމާއި، ގާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ގާނޫނެއްވެސް ވާނީ ބާތިލު އެއްޗެއްކަމުގައި ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައި،
މީކާއިލް ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލައި ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ފާސްކުރެވޭ ގާނޫނަކީ ގާނޫނުއަސާސީއާ ޚިލާފަށް ފާސްކުރެވޭ ގާނޫނެއް ކަމަށެވެ.
އަދި އެކަން ކުރުން ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވައިލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން --
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް އެންމެ ފަހުން ބަދަލުގެނައީ އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަހަކަށް މަދުކުރި ބެންޗު، ހަތެކަށް އަނެއްކާ ވެސް އިތުރުކުރުމަށެވެ.
މިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ޖޭއެސްސީއަށް ނޮވެމްބަރު 23، 2023ގައި އެ މަނިކުފާނު އައްޔަންކުރެއްވި މުޙައްމަދު ސަމީރު މަގާމުން ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފައެވެ.
އެމްޑީޕީން ވަނީ، މިދިޔަ މަޖިލިސް އިންތިޚާބުގައި ޔަޒްމީދު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށްފައެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާގައި ތަޖުރިބާ ހުރި މީހެއް ނޫން ކަމަށާއި އެހެންވެ، މި ބަދަލު ގެނައި ވަގުތުގެ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ:
- އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
- ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
- ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު
- ފަނޑިޔާރު މަހާރު އަލީ ޒާހިރު
- ފަނޑިޔާރު ހުސްނުއްސުއޫދު
- ފަނޑިޔާރު އަލީ ރަޝީދު ހުސައިން
- ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހެވެ. އޭގެ ހަތަރު ދުވަސް ފަހުން 24 ވަނަ ދުވަހު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގުކުރެއްވިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަހެއްހައި ދުވަސް ފަހުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ. އެ ކޯޓުގައި މައްސަލަ ބައްލަވަނީ މުޅި ބެންޗުންނެވެ.