އެކްސްޕޯޓު އިމްޕޯޓުގެ ބިލު ބަލައިގަނެ، ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވަން ފާސްކުރީ 62 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.

މިއީ ޓެކްސް އާ ގުޅޭ ބިލަަކަށް ވާތީ، އެ ބިލު ދިރާސާކުރާނީ މުޅި މަޖިލީހުގެ ކޮމެޓީން ކަމަށާއި، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި މުޅި ކޮމެޓީގެ މަސައްކަތް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައި، އިމްޕޯޓު ޑިއުޓީތަކަށް ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅައިފައެވެ.

ކާރު، ޖީޕު އަދި ވޭނުން ނަގާ ޑިއުޓީ ކުޑަކުރަނީ

ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ކާރު، ޖީޕް، އަދި ވޭން ތަކުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނަގަމުން އައި މިންވަރު ކުޑަކުރަން ބިލުގައި ހިމަނާފައިވެއެވެ.

މިހާރުގެ ގާނޫނުގައި ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ކާރު، ޖީޕް، ވޭންގެ ޑިއުޓީގެ ގޮތުގައި ބުނެފައި ވަނީ 200 ޕަސެންޓެވެ. ނަމަވެސް އެ މިންވަރު 100 ޕަސެންޓަށް ކުޑަކުރަން ބިލުގައި ހިމަނާފައިވެ އެވެ.

އެހެން ނަމަވެސް ކާރު، ޖީޕު އަދި ވޭންގެ ތެރެއިން ބޭނުންކޮށްފައި ހުންނަ އުޅަނދު އެތެރެކުރާ ނަމަ، ޑިއުޓީގެ ގޮތުގަައި 300 ޕަސެންޓު ކަނޑައެޅުމަށް ވެސް ބިލުގައި ވެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަނީ

ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށާއި ބިޑިން ޑިއުޓީ ނަގަން ފެށުމަށް ބިލުގައިވެއެވެ.

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ކޮންމެ ބިޑިއަކުން ވެސް ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގަން ވަނީ ހިމަނައިފަ އެވެ. ހަމައެއާއެކު ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއިި އޭގެ ބައިތަކުން ވެސް 200 ޕަސެންޓު ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވެއެވެ.

ބައިސްކަލާއި އޭގެ ބައިތަކާއި، އަދި ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެއެވެ.

އިމާރާތްކުރަން ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ އުނިކުރަނީ

ރާއްޖެއަށް އެތެރެކުރާ އިމާރާތްކުރަން ބޭނުންކުރާ ސާމާނުގެ ތެރެއިން ބައެއް ތަކެތިން ނަގާ ޑިއުޓީ އުނިކުރަން ވެސް ބިލުގައި ވެއެވެ.

އެ އިސްލާހުގައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން ނަގަމުން އައި ފަސް ޕަސެންޓުގެ ޑިއުޓީ ސުން ޕަސެންޓަށް ކަނޑާލަން ވަނީ ހުށަހަޅާފަ އެވެ. އަދި ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.

ޒިންކުން ހަދާފައިވާ ހުންނަ ތަކެތީގެ ތެރެއިން ޓިނު، ތިނބި އަދި ދިޔަދޮވިން ކުރިން ނަގަމުން އައި 15 ޕަސެންޓު ޑިއުޓީ ސުން ޕަސެންޓަށް ކަނޑަން ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ވަނީ ހުށަހަޅާފަ އެވެ.

ލަކުޑީގެ ބަޔަށް ބަލާއިރު ލަކުޑި، ޕްލައިވުޑް އަދި ކުނބުން ނަގާ ޑިއުޓީއަށް ބަދަލެއް ގެންނަން ހިމަނާފައި ނުވެ އެވެ. ނަމަވެސް އެނޫން ބާވަތްތަކުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން އެ ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

comment ކޮމެންޓް