ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފަށަނީ

ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށާއި ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަސް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ.

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ކޮންމެ ބިޑިއަކުން ވެސް ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގަން ވަނީ ހިމަނައިފަ އެވެ.

ހަމައެއާއެކު ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއިި އޭގެ ބައިތަކުން ވެސް 200 ޕަސެންޓު ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވެއެވެ.

އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރު އެވެ.

އިމްޕޯޓު ޑިއުޓީއަށް އަދި ކަސްޓަމްސް ޑިއުޓީއަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.

comment ކޮމެންޓް