އިމާރާތްކުރަން ބޭނުންކުރާ ސާމާނުން ނަގާ ޑިއުޓީ އުނިކުރަން ހުށަހަޅައިފި

ޖެނުއަރީ 5، 2020: މާލޭގެ އިމާރާތްތަކާ ގެދޮރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އެތެރެކުރާ އިމާރާތްކުރަން ބޭނުންކުރާ ސާމާނުގެ ތެރެއިން ބައެއް ތަކެތިން ނަގާ ޑިއުޓީ އުނިކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ.

އެ އިސްލާހުގައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން ނަގަމުން އައި ފަސް ޕަސެންޓުގެ ޑިއުޓީ ސުން ޕަސެންޓަށް ކަނޑާލަން ވަނީ ހުށަހަޅާފަ އެވެ. އަދި ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.

ޒިންކުން ހަދާފައިވާ ހުންނަ ތަކެތީގެ ތެރެއިން ޓިނު، ތިނބި އަދި ދިޔަދޮވިން ކުރިން ނަގަމުން އައި 15 ޕަސެންޓު ޑިއުޓީ ސުން ޕަސެންޓަށް ކަނޑަން ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން ވަނީ ހުށަހަޅާފަ އެވެ.

ލަކުޑީގެ ބަޔަށް ބަލާއިރު ލަކުޑި، ޕްލައިވުޑް އަދި ކުނބުން ނަގާ ޑިއުޓީއަށް ބަދަލެއް ގެންނަން ހިމަނާފައި ނުވެ އެވެ. ނަމަވެސް އެނޫން ބާވަތްތަކުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރަން އެ ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ކަނޑަން ހުށަހަޅާފައިވާއިރު، ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

އިމްޕޯޓު ޑިއުޓީއަށް އަދި ކަސްޓަމްސް ޑިއުޓީއަށް ގެންނަ ބަދަލުތަކާއެކު 558.2 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ.

comment ކޮމެންޓް