މެމްބަރުންގެ އަނބިދަރިންްގެ މާލީ ބަޔާން އާންމުނުކުރުން، އެޖެންޑާ19 އާ ހިލާފު!

އެޖެންޑާ19 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މަޖިލިސް މެމްބަރުން ކޮންމެ އަހަރަކު އެއް ފަހަރު ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ތައްޔާރުކުރެވި، އޮޑިޓްކުރެވި، އޮޑިޓަ ޖެނެރަލަށް ހުށަހަޅައި މަޖިލިސް ވެބްސައިޓުގައި އާންމުކުރާނެއެވެ."

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި، މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިއްކި އެޖެންޑާ19 ގައި ސާފު އިބާރާތުން ލިޔެވިފައި ވަނީ މިހެންނެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރީންގެ މާލީ ބަޔާން އާންމުނުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް މިވަނީ ފަށައިިފަ އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން މަޖިލީސް އިންތިޚާބަށް ކުރި "އެޖެންޑާ 19" ކެމްޕޭން ނިންމާލުމުގެ ގޮތުން ލޮނުޒިޔާރަތްކޮޅުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަޖިލީހުގެ އާންމު ކޮމެޓީން މިވަނީ ގަވާއިދު އިސްލާހުކުރުމަށް ފާސްވެސް ކޮށްފަ އެވެ. ކޮމެޓީން ފާސްކުރީ، މެމްބަރުންނާއި، މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހުނު ނަމަވެސް، މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ނުޖެހޭ ގޮތަށެވެ.

މި އިސްލާހާއެކު މިވަނީ ވަރަށް ބޮޑަށް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ. އަދި ހަމައެކަނި މެމްބަރުންްގެ މާލީ ބަޔާން އާންމު ނުކުރުމަކީ ކޮރަޕްޝަނާއި ވައްކަމަށް ހުޅުވޭ އިިތުރު ދޮރެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި ކެމްޕޭނުގައި ނަޒާހަތްތެރި މަޖިލީހެއްގެ ވައުދުވިއެވެ. އެމްޑީޕީން އޭރު ބުނެފައި ވަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނޭ ކަމުގެ އިތުބާރު އުފެއްދޭނީ "ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހިދުމަތްކުރާނޭ ނަޒާހަތްތެރިކަމުގެ މިންގަނޑެއްގެ ތެރޭގައި ދެމިހުރެގެން" ކަމަށެވެ.

ނަމަވެސް ފޮނި ވައުދުތަކާ ވާހަކަތަކެއް ދެއްކުމަށްފަހު، މިހާރު ވީ ވައުދާ ހިލާފަށް ކަންކަން ކުރަން އުޅުމުން އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ވަނީ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.

"މިއީ މިކަން ވާންވީ ގޮތެއް ނޫން. މަޖްލިސް މެންބަރުން ކޮރަޕްޝަނުން ހޯދާ ފައިސާ ރައްކާކުރާ އެއް ގޮތަކީ އަނބިދަރިންގެ ނަމުގަ ކަން ކުރީގެ މަޖްލިސް ތަކުންވެސް އޮތީ އެނގެން. އެ ވާހަކަ ދައްކާފަ، އެކަން ބަދަލުކުކުރަން އައިސް މިހެން ވީ ކީއްވެ؟ ދެން ރައްޔިތުން ކައިރިއަށް ގޮސް ބުނާނީ ކީކޭ؟،" ސޯޝަލް މީޑިއާ އެކްޓިވިސްޓް، އަދި މިހާރު ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތްކުރާ ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ އިސް ވަޒީފާތަކުގައި ބޮޑު މުސާރައާއެކު ތިބެނީ ރައްޔިތުންގެ އިތުބާރުލިބި ދައުލަތަށް ހިދުމަތްކުރަން ކަމަށެވެ.

އެ ވަޒީފާގެ މުއްދަތުގައި ލިބޭ މުދަލާއި ފައިސާ އަދި އަނބިދަރިންނަށް ހޯދައިދޭ މުދަލާއި ފައިސާގެ މައުލޫމާތު ހާމަކުރަން ލަދުގަންނަ ނަމަ، ރައްޔިތުން "ވަގަށް" ގޮވާނެ ކަމަށެވެ.

"ސަރުކާރުގެ ވެރިންނާއި މަޖްލީހުގެ މެމްބަރުންގެ މާލީ ބަޔާނުގައި އެ ފަރާތްތަކުގެ ފިރިންނާއި އަނބިންނާއި އެފަރާތަކުން މާލީ މުއާމަލާތް ހިންގާ ދަރިންގެ މާލީ ބަޔާންވެސް ހިމެނެންޖެހޭ،
މިހާތަނަށް ހިންގާފައިވާ ގިނަ ކޮރަޕްޝަނާއި ހިޔާނާތުގެ ފައިސާ ދޮންނަނީ ގޭތެރޭގެ ބޭންކް އެކައުންޓްތަކުން،" ޒަރިޔަންދު ވިދާޅުވި އެވެ.

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

މައްސަލައާ ގުޅިގެން ރައްޔިތުންް ނުރުހުން ފާޅުކުރަން ފެށުމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ހުރިހާ މާލީ ބަޔާންތައް ވެސް އާންމު ކުރަންވާނެ ކަމަށާއި، ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނެތް ކަމަށެވެ.

މަޖިލީހުގެ އާންމު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ، އެ އިސްލާހުތަކަށް ކޮމެންޓްކުރުމަށް އެދި މަޖިލީހުގެ އިދާރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓާ ޖެނެރަލްގެ އޮފީހާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ފޮނުވި ކަމަށެވެ. އަދި އިސްލާހުގެނައުމުގައި އެފަރާތްތަކުން ދިން ކޮމެންޓަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ޒާތީ އަދި ޝަޚްސީ މައުލޫމާތު ނުހިމަނައި، އެ ބަޔާންތައް އާންމުކުރުމަކީ، ހުށަހަޅާ ފަރާތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ޔަގީންކޮށްދީ، އެ ފަރާތްތަކުގެ ނަޒޭހަތްތެރިކަމާމެދު އުފައްދާ ސުވާލުތަކާމެދު ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް، އެ މައުުލޫމާތުތައް އާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނެފައި ވަނީ މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ރަނގަޅު މިންގަނޑަކީ މެމްބަރުންނާއި، މެންބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް ހުށަހެޅުން ކަމަށެވެ.

އެހެން ނަމަވެސް އެ ބަޔާންތައް ތަފްސީލްތައް އާންމުކޮށް ފެންނަގޮތަށް އާންމުކުރުމަކީ ބަހުސް ކުރެވޭ ކަމެއް ކަމަށެވެ. ސަބަބެއް ކަމުގައި ބުނެފައި ވަނީ، އެކަމުގެ ސަބަބުން ޒާތީ މައުލޫމާތު އާންމުވުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.

އެހެންކަމުން ވެބްސައިޓިގައި މާލީ ބަޔާން ޝާއިއުކުރާއިރު މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންްގެ މާލީ ބަޔާން އުނިކުރުމަަށްފަހު ހަމައެކަނި މެމްބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޓްރާންސްޕޭރެންސީން ވަނީ ކޮމެޓީ ރިޕޯޓުގައި، ކޮމެންޓުގެ އެއް ބައި ފާހަގަކޮށްފައި ނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓުގެ 4.2 ނުކުތާގައި ފާހަގަކޮށްފައި ވަނީ "ވެބަސައިޓުގައި ޝާއިއުކުރާއިރު މެންބަރުގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ހަމައެކަނި މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް" ޓީއެމްއިން ބުނާ ބުނުމެވެ.

ނަމަވެސް، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ޝާއިއު ކުރާނީ، ހުރިހާ މައުލޫމާތެއްވެސް މިނިވަންކޮށް ޔަގީންކުރެވޭނޭ އުސޫލެއް ގާއިމުކޮށް އަމަލުކުރެވެން ފެށުމުން ކަމަށް ޓީއެމްއިން ހުށަހަޅާފައިވާ ބައި ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައި ނުވެ އެވެ.

"ކޮމިޓީގެ ރިޕޯޓުގައި، މަޖިލީހަށް މިޖަމިއްޔާއިން ހުށައެޅި ލަފާގައިވާ ބައެއް، މަތީގައި ދެންނެވުނު ގޮތަށް ފާހަގަކޮށް، އެއާވިދިގެން އޮތްބައި ފާހަގަ ކޮށްފައިނުވާތީ އެކަމާ މިޖަމިއްޔާއިން ކަންބޮޑުވަމެވެ." ޓީއެމްއިން ބުންޏެވެ.

ޓީއެމްއިން ދީފައިވާ ލަފައެއްގެ ބައެއް ބޭނުންކުރުމަށްފަހު، އެއާ ވިދިގެން އޮތްބައި އުނިކުރުމުން، އެ ޖަމިއްޔާއިން ހުށަހެޅި ލަފާގެ މާނައާއި ފުރިހަމަކަން ގެއްލި، އަދި އެ ލަފާ ދޭތެރޭ ބޮޑު އޮޅުން އަރާގޮތް މެދުވެރިވުމަކީ އެކަށީގެންވާކަމެއް ކަމަށް ޓީއެމްއިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިގޮތަށް އިސްލާހުކުރުމާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، އެ އިސްލާހު ފާސްކުރާނީ މަޖިލީހުގެ ތަޅުމުންނެވެ.

comment ކޮމެންޓް