އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންއަކީ ޝަހީދެއްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.
އެމެރިކާގެ ސިފައިންގެ ހާއްސަ ޔުނިޓަކުން ބިން ލާދިން މަރާލީ 2011 ވަނަ އަހަރުއެވެ. އޭނާ މަރާލައިފައިވަނީ ޕާކިސްތާނުގެ އަބޮޓްއާބާދުގައި ފިލައިގެން އުޅެނިކޮށެވެ.
"އެމެރިކާގެ ސިފައިން ޕާކިސްތާނުގެ އަބޮޓްއާބާދުގެ ތެރެއަށް ވަދެ އުސާމާ ޝަހީދުކޮށްލި ހާދިސާގައި ގައުމު ގަތް ލަދު އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ." އިމްރާންހާން ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އިމްރާންގެ ވާހަކައަށް ރައްދު ދެއްވައި ޕާކިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އޮޕޮޒިޝަން ލީޑަރު ޚަވާޖާ އާސިފް ވިދާޅުވީ ބިން ލާދިންއަކީ މުޅި ޕާކިސްތާނު ހަލާކޮކޮށްލި މީހެއް ކަމަށެވެ.
"އެކަމަކު ތި ވިދާޅުވަނީ އޭނާއަކީ ޝަހީދެކޭ" ޚަވާޖާ ވިދާޅުވިއެވެ.
ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭނަޒީރު ބުއްޓުގެ ދަރިފުޅު ބިލްވާލް ބުއްޓޫ ޒަރުދާރީ ވިދާޅުވީ އިމްރާން ދެއްކެވި އެ ވާހަކަފުޅަކީ ހައްދު ފަހަނައަޅައި ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ.
އިމްރާންއަކީ ޓެރަރިސްޓުންނަށް ހަމްދަރުދީވާ މީހެއް ކަމަށް ބުނެ އެމަނިކުފާނަށް "ތަލިބާން ޚާން"ގެ ނަމުންވެސް އިމްރާނާ ދެކޮޅު ފަރާތްތަކުން މީގެ ކުރިން ކިޔައެވެ.
މީގެ އެތައް އަހަރެއް ކުރީގެ ޓީވީ އިންޓަވިއުއެއްގައިވެސް ބިން ލާދިންއަކީ ޓެރަރިސްޓެއްކަމަށް ވިދާޅުވާން އިމްރާން ދެކޮޅު ހެއްދެވިއެވެ.
ޕާކިސްތާނުގެ މަޝްހޫރު އެކްޓިވިސްޓް މީނާ ގަބީނާ ވިދާލުވީ ބައެއް ޓެރަރިސްޓުންގެ ހަމަލާތަކާ ހުރެ މުސްލިމުންނާމެދު މީހުން ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. އަދި ބިން ލާދިންއަކީ ޝަހީދެއްކަމަށް ނިސްބަތްކޮށް އިމްރާން އެފަދައިން ވިދާޅުވުމަކީ އަލިފަންފަނޑަށް ދަރުއެޅުން ފަދަކަމެއް ކަމަށެވެ.
ބިން ލާދިންއަކީ ޝަހީދެއްކަމަށް އިމްރާން ވިދާޅުވިއިރު ދާދި ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގައި ބުނީ ޕާކިސްތާނަކީ އަދިވެސް ޓެރަރިސްޓުންގެ ހާއްޔެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ފޮރިން އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ބީބީސީ--