ރ. އަތޮޅު އޮޕަރޭޝަން: ޖަމާއަތް ހަދައިގެން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހަ މީހެއްގެ ބަންދު ޖަހައިފި

ރ. މަޑުއްވަރީން އިއްޔެ ފުލުހުން ބަލާ ފާސް ކުރި ގެއެއް: މި އޮޕަރޭޝްގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި ރ. މަޑުވަރީން ހައްޔަރު ކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި ހަ މީހުންވެސް ހައްޔަރުކޮށްފައިވަނީ، ރ. އަތޮޅުގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭންގައެވެ. މި އޮޕަރޭންއަކީ، އެ އަތޮޅު ފަޅު ރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ފުލުހުން ހިނގި އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންގައި މިހާރު ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންނެވެ.

މި އެންމެގެ ބަންދަށް މިއަދު ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭންގެ ތެރެއިން: ހައްޔަރު ކުރި ހަ މީހުންގެ ބައްދަށް ހަތް ދުވަސް ވަނީ ޖަހާފައި --- ފޮޓޯ/ މަޑުއްވަރީއޮންލައިން

ފުލުހުން ބުނީ، އެމީހުންގެ ތެރެއިން ފަސް މީހަކު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރުންނެވެ. އަދި އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ ތިން ތަނަކާއި އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ހަވަނަ މީހާ ހައްޔަރުކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

މަޑުއްވަރީ ގެއެއް ފުލުހުން ބަލާ ފާސް ކުރަނީ: އެރަށު ތިން ތަނެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައި -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވިއެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "ސަން" އަށް ބުނި ގޮތުގައި އިއްޔެ ފުލުހުންނާއި ސިފައިން އެ ރަށުގައި ހިންގާ އޮޕަރޭޝަންގައި ފާސްކޮށްފައި ވަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފާސްކުރި ގެތަކެވެ.

https://sun.mv/138899

comment ކޮމެންޓް