ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނާތީ އެކަމާ ދެކޮޅަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރ. އަތޮޅުގައި ފުލުހުން ހަރަކާތެއް ހިންގަމުން އަންނަނީ ފަޅު ރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، ވައްކަން ކުރުމާ މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީ އެވެ.
އެގޮތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިފައިިވާ ކަމަށެވެ.
އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން އެ އަތޮޅުގައި ފުލުހުން ހަރަކާތެއް ހިންގަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ހިންގާ ހަަރަކާތުގެ ދަށުން، ރ. މަޑުއްވަރީގައި ވެސް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ ފަހަރުވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "ސަން" އަށް ޔަގީންކަން ދިން ގޮތުގައި މިއަދު ފުލުހުންނާއި ސިފައިން އެ ރަށުގައި ހިންގާ އޮޕަރޭޝަންގައި ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފާސްކުރި ގެއެކެވެ.