ތުރުކީގެ ބޯޑަރު ހުޅުވާލައިފި

ތުރުކީގެ އާސާރީ ސަރަހައްދެއްގައި ބަޔަކު --

ކޮވިޑް19 އާއި ގުޅިގެން ތުރުކީވިލާތުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތަކަށް އެގައުމުގެ ބޯޑަރު ހުޅުވާލައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީ އިން މިމަހުގެ 16 ވަނަ ދުވަހު ބުނީ އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ،އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތައް ހުއްޓާލުމުގެ ފިޔަވަޅު އުވާލާފައިވާ ކަމަށެވެ. ތުރުކީ އަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔުމަށް އެ ގައުމު ތައްޔާރު ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ތުރުކީގައި އެޅި ފިޔަވަޅުތަކާއެކު އެގައުމުގައި ބަލި ވަނީ ކޮންޓްރޯލު ކުރެވިފަ އެވެ.

ތުރުކީގެ ޕްރޮވިންސް ތަކުގެ މެދުގައި ދަތުރުކުރން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރެސްޓޯރެންޓުތަކާއި ޖިމްތަކުގެ އިތުރުން ޕާކުތައްވެސް ހުޅުވާލާފައިވާއިރު އޯޕަން އެއާ ކޮންސެޓުތަކަށްވެސް ވަނީ ހުއްދަ ދީފައެވެ.

މިވަގުތު ބަންދުކޮށްފައިވަނީ ސީޝާ ބާތަކާއި ކްލަބުތަކެވެ.

ތުރުކީ ގައި 184,031 މީހުންނަށް ބަލި ޖެހުނު އިރު 4,882 މީހުން ވަނީ ބަލީގައި މަރުވެފައެވެ. ތުރުކީ އަކީ 12 ވަނަ އަށް އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމެވެ.

ދުނިޔޭގެ ޓޫރިޒަމަށް މި ބަލިމަޑުކަމުގެ ސަަބުން ބޮޑު ލޮޅުމެއް އައިސްފައިވާއިރު ތުރުކީގެ އިގްތިސޯދުވެސް ބޮޑަށް ބަރޯސާވާ މި ދާއިރާ އަށް ވަނީ އަސަރުކޮށްފަ އެވެ. ގައުމު އަލުން ހުޅުވާލާއިރު ސޭފް ޓޫރިޒަމް ސެޓްފިކެޓާއެކު ފަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަތުމަށް ތުރުކީ އިން ވަނީ މަސައްކަތް ފަށައިފަ އެވެ.

ތުރުކީ އަށް މިދިޔަ އަހަރު 51.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

comment ކޮމެންޓް