ތުރުކީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ބޮޑު؛ އިސްރާއީލުން ސަލާމަތްވާނެ ގޮތެއް ހޯދަނީ

ޓެލްއަވީވު (12 އެޕްރީލް 2024): ތުރުކީން އިސްރާއީލާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުކަނޑުވާލުމަށްޓަކައި ތިން ވަނަ ގައުމެއް މެދުވެރިކޮށް ތުރުކީގެ އުފެއްދުންތައް އިސްރާއީލަށް ގެނެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންގެންދާކަމަށް އިސްރާއީލުގެ ކުންފުނިތަކާ ހަވާލާދީ އެގައުމުގެ މީޑީއާ ބުނެފިއެވެ.

ޔަހޫދީ އިސްރާއީލުގެ މީޑިއާ ބުނާގޮތުން ޣައްޒާގެ މައްސަލާގައި ތުރުކީން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގްތިސާދީގޮތުން އިސްރާއީލަށް ވަރަށް ވޭންދެނިވި ފިޔަވަޅުތަކެކެވެ. މީގެތެރޭގައި ހިމެނެނީ ތުރުކީގެ 54 ބާވަތެއްގެ މުދާ އިސްރާއީލަށް އެކްސްޕޯޓް ކުރުން މުޅިން މަނާކުރުމާއި ހަތިޔާރުގެ ގޮތުގައި ބޭނުންހިފޭނެ ތަކެތި އިސްރާއީލަށް ނުވިއްކުމެވެ. މީގެއިތުރުން އެހެން ބައެއް ފިޔަވަޅުތައްވެސް ހިމެނެއެވެ.

ތުރުކީން އިސްރާއީލަށް މަނާކުރި 54 ބާވަތުގެ މުދަލުގެ ތެރޭގައި ހިމެނެނީ އިސްރާއީލަށް ވަރަށް ގިނައިން ބޭނުންވާ އާންމު މުދަލެވެ. މިތަކެއްޗަކީ ކައިރީ އެހެން ގައުމަކުން ހޯދަން އިސްރާއީލަށް ފަސޭހަ ތަކެއްޗެއްނޫނެވެ. ހޯދާނަމަ ހޯދަންޖެހޭނީ ދުރުގައުމުތަކުންނެވެ. ނަތީޖާއަކީ އެތަކެތީގެ އަގު ތިން ހަތަރު ގުނައަށް ބޮޑުވުމެވެ.

ތުރުކީން އިސްރާއީލަށް ވިއްކުން މަނާކުރި 54 ބާވަތުގެ މުދަލާއި ތަކެތީގެ ތެރޭގައި ހިމެނެނީ ގެދޮރު ބިނާކުރުމަށް ބޭނުންވާ ދަގަނޑުގެ ހުރިހާ ބާވަތްތަކާއި މާބްލް، ސިމެންތި، އެލްމެނިޔަމް، ގަސްކާނާ، ޖެޓް ފިއުލް، ގެދޮރާއި އިމާރާތްތައް ބިނާކުރުމަށް ބޭނުންކުރާ ބިޔަ އާލާތްތަކާއި ކާބޯތަކެތީގެ ގިނަ އަދަދެއްގެ ބާވަތްތަކެވެ.

މިމައްސަލާގައި ކަންބޮޑުވާކަން އިސްރާއީލުގެ ޚާރިޖި ވަޒީރު ޔިސްރާއެލް ކާޓްސް ވަނީ ހާމަކޮށްފައެވެ. ކާޓްސް ބުނިގޮތުގައި ތުރުކީގެ މިނިންމުމަކީ އިސްރާއީލާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކާ މުޅިން ޚިލާފު ނިންމުމެކެވެ. މިމައްސަލާގައި ތުރުކީއާ ދެކޮޅަށް ފިޔަވަޅުތަކެއް އިސްރާއީލުންވެސް އަޅާނެކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ތުރުކީއަކީ ބޮޑު ގައުމަކަށްވެފައި އުފެއްދުންތެރި ގައުމަކަށްވާތީ ތުރުކީއަށް ބޮޑު ގެއްލުމެއް ލިބޭވަރުގެ ފިޔަވަޅުތަކެއް އިސްރާއީލުފަދަ ކުޑަ ގައުމަކަށް ނޭޅޭނެކަމަށް މުރާސިލުން ބުނެއެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އެގައުމުގެ ވިޔަފާރިވެރިން ވިސްނަނީ ތުރުކީން މަނާކުރި 54 ބާވަތްތައް ތިންވަނަ ގައުމެއް މެދުވެރިކޮށް ގަތުމަށެވެ. މިގޮތުން ތުރުކީން މިތަކެތި ގަނެގެން އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ސްލޮވީނިއާގެ ބަނދަރަކަށް ގެންގޮސް އެބަނދަރުން އެހެން ބޯޓަކަށް އެތަކެތި ބަރުކޮށްގެން އިސްރާއީލަށް ގެންދިޔުމަށް ރާވަމުންގެންދާކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ބުނެއެވެ.

ނަމަވެސް މިތަކެތި ބޭނުންވާ ވަރަށް ގަތުމުގެ ވިޔަފާރީގެ އެއްބަސްވުމެއް ސްލޮވީނިއާ އާއި ތުރުކީއާދެމެދު ނެތުމަކީ މިތަކެތި މިގޮތަށް ގެންދިޔުމަށް އެޅޭނެވަރަށް ބޮޑު ހުރަހެކެވެ. މި ހުރަސް ނައްތާލުމަށްޓަކައި އިސްރާއީލުގެ ވިޔަފާރިވެރިންނަށް ޖެހޭނީ ތުރުކީއާއެކު ވިޔަފާރީގެ އެއްބަސްވުންތައް އޮންނަ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދާށެވެ. މިއީވެސް ފަސޭހަ ކަމެއް ނޫނެވެ.

އަނެއްކޮޅުން ތިންވަނަ ގައުމެއް މެދުވެރިކޮށް ތަކެތި އިންޕޯޓް ކުރުމަކީ އެތަކެތީގެ އަގު ދެގުނައަށް ބޮޑުވެގެންދާނެކަމެއް ކަމުން މިއީވެސް އިސްރާއީލުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުމެއްކަމަށް "ހާއާޓްސް" ބުނެއެވެ.

ތުރުކީން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި އިސްރާއީލާ ގުޅުންތައް ކަނޑާލުމަށް ތުރުކީގެ ރައްޔިތުން އެގައުމުގެ ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ތުރުކީގައި ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޕާޓީއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ސަބަބުތަކުގެ ތެރޭގައި އުރުދުޣާން އިސްރާއީލަށް ހަރުކަށި އިންޒާރުތައް ދެއްވިނަމަވެސް އޭނާގެ ސަރުކާރުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނޭޅުން ހިމެނެއެވެ.

އުރުދުޣާންއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވޯޓުލާން ނުނިކުތީ އިސްރާއީލާދެކޮޅަށް އުރުދުޣާންގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް ނާޅައި އިސްރާއީލާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން ގެންދާތީ އެކަމާމެދު ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އިންތިޚާބުގައި ތުރުކީގެ އިދިކޮޅުވަނީ އުރުދުޣާންގެ ޕާޓީގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. މިއީ ފާއިތުވި 22 އަހަރު ތެރޭގައި އިންތިޚާބެއްގައި އުރުދުޣާންގެ ޕާޓީ ބަލިވި ފުރަތަމަ ފަހަރެވެ.

އުރުދުޣާންއަކީ އިސްރާއީލާ ދެކޮޅަށް އިންޒާރުތައް ވަރަށް ބޮޑަށް ދެއްވާ ބޭފުޅެކެވެ. ނަމަވެސް އިސްރާއީލާއެކު ވިޔަފާރިކޮށްގެން ލިބޭ ފައިދާބޮޑުކަމުން އުރުދުޣާންގެ ސަރުކާރުން އޮތީ އިސްރާއީލުން ޣައްޒާގެ އާންމުން ކަތިލަމުން ގެންދާއިރުވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަސްޖެހިފައެވެ.

ޣައްޒާގައި އިސްރާއީލުން އާންމުން ކަތިލަމުން ގެންދާއިރުވެސް ތުރުކީ ގެންދިޔައީ އިސްރާއީލަށް ހަތިޔާރުވެސް ވިއްކަމުންނެވެ. ނަމަވެސް ޣައްޒާގެ މައްސަލާގައި އިސްރާއީލަށް ހަތިޔާރު ވިއްކާވަރު ތުރުކީން 50 އިންސައްތައަށް މަދުކޮށްލިއެވެ. މިއީ ތުރުކީގެ ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވިކަމެކެވެ. އެއީ އެއްކޮށް ހަތިޔާރު ވިއްކުން ހުއްޓާނުލާތީއެވެ.

ތުރުކީ އެންމެފަހުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީ ކުރި މަސައްކަތްތަކަށް އިސްރާއީލުން ހުރަސް އެޅުމުންނެވެ. ނަމަވެސް ހަގީގަތުގައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އުރުދުޣާން ނިންމެވީ ރުޅިއައިސްފައިވާ އުރުދުޣާންގެ ސަޕޯޓަރުން ރުއްސައި އެމީހުންގެ ތާއީދު އަލުން ހޯދުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް