ތުރުކީގައި ބޮޑު އަލިފާނުގެ ހާދިސާއެއް، މިހާތަނަށް 29 މަރު

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ/އަލް ޖަޒީރާ

ތުރުކީވިލާތުގެ އިސްތަންބޫލުގެ މެދުތެރޭގައި ހުންނަ ނައިޓް ކްލަބެއްގައި ރޯވެ، 29 މީހުން މަރުވެއްޖެއެވެ.

އިއްޔެ ހިނގި އެ ހާދިސާގައި އެކަކު ވަނީ ޒަހަމްވެފައެވެ. ނައިޓް ކްލަބްގައި ރޯވެފައި ވަނީ އެތަން މާރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

"އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 29 އަށް އިތުރުވެފައި." ތުރުކީވިލާތުގެ ގަވަރުނަރު ދާވޫތު ގުލްގެ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

މަރުވެފައިތިބި އިތުރު މީހުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރޯވެފައި ވަނީ 16 ފަންގިފިލާގެ އިމާރާތެއްގެ އެންމެ ތިރީ ފަންގިފިލާގައެވެ. އަލިފާން ރޯވިތާ ގަޑިއިރުތަކެއް ފަހުން އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށް ގަވަރުނަރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ތެރޭގައި ނައިޓް ކްލަބްގެ މެނޭޖްމަންޓާއި މާރާމާތުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ކުންފުނީގެ މީހުން ހިމެނެއެވެ.

ހާދިސާ ހިނގިއިރު ނައިޓް ކްލަބް ހުރީ ރަމަޟާން މަހަށް ބަންދުކޮށްފައެވެ. އަދި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރިއަށްއޮތް އީދު ބަންދަށް ހުޅުވުމަށް ކަމަށްވެސް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް