ޒުވާބު ހޫނުވެ ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕް އަދާލަތާ ދެކޮޅަށް ތެދުވެއްޖެ

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއިއެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ---

މަޖިލީހުގައި ހިނގާ ދިޔަ މާރާމާރީ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުން ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގައި ހިމެނިވަޑައިގަންނަވާ ޝިދާތާ ޝަރީފު ދިފާއު ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕުން އަދާލަތު ޕާޓީއާ ދެކޮޅަށް ތެދުވެ، ހޫނު ބަހުގެ ހަމަލާތަކެއް ދީފި އެވެ.

މަޖިލީހުގައި ހިނގި މާރާމާރީ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިއްޔެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އަދާލަތު ޕާޓީ އާއި އެޕާޓިގެ ރައީސް އިމްރާން އަށް ފާޑު ވިދާޅުވެފަ އެވެ.

އެކަމަށް ރައްދުދެއްވައި ޝިދާތާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީއިން ކަމަށެވެ. އަދި އެކަން ބޮޑެތި ބިޔަ ޕާޓީތަކުން ހަނދާން ނެތިގެން އުޅުން އެއީ ހަގީގަތް ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"ޝެއިހް އިމްރާން މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫން. ދާޙިލީ ވަޒީރުގެ ހައިސިއްޔަތުން. ހަވާލުކުރެވިފައިވާ ގާނޫނީ ޒިންމާ އަދާކުރަން. މަޖިލީހުގެ މެމްބަރުންކަން ކުރަން ވާނީ އަދި ބިޔަ ބޮޑު ޕާޓީގެ ޗެއާޕާސަންކަން ކުރަން ވާނީ މިވަރު ދަންނަ މީހުން." ޝިދާތާ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

https://sun.mv/137954

ޝިދާތާ އެހެން ވިދާޅުވުމުން ރައީސް ނަޝީދު މިރޭ ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ. ވިދާޅުވީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީގެ ޗެއާޕާސާން ކަންކަމާ އެއްޗެއް ވިދާޅުވީމާ އެ ދެއްކެވި ވާހަކައެއް އަޑުއައްސަވާލެއްވުން ބުއްދިވެރި ކަމަށެވެ.

"އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމު މަދެއް ނުވާނެ. އަދި އަދާލަތު ޕާޓީގެ މުސްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ." ޝިދާތާ ޓެގް ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އެމްޑީޕީއިން ބުރަ މަސައްކަތެއް ކުރި ކަމަށެވެ. އެކަމުން އެނގެންވީ ހަގީގަތަކީ އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ބުނާއިރު ހަ ފަހަރު ވިސްނަން ޖެހޭނެކަން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ގައުމަށްޓަކައި އެމްޑީޕީ ކުރަމުންދާ ބުރަ މަސައްކަތް އެއްވެސް ބޭފުކަށް އޮޅިގެން ނުވާނެ." އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި އެވެ.

މިވެރިކަން ގެނެސްފައި ވަނީ ހަތަރު ޕާޓީއަކުން ކޯލިޝަން ހަދައިގެންނެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތުގެ އިތުރުން އެމްއާރުއެމް އެވެ. ކެބިނެޓާއި ސިޔާސީ މަގާމުތައް އަދި ސަރުކާރު ކުންފުނިތަކުގެ މަގާމުތައް ބަހާފައި ވަނީ ކެމްޕޭން ތެރޭގައި ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމަކާ އެއްގޮތަށެވެ.

ނަމަވެސް މިފަހުން ޕާޓީތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައިވެ އެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ ކޯލިޝަން ނިމުމަކަށް ގެންނެސް، އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކި ކުރަން ވެސް ގޮވާލައްވަމުންނެވެ.

comment ކޮމެންޓް