މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުގެންގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާ ވަރަށް ބޮޑަށް ހޫނުވެ މެމްބަރުން އެކަކު އަނެކަކުގެ ގަޔަށް އަތްލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ކުރިމަތިވެފަ އެވެ.
އެ ޖަލްސާގައި މެެމްބަރުން ވަނީ ކޮވިޑް-19 ގުޅިގެން އަޅައިފައިވާ ގައިދުުރުވުމުގެ އުސޫލުތަކާވެސް ކަނޑައެޅިގެން ހިލާފްވެފަ އެވެ.
މިނިސްޓަރު އިމްރާން ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ އެ ހާދިސާ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށެެވެ.
އިމްރާންއަށް ރައްދު ދެއްވައި މެމްބަރު ހަސަން ލަތީފް ވިދާޅުވީ އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އޮތް ޕާޓީއެއް ނޫން ކަމަށެެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިހާބްގައި އަދާލަތު ޕާޓީން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެއްވިފައެއް ނުވެ އެވެެ.
"ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޖިލީހުގެ ނިޒާމަށ ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން ހުރެގެން ނުވާނެ" ހަސަން ލަތީފް ކުރެއްވި ޓުވީޓުގައިވެ އެވެ.
ހޯމަ ދުވަހު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގޭ މެމްބަރު ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލުމުން އޭނާއަށް ހޮސްޕިޓަލްގައިވެސް ފަރުވާ ދިނެވެ. ޝިޔާމް ނިސްބަތްވާ ޕީޕީއެމްއިން ފަހުން ވަނީ އެ މައްސަލަ ތަހުގީގްކޮށްދިނުމަށް އެދި ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.