މަޖިލީހުގައި ހިނގި ހަމަނުޖެހުން ބަލައި ގާނޫނީ ފިޔަވަޅު އަޅާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި: މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖިލީހުގައި ހިންގި ހަމަނުޖެހުން ބަަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ފައިލް ފޮޓޯ/މަޖިލިސް

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އިންސާފްވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަންކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ މުއްދަތު ހަމަވުމަށް 24 ގަޑިއިރަށް ވުރެން ކުޑަތަން ވެފައި ވަނިކޮށް އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގާނޫނީ ހުސްކަމުން ސަލާމަތްވުމަށް ގާނޫނޫ އަސާސީއަށް އިސްލާހު ގެނައުމަށް ހޯމަ ދުވަހުގެ ދަންވަރު 1:30ގައި ފެށި މަޖިލީހުގެ ޖަލްސާގެ ވަކި ހިސާބަކުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަންއިއްވުމުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރު ކުރުމުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެ އުޅުމުން ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ.

އެ މައްސަލަ އިދިކޮޅު މެންބަރުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

ޕީއެސްއެމްގެ ޕޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އިންސާފްވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުން އެއީ އޭނާ ގަބޫލުކުރާ ގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

"އެހެން ކަމުން އިންސާފްވެރިކަމާ އެކުގައި މައްސަލަތައް ބަލައި ތަހްގީގްކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށް ވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިކުރާ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފްވެރި ގޮތުގައި އެ މައްސަލަތައް ބެލި ހުރިހާ ފަރާތްތަކަށް އިންސާފް ލިބުމަށް ފުލުހުންގެ ފަރާތްތުން ކޮށްދޭން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނެން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގައި އެންމެ މުހިންމު ކަމެއް ދީފައި އޮތް އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިނގަމުން ދިއުމުގެ ތެރެއަށް ސަރުކާރުގެ ތެރެއިން ހާއްސަކޮށް ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ނުވަނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެގޮތުން ފުލުހުން ކަމަށް ވިޔަސް އަދި ސިފައިން ކަމަށް ވިޔަސް ދެ މުއައްސަސާތަކުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް ވަންނަން ނުޖެހޭ ގޮތަކަށް ގާނޫނީ އިމުން ބޭރުވެ ނުވަނުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ސަމާލުވެ ތިބި ކަމެއް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މަޖިލީހުން އެރޭ ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ނުގޮސް ސަލާމަތްވިކަން ފާހަގަކޮށް އެކަމަށްޓަކައި މަޖިލީހުގެ ރައިސަށާއި މެންބަރުންނަށް މިނިސްޓަރު އިމްރާން ޝުކުރު އަދާކުރެއްވި އެވެ.

މިވަގުތު ދެން އެންމެ މުހިންމު ކަމަކަށް އޮތީ ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމުން ހުރިހާ ކައުންސިލަރުން ވެސް ރައްޔިތުންނަށް ހިދުމަތް ކުރުންމަތީ ދެމިތިބުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް