މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމު އޮތީ ފެއިލްވެފައި ކަމަށާއި، ކުށްކުރާ މީހާ އަދަބު ތަންފީޒުކުރަންޖެހޭ މުއްދަތު ވެސް ދަނީ ކޮންމެވެސް ސަބަބަކާ ހުރެ ކުރުވަމުން ކަމަށް ޑްރަގް ކޯޓުގެ ގާޒީ، އާދަމް އާރިފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ގާޒީ އާރިފް ވިދާޅުވީ ޑުރަގުގެ ފަރުވާގެ ނިޒާމުގެ ތެރެއިން މިދިޔަ 12 ވަރަކަށް އަހަރުތެރޭ ފަރުވާ ދީފައިވާ ބައެއް މީހުން، ތިން ހަތަރު ފަހަރަށް ފަރުވާގެ ނިޒާމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން ފަރުވާގެ ނިޒާމުގައި ފެއިލްވުމެއް އެބައުޅޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
"މިއީ ދައުލަތުން ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ޚިދުމަތެއް. އެކަމު މި ޚިދުމަތް ދިނުމުގަ އަޅުގަނޑުމެން މި ދެންނެވި ހަތަރު ފަހަރަށް އައިއްސަ މިހުރި ސަބަބުތަކަށް ބަލާއިރު އެއީ ހަމަ ޔަގީނުންވެސް ދެތިން ހަތަރު ކަމެއްގެ ފެއިލްވުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އާރިފް ވިދާޅުވިއެވެ.
ގާޒީ އާރިފް ވިދާޅުވީ ދެވަނަ ފަހަރަށް ފަރުވާއަށް އަންނާނީ ރަނގަޅަށް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށެވެ.
"ދެވަނަ ފަހަރަށް ވެސް ނުދެވުނީމަ ތިންވަނަ ފަހަރަށް ވެސް އަންނާނީ. އެހެންވީމަ ހަތަރުވަނަ ފަހަރަށް އަންނަ އެ ޖާގަ ހުޅުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގަ ފާހަގަވަނީ އެ މީހުން ފަރުވާއިން ވަކިކޮށް، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ވަގުތުތަކުގެ މުއްދަތް ކޮންމެވެސް ސަބަބުތަކަކާ ގުޅިގެން ކުރުވަމުން މިއަންނަނީ. ފަހަރެއްގަ މައާފުގެ ނިޒާމަކަށް ދަނީކަމަށް ވެދާނެ،" އާރިފް ވިދާޅުވިއެވެ.
ކުށްވެރިން ޖަލުގައި ތަންފީޒުކުރަންޖެހޭ މުއްދަތުވެސް ކޮންމެވެސް ސަބަބަކާ ހުރެ ކުރުވަމުންދާކަން އާރިފް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ހުކުމް ރަނގަޅަށް ތަންފީޒުނުކޮށް މުޖުތަމައުއަށް އައުމަށް އެފަދަ ކުށްވެރިންނަށް ފުރުސަތެއް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިބުނީމަ އަނެއްކާވެސް މުޖުތަމައުއަށް އައިސް މަސްތުވާތަކެތި ބޭނުންކޮށްގެން އެނބުރި ޑްރަގް ކޯޓަށް މި އަންނަނީ،" އާރިފް ވިދާޅުވިއެވެ.
ފުލުހުން އެންމެ ފަހުން އާއްމުކޮށްފައިވާ ގޮތުގައި ފާއިތުވި ހަތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ފަރުވާ ނެގުމަށް 4،500 މީހެއްގެ މައްޗަށް ހުކުމްކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 1،674 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ.