ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔާ މެދު ޚިޔާލެއް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތު ވި މެއި މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހަށް ދެއްވެވި އިސްތިޝާރީ ލަފަޔަކީ، އެ ކޯޓުގެ ތާރީޚުގައި މަޖިލިހަށް ދެއްވެވި ތިންވަނަ އިސްތިޝާރީ ލަފައެވެ. އެތައް ގޮތަކުން، އެ ލަފަޔަކީ ވަރަށް މުހިއްމު އަދި ތާރީޚީ ލަފަޔެއް ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން، އެ ލަފާ ނެރެވުނު ދުވަހަކީ ވެސް ދިވެހި ދުސްތޫރީ ޙަޔާތުގައި ވަރަށް މުހިއްމު އަދި ތާރީޚީ ދުވަހެއް ކަމުގައި ބެލެވިދާނެއެވެ.

މި ކޮލަމުގައި އަޅުގަނޑު ގަސްދު ކުރަނީ، ސުޕްރީމް ކޯޓުގެ ލަފަޔާ މެދު ފާޑު ކިޔުމުގެ ނަޒަރަކުން ބަލައިލުމަށެވެ. އެންމެ ފުރަތަމަ ކަމަކަށް، އެ ލަފަޔާ ގުޅޭ މައިގަނޑު ޤާނޫނީ މަސްދަރުތައް ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ބަހާ މެދު ތަންޤީދީ ނަޒަރަކުން ވިސްނުންފުޅު ހިންގެވުމަށް ޓަކައި، ކޮލަމް ވިދާޅުވަމުން ގެންދަވާ އިރު އެ މަޞްދަރުތަކުގައި ހުރި އެއްޗެއް ބައްލަވައިލައްވާން ބޭނުންފުޅު ބެއިފުޅުންނަށް ފަސޭހަޔަކަށް ޓަކައެވެ. މައްސަލަޔާ ގުޅޭ އެންމެ މުހިއްމު ޤާނޫނީ ނައްޞުތައް ހުރީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައެވެ. މުހިއްމު އަނެއް މަސްދަރަކީ ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު) އެވެ. ކަމާގުޅޭ މުހިއްމު އަނެއް ޤާނޫނަކީ ޤާނޫނު ނަންބަރު 2012/7 (ޢާއްމު ސިއްހަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) އެވެ.

މައްސަލަޔާއި ފަސްމަންޒަރު

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކާ ހަމަޔަށް ދާން ޖެހުނު ޙާލަތާއި ސަބަބުތަކާއި، އެ ލަފާގެ ވާޤިޢީ ފަސްމަންޒަރަށް ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ލާޒިމު ކުރެއެވެ. އެ މާއްދާ އޮންނަނީ ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައެވެ. މުޅިއެކު ހަ މާއްދާ އޮންނަ އެ ބާބަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭ ދުސްތޫރީ ހަމަތައް ކަނޑައަޅާ ބާބެވެ. އެ ބާބުގެ ދަށުން، އަދި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، އެންމެ ފަހުން އިންތިޚާބު ކުރެވުނު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ފެށުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ، އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ދިގު ވެގެން ތިން އަހަރު ކަމުގައެވެ. އެ މާއްދާޔަށް، މިދިޔަ އަހަރު ފާސް ކުރެވުނު ޤާނޫނު ނަންބަރު 2019/22 އިން އިޞްލާހެއް ގެނެސް، ކައުންސިލްތަކުގެ ޢުމުރަކީ ފަސް އަހަރު ކަމަށް ކަނޑައަޅައިފައި ވެއެވެ. ނަމަވެސް އެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގައި އޮންނަނީ، އެ ޤާނޫނާ އެއްގޮތަށް ކައުންސިލްތަކަށް ފަސް އަހަރުގެ ދައުރު ލިބޭނީ ދެން އޮންނަ އިންތިޚާބަކުން ފެށިގެން ކަމުގައެވެ. އެހެންކަމުން، 2017 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު މަޤާމާ ހަވާލު ވި ކައުންސިލަރުންގެ ދައުރު 3 ޖޫން 2020 އަށް ހަމަ ވީއެވެ.

ޤާނޫނު ބުނާ ގޮތުން، 03 ޖޫން 2020 އަންނަ އިރު، އެ ތާރީޚުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކައުންސިލްތަކުގެ މެންބަރުން ތިބޭން ވާނީ އިންތިޚާބު ކުރެވިފައެވެ. ނަމަވެސް ކޮވިޑް ނަވާރަޔާ ގުޅިގެން ޤައުމަށް ދިމާ ވި ޙާލަތުގެ ސަބަބުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވުނީއެވެ. ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން، މި އަހަރުގެ ކުރީކޮޅު އިންތިޚާބު ބޭއްވުމުގެ ހުރިހައި ތައްޔާރީތަކެއް ކުރެއްވި ވެސްމެއެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން، އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވަރަށް ފޯރީގައި އިންތިޚާބަށް ކެންޕޭނު ކުރުމުގެ ކަންކަން ވެސް ފެށިއެވެ. ނަމަވެސް ކޮވިޑް ނަވާރަޔާ ގުޅިގެން އިންތިޚާބުގެ ތާރީޚު ލަސް ކުރެވި، އެންމެ ފަހުން ރައްޔިތުންގެ މަޖިލިހުން ފާސް ކުރެއްވި ޤާނޫނު ނަންބަރު 2020/3 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) ގެ ދަށުން، އިންތިޚާބު ފަސް ކުރީއެވެ.

ދެން އުފެދުނު މައްސަލަޔަކީ، 2017 ގައި އިންތިޚާބު ކުރެވުނު ކައުންސިލަރުންގެ ދައުރު 3 ޖޫން 2020 އަށް ހަމަ ވާއިރު، ކައުންސިލްތަކަށް އައު މެންބަރުން އިންތިޚާބު ވެފައި ނެތުމުގެ މައްސަލައެވެ. ކުރިން އިންތިޚާބު ވި ކައުންސިލަރުންގެ މަޤާމުގެ ދައުރު ހަމަ ވާ އިރު، ދެން ފެށޭ ދައުރަށް ކައުންސިލަރުން އިންތިޚާބު ވެފައި ނެތުމުގެ ސަބަބުން، ލާމަރުކަޒީކޮށް އިދާރީ ދާއިރާތައް ހިންގާނެ ކައުންސިލަރުން ނެތި، އެ ދާއިރާތައް ހިންގުމުގެ ނިޒާމު ދުސްތޫރީ ހުސްކަމަކަށް އަތުވެދާނޭކަމުގެ ކަންބޮޑުވުންތަކެވެ. ދެހާސް ސަތާރާގައި ދައުރު ފެށުނު ކައުންސިލްތަކުގެ ޢުމުރަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި އިހު އޮތްގޮތުގެ މަތީން ގުނޭ ތިން އަހަރު ކަމުގައި ވީ ހިނދު، އެ ތިން އަހަރު ފުރިހަމަ ވެ، އެމީހުންނަށް ރައްޔިތުންގެ ވޯޓުން ދިން ޝަރުޢިއްޔަތު (legitimacy) "އެކްސްޕަޔަރ" ވުމުން، ދެން އެމީހުން އެ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުންމަތީ ދެމިތިބުން ހުއްދަ ކުރެވޭނެ ޤާނޫނީ ސަބަބެއް ނުވަތަ އުޞޫލަކީ ކޮބައިތޯ، މި ސުވާލާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކެވެ.

މި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެއް ހުށައެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ބިލެކެވެ. އެ ބިލުގައި ބުނެފައި ވަނީ، ޤާނޫނު ނަންބަރު 2019/22 ގެ ހަތަރު ވަނަ މާއްދާޔަށް ގެންނަ އިޞްލާޙަކުން، 2017 ވަނަ އަހަރު އިންތިޚާބު ކުރެވުނު ކައުންސިލަރުންނަށް، ދެން ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި ކައުންސިލަރުން އައްޔަން ކުރެވޭންދެން، މަޤާމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށެވެ. މިއީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތައް ހުއްދަ ކުރާ ކަމެއް ކަމުގައެއް ނުފެނެއެވެ. ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ވެސް އެ ނުކުތާ އެކަށީގެންވާ ގޮތަކަށް ބަޔާން ކުރައްވައި ސާފު ކޮށްދެއްވައިފައި ވާ ކަމަށް ދެކެމެވެ. އެހެންކަމުން، އެ ނުކުތާގެ މައްޗަށް އިތުރު ވާހަކައެއް އަޅުގަނޑު ނުދައްކާނަމެވެ.

ދެން އޮތީ ކުރިމަތި ވި ޙާލަތުގައި ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހަށް ލަފާ ދެއްވި ގޮތާ މެދު ފާހަގަ ކުރެވޭ ނުކުތާތަކެވެ. ޖުމުލަކޮށް ދަންނަވާ ނަމަ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ މައިގަނޑު ނުކުތާޔަކީ، މިހާރު ތިބި ކައުންސިލަރުންނަށް 03 ޖޫން 2020 އިން ފެށިގެން، ދެން އޮންނަ އިންތިޚާބެއްގައި އައު ކައުންސިލަރުން އިންތިޚާބު ކުރެވޭންދެން މަޤާމުގައި ދެމިތިބެވޭނީ ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން، އެ އިޞްލާޙުން އެމީހުންނަށް މަޤާމުގައި ދެމިތިބެވޭނެ ގޮތެއް ހަދައިދީގެން ކަމުގެ ނުކުތާއެވެ. އެކަން ކުރުމަށް ޓަކައި އިސްތިޝާރީ ލަފާގައި ބުނެދޭ ފުރަތަމަ ގޮތަކީ، ކައުންސިލަރުންގެ މުއްދަތަކީ ތިން އަހަރު ކަމަށް ބުނާ ދުސްތޫރީ މާއްދާ، އާދެ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)،ގެ ނައްޞަށް އިޞްލާޙެއް ގެނައުމެވެ. ލަފާގައި ބުނާ ދެވަނަ ގޮތަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)ގެ ނައްޞު އިޞްލާޙު ކުރުމުގެ ބަދަލުގައި، ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ފަހަތުގައި ވަކީން އިންތިޤާލީ މާއްދާއެއް ހިމަނައި، އެ މާއްދާއިން މިހާރު ތިބި ކައުންސިލަރުންނަށް، ދެން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި ކައުންސިލަރުން އިންތިޚާބު ވެގެން އެމީހުންގެ ދައުރު ފެށޭންދެން، މަޤާމުގައި ތިބުމުގެ ޝަރުޢިއްޔަތު ޞަރީޙަ ބަހުން ދިނުމެވެ.

ސުޕްރީމް ކޯޓުގެ މި ލަފަޔަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ދުސްތޫރީ ފިޤްހު (Constitutional Jurisprudence)ގެ ޤާއިމު ވެގެންވާ ޢާލަމީ އުޞޫލުތަކާ އެއްގޮތަށް އޮތް ލަފަޔެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ދައުލަތުގެ އެއްވެސް އިދާރާޔަކުން، އަދި ދައުލަތުގެ މަސްއޫލިއްޔަތުތަކާ ޙަވާލު ވެގެން ހުރި އެއްވެސް މީހަކު ސުޕްރީމް ކޯޓަށް ފާޑު ކިޔައި މިހެން ބުނެގެން ނުވާނެއެވެ. ނަމަވެސް އަޅުގަނޑު ވާހަކަ މި ދައްކަނީ ޢިލްމީ ރައުޔެއް ފައުޅު ކުރުމުގެ ގޮތުން، އަދި ނޫސްވެރިޔެއްގެ ޙައިޘިއްޔަތުން ކަމުގައި ވާތީ އެހެން ދަންނަވަނީއެވެ. އަޅުގަނޑުގެ މުތަވާޟިޢު ރައުޔުގައި، ޢިލްމީ ގޮތުން ބުނެވޭން އޮތް ބަހަކީ، ސުޕްރީމް ކޯޓުގެ ލަފަޔަކީ ޤާނޫނުއަސާސީގެ ނައްޞާ ވެސް އަދި ރޫޙާ ވެސް މުޅީން ޚިލާފު ލަފައެއްކަމަށް ބުނުމެވެ.

ހެޔޮވަރު ވަރަށް ވުރެ ދިގު، އަދި ޙަޤީޤީ ކޮލަމަކަށް ނުވެސް ވާ މި ކޮލަމުގައި ކުރު ގޮތަކަށް ދެން މި ބަލައިލަނީ އަޅުގަނޑުގެ މި ރައުޔުގެ ސަބަބުތަކަށެވެ.

މިޙާލަތުގައިޤާނޫނުއަސާސީއިޞްލާޙުކުރެވިދާނެތަ؟

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ، ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެން ނުވާނެކަމުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން 12 މާރިޗު 2020 ވީ ބުރާސްފަތި ދުވަހުން ފެށިގެން، ރާއްޖޭގައި މިއޮތީ "ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާން ކުރެވިފައެވެ. ވީއިރު، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެހެއްޔޭ، މިއީ ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދިވަޑައިގަތުމާ ހަމަޔަށް ބަޙުޘް ކުރެވެމުން ދިޔަ އެންމެ މުހިއްމު އެއް ސުވާލެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އެކަމެއް ނުކުރެވޭނެ ކަމުގައެވެ.

ނަމަވެސް 29 މެއި ވީ ހުކުރު ދުވަހު ވަރަށް ގިނަ ބަޔަކަށް ޙައިރާންކަން ލިބިގެން ދިޔައީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކަށް އެއްވެސް ހުރަހެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގެ ލަފާގައި ޞަރީޙަ ބަހުން ވިދާޅުވެފައި އޮތްތަން ފެނުމުންނެވެ. ލަފާގެ 8 ވަނަ ނުކުތާގެ (ބ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، އެ ނުކުތާގެ އެންމެ ފަހު ޕެރެގްރާފުގައި އެފަދައިން ސާފުކޮށް ކަނޑައަޅުއްވައިފައި ވެއެވެ. އެ ނުކުތާގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި އިޢުލާން ކުރެވިފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށާއި، މިއީ ޤާނޫނު ނަންބަރު 2012/7 (ޢާއްމު ސިއްހަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ޞިއްޙަތާ ބެހޭ ވަޒީރު އިޢުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށާއި، އެއީ މުޅީން ތަފާތު ދެ "ކުއްލި ނުރައްކަލުގެ ޙާލަތެއް" ކަމަށާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރުން މަނާ ވާނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމުގައެވެ.

ދިވެހިރާއްޖޭގައި ހިންގައިފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު 12 މާރިޗު 2020 ގައި އިއްވެވީ ދިވެހިރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރެވެ. ޤާނޫނު ނަންބަރު 2012/7 (ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއިން ކަނޑައަޅައިފައި ވާ އިޖުރާއާތުގެ ދަށުންނެވެ. އެހެންކަމުން، ފުނަށް ނުވިސްނައި، ހަމައެކަނި ބޭރުފުށަށް ފެންނަ ފެނުމަށް އެއްޗެއް ބުނާ ނަމަ، ވަޒީރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ ކަމަށް މީހަކަށް ހީ ވެދާނެއެވެ. އަދި ވަޒީރު "އިޢުލާން ކުރެއްވީތީ"، އެއީ ޤާނޫނުއަސާސީގެ 253 ގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށް ވެސް ހީ ވެދާނެއެވެ. ނަމަވެސް ފުންކޮށް ވިސްނައި، ކަމާގުޅޭ ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކާއި، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުސްތޫރީ މަފްހޫމާ ގުޅޭ ޢާއްމު އުޞޫލުތަކާއި ޤާޢިދާތަކަށް ބަލައި ވިސްނައިލުމުން، ކަން އޮތީ އެހެން ނޫންކަން އެނގެއެވެ.

ޤާނޫނުގެ ޙުކުމް (Rule of Law - Rechtsstaat) ހިނގާ، އަދި ހަރުދަނާ ދުސްތޫރީ އުޞޫލުތަކުގެ މައްޗަށް ހިންގޭ ދައުލަތްތަކުގައި، ކުއްލި ނުރައްކަލުގެ ޙާލަތު (State of Emergency / Public Emergency / National Emergency) އަކީ ކޮންމެ ކޮންމެ މީހަކު، ކޮންމެ ކޮންމެ އިރަކު، ކޮންމެ ކޮންމެ ގޮތަކަށް އިޢުލާން ކުރާ އެއްޗެއް ނޫނެވެ. ނިންގކޭން ވަރސަސް ގަވަރންމަންޓް އޮފް މެލޭޝިޔާ (1970) ޤަޟިއްޔާގައި އިނގިރޭސި ވިލާތުގެ ޕްރިވީ ކައުންސިލުން ބުނެފައި ވާ ބުނުމަށް ރިޢާޔަތް ކުރުމާ އެކު ދަންނަވާ ނަމަ، ކުއްލި ނުރައްކަލުގެ ޙާލަތަކީ ރައްޔިތުންނާއި ޤައުމުގެ ވުޖޫދު ނުރައްކަލަށް ހުށައޮޅި، އާދައިގެ ފިޔަވަޅުތަކާއި ނިޒާމުތަކަށް ނުކަތާ އަދި އާދައިގެ ފިޔަވަޅުތަކާއި ނިޒާމުތަކުގެ ތެރެއިން ދަފާ ނުކުރެވޭ ވަރުގެ ބޮޑެތި ޢާއްމު މުޞީބާތްތަކާއި ނުރައްކައުތައް ރައްޔިތުންގެ ފުރާނަޔާއި މުދަލުގެ މައްޗަށް ކުރިމަތި ވެ، ދައުލަތުގެ މުޅި ނިޒާމު އެކުގައި ހެން އެކަމާ ކުރިމަތިލުމުގައި މަސައްކަތް ކުރުން ޟަރޫރީ ވެގެންދާ ދަނޑިވަޅުތަކުގައި، އިޢުލާން ކުރާ އެއްޗެކެވެ. ތަފާތު ނަންނަމުން އެޔަށް ނަން ކިޔަސް، އަދި އެ ނަންތައް މާނަ ކުރުމުގައި "ކޮނޮޓޭޓިވް" ތަފާތުތައް ހުއްޓަސް، އަދި ބައެއް ޤައުމުތަކުގައި އެ ނަންތައް ޤާނޫނީ ގޮތުން ތަފާތު ކޮށްފައި ހުއްޓަސް، ޢާއްމު އުޞޫލަކުން އެއީ ހަމަ އެއް ކަމެކެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤައުމު ހުއްޓުމަކަށް ގެނެވެއެވެ. މުޅި ޤައުމުގެ ދުސްތޫރީ، ޤާނޫނީ، ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ، އެންމެހައި ނިޒާމުތަކަށާއި ރައްޔިތުންގެ ދުވަހީ ދިރިއުޅުމުގެ ހުރިހައި ކަމަކަށް އޭގެ އަސަރު ނުހަނު ފުޅާ ދާއިރާއެއްގައި ކުރެއެވެ. ރައްޔިތުން ކައިބޮއިއުޅުމަށް ކުރާ މަސައްކަތްތައް ދޫ ކޮށްލައިފައި ގޭގައި ބަންދު ވެގެން އެތައް ދުވަހެއް، ނުވަތަ އެތައް ހަފުތާއެއް، ނުވަތަ އެތައް މައްސަރެއް ވާންދެން ތިބޭން ޖެހިދެއެވެ. ވިޔަފާރިތައް ބަނގުރޫޓު ވެގެން ޢާއިލާތައް ބިކަ ވުމާއި، ޤައުމުގެ އިޤްތިޞާދަށް މިލިޔަނުން ނުވަތަ ބިލިޔަނުން ޢަދަދު ކުރެވޭ ވަރުގެ ގެއްލުމާއި ނުޤުޞާންތައް ލިބުން ފަދަ ކަންކަން ހިނގައެވެ. އެތައް ސަތޭކަ ނުވަތަ އެތައް ހާސް ބަޔެއްގެ ވަޒީފާތައް ގެއްލިގެން ހިނގައިދެއެވެ. ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ކަންކަން ހިފެހެއްޓި، ބައެއް ކަންކަމުގެ ދާއިރާ ހަނި ކޮށްލެވެއެވެ. ރައްޔިތުންގެ ފައިސާޔާއި މުދަލުން ޚަރަދު ކުރެވޭ ގޮތަށް ކުއްލި އަދި ބޮޑެތި ބަދަލުތައް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އެއްވެސް ކަމެއް ނުކޮށް، ގެނައުމަށް މަޖުބޫރު ވެ އެ ބަދަލުތައް ގެނެވެއެވެ. އެހެންކަމުން، މިއީ ޤައުމެއްގައި ނިންމޭނެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ނިންމުމެވެ. ހަރުދަނާ ދުސްތޫރީ ނިޒާމުތަކުގައި އެވަރުގެ ނިންމުމެއް ނިންމުމުގެ ދުސްތޫރީ ބާރާއި އޮތޯރިޓީ ދެވެނީ ސީދާ ޤާނޫނުއަސާސީން، ދައުލަތް ހިންގުމުގެ އެންމެ މަތީ ވެރިޔާއަށެވެ. ކަމުގެ މުހިއްމުކަމާއި ނާޒުކުކަމުގެ ބޮޑުކަމުން، ހަރުދަނާ ދުސްތޫރީ ނިޒާމުތަކުގައި އޮންނަ އުޞޫލަކީ، ދައުލަތް ހިންގާ ބާރުން އެކަނި ގޮތް ނިންމުމުގެ ބަދަލުގައި އެ ނިންމުމަށް ޤާނޫނު ހަދާ ބާރުގެ ރުހުން ވެސް ހޯދާން ޖެހޭ ގޮތަށް އޮތުމެވެ. ކަމާބެހޭ ޚުޞޫމަތެއް އުފެދިއްޖެ ހިނދެއްގައި، ޤަޟާއީ ޙައްލެއް ދިނުން ވެސް ސީދާ އެންމެ މަތީ ކޯޓާ ނުވަތަ ޚާއްޞަ ދުސްތޫރީ ކޯޓަކާ މަތި ކޮށްފައި ބޭއްވުމެވެ. ކޮވިޑް ނަވާރަޔާ ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއްގައި މިހާރު ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިފައެވެ. މަތިމަތީން ނޫސްތަކުގެ ޚަބަރުތަކަށް ބައްލަވައިލެއްވިޔަސް ފެނިވަޑައިގަންނަވާނެ ޙަޤީޤަތަކީ، ހުރިހައި ތަނެއްގައި ވެސް އެކަން ކުރައްވައިފައި ވަނީ ދައުލަތް ހިންގުމުގެ ބާރު ނުވަތަ ސަރުކާރުގެ އެންމެ އިސް ވެރިޔާކަމެވެ.

ޖުމުލަކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވެސް ކުއްލި ނުރައްކަލުގެ ޙާލަތުގެ ކަންކަން ހިންގާން ވީ ގޮތްތައް ކޮށްފައި ވަނީ، ފުރަތަމަ ނުކުތާގައި ދެންނެވުނު ގޮތުގެ މަތީން، ހަރުދަނާ ދުސްތޫރީ ނިޒާމުތަކުގައި އެކަން އޮންނަ ގޮތަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތާ ބެހޭ އުޞޫލުތައް ކަނޑައަޅާ ވަކި ބާބެއް ޤާނޫނުއަސާސީގައި އޮވެއެވެ. އެއީ ޤާނޫނުއަސާސީގެ އެގާރަވަނަ ބާބެވެ. އެ ބާބުގެ ފުރަތަމަ މާއްދާޔަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއެވެ. އެ މާއްދާގެ ޞަރީޙަ ނައްޞުގައި އޮންނަ ގޮތުން، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާނީ ދިވެހި ސަރުކާރުގެ، އަދި ދައުލަތުގެ ވެސް، އެންމެ އިސް ވެރިޔާއެވެ. އާދެ، ރައީސުލްޖުމްހޫރިއްޔާއެވެ. ދުއިސައްތަ ފަންސާސް ހަތް ވަނަ މާއްދާއިން ލާޒިމު ކުރާ އިޖުރާއާތުގެ ތެރެއިން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރާ ޤަރާރު ރައްޔިތުންގެ މަޖިލިހުން ފާސް ކުރާން ޖެހެއެވެ. ދުއިސައްތަ ފަންސާސް އަށް ވަނަ މާއްދާގެ ދަށުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރާ ޤަރާރުގެ ޞައްޙަކަމާ މެދު ސުވާލު އުފެދިއްޖެ ހިނދެއްގައި އެކަން ބަލައި ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސީދާ ސުޕްރީމް ކޯޓަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި، އެ ޤާނޫނުއަސާސީގެ އެގާރަވަނަ ބާބުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތު ފިޔަވައި އެހެން ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ވާހަކައެއް ނެތެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު ވެސް، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެހެން ފަރާތަކަށް ޤާނޫނުއަސާސީން ދީފައެއް ނުވެއެވެ. ފުރަތަމަ ނުކުތާގައި ވާނީ، ކުއްލި ނުރައްކަލުގެ ޙާލަތަކީ ކޮންފަދަ ޚުޠޫރަތްތެރި ޙާލަތެއްކަން ބަޔާން ކުރެވިފައެވެ. ކިހައި ވަރެއްގެ ބޮޑު ކަމެއްކަން ދެންނެވިފައެވެ. އެވަރުގެ ކަމެއް ކުރުމުގެ ބާރާއި އޮތޯރިޓީޔަކީ، ޒަމާނީ ދުސްތޫރީ ފިޤްހުގެ ފަލްސަފާޔާއި އުޞޫލުތައް ބުނާ ގޮތުން، ސީދާ ޤާނޫނުއަސާސީން މެނުވީ އެއްވެސް ފަރާތަކަށް ދެވޭނެ ބާރެއް އަދި އޮތޯރިޓީއެއް ނޫނެވެ. ހަމައެޔާއެކު، ދިވެހި ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޙާލަތާ ބެހޭ ބާބެއް އޮވެ، އެ ބާބުގައި ކަމާބެހޭ ތަފްޞީލުތަކެއް ހުރެ، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެހެން ފަރާތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު ނުދިން ނުދިނުމަކީ، ޤާނޫނުއަސާސީގެ ރޫޙާއި ނިޔަތް ސާފު ވެގެންދާ ކަމެއް ކަމުގައި މެނުވީ އަޅުގަނޑު ނުދެކެމެވެ. ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެހެން ފަރާތަކުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަކީ ދިވެހި ޤާނޫނުއަސާސީ ދަންނަ، އަދި ދިވެހި ޤާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫން ކަމާ މެދު ބަޙުޘްތަކެއް ކުރުމަކަށް ޖާގަ އޮތް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

މި ނުކުތާޔަކީ އިސްވެދިޔަ ތިން ވަނަ ނުކުތާޔާ ވަރަށް ބޮޑަށް ގުޅުން ހުރި ނުކުތާއެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހި ދައުލަތަކީ ދުސްތޫރީ ސިޔާދަތު (Constitutional Sovereignty) އޮންނަ ދައުލަތެކެވެ. މި ދައުލަތުގައި ބަރުލަމާނީ ސިޔާދަތުގެ އުޞޫލު (Parliamentary Sovereignty) އެއް ނޯވެއެވެ. އެހެންކަމުން، ދައުލަތުގެ ބާރުތަކުގެ މަޞްދަރަކީ ނުވަތަ އަޞްލަކީ ބަރުލަމާނެއް ނޫނެވެ. ބާރުތަކުގެ މަޞްދަރަކީ ރައްޔިތުންނެވެ. ޢަދުލުއިންޞާފުގެ ބާރަށް ވެސް، ވެރިކަން ހިންގާ ތަންފީޛީ ބާރަށް ވެސް، އަދި ޤާނޫނު ހަދާ ބާރަށް ވެސް ބާރު ދެނީ ސީދާ ރައްޔިތުންނެވެ. ޤާނޫނުއަސާސީގެ ވަސީލަތުންނެވެ. އެހެންކަމުން، މި ތިން ބާރަށް މެ ލިބިދީފައި ވާ ދުސްތޫރީ އަދި ޤާނޫނީ ބާރުތައް ޤާނޫނުއަސާސީގައި ފެންނާން ހުންނާނެއެވެ. އެހެންޏާ ޞަރީޙަ (Explicit / Express) ކޮށެވެ. ނުވަތަ ދުސްތޫރީ ފިޤްހުގެ ހަމަތައް އެކަށައަޅާ ގޮތުގެ މަތީން ޟިމްނީ (Implicit / Implied) ކޮށެވެ. ޤާނޫނުއަސާސީން މި ދެ ގޮތުން ކުރެ ގޮތަކަށް ދީފައި ނެތް ބާރެއް، ރައްޔިތުންގެ މަޖިލިހަކަށް ވެސް ނޯންނާނެއެވެ. އަދި ދައުލަތުގެ ގުނަނަކަށް ޤާނޫނުއަސާސީން ދީފައި އޮންނަ ބާރު ބޭނުން ކުރާނޭ ގޮތް ޤާނޫނުތަކުގައި ތަފްޞީލު ކޮށް، ޝަރަޙަ ކޮށްދިނުމުގެ ބޭރުން، ޤާނޫނުއަސާސީން ބާރު ދީފައި އޮންނަ ގޮތް ބަދަލު ކޮށް، ޤާނޫނުއަސާސީން ބާރު ދީފައި އޮންނަ ގޮތަށްއުނިއިތުރު ގެނެސް "މޮޑިފައި" ކުރުމުގެ އޮތޯރިޓީއެއް ވެސް ރައްޔިތުންގެ މަޖިލިހަކަށް ނުއޮންނާނެއެވެ. އެހެންކަމުން، ޤާނޫނުއަސާސީގައި، ފުރިހަމަ ބާބަކުން، ކުއްލި ނުރައްކަލުގެ ޙާލަތާ ބެހޭ އުޞޫލުތައް ބަޔާން ކޮށްފައި ވަނިކޮށް، އެއިގެ ބޭރުން ތަންފީޛީ ބާރުގެ އެކިއެކި ވުޒާރާތަކަށާއި ޑިޕާޓްމަންޓްތަކަށާއި ކޮމިޓީތަކަށާއި މުއައްޒަފުންނާއި އޮފިސަރުންނަށާއި "ލޯކަލް ގަވަރންމަންޓް" އިދާރާތައް ފަދަ ފަރާތްތަކަށް ވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރުތައް ދީ، ޤާނޫނުއަސާސީ ތަޞައްވުރު ނުކުރާ ގޮތްގޮތަށް އެ ބާރު ބޭނުން ކުރުމަށް އިޖުރާއާތުތައް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލިހަށް ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހަށް، އެ މަޖިލިހުން ކަނޑައެޅިހައި ގޮތަކަށް ތަންފީޛީ ބާރަށާއި ޖުޑީޝަރީއަށް ބާރުތައް ދީ، އެ ބާރުތައް ހަނިކޮށް، އެ ބާރުތައް ނަގައި، އެ ގުނަންތައް ޖަވާބުދާރީ ކުރުވައި ހެދޭނީ ބަރުލަމާނީ ސިޔާދަތުގެ މަބްދައު އޮންނަ ދުސްތޫރީ ނިޒާމުތަކުގައެވެ. ހުރިހައި ބާރެއްގެ ސިޔާދަތީ ވެރިފަރާތަކީ ބަރުލަމާނު ކަމުގައި ހިމެނޭ، އިނގިރޭސި ވިލާތުގެ ދުސްތޫރީ ނިޒާމު ފަދަ ނިޒާމުތަކުގައެވެ.

މި ނުކުތާޔަކީ ވެސް އިސްވެދިޔަ ތިންވަނަ ނުކުތާގެ ތެރެއިން އުފަންވާ ނުކުތާއެކެވެ. ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި އޮންނަނީ، ޤާނޫނުއަސާސީގައި ކަށަވަރު ކޮށްދީފައިވާ އަސާސީ އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟު ނުވާ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލިހުން ފާސް ކުރާ ޤާނޫނަކުން ކަމުގައްޔާއި، ޤާނޫނުން އެކަން ކުރަނީ ޤާނޫނުއަސާސީ ހުއްދަ ކުރާ އިންތަކުގެ ތެރޭގައިތޯ ނުވަތަ ނޫންތޯ ކޯޓުތަކުން ވަރަށް ރަނގަޅަށް ޗެކް ކުރެވޭން ވާނެ ވާހަކައެވެ. ކުއްލި ނުރައްކަލުގެ ޙާލަތަކީ ރައްޔިތުންގެ ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭ އަދި ހަނި ކުރެވޭ ޙާލަތެކެވެ. މިހާރު ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް ވަނީ ބައެއް ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓިފައެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ހަޅުތާލު ކުރުމުގެ ޙައްޤާއި، 32 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމާއި، 41 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ދަތުރުފަތުރު ކުރުމުގެ ޙައްޤެވެ. ޤާނޫނުއަސާސީގެ ރޫޙަކީ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފެހެއްޓުމާއި ހަނި ކުރުމުގައި ދައުލަތުގެ އެއް ބާރެއްގެ ނިންމުމަކުން އެކަން ވުމުގެ ފުރުޞަތު ދިނުމުގެ ބަދަލުގައި، އެކަން ކުރުމުގައި ތިން ބާރުގެ ޝާމިލުވުން ވެސް ހިމެނުންކަން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ ފަދަ މާއްދާތަކުން އެނގޭން އޮންނަ އިރު، މަޖިލިހުން ފާސް ކުރާން ނުޖެހޭ ގޮތަށް، ޤާނޫނުއަސާސީގެ އެގާރަވަނަ ބާބުގެ ބޭރުން، ވަޒީރަކު އަމިއްލަފުޅަށް އޭނާގެ އިޚްތިޔާރުގައި ކުއްލި ޙާލަތު އިޢުލާން ކުރައްވައިގެން ރައްޔިތުންގެ އަސާސީ ޙައްޤުތަކެއް ހިފަހައްޓަވާން ނުވަތަ ހަނި ކުރައްވާން ބާރު ދިނުމަކީ ޤާނޫނުއަސާސީގެ ތަޞައްވުރެއް ކަމުގައި، އަދި އެއީ ޤާނޫނުއަސާސީން ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ރައްކައުތެރި ކުރުމަށް އެކަށައަޅާ ދުސްތޫރީ ރައްކައުތެރިކަމުގެ ނިޒާމާ އަރައިރުން ނުވާ ގޮތެއް ކަމަށް ބުނެވޭނެ ގޮތެއް އަޅުގަނޑަކަށެއް ނުފެނެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާ ބެހޭ އެންމެ އަސާސީ މާއްދާ ކަމުގައިވާ، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި، އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައި ބުނާ އިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިދާނެ ބައެއް ސަބަބުތައް ވެސް ސީދާ އެ މާއްދާގެ ނައްޞުގައި ބަޔާން ކޮށްފައި ވެއެވެ. އެއިގެ ތެރެއިން އެއް ސަބަބަކީ "ނުރައްކައުތެރި ބަލިމަޑުކަމެއް" ކުރިމަތި ވާ ޙާލަތެވެ. ޢާއްމު ޞިއްޙަތުގެ ނުރައްކަލުގެ ތެރެޔަށް ޤައުމު ވެއްޓެނީ، ޤައުމުގައި ނުރައްކައުތެރި ބަލިމަޑުކަމެއް އާދަޔާ ޚިލާފު ގޮތަކަށް ފެތުރި ޢާއްމު ވެގެން ދާދިޔުމުން، ނުވަތަ އެފަދަ ކަމެއް ވެދާނެކަމުގެ އިޙްތިމާލު ވަކި ވަރަކަށް ވުރެ ބޮޑު ވެ ޙަޤީޤީ ނުރައްކަލެއް ކުރިމަތި ވުމުންނެވެ. އެފަދަ ޙާލަތުގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު ޤާނޫނުއަސާސީން އެއޮތީ ސާފުކޮށް އަދި މުޠުލަޤުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ. ދެން ވަޒީރަކު، ނުވަތަ ދައުލަތުގެ އެހެން އެއްވެސް މީހަކު އިޢުލާން ކުރާން އޮތަސް އޮންނާނީ ކޮން "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް" ތޯއެވެ!

ކުއްލި ނުރައްކަލުގެ ޙާލަތާއި، ސްޓޭޓް އޮފް އިމަރޖެންސީ އާއި، ޢާއްމު ކުއްލި ނުރައްކަލުގެ ޙާލަތާއި، ޚާއްޞަ ކުއްލި ނުރައްކަލުގެ ޙާލަތާ، މިހެން ގޮސް ތަފާތު އެކިއެކި ޢިބާރާތްތައް ބޭނުން ކޮށްގެން، ދިވެހި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި އެ ވާހަކަތަކަކަށް އެއްވެސް އަސާސެއް ނެތް، ތާކުންތާކު ނުޖެހޭ، ވަހުމީ، އަދި ޡައްނީ ވާހަކަތަކެއް (conjecture / speculation) ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ އަޑުތައް އިވެއެވެ. ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ އެގާރަވަނަ ބާބުގެ ދަށުން އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތު ފިޔަވައި، އެހެން ކުއްލި ނުރައްކަލުގެ ޙާލަތުތަކެއް ވެސް ހުންނަކަމާއި، ޞިއްޙަތާ ބެހޭ ވަޒީރު 12 މާރިޗު 2020 ގައި އިޢުލާން ކުރެއްވީ އެފަދަ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަން ސާބިތު ކުރުމެވެ. ނަމަވެސް މިއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވެސް، އަދި ޤާނޫނުތަކުން ވެސް އެއްވެސް ދަލީލެއް ނުވަތަ ޙުއްޖަތެއް އެ ވާހަކަތަކަކަށް ލިބޭން ނެތް ވާހަކަތަކެކެވެ. މި ވާހަކަތައް ސިފަ ކުރުމަށް އެންމެ ރަނގަޅު ޢިބާރާތެއް ކަމުގައި އަޅުގަނޑަށް ފެންނަނީ، އިނގިރޭސި ފަލްސަފާވެރިޔާ އަދި ޖުރިސްޓް ޖެރެމީ ބެންތަމް (އަވަހާރަ ވީ މީލާދީން 1747 ގައި) ގެ ޢިބާރާތެއް ކަމުގައި ވާ – nonsense upon stilts - އެވެ.

މި ދެންނެވި ހަތް ނުކުތާގެ އަލީގައި، ޤާނޫނު ނަންބަރު 2012/7 (ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) ގެ ކަމާބެހޭ މާއްދާތަކަށް އަވަސް ކަޅިޔެއް ހިންގައިލަމާތޯއެވެ! އެ ޤާނޫނުގެ 33 ވަނަ މާއްދާގައި އޮންނަނީ، ޢާއްމު ޞިއްޙަތަށް ނުރައްކާ ވާފަދަ ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާ ވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އޭނާ ދޭ ލަފަޔެއްގެ މައްޗަށް، ޞިއްޙަތާ ބެހޭ ވަޒީރު ޢާއްމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ކުރިމަތި ވެއްޖެކަމުގެ އިޢުލާން ކުރާން ވާނެކަމުގައެވެ. ޤާނޫނުގެ 3 ވަނަ މާއްދާގައި، ޢާއްމު ޞިއްޙަތަށް ކުއްލި ނުރައްކަލެއް ކުރިމަތި ވެއްޖެކަމުގެ ޙާލަތު އިޢުލާން ކުރާ އިރު، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ކަންކަން ހިފެހެއްޓޭނެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. މި ދެންނެވި ޤާނޫނީ ނައްޞާ ގުޅިގެން، އިސްވެ ދެންނެވުނު ހަތް ނުކުތާގެ ބުންޔާދުގައި، އިތުރަށް ފާހަގަ ކުރާން ޖެހޭ މުހިއްމު ނުކުތާތައް ތިރީގައި މި ދަންނަވަނީއެވެ.

ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި އެބުނާ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ޤާނޫނުއަސާސީގެ އެގާރަވަނަ ބާބުގައި، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާޔާއި ދެންވެސް އެ ބާބުގެ އެހެން މާއްދާތަކުގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށް، އަދި އެއީ ތަފާތު އެހެން ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަކަށް ޤާނޫނުގައި ޞަރީޙަ ޢިބާރާތަކުން ވިޔަސް، ޟިމްނީ ޢިބާރާތަކުން ވިޔަސް، ބުނެފައެއް ނުވެއެވެ. ކުރީން އަޅުގަނޑު ދެންނެވި ހަތް ނުކުތާއިން އެނގި ކަށަވަރު ވާ ފަދައިން، ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި ވާ ކުއްލި ނުރައްކަލުގެ ޙާލަތު ކަމުގައި ނުހިމެނޭ، އެހެން ވައްތަރެއްގެ ނުވަތަ އެހެން ބާވަތެއް ކުއްލި ނުރައްކަލުގެ ޙާލަތެއް ޤާނޫނަކުން ތަޢާރަފު ކުރުން ވާނީ އޭގެ ޒާތުގައި ޣައިރުދުސްތޫރީ ވެސް ކަމަކަށެވެ. ވަކީން ޚާއްޞަކޮށް، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި، "ނުރައްކައުތެރި ބަލިމަޑުކަމެއް" ކުރިމަތި ވާ ޙާލަތުގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ސާފުކޮށް އަދި މުޠުލަޤުކޮށް ބުނެފައި އޮއްވައި، ޢާއްމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތި ވުމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ވަކި ކޮށް އެއީ ޞިއްޙަތާ ބެހޭ ވަޒީރު ކުރައްވާ ކަމެއް، ނުވަތަ ވަޒީރަށް އޮންނަ ބާރެއް ކަމަށް ޤާނޫނަކުންނެއް ނުހެދޭނެއެވެ. އެފަދައިން ޤާނޫނެއް ހެދިޔަސް، އެ ޤާނޫނެއް ވާނީ ޣައިރުދުސްތޫރީ ޤާނޫނަކަށެވެ.

ފުރަތަމަ ނުކުތާގެ އަލީގައި ދެން ދަންނަވާން ޖެހެނީ، ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ މަފްހޫމަކީ ރައީސުލްޖުމްހޫރިއްޔާ މަންޒަރުން ބޭރު ކޮށް، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ތަޞައްވަރު ނުކުރާ "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް" ކުރިމަތިވެއްޖެކަން ކަނޑައަޅައި އެކަން އިޢްލާން ކުރުމުގެ ބާރު ވަޒީރަކަށް ދިނުން ކަމުގައި ވަނީވިއްޔާ، އެ މާއްދާޔަކީ ޤާނޫނުއަސާސީއާ ޚިލާފު، އަދި އެހެންކަމުން ބާޠިލު މާއްދާއެއް ކަމުގައެވެ. ޙަޤީޤަތުގައި، ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނު ލިޔެ ފާސް ކުރި ބަޔަކު އެ އޮތީ ޑްރާފްޓް ކުރުމުގެ ބޮޑު ގޯހެއް ހަދައިފައެވެ. ޤާނޫނުގެ 33 ވަނަ މާއްދާގައި އޮންނާން ޖެހޭ ރަނގަޅު ގޮތަކީ، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާ ގޮތަށް، އަދި ޞިއްޙަތާ ބެހޭ ވަޒީރަކީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވަވާ، އަދި އިޢުލާން ކުރެވޭ ކުއްލި ނުރައްކަލުގެ ޙާލަތު މެނޭޖު ކުރުމުގެ ޒިންމާ އަދާ ކުރައްވާ ބެއިފުޅާ ކަމުގައި އޮތުމެވެ.

ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާޔަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާޔާ ފުށުނާރާ، އަދި ޞައްޙަ ވެގެންވާ ޤާނޫނީ ނައްޞެއް ކަމަށް ބަލައި، އެ މާއްދާޔަށް ޢަމަލު ކުރެވޭނެ ހަމައެކަނި ގޮތަކީ، އެ މާއްދާގެ ދަށުން ޞިއްޙަތާ ބެހޭ ވަޒީރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަކީ، ޤާނޫނީ ގޮތުން ހަމަ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުން ކަމުގައި ބަލައިގެން އެމާއްދާ މާނަ ކުރުމެވެ. ވަޒީރުގެ ދޫފުޅުން އިޢުލާން އިއްވެވިޔަސް، ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ވެސް އެ އިޢުލާން ކުރެވެނީ ހަމަ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ބާރު ލިބިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވަވާ ކުއްލި ނުރައްކަލުގެ ޙާލަތު ކަމުގައި ބެލުމެވެ. މިގޮތަށް ބެލުމަކީ، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާ ދެމެދުގައި އޮންނަ ޤާނޫނީ ގުޅުމާއި، ވަޒީރުންގެ ދުސްތޫރީ ޙައިޘިއްޔަތަށް ބެލިޔަސް، އެންމެ ރަނގަޅު ގޮތެވެ. އެހެނީ، ދިވެހިރާއްޖޭގައި މި އޮންނަ ބާވަތުގެ ދުސްތޫރީ ނިޒާމުތަކުގައި، ވަޒީރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބޭނުންފުޅު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރި ވެވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކާ ޚިލާފަށް، ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާ ގޮތަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމެއް ނެތި، އެއްވެސް ކަމެއް ކުރެއްވުމުގެ އެއްވެސް އޮތޯރިޓީއެއް ލިބިގެން ނުވާ ނާއިބުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ނޫނެކޭ ވިދާޅުވެފައި އޮއްވައި، ވަޒީރަށް "ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއޭ" ވިދާޅުވަމުން ވަޑައިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވެވޭނެތޯއެވެ؟ ރައީސަށް ނާންގަވައި، ވަޒީރު އޮފީހުގައި އިންނަވައިފައި އެފަދައިން އަމިއްލަފުޅަށް އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރެއް، ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވާނެތޯއެވެ؟ ޚުޞޫމަތެއް އުފެދިއްޖެ ހިނދެއްގައި، އެފަދަ ޤަރާރެއް ސުޕްރީމް ކޯޓުން ދަމަހައްޓަވާނެތޯއެވެ؟ އިސްވެ ދެންނެވުނު ވާހަކަތަކުގެ އަލީގައި މި ކަންކަމަށް ވިސްނުމުން، އޮޅުމެއް ނެތި ސާފު ވަނީ، ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ޞިއްޙަތާ ބެހޭ ވަޒީރު އެ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ އޭގެ ޝަކްލިއްޔާތާއި އިޖުރާއާތު (formality and procedures) ކޮންމެ ގޮތަކަށް ހުއްޓަސް، އޭގެ ޤާނޫނީ ޙައިޘިއްޔަތާއި ޒާތުގައި ހަމަ ޤާނޫނުއަސާސީގެ 253 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތުކަމެވެ. ދެން އޮތް ސުވާލަކީ، ވަކި މީހަކުގެ ދުލުން ބުނާ ބަސް، ނުވަތަ ވަކި މީހެއްގެ ގުނަވަންތަކުން ކުރާ ޢަމަލު، އެއީ އެހެން މީހެއްގެ ބަސް ނުވަތަ ޢަމަލު ކަމުގައި ބެލުން އެއީ ހަމަޖެހޭ އުޞޫލެއްތޯއެވެ! ޢާއްމު ވިސްނުމުން (common sense) އެންމެ ތިލަކޮށް ވިސްނާ އިރު، އަދި ޖިނާއީ ޒިންމާ އުފުލުން ފަދަ ކަންކަމުގައްޔާއި، ބައެއް ކަހަލަ މަދަނީ އިލްތިޒާމުތަކާ ގުޅިގެން ވެސް، އެއީ ހަމަޖެހޭ އުޞޫލަކަށް ނުވެދާނެއެވެ. ނަމަވެސް ވަރަށް ގިނަ ޙާލަތުތަކުގައި އެހެން އެކަން ވެދާނެކަން ޤާނޫނު ބަލައިގަނެއެވެ. ވާޤިޢީ ގޮތުން (factually) ބަހެއް ބުނާ ނުވަތަ ކަމެއް ކުރާ މީހާޔާ، ޤާނޫނީ ގޮތުން އެ ބަހެއް ބުނާ ނުވަތަ އެ ކަމެއް ކުރާ މީހާޔާ ތަފާތު ވުމަކީ ޤާނޫނީ ނިޒާމުގައި ނުހިނގާ އައު ކަމެއް ނޫނެވެ. އެއިގެ ވަރަށް ގިނަ މިސާލުތައް ދެއްކިދާނެއެވެ. ދެތިން މިސާލެއް ދަންނަވާ ނަމަ، އެޖެންޓަކު ކުރާ ކަންތަކާއި ދައްކާ ވާހަކަތައް، އެއީ އޭނާގެ ޕްރިންސިޕަލްގެ ޢަމަލުތަކާއި ވާހަކަތައް ކަމަށް ޤާނޫނީ ގޮތުން ބެލެވޭ ޙާލަތުތައް ހުރެއެވެ. ވަކީލަކު ނުވަތަ ޕަވަރ އޮފް އެޓަރނީ އޮންނަ ފަރާތަކުން ކުރާ ކަންކަމާއި ދައްކާ ވާހަކަތައް، އެއީ މުވައްކިލް ނުވަތަ ޕަވަރ އޮފް އެޓަރނީ ދޭ މީހާގެ ބަސް ނުވަތަ ޢަމަލު ކަމުގައި ޤާނޫނީ ގޮތުން ބެލެވޭ ޙާލަތު ހުރެއެވެ. ޤާޟީ ދޭ ވަލީޔަކީ، ވަލިއްޔުލްއަމްރު ނުވަތަ ޙާކިމު ދިން ވަލީއެއް ކަމަށް ބެލެވޭ ޝަރުޢީ އުޞޫލެއް އޮވެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އިޚްތިޔާރުގައި ޢައްޔަން ކުރައްވައި ވަކި ކުރައްވާ، އަދި ރައީސުލްޖުމްހޫރިއްޔާ އެންގެވި ގޮތަކަށް މަސައްކަތް ކުރުން ޤާނޫނުން ލާޒިމު ކުރާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބެއް ކަމުގައި ވާ ވަޒީރެއްގެ ދޫފުޅުން އިއްވެވޭ ކުއްލި ނުރައްކަލުގެ ޙާލަތުގެ އިޢުލާނަކީ، ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ އިޢުލާނެއް ކަމަށް ބެލުމަކީ އެއްވެސް ޙާލެއްގައި ޤާނޫނީ ގޮތުން މައްސަލައެއް ނޫނެވެ. އަދި ކީއްތޯއެވެ! އައުލާ ވެގެންވާ ގޮތަކީ ވެސް އެގޮތަށް ބެލުމެވެ. ޢާއްމު އުޞޫލަކުން ވެސް، ރިޔާސީ ނިޒާމެއްގައި ވަޒީރުން ކުރައްވާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަމުގެ ގޮތުގައި ނޫނީ ނުބެލެވޭނެއެވެ.

މި ދެންނެވި ނުކުތާތަކުގެ މައްޗަށް ބުރަ ވެ، ވިސްނައިލުމުން ސާފު ވެގެންދާ ކަމަކީ، ދިވެހިރާއްޖޭގައި މިހާރު އިޢުލާން ކުރެވިފައި މިއޮތީ، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވެވި ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށް މެނުވީ ބެލެވޭނެ ޤާނޫނީ އަސާސެއް ނެތް ކަމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވެވި ކުއްލި ނުރައްކަލުގެ ޙާލަތަކަށް ނުވަނީ ނަމަ، ދެން ބުނާން ޖެހެނީ މިއީ ޤާނޫނުއަސާސީން ނުދޭ ބާރެއްގެ ބޭނުން ކޮށްގެން، ޣައިރުދުސްތޫރީކޮށް، ދުސްތޫރީ މޭންޑޭޓުގެ ބޭރުން ވަޒީރު ކުރެއްވި ބާޠިލު އިޢުލާނެއް ކަމުގައެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ލަފާ އެ ބުންޔާދެއްގެ މަތީގައި ބިނާ ކުރެއްވެވި އެންމެ މުހިއްމު ބުންޔާދު - މިހާރު އިޢުލާން ކުރެވިފައި މިއޮތީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތެއް ނޫން ކަމަށާއި މިއީ ޤާނޫނެއްގެ ދަށުން ވަޒީރަކު އިޢުލާން ކުރެއްވެވި ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށް ބެއްލެވި ބެއްލެވުން - ކަނޑައެޅިގެން ގޯހެވެ.

267 ވަނަ މާއްދާޔާ މެދު އިތުރު ބެލުންތަކެއް

ދެން އަނެއްކާވެސް ބަލައިލާން ޖެހެނީ، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާޔަށެވެ. މި ފަހަރު ތަންކޮޅެއް ފުންކޮށެވެ. އެ މާއްދާގައި އޮންނަނީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެން ނުވާނެއެވެ" މިހެންނެވެ. ޤާނޫނުއަސާސީގެ ބަހާއި، ޤާނޫނުއަސާސީގެ ޙުކުމް ވަރަށް ސާފެވެ. ވަރަށް މުޠުލަޤެވެ. ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާން ކުރެވިފައެވެ. އެހެންކަމުން، މި ޙާލަތުގައި ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ނުގެނެވޭނެއެވެ. އެފަދަ އިޞްލާޙެއް ގެނައުމަށް ފާސް ކުރާ ކޮންމެ ޤާނޫނެއް ވާނީ ޣައިރުދުސްތޫރީ ޤާނޫނަކަށެވެ. އެފަދަ ޤާނޫނެއްގެ އެއްވެސް ޝަރްޢިއްޔަތެއް ނުވަތަ ޞައްޙަކަމެއް ނޯންނާނެއެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި، 267 ވަނަ މާއްދާ މި ޙާލަތަށް ނުހިނގާނެކަމަށް ވިދާޅުވެފައި ވެއެވެ. މި މޭރުމުން ގެންނަވައިފައިވާ ޒުވާބު (argument) ގެ ތެރޭގައި، 8 ވަނަ ނުކުތާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ވަރަށް ޝައުގުވެރި ޖުމުލައެއް ވެސް އޮވެއެވެ. އެ ޖުމުލައިގައި އޮންނަނީ "ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު، އެ މާއްދާގައި "ކުއްލި ނުރައްކަލުގެ ޙާލަތެއް" މިފަދަ ގޮތަކަށް އިބާރާތް ބޭނުން ކުރުމުގެ ބަދަލުގައި، އެ މާއްދާގައި ވާ އިބާރާތުގައި ލިޔެފައި އޮތީ "ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވާ ވަގުތެއްގައި"، މިގޮތަށް ކަމަށް ވުމުން، އެ މާއްދާގައި ޙަވާލާ ދީފައި ވަނީ ކަނޑައެޅި ބަޔާން ވެގެންވާ ވަކި ޚާއްޞަ ކުއްލި ނުރައްކަލުގެ ޙާލަތަކަށްކަން އެނގެން އޮތްކަން" މިހެންނެވެ. މިކަމާ ބެހޭގޮތުން ބައެއް ނުކުތާތައް ފާހަގަ ކޮށްލަމާ ހިންގަވާށެވެ.

ފުރަތަމަ ނުކުތާ - ދިވެހި ބަހުގެ ލަފުޒުތައް ގިންތި ކުރުމުގެ ހަމަތަކުގެ ދަށުން، "ޙާލަތު" އަކީ "ނަން" ނުވަތަ "އިސްމު" ގެ ކެޓަގަރީޔަށް ނިސްބަތް ވާ ލަފުޒެކެވެ. މުޖައްރަދު އިސްމެއް (abstract noun) ކަމަށް ގިންތި ކުރެވޭ ލަފުޒެކެވެ. އެ ލަފުޒު އެކަނި އޮންނަ އިރު، އެ ލަފުޒުގެ މާނަ ވަރަށް ފުޅަލެވެ. އެތައް ވައްތަރެއްގެ ޙާލަތު، އެ ލަފުޒުން މާނަ ކުރެވިދާނެއެވެ. ވަކި ސިޔާގެއްގައި އެ ލަފުޒު މާނަ ކުރެވޭ ގޮތް ކަނޑައެޅެނީ، ލަފުޒުގެ ކުރިޔަށް އަންނަ ނަންއިތުރެއްގެ ގޮތުންނެވެ. ޤާނޫނުއަސާސީގައި "ކުއްލި ނުރައްކަލުގެ ޙާލަތު" މިހެން އޮންނަ ޢިބާރާތުގައި، "ޙާލަތު" މި ނަން އެ އޮންނަނީ "ކުއްލި ނުރައްކަލުގެ" މި ނަންއިތުރުން "ކޮލިފައި" ކުރެވިފައެވެ. އެހެންވީމާ، ޤާނޫނުއަސާސީގައި އެބުނަނީ ކޮންމެކޮންމެ ޙާލަތެއްގެ ވާހަކައެއް ނޫނެވެ. "ކުއްލި ނުރައްކަލުގެ" ޙާލަތުގެ ވާހަކައެވެ. ނަމަވެސް "ކުއްލި ނުރައްކަލުގެ ޙާލަތު" އެއީ ކޮން ކަހަލަ، ކާކު އިޢުލާން ކުރާ، ކޮން އިޖުރާއާތަކުން އިޢުލާން ކުރެވޭ، ކީއްވެގެން އިޢުލާން ކުރެވޭ ކުއްލި ނުރައްކަލެއްގެ ޙާލަތުކަން އެނގި، އެއީ " ކަނޑައެޅި ބަޔާން ވެގެންވާ ވަކި ޚާއްޞަ ކުއްލި ނުރައްކަލުގެ ޙާލަތެއްކަން" ސާފު ވާނީ، އެ ޢިބާރާތުގެ ކުރިޔަށް އަދި އިތުރު ނަންއިތުރެއް ނުވަތަ ނަންއިތުރުތަކެއް އައުމުންނެވެ. މިސާލަކަށް "ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" މިހެން ބުނުމުން، އެ ދައްކަނީ ކުއްލި ނުރައްކަލުގެ ޙާލަތު މެދުވެރި ވެދާނެ އެތައް ސަބަބުތަކެއްގެ ތެރެއިން، ވަކި ޚާއްޞަ ކޮން ސަބަބެއް މެދުވެރި ވެގެން އިޢުލާން ކުރި ކުއްލި ނުރައްކަލުގެ ޙާލަތުކަން އެނގެއެވެ. "ހަނގުރާމައިގެ ކުއްލި ޙާލަތު" އޭ ބުނުމުން، އެ ދައްކަނީ ހަނގުރާމައިގެ ޙާލަތެއް މެދުވެރި ވެގެން އިޢުލާން ކުރާ ކުއްލި ޙާލަތެއްގެ ވާހަކަކަން އެނގެއެވެ. ނަމަވެސް އެފަދަ ނަންއިތުރެއް ނެތް ޙާލަތުގައި، "ކުއްލި ނުރައްކަލުގެ ޙާލަތު" އަކީ ހަމަ ކޮންމެ "ކުއްލި ނުރައްކަލުގެ ޙާލަތެއް" ސިފަ ކުރުމަށް ވެސް ބޭނުން ކުރެވޭނެ ޢާއްމު ނަމެކެވެ.

ދެވަނަ ނުކުތާ - އިސްތިޝާރީ ލަފާގައި ވިދާޅުވެފައި އޮންނަނީ ޤާނޫނުއަސާސީގައި "ކުއްލި ނުރައްކަލުގެ ޙާލަތު" މިހެން އޮތުމުން، އެއީ ކަނޑައެޅި ބަޔާން ވެގެންވާ ވަކި ޚާއްޞަ ކުއްލި ނުރައްކަލުގެ ޙާލަތެއްކަން އެނގޭ ކަމުގައެވެ. ޢާއްމުކޮށް ހުރިހައި "ކުއްލި ނުރައްކަލުގެ ޙާލަތުތަކުގެ" ވާހަކަ ދައްކާނަމަ އޮންނާން ވާނީ "ކުއްލި ނުރައްކަލުގެ ޙާލަތެއް" މިހެން ކަމުގައެވެ. ނަމަވެސް ފުރަތަމަ ނުކުތާއިން ވެސް ސާފު ވާނެ ފަދައިން، މިއީ ދިވެހި ބަހުގެ ޤަވާޢިދުގެ އުޞޫލުތަކުގެ ތެރެއިން ވާހަކަ ދައްކާ އިރު، އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. "ޙާލަތު" މި ނަމަށް ވުރެ ޢާއްމު، އަދި އިސްމެއްގެ ގޮތުގައި ސިކުނޑިޔަށް ނަގައިގަނެ ވަޒަން ކުރާން ފަސޭހަ އިސްމެއް ކަމަށް ވާ "އަނބު" ބޭނުން ކޮށްގެން ވާހަކަ ދައްކަމާ ހިންގަވާށެވެ. ދިވެހި ބަހުން "އަނބު" މިހެން ބުނުމާ، "އަނބެއް" މިހެން ބުނުމާ ހުރި ތަފާތަކީ ކޮބައިތޯއެވެ؟ "އަނބެއް" މިހެން ބުނުމުން އެއީ ކޮން އަނބެއްކަން ނޭނގިފައި، "އަނބު" މިހެން ބުނުމުން އެއީ ކަނޑައެޅި ބަޔާން ވެގެންވާ ވަކި ޚާއްޞަ އަނބެއްކަން އެނގުންތޯއެވެ؟ އޮޅުމެއް ނެތް ގޮތުގައި އެހެންނެއް ނުވެއެވެ. ޙަޤީޤަތުގައި "އަނބު" މިހެން ބުނުމުން، ލަފުޒުގެ "ވޭގްނެސް" އާއި "އެމްބިގިޔުޓީ" ވަނީ އިތުރެވެ. އޭގެ ޢާއްމުކަން (generality) ވަނީ ބޮޑެވެ. "އަނބެއް" މިހެން ބުނެފި ނަމަ، އެންމެ ކުޑަމިނުން، އެ ދައްކަނީ އެއް އަނބުގެ ވާހަކަކަން އެނގެއެވެ. "އަނބު" މިހެން ބުނުމުން އެވަރު ވެސް ނޭނގި، އެ ލަފުޒު ވާނޭ އެންމެ ބޮޑަކަށް ޢާއްމު ވީއެވެ. ހުރިހައި އަނބެއް އެ ލަފުޒުގެ މާނައިގެ ތެރެޔަށް ވަންނަ ގޮތް ވީއެވެ. އެ ލަފުޒު ޚާއްޞަ ކުރެވޭނީ، ލަފުޒުގެ ކުރިޔަށް "އަޙްމަދުގެ އަނބު" ނުވަތަ "އަޙްމަދު ފުވައްމުލަކުން ގެނައި އަނބު" މި ކަހަލަ ނަންއިތުރުތަކެއް ގެނެސްގެން، ނަން ނުވަތަ އިސްމު "ކޮލިފައި" ކޮށްގެންނެވެ. މި އުޞޫލުން، އިތުރު ސިފަކުރުމެއް ނުވަތަ ކޮލިފައި ކުރުމެއް ނުވަތަ ނަންއިތުރެއް ކުރިޔަށް ނައިސް ހަމައެކަނި "ކުއްލި ނުރައްކަލުގެ ޙާލަތު" މިހެން ބުނުމުން، އެއީ ކުއްލި ނުރައްކަލުގެ ހުރިހައި ޙާލަތެއް އެއިގެ ތެރެޔަށް ވަންނަ ޢާއްމު ނަމެކެވެ. އެއީ ކުއްލި ނުރައްކަލުގެ ޙާލަތުތަކުގެ ތެރެއިން، ޚާއްޞަކޮށް ނަންގަނެވޭ ވަކި ކުއްލި ނުރައްކަލެއްގެ ޙާލަތުކަން ދޭހައެއް ނުވެއެވެ.

މި ދެ ނުކުތާއިން އެނގޭ ގޮތުގައި، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދިވެހި ދައުލަތުގައި އިޢުލާން ކުރާ ނުވަތަ ކުރެވޭނެ "ކުއްލި ނުރައްކަލުގެ ޙާލަތުތަކުގެ" ތެރެއިން، ބައެއް ޙާލަތުތައް އިސްތިސްނާކޮށް، ބާކީ ހުރި ޙާލަތުތައް ކަމުގައި ބެލުމަށް ޙުއްޖަތު ޤާއިމު ކުރެއްވުމުގެ ގޮތުން އިސްތިޝާރީ ލަފާގެ 8 ވަނަ ނުކުތާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ވިދާޅުވެފައި އެވާ ވާހަކަތަކަކީ ދިވެހި ބަހުގެ ޤަވާޢިދާއި، ދިވެހި މާނަވިއްޔާތު (Semantics of Divehi Language) ގެ ހަމަތަކުގެ ނަޒަރުން ބަލާ އިރު އެއްވެސް ޢިލްމީ އަސާސެއް އަދި ބުރަދަނެއް ނެތް ހުސް ވާހަކަތަކެކެވެ. ބަހުގެ ޤަވާޢިދާއި ލުޣަވީ ހަމަތަކުގެ ތަރާދުން ކިރާ އިރު، މުޅީން ކުށް ވާހަކަތަކެކެވެ. ޙަޤީޤަތުގައި، 267 ވަނަ މާއްދާގެ ނައްޞުގެ ޢިބާރާތަށް، އެ ޢިބާރާތުގެ ލަފުޒީ މާނަޔަށް ފޯކަސް ކޮށްގެން ވާހަކަ ދައްކާ ނަމަ، އެ މާއްދާއިން ނެގެނީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެ ކަމަށް ވިދާޅުވި ވިދާޅުވުން ގޯސްކަން އެނގޭ ޒުވާބެކެވެ. އެހެނީ، އެ މާއްދާގައި އޮންނަނީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެއެވެ" މިހެންނެވެ. އެ މާއްދާގައި "ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރާ ކުއްލި ނުރައްކަލުގެ ޙާލަތު" މިހެންނެއް ނޯވެއެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ދޭ ބާރުން އެމަނިކުފާނު އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތު ފިޔަވައި، ރައްޔިތުންގެ މަޖިލިހުގެ ޤާނޫނުތަކުން ބާރު ދީގެން ވަޒީރުންނާއި އިދާރާތަކުގެ ޑިރެކްޓަރ ޖެނެރަލުންނާއި، ކައުންސިލަރުންނާއި، އަމިއްލަ ޖަމްޢިއްޔާޖަމާޢަތްތަކާއި، ވަކި ވަރަކަށް ވުރެ ރައުސްމާލު ބޮޑު ކުންފުނިތަކަށް ވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިދާނޭ ކަމަށް ބެލިޔަސް، 267 ވަނަ މާއްދާގެ ނައްޞު އެއިގެ ތެރެއިން ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތަކަށް އެކަނި ތަޠުބީޤު ކުރެވޭ ގޮތަށް ހަނި ކުރުމަކަށް، އެ މާއްދާގެ ޢިބާރާތް ހުއްދައެއް ނުދެއެވެ. އެހެނީ، ކުރީންވެސް ދެންނެވި ހެން، އެ މާއްދާގައި އޮންނަނީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެއެވެ" މިހެންނެވެ. އެބަހީ، ކޮންމެ މީހަކު، ކޮންމެ ކަމަކާ ގުޅިގެން، ކޮންމެ މަޞްދަރަކުން ބާރު ލިބިގެން، ކޮންމެ އިޖުރާއާތެއްގެ ތެރެއިން އިޢުލާން ކުރިޔަސް، "ކުއްލި ނުރައްކަލުގެ ޙާލަތެއް" އިޢުލާން ކޮށްފައި ވަނީ ނަމަ، ޤާނޫނުއަސާސީ އިޞްލާޙެއް ނުކުރެވޭނެއެވެ.

ދެން އޮތި، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން، އަދި އެ ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމާ ބެހޭގޮތުން އަޅުގަނޑު ދަންނަވާން ބޭނުންވާ އެންމެ ފަހު ނުކުތާއެވެ. މި ނުކުތާ ގުޅެނީ، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާޙެއް ގެނެސްގެނެއް ނުވާނެޔޭ ބުނެ އުޞޫލެއް ކަނޑައެޅުމުގެ ސަބަބާއެވެ. އެ ދުސްތޫރީ އުޞޫލުގެ މަޤްޞަދާއެވެ. މިކަމާ ބެހޭގޮތުން ދަންނަވާން އޮތް ވާހަކަތައް ވެސް ނުކުތާތަކަކަށް ބަހައިލާނަމެވެ.

އިސްތިޝާރީ ލަފާގެ 8 ވަނަ ނުކުތާގެ (ބ) ގެ (1) ގައި އޮންނަނީ، އެ މާއްދާގައި އެހެން އޮތުމުގެ މަޤްޞަދު ހަމައެކަނި 19 ނޮވެންބަރު 2007 ގެ ރޭ 8:30 ގައި ރައްޔިތުންގެ މަޖިލިހުގެ ޚާއްޞަ ޖަލްސާގެ ބަޙުޘްގެ ޔައުމިއްޔާގައި އޮތް އެއްޗެއްގެ ދާއިރާގެ ތެރެޔަށް ހަނި ކުރެއްވުމަށް މަސައްކަތް ކުރައްވައިފަޔޭ ހީވެއެވެ. ނަމަވެސް، ޤާނޫނުއަސާސީ މާނަ ކޮށް ތަފްސީރު ކުރުމަށް ޓަކައި ދުނިޔޭގެ ދުސްތޫރީ ކޯޓުތަކުންނާއި ދުސްތޫރީ ޢިލްމުވެރީން އެކަށައަޅުއްވައި ބަޔާން ކުރައްވައިފައި ހުރި އުޞޫލުތަކުގެ ތެރެއިން އެއްވެސް އުޞޫލެއްގައި، ޤާނޫނުއަސާސީ މާނަ ކުރެވޭނީ ހަމައެކަނި އެ ޤާނޫނުއަސާސީ ލިޔުނު މީހުން، ޤާނޫނުއަސާސީ ލިޔުނު މަންސައެއްގައި ދެއްކި ވާހަކަތަކަށޭ، މިހެން އޮންނަ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނުވެއެވެ. އެގޮތަށް ވިސްނާ ބައެއް މީހުން ތިބެދާނެއެވެ. ނަމަވެސް އެއިއްޔަކީ ދުސްތޫރީ ޢިލްމުގައި ބަލައިގަނެވިފައި އޮތް އުޞޫލެއް ނޫނެވެ. ދުސްތޫރީ ޤާނޫނަކީ، އާދައިގެ ޤާނޫނު ހަދާ މަޖިލިހަކުން، އާދައިގެ ކަންކަމާ މެދުގައި ޢާއްމު އުޞޫލުން ޤާނޫނު ހަދާހެން ހަދާ އެއްޗެއް ނޫނެވެ. ޅެމުގެ މާނަ އޮންނާނީ ޝާޢިރުގެ ބަނޑުގައޭ ބުނެވޭ ގޮތަށް، ޤާނޫނުއަސާސީގެ މާނަ ހޯދުމަށް ޓަކައި ޤާނޫނު ހަދާ މަޖިލިހުގެ ބަނޑު ހޭވުން ނޫން އެހެން ކަމެއް ނުކުރުމަކީ ދުސްތޫރީ ކޯޓުތަކާއި ދުސްތޫރީ މައްސަލަ ބަލާ ކޯޓުތަކުން ޢަމަލު ކޮށްގެން ވާނޭ ގޮތެއް ނޫނެވެ. ޤާނޫނުއަސާސީ އަކީ ވަރަށް ޢާއްމު އަދި ވަރަށް އަސާސީ ޤާނޫނީ މަބްދައުތަކަކާއި އުޞޫލުތަކަކާއި ޖުރިސްޕްރުޑެންޝަލް އަސާސްތަކެއްގެ މައްޗަށް ލިޔެ އެކަށައެޅޭ ޤާނޫނެކެވެ. އެ ޤާނޫނު މާނަ ކުރުމުގައި އެންމެ ފުރަތަމަޔަށާއި، އެންމެ ފަހަށް ބަލާން ޖެހޭނީ އެ މަބްދައުތަކަށާއި އުޞޫލުތަކަށާއި އަސާސްތަކަށެވެ. ޤާނޫނުއަސާސީ ލިޔުނު ޖަލްސާގެ ޔައުމިއްޔާ އަށް ބައްލަވާން ވާނީ އެ ދެމެދުގައެވެ. ހަމައެޔާއެކު، ނުހަނު މުހިއްމު މައްސަލައެއްގައި، ނުހަނު މުހިއްމު ދަނޑިވަޅެއްގައި، ޤައުމުގެ މުޅި ދުސްތޫރީ ނިޒާމުގެ މައްޗަށް އެއިގެ ނަތީޖާ ހިނގާނޭ ގޮތެއްގައި ޤާނޫނުއަސާސީ މާނަ ކުރެއްވި ކުރެއްވުމުގައި، ދިރާސާ ކުރެއްވުން މުހިއްމު ހަމައެކަނި އެއްޗަކީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ޔައުމިއްޔާ ކަމަށް ބެއްލެވުމުގެ ކުރީން، ބަރުލަމާނީ ސިޔާދަތު އޮންނަ އިނގިރޭސި ވިލާތުގައި 1992 ގެ ކުރީން، ޤާނޫނު މާނަ ކުރުމަށް ޓަކައި އެހީއެއްގެ ގޮތުގައި ހޭންސަރޑް ބޭނުން ކުރުމާ މެދު ފަނޑިޔާރުންނާއި ކޯޓުތަކުގެ ވިސްނުންފުޅު ހުރި ގޮތާއި، އެއިރު އޮތް އެކްސްކްލޫޝަނަރީ ރޫލް އާއި، 1992 ވަނަ އަހަރު ޕެޕަރ ވަރސަސް ހާރޓް ގައި ކުރެވިގެން ދިޔަ މުހިއްމު ބަޙުޘާއި، އެކްސްކްލޫޝަނަރީ ރޫލް ބާޠިލު ކޮށް، އިންކްލޫޝަނަރީ ރޫލް ތަޢާރަފު ކޮށްގެން ހޭންސަރޑް ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށް ކަނޑައެޅުނު އިރު ވެސް ފަނޑިޔާރުން ފާހަގަ ކުރެއްވި ޙުދޫދުތަކާއި، އެއިގެ ފަހުން ވެސް ހައުސް އޮފް ލޯރޑްސްގެ ކުރީގެ ފަނޑިޔާރު ބޭރޮން ޕީޓަރ މިލެޓް އާއި، ހައުސް އޮފް ލޯރޑްސްގެ ކުރީގެ ފަނޑިޔާރު ބޭރޮން ޔޮއާން ސްޓެއިން ފަދަ ފުންނާބު އުސް ބެއިފުޅުން ހޭންސަރޑް ބޭނުން ކުރުމާ ދެކޮޅަށް ދައްކަވައިފައި ވާ ބުރަދަން ބޮޑު ވާހަކަފުޅުތަކާއި، ފާއިތު ވި އަހަރުތަކުގައި ޕެޕަރ ވަރސަސް ހާރޓް މަޑުމަޑުން ހަވާސާޔަށް ލެވެމުން އައި ގޮތުގެ މައްޗަށް ފަރުވާތެރިކަމާ އެކު ބެއްލެވި ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ.

ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ލިޔެފައި އޮތް ޢިބާރާތް ވަރަށް ސާފެވެ. އޭގައި އޮތީ ކުއްލި ނުރައްކަލުގެ ޙާލަތެއް ދިވެހި ޤައުމުގައި އިޢުލާން ކޮށްފައި އޮއްވައި، ޤާނޫނުއަސާސީ އިޞްލާޙު ނުކުރެވޭނެ ކަމުގައެވެ. އެ މާއްދާގެ ދަށަށް، އިޢުލާން ކުރެވޭ ކޮންމެ ކުއްލި ނުރައްކަލުގެ ޙާލަތެއް ވަންނަ ގޮތަށެވެ. އެހެން އޮއްވައި، އެ މާއްދާގެ ތަޠުބީޤީ ދާއިރާ ހަނި ކޮށް، އެއީ ވަކި އިޖުރާއާތަކުން އިޢުލާން ކުރެވޭ ކުއްލި ނުރައްކަލުގެ ޙާލަތޭ، ނުވަތަ ވަކި މީހަކު އިޢުލާން ކުރާ ކުއްލި ނުރައްކަލުގެ ޙާލަތޭ، ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންތަކެއް ޤާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައި ތިބޭ ޙާލަތު އެކަންޏޭ، މި ޒާތުން އެ މާއްދާ ފިއްތަމުން ހިމަ ކުރަމުން ހަނި ކުރަމުން ގެންދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! 267 ވަނަ މާއްދާގެ މަޢުޤޫލު ތަފްސީރަކުން (reasonable interpretation) އެކަށައެޅޭ ސީދާސާދާ އުޞޫލަކީ، ދިވެހި ދައުލަތުގައި އެއްވެސް ކަހަލަ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާން ކުރެވިފައި އޮއްވައި، ޤާނޫނުއަސާސީ އިޞްލާޙު ނުކުރެވޭނެކަމުގެ އުޞޫލެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ނުކުރުމުގެ އުޞޫލަކީ ދިވެހި ދުސްތޫރަށް ޚާއްޞަ، ދިވެހިރާއްޖޭގައި އެކަނި އޮންނަ އުޞޫލެއް ވެސް ނޫނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި އޮއްވައި ޤާނޫނުއަސާސީ އިޞްލާޙު ނުކުރެވޭނެ ކަމުގެ އުޞޫލަކީ ޢާލަމީ އުޞޫލެކެވެ. ރަނގަޅު އަދި ޞައްޙަ ގޮތް ކަމުގައި އެތައް ޤައުމެއްގައި ބަލައިގަނެ ޢަމަލު ކުރަމުން ދާ އުޞޫލެކެވެ. މި އުޞޫލުގެ އަސާސަކީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ވިސްނުމެވެ. ބޭނުމަކީ، ދައުލަތް ކުއްލި ނުރައްކަލުގެ ޙާލަތުގައި ބާއްވައިގެން، ރައްޔިތުންނަށް ލިބިދީފައި އޮންނަ އެއްވެއުޅުމާއި އިޙުތިޖާޖު ކުރުމުގެ މިނިވަންކަމުގެ ޙައްޤު ފަދަ ޙައްޤުތައް ތަޢުލީޤުކޮށް، މީހުން ގޭގޭގައި "ހައްޔަރެއްގައި" ބައިތިއްބައިގެން ޚުދުމުޚްތާރު ގޮތްގޮތަށް، އަދި ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދާގޮތަށް ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމުގެ ދޮރުގައި ދުސްތޫރީ ތަޅެއް އަޅުވައި ބަންދު ކޮށްފައި ބެހެއްޓުމެވެ. މި މަފްހޫމާ އެއްގޮތަށް، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ އެތައް ވަޘީޤާއެއްގައި ވެސް ވަނީ މާއްދާތައް ހިމަނައިފައެވެ. މިސާލުތަކެއްގެ ގޮތުގައި އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް 1966 ގެ 4 ވަނަ މާއްދާޔާއި، ޔޫރަޕިޔަން ކޮންވެންޝަން އޮން ހިޔުމަން ރައިޓްސްގެ 15 ވަނަ މާއްދާޔާއި، އެމެރިކަން ކޮންވެންޝަން އޮން ހިޔުމަން ރައިޓްސް ގެ 27 ވަނަ މާއްދާ ބައްލަވާށެވެ.

މި ނުކުތާތަކުގެ އަލީގައި ދަންނަވާން ޖެހެނީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާޔާއި އެ މާއްދާގެ އަސާސް ކަމުގައި ހިމެނޭ ދުސްތޫރީ މަފްހޫމުތަކާއި އުޞޫލުތަކަށް އިންޞާފު ކުރެވިފައި ނުވާ ކަމުގައެވެ. އަދި އެ މާއްދާގެ މަޤްޞަދަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރައްވައި، އެ މަޤްޞަދު ގެއްލިދިޔަނުދިނުމަށް މަސައްކަތް ކުރައްވައިފައި ނުވާ ކަމަށެވެ. އެހެނީ، ދިވެހިރާއްޖޭގައި މިހާރު މި އޮތް ކުއްލި ނުރައްކަލުގެ ޙާލަތުގައި، ރައްޔިތުން ގޭގޭގައި "ހައްޔަރެއްގައި" ތިއްބައި، އަދި ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކާ ދެކޮޅަށް ޚިޔާލު ފައުޅު ކޮށް އިޙްތިޖާޖު ކުރުމަށް ޓަކައި މަގުތަކަށް ނުކުތުމުގެ ދޮރު ބަންދު ވެފައި ވާ ދަނޑިވަޅެއްގައި، ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ ފައުޅު ވެ ބަޔާން ވެގެންވާ ފަދަޔަކުން، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ މަޤްޞަދު ނަފީ ކުރެއްވިކުރެއްވުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި އެވަނީ ދިވެހި ރައްޔިތުން "ގެދޮރުގެ ހައްޔަރުގައި"، އިޙްތިޖާޖު ނުކުރެވޭނެ އަދި އެއްވެގެން އަޑު ނުއުފުލޭނެ ގޮތެއްގައި ބައިތިއްބައިގެން، ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް "އިލެޖިޓިމޭޓް ލައިސަންސެއް" ދެއްވައިފައެވެ. ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ ބާރު ކަނޑުއްވައިލައްވައިފައެވެ.

ސުޕްރީމް ކޯޓުން 29 މެއި 2020 ގައި ރައްޔިތުންގެ މަޖިލިހަށް ދެއްވެވި އިސްތިޝާރީ ލަފަޔަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، އަދި ދުސްތޫރީ ފިޤްހު ނުވަތަ ކޮންސްޓިޓިޔުޝަނަލް ޖުރިސްޕްރޫޑެންސްގެ ގާއިމު ވެގެންވާ ޢާލަމީ އުޞޫލުތަކާ ޚިލާފު، އަދި ޤާނޫނުއަސާސީގެ ނައްޞާ ވެސް އަދި ރޫޙާ ވެސް ޚިލާފު ލަފަޔެކޭ އަޅުގަނޑު ދަންނަވާ ސަބަބުތައް މި ދަންނަވައިލެވުނީއެވެ.

އިސްތިޝާރީ ލަފާގެ މައްޗަށް ނަޒަރެއް

ދެން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ޖައުހަރީ ނުވަތަ މައުޟޫޢީ (substantive) ބުރަދަނާ މެދުގައި ވާހަކަ ދައްކައިލަމާ ހިންގަވާށެވެ. އިސްވެ ބަޔާން ކުރި ފަދައިން، ޤާނޫނުއަސާސީގެ 276 ވަނަ މާއްދާއިން ކަނޑައަޅާ ދުސްތޫރީ ހަމައިގެ ސަބަބުން، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙެއް ނުކުރެވޭނެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ލަފާ ރަނގަޅެއް ނޫނެވެ. ނަމަވެސް މި ވަގުތަށް 267 ވަނަ މާއްދާޔަކީ ނެތް މާއްދާއެއް ކަމުގައި ބަލައިގެން، މި ދަނޑިވަޅަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެ ޙާލަތެއް ކަމަށް ބަލައިގެން، ސުޕްރީމް ކޯޓުގެ ލަފާގެ ޤާނޫނީ، ޢިލްމީ، އަދި ޢަޤުލީ ބުރަދަން (legal, intellectual, and rational weight) ވަޒަން ކޮށްލުމަކީ ވެސް ނެތް ކަމެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ލަފާގެ މައިގަނޑު ނުކުތާޔަކީ، ކުރީން ވެސް ދެންނެވި ފަދައިން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި މިހާރު ތިބި ކައުންސިލަރުންނަށް 03 ޖޫން 2020 އިން ފެށިގެން މަޤާމުގައި ދެމިތިބެވޭނީ، ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން، އެ އިޞްލާޙުން އެމީހުންނަށް މަޤާމުގައި ދެމިތިބެވޭނެ ގޮތެއް ހަދައިދީގެން ކަމުގެ ނުކުތާއެވެ. އެކަން ކުރުމަށް ޓަކައި އިސްތިޝާރީ ލަފާގައި ބުނެދޭ ފުރަތަމަ ގޮތަކީ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ނައްޞަށް އިޞްލާޙެއް ގެނައުމެވެ. ދެވަނަ ގޮތަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ނައްޞު އިޞްލާޙު ކުރުމުގެ ބަދަލުގައި ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ފަހަތުގައި ވަކީން އިންތިޤާލީ މާއްދާއެއް ހިމަނައި، އެ މާއްދާއިން މިހާރު ތިބި ކައުންސިލަރުންނަށް، ދެން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި ކައުންސިލަރުން އިންތިޚާބު ވެގެން އެމީހުންގެ ދައުރު ފެށޭންދެން، މަޤާމުގައި ތިބުމުގެ ޝަރުޢިއްޔަތު ޞަރީޙަ ބަހުން ދިނުމެވެ. މި ދެ ގޮތަށް އަޅުގަނޑު ބަލައިލާނީ ވަކިވަކީންނެވެ.

ފުރަތަމަ ގޮތް – ތަންކޮޅެއް ދުރުން ފަށާނަމެވެ. އަޅުގަނޑުގެ ނަޒަރުގައި ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަކީ އިޞްލާޙު ކުރުން މުހިއްމު މާއްދާއެކެވެ. އެއީ ކީއްވެގެންކަން، މިހާރު ދިމާ ވެގެން މިއުޅޭ މައްސަލައިން އެކަނި ވެސް ސާފު ވެއެވެ. އެ މާއްދާގައި ކައުންސިލަރުންގެ މަޤާމުގެ ޢުމުރަކީ ނުވަތަ ދައުރަކީ ތިން އަހަރޭ ބުނެފައި ނިންމައިލުމުގެ ބަދަލުގައި، އިންތިޚާބު ވެފައި ވާ ކައުންސިލަރުންގެ މަޤާމުގެ ދައުރަށް ފަހު، ޟަރޫރީ ޙާލަތްތަކެއްގައި، އިސްތިސްނާއީ ގޮތެއްގައި، އެމީހުންނަށް މަސްއޫލިއްޔަތު އަދާ ކުރުންމަތީ ތިބެވޭނެ ގޮތެއް ނުވަތަ ގޮތްތަކެއް ވެސް ބަޔާން ކޮށްފައި އޮތް ނަމަ، މިހާރު މި ދިމާވެގެން އުޅޭ މައްސަލަ ދިމައެއްނުވީހެވެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބު ކުރެވިފައި ތިބޭ މީހުންނަށް، އެމީހުންގެ މަޤާމުތަކުގެ ދައުރު ނިމުމުން، ތަފާތު ޟަރޫރީ އަދި އިސްތިސްނާ ޙާލަތުތަކާއި ސަބަބުތަކަށް ޓަކައި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބެވޭނެ ގޮތްތައް ވަރަށް ގިނަ ޤާނޫނުއަސާސީތަކުގައި ހުރެއެވެ. މިސާލެއް ހޯދުމަށް ޓަކައި ދުރަށް ދާކަށެއް ވެސް ނުޖެހެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ޤާނޫނުއަސާސީގެ 80 ވަނަ މާއްދާ ބައްލަވާށެވެ. އެ މާއްދާގައި އޮންނަނީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ދަނޑިވަޅެއްގައި ޢާއްމު އިންތިޚާބެއް ބޭއްވުމަށް ދަތި ވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ޢުމުރު ދިގު ކުރުމުގެ ޤަރާރެއް އެ މަޖިލިހަށް ފާސް ކުރެވިދާނެ ކަމުގައެވެ. އިތުރު މިސާލުތަކެއް ބޭނުންފުޅު ނަމަ، ރަނގަޅު ޤާނޫނުއަސާސީތަކެއް ހުރި ޤައުމުތައް ކަމުގައި ވާ ބަންގްލަދޭޝްގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާ އާއި، މޯލްޓާގެ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާ ބައްލަވާށެވެ. މި ޤާނޫނުއަސާސީތަކުގައި ވެސް ވަނީ، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ޤައުމު އޮންނަ ދަނޑިވަޅެއްގައި، ޟަރޫރީ ޙާލަތަށް ޓަކައި، އިންތިޚާބު ފަސް ކޮށް، ދައުރު ފުރިހަމަ ވެފައި ތިބޭ މީހުންނަށް، އެމީހުން އިންތިޚާބު ވެފައި ތިބި ދައުރު ނިމުމަށް ފަހުގައި ވެސް މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދެވޭނެ ގޮތްތަކެއް ކަނޑައަޅައިފައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް އިޞްލާޙެއް ގެނެސް، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އިންތިޚާބެއް ބޭއްވުން މުސްތަޙީލު ވެއްޖެ ހިނދެއްގައި އެއިރަކު އިންތިޚާބު ކުރެވިފައި ތިބި ކައުންސިލަރުންނަށް ދައުރުގެ ފަހުން ވެސް މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދެވޭނެ ގޮތެއް ހެދުމަކީ ރަނގަޅު އިޞްލާޙަކަށް ވާނޭކަމަށް އަޅުގަނޑަށް ފެނެއެވެ. ނަމަވެސް އެފަދަ އިޞްލާޙެއް ވެސް ރަނގަޅު ވާނީ، އެ އިޞްލާޙަށް ފަހު ދެން އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މައްޗަށް ހިނގާ ގޮތަށް ގެނައުމެވެ. އެ އިޞްލާޙުގެ ކުރީން ބޭއްވުނު އިންތިޚާބަކުން ހޮވިފައި ވާ ކައުންސިލްތަކެއްގެ މައްޗަށް "ރިޓްރޯސްޕެކްޓިވް" (retrospective / ex post facto / retroactive) ކޮށް އެ އިޞްލާޙު ހިންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މި ނުކުތާގެ އަލީގައި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބަޔާން ކޮށްފައިވާ ފުރަތަމަ ގޮތް ވަޒަން ކުރާ ނަމަ، ދެންނެވޭނީ އެއީ މައުޟޫޢީ ގޮތުން ވެސް ބުރަދަން ލުއި، ހަރުދަނާކަން ކުޑަ ލަފައެއް ކަމުގައެވެ. އެ ލަފާގައި ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް "ރިޓްރޯސްޕެކްޓިވް" ކޮށް ތަޠުބީޤު ކޮށް ހިންގުމަށް އަންގަވައިފައި ވާތީއެވެ. އަޅުގަނޑު ވެސް އެއްބަހެވެ! "ރިޓްރޯސްޕެކްޓިވް" ކޮށް ޤާނޫނު ހިންގުމަކީ ބައެއް ޙާލަތުތަކުގައި ކުރެވޭ، އަދި ކުރެވިދާނެ ކަމެކެވެ. ނަމަވެސް ޢާއްމު އުޞޫލެއްގެ ގޮތުން އެއީ ޢަމަލު ކުރުން ރަނގަޅު ނޫން ގޮތެކެވެ. ޚާއްޞަކޮށް، އެ ނޫން އެހެން އެއްވެސް ގޮތެއް އޮއްވައި، "ރިޓްރޯސްޕެކްޓިވް" ކޮށް ޤާނޫނު ހަދައި ހިންގުމަށް ސުޕްރީމް ކޯޓަކުން ލަފާ ދިނުމަކީ ކުރުން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ. އެއީ އެހެން ގޮތެއް ނެތިގެން، ނުވަތަ ޢަދުލުއިންޞާފުގެ މަޞްލަޙަތު ރައްކައުތެރި ކުރުމަށް ޓަކައި މަޖުބޫރު ވެގެން ނޫނީ، ހަރުދަނާ ޤާނޫނީ ނިޒާމުތަކުގައި ކުރާ ވެސް ކަމެއް ނޫނެވެ. މި ޙާލަތުގައި، ޢަމަލު ކުރެވޭނެ އެހެން ގޮތެއް އޮތްކަން، މި ކޮލަމުގެ ދެން އޮތް ބައިގައި ސާފުކޮށް އެރުވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ.

ދެވަނަ ގޮތް - ސުޕްރީމް ކޯޓުގެ ލަފައިން ދައްކަވައިފައި ވާ ދެވަނަ ގޮތަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ނައްޞު ބަދަލު ނުކޮށް، ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ ފަހަތުގައި ވަކީން ވަގުތީ އަދި އިންތިޤާލީ މާއްދާއެއް ހިމަނައި، އެ މާއްދާއިން މިހާރު ތިބި ކައުންސިލަރުންނަށް، ދެން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި ކައުންސިލަރުން އިންތިޚާބު ވެގެން އެމީހުންގެ ދައުރު ފެށޭންދެން، މަޤާމުގައި ތިބުމުގެ ޝަރުޢިއްޔަތު ޞަރީޙަ ބަހުން ދިނުމެވެ. މި ރައުޔަކީ ކޮން ސަބަބަކާ ހުރެ، އެއިގެ ސަބަބުން ކޮން ފައިދާއެއް ނުވަތަ ކޮން މަންފާއެއް ކުރާނެތީ، ނުވަތަ އެހެން ހެދުމުގެ ނަތީޖާއެއްގެ ގޮތުން ކޮން ގެއްލުމެއް ނުވަތަ ފަސާދައެއް ނުވަތަ މައްސަލައެއްގެ ދޮރު ބަންދު ވާނެތީ، ހުށައެޅުއްވި ގޮތެއްކަން އެއްގޮތަކަށް ވެސް ނޭނގެއެވެ. ބޮޑަށް ވައްތަރު ވާން އުޅެނީ "މިވެސް ދެން ގޮތެއް" އުޞޫލުން ދެއްވައިފައިވާ ރައުޔަކާއެވެ. މި ރައުޔާ ގުޅިގެން ތަފާތު އެތައް ސުވާލެއް އުފެދެއެވެ. ތިރީގައި މި ދަންނަވައިލަނީ އެ ސުވާލުތަކެވެ.

އިންތިޤާލީ ޙާލަތު (Period / Time of Transition) އަކީ ކޯއްޗެއްކަން ބަޔާން ކުރާކަށް އަޅުގަނޑު ނުހަދާނަމެވެ. މިހާރު ވެސް މި ކޮލަމް ހެޔޮވަރު ވަރަށް ވުރެ މާ ދިގު ވެފައި ވާތީއެވެ. ހަމައެކަނި ދަންނަވައިލާނީ، ދިވެހިރާއްޖޭގައި ދުސްތޫރީ އިންތިޤާލީ ޙާލަތެއް ނެތް ކަމުގައެވެ. ކައުންސިލްތަކުގެ އިންތިޚާބުގެ މައްސަލައިގައި ވެސް، މި އުޅެނިއްޔަކީ އިންތިޤާލީ ޙާލަތެއް އައިސްގެންނެއް ނޫނެވެ. ފަހެ، އިންތިޤާލީ ޙާލަތެއް ނެތީސް، އިންތިޤާލީ މާއްދާޔަކުން މައްސަލަ ޙައްލު ކުރާން ޖެހެނީ ދުސްތޫރީ ފިޤްހުގެ ކޮން އަސާސަކަށް ބައްލަވައިގެންތޯއެވެ؟ އެގޮތަށް ރައުޔު ދެއްވުމުގެ "ޖުރިސްޕްރުޑެންޝަލް" އަސާސަކީ ކޮބައިތޯއެވެ؟ ކޮފީ މޭޒު ޙައްލެއް ކޮންމެ މީހަކަށް ވެސް ދެވިދާނެއެވެ. ނަމަވެސް ސުޕްރީމް ކޯޓަކުން ވާހަކަ ދައްކަވާން ވާނީ، ނިންމުންތައް ނިންމަވާން ވާނީ، އަދި ގޮތްތައް ވިދާޅުވެދެއްވާން ވާނީ "ޖުރިސްޕްރުޑެންޝަލް" އަސާސްތަކުގެ މަތީގައި ނޫންތޯއެވެ!

ޤާނޫނުއަސާސީގެ ތޭރަވަނަ ބާބަކީ "ޤާނޫނުއަސާސީއަށް ޢަމަލު ކުރުމާއި މާނަކުރުން" މި ނަމުގައި އޮންނަ ބާބެކެވެ. އެއީ އިންތިޤާލީ ކަންކަމާ ބެހޭ ބާބެއް ނޫނެވެ. ދެހާސް އަށް ވަނަ އަހަރު ޤާނޫނުއަސާސީއަށް ޢަމަލު ކުރާން ފެށި އިރު، އެ އިންތިޤާލީ މަރުޙަލާގައި ޢަމަލު ކުރެވޭނެ އުޞޫލުތައް ވެސް ހިމެނީ އެ ބާބަކު ނޫނެވެ. ޤާނޫނުއަސާސީގެ ސާދަވަނަ ބާބުގައެވެ. ވީއިރު، މިއަދު ޤާނޫނުއަސާސީއަށް "އިންތިޤާލީ" މާއްދާއެއް އިތުރު ކުރުމުގައި، ތޭރަވަނަ ބާބުގެ ތެރެޔަށް އެ މާއްދާ އަންނާން ޖެހެނީ ކޮން ޙިކުމަތަކަށް ޓަކައި، ކީއްވެގެންތޯއެވެ؟ މި ނުކުތާ، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން ވެސް ވަނީ އޭނާގެ ރައުޔުގައި ނަންގަވައިފައެވެ. ލަފާގެ 15 ވަނަ ނުކުތާގައި، އިތުރު ކުރާ އިންތިޤާލީ މާއްދާ ޤާނޫނުއަސާސީގެ "އޮޕަރޭޓިވް" ބައިގައި ނުހިމެނުމަށް ޓަކައި ތޭރަވަނަ ބާބުގައި އެ މާއްދާ ހިމަނާން ޖެހެނީ ކަމަށް ވިދާޅުވެފައި ވެއެވެ. ޤާނޫނުއަސާސީގެ "އޮޕަރޭޓިވް" ބަޔަކީ ކޯއްޗެއްތޯއެވެ؟ ޤާނޫނުއަސާސީގެ ތޭރަވަނަ ބާބަކީ "އޮޕަރޭޓިވް" ބައިގައި ނުހިމެނޭ ބާބެއް ކަމަށް ކަނޑައެޅުއްވީ ކޮން ހަމަޔަކުން، ކޮން އުޞޫލަކުންތޯއެވެ؟ އިނގިރޭސި ލިޔުންތަކުގައި، ޤާނޫނުއަސާސީތަކުގައި ހިމަނައިފައި ހުންނަ މުޤައްދިމާތަކާއި، އަރިމަތީ ސުރުޚީތައް ފަދަ ބައިތަކަކީ "އޮޕަރޭޓިވް" ނޫން ބައިތަކޭ ލިޔެފައި ހުއްޓައި ފެނެއެވެ. އެ ލިޔުންތަކުގައި "އޮޕަރެޓިވް" ނޫނޭ ބުނަނީ، އެ ބައިތަކަކީ ޤާނޫނީގޮތުން ތަންފީޛު ނުކުރެވޭ، ޤާނޫނީ ބުރަދަނެއް ނެތް، އަދި ޤާނޫނުއަސާސީގެ ދެ ބަނޑޭރިގަނޑުގެ ދެމެދުގައި ހުއްޓަސް ޤާނޫނުއަސާސީގެ ބަޔަކަށް ނުވާ ބައިތަކެއް ކަން ހާމަ ކުރުމަށް ޓަކައެވެ. ޤާނޫނުއަސާސީގައި ހިމެނޭ، ޤާނޫނުއަސާސީގެ ބައެއް ކަމުގައި ހިމެނޭ، އަދި ޤާނޫނުއަސާސީގެ ޢަމަލު ކުރާން ޖެހޭ މާއްދާތަކަކަށް ނުވަތަ ބާބަކަށް "އޮޕަރޭޓިވް" ނޫން ބަޔެކޭ ކިޔާ އަޑު އަޅުގަނޑަށް އިވުނީ އަލަށެވެ.

ޤާނޫނުއަސާސީ ތަފްސީރު ކުރުމުގައި، ސުޕްރީމް ކޯޓަކުން ވިސްނުންފުޅު ހިންގަވާން ޖެހޭނީ ހަމައެކަނި އަތްމަތީގައި އެއިރަކު އޮންނަ މައްސަލަޔާއި، އެ މައްސަލަ ހިފައިގެން އައި މީހާޔާއި އެ މައްސަލަ ރައްދުވާ ފަރާތުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެ މައްސަލައެއްގައި ކޯޓުން ނިންމަވާ ނިންމެވުމަކުން ދުރު މުސްތަޤުބަލުގައި ނުކުމެދާނެ ނަތީޖާތަކަށް ވެސް ވިސްނަވާން ވާނެއެވެ. އެ ނިންމެވުމެއްގެ ފައުޅު ވެގެންވާ ނަތީޖާތަކުގެ އިތުރުން، ވަންހަނާ ވެގެންވާ ނަތީޖާތަކާ މެދުގައި ވެސް ވިސްނަވާން ވާނެއެވެ. އެ ނިންމުމެއްގެ ސީދާ ނަތީޖާތަކުގެ އިތުރުން، ނުސީދާ ނަތީޖާތަކާ މެދުގައި ވެސް ވިސްނަވާން ވާނެއެވެ. މައްސަލައިގެ ދެކޮޅުގައި، ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ހިސާބުގައި ތިބި މީހުންގެ އިތުރުން، ދުރުތިބީންނާއި ފަހުތިބީންނާއި އިހުތިބީންގެ މައްޗަށް ވެސް އެކިއެކި ގޮތްގޮތުން އެ ނިންމެވުމެއްގެ ނަތީޖާތައް ހިނގައިފާނޭ ގޮތްތަކާ މެދުގައި ވެސް ވިސްނަވާން ވާނެމެއެވެ. ދުސްތޫރީ ނިންމުންތައް ނިންމުމުގައި، ޝަރުޢީ އަދި ޤާނޫނީ ގޮތުން އިސްތިޤްރާރު ވެފައި ހުންނަ ވަރުގަދަ އަސާސްތަކާއި ޢިލްމީ މަބްދައުތަކުގެ މަތީގައި ނިންމުންތައް ބިނާ ކުރާން ޖެހެނީ މި ސަބަބަށް ޓަކައެވެ. މި ކަންކަމަށް ވިސްނުން ބަހައްޓައިގެން ސުޕްރީމް ކޯޓުގެ ލަފާގެ ދެވަނަ ބަޔަށް ވިސްނައިލުމުން އުފެދޭ ވަރަށް މުހިއްމު ސުވާލެއް އެބައޮތެވެ. މީގެ ފަހުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ބާރު އޮންނަ ކޮންމެ ބަޔަކު، ޤާނޫނުއަސާސީގެ މާއްދާޔަކާ ޚިލާފަށް ކަންތައްތައް ކުރާން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި، އެ މާއްދާއެއް ތަޢުލީޤު (suspend) ކޮށް، މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީ އާއި ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތް ކަމުގައި ވާ ސުޕްރީމް ކޯޓުގެ ބަހެއް ނުހިންގޭނޭ މަގުން، އެ ބަޔަކު ބޭނުންވާ ގޮތް ހުއްދަ ކުރާ އިންތިޤާލީ މާއްދާއެއް ޤާނޫނުއަސާސީއަށް ވައްދައިގެން، އެ ބަޔަކު ކުރާން ބޭނުން ކޮންމެ ކަމަކަށް ދުސްތޫރީ ޝަރްޢިއްޔަތު (Constitutional Legitimacy) ހޯދުމަށް ދެވުނު "ޖުޑީޝަލް ލައިސަންސަކަށް"، މި އިސްތިޝާރީ ލަފާ ނުވޭ ބާވައޭ މި ސުވާލެވެ. ދައުލަތް ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގައި "ސުޕަރމެޖޯރިޓީ" އޮތް ނުވަތަ އެފަދަ މެޖޯރިޓީއެއްގެ "އިފެކްޓް" ގެނައުމުގެ އުކުޅު ކާމިޔާބުކަމާ އެކު ހެދި ކޮންމެ ބަޔަކު، ޤާނޫނުއަސާސީގެ މާއްދާތައް ހުރިގޮތަށް ހުއްޓައި، ފަހަތުންނާއި ކުރިމަތީންނާއި އަރިމަތީންނާއި މަތީންނާއި ތިރީން، އަދި ވަލުދޮރޯށީންނާއި ކުކުޅުވަހީންނާއި ދޮރުދަށުން ފަދަ ގޮތްގޮތަށް، ޤާނޫނުއަސާސީޔަށް ނުޙަލާލު އިންތިޤާލީ މާއްދާތައް ވައްދައިގެން، އެ ބަޔަކު ހިތުހުރި ގޮތެއް ހަދަމުން ހިތުހުރި ކަމެއް ހުއްދަ ކުރަމުން ގެންދިޔުމަށް ދެވުނު "ޖުޑީޝަލް ވޮރަންޓަކަށް" މި އިސްތިޝާރީ ލަފާ ނުވޭ ބާވައޭ މި ސުވާލެވެ. މި އިސްތިޝާރީ ލަފަޔަކީ، ރައްޔިތުންގެ މަޖިލިހާއި ތަންފީޛީ ބާރު ގުޅިގެން، ޤާނޫނުއަސާސީގައި އޮންނަ "އުނދަގޫ ބޮޑު" މާއްދާއެއްގެ "މައިނުގައި" ނުޖެހި އެ މާއްދާ ވަށައިލައިފައި ޣައިރުދުސްތޫރީ މަގުތަކާއި ޣައިރުޤާނޫނީ ގޯޅިތަކުން ނާޖާއިޒު އަދި ނުހަމަ ސިޔާސީ މަންޒިލްތަކަށް ދާން ސުޕްރީމް ކޯޓުން ހުޅުވައިދިން ދޮރެއް ކަމުގައި ނުވާނެތޯ، މި ސުވާލެވެ. ޢާއްމު އުޞޫލެއްގެ ގޮތުން، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކަކީ "ޕޮލިޓިކަލް ކުއެޝްޗަން ޑޮކްޓްރިން" (Political Question Doctrine) ގެ ދަށުން، ކޯޓުތަކަށް ސުވާލު ނުކުރެވޭ ކަމެކެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ މި ލަފަޔާ އެކު، ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލު ކޮށްފައި، ސުޕްރީމް ކޯޓުގެ ރަޤާބާ ޤަޟާއިއްޔާ (Judicial Review) ގެ ފާރަވެރި އިސްކޭނުގެ ދަށު ނުވެ ޒިންމާއިން ރެކޭން، މަޖިލިސް ކޮންޓްރޯލް ކުރާ ފަރާތްތަކަށް މިއޮތީ ދޮރެއް ހުޅުވައިދެވިފައެވެ. ކުރާންވީ ކަމަކީ ޤާނޫނުއަސާސީގައި އޮންނަ އެ ބަޔަކު ޢަމަލު ކުރާން ބޭނުން ނުވާ މާއްދާ ތަޢުލީޤު ކޮށް، އިންތިޤާލީ މާއްދާއެއް ލުމެވެ. ތެދުފުޅެކެވެ! ސުޕްރީމް ކޯޓުން މި އިސްތިޝާރީ ލަފާ ނުދިނަސް، މަޖިލިހާއި ތަންފީޛީ ބާރު ކޮންޓްރޯލް ކުރާ ބަޔަކު އެހެން ހަދައިފާނެއެވެ. ނަމަވެސް މި އިސްތިޝާރީ ލަފަޔާ އެކު، މިހާރު މިއޮތީ އެހެން ހެދިދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައި އޮތް ޤަޟާއީ ބުނުމެކެވެ. ދެން، އެފަދައިން ޢަމަލު ކުރުމުގެ ޞައްޙަކަމާ މެދު ސުވާލެއް ކުރެވޭނެ ގޮތެއް ނޯންނާނެ ނޫންތޯއެވެ؟ ކުރިޔަށް އޮތް ތަނުގައި އެފަދައިން ޢަމަލު ކުރާ ކޮންމެ ބަޔަކަށް، މިއީ 2020 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަދުވަހު،ދިވެހިރާއްޖޭގެސުޕްރީމްކޯޓުންނެރުއްވިއިސްތިޝާރީލަފައިންއިސްތިޤްރާރުވެގެންދިޔަދުސްތޫރީއުޞޫލުގެދަށުންކުރާކަމެކޭބުނެ،ޙުއްޖަތްނުދެއްކޭނެތޯއެވެ؟ނުދައްކާނެތޯއެވެ؟

ޙަޤީޤީ ޙައްލު - ޙާލަތުއް ޟަރޫރާގެ މަބްދައު

ސުޕްރީމް ކޯޓުން ދެއްވި އިސްތިޝާރީ ލަފަޔަކީ ހަރުދަނާ ދުސްތޫރީ އަސާސެއްގެ މަތީގައި ދެއްވި، ޞައްޙަ އަދި ރަނގަޅު ލަފަޔަކަށް ނުވަންޏާ، މި ޙާލަތުގައި ކުރިމަތި ވެގެން މިއުޅޭ މައްސަލަޔަށް އޮތް ޙައްލަކީ ކޮބައިހެއްޔޭ، މިއީ އަނެއްކާވެސް އެ ސުވާލަކަށް އަޅުގަނޑުމެން އެނބުރިލާން ޖެހޭ މުހިއްމު ސުވާލެވެ. ބޮޑު ސުވާލެވެ.

އަޅުގަނޑު ހިތުން، މި ސުވާލުގެ ޖަވާބު އޮތީ 2019 ގެ ކުރީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައެއް ޤަޟިއްޔާތަކުގައި ތަޠުބީޤު ކުރައްވައިފައި ވާ ޤާނޫނީ މަބްދައެއްގައެވެ. އެ މަބްދައަކީ ޢާއްމު ގޮތެއްގައި "ޙާލަތުއް ޟަރޫރާގެ މަބްދައު" (Doctrine of Necessity) ފަދަ ނަންތަކުން ސިފަ ކުރެވޭ މަބްދައެވެ. އެއިރު، ސުޕްރީމް ކޯޓުން ބައެއް މައްސަލަތަކުގައި "ޙާލަތުއް ޟަރޫރާ" ގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ހިންގާން ޖެހޭ އުޞޫލުތައް ހިންގެވުމުން، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ބަޔަކު އެކަމަށް ހަޖޫ ޖަހަމުން، ޖޯކު ޖަހަމުން، ބިނދިބިނދިފައި ހެމުން އުޅުނު މަންޒަރެވެ. ރަނގަޅެވެ! އެއީ ދުނިޔޭގެ އާދައެވެ. ދުނިޔޭގައި އަބަދުވެސް އުޅޭނީ ހޭނ މީހުންނާއި، ރޯ މީހުންނާއި، ރުޅި އައިސް ރަތް ވެގެން އުޅޭ މީހުންނާއި، މޮޅި ވެގެން މޯޅި ވެގެން އުޅޭ މީހުން ފަދަ އެކި ބާވަތްބާވަތުގެ، އެކި ކުލަކުލައިގެ މީހުންނެވެ. އެކަމާ ޝަކުވާ ކުރުމުގެ މާނައެއް ނުވަތަ ފައިދާއެއް ނޯންނާނެއެވެ.

ޝަރުޢީ އަދި ޤާނޫނީ ސިޔާގުގައި "ޙާލަތުއް ޟަރޫރާ" (State of Necessity) އެވެ ބުނެވެނީ، ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ކަނޑައަޅައި ބަޔާން ކޮށްފައި އޮންނަ ގޮތް ނުވަތަ ޙުކުމް ނުވަތަ އުޞޫލާ އެއްގޮތަށް ޢަމަލު ކުރުން މުސްތަޙީލު ވުމުގެ ސަބަބުން، ނުވަތަ އެފަދައިން ޢަމަލު ކުރުމުން ނުކުންނަ ނަތީޖާތަކުގެ ސަބަބުން ފުރާނަޔާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ޙަޤީޤީ ބިރާއި ނުރައްކާ އުފެދުމުން، އެ ބިރާއި ނުރައްކަލުން ދަފަރާ ވެގަތުމުގެ ގޮތުން ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި އޮންނަ އުޞޫލަށް ޢަމަލު ކުރުން ވަގުތީ ގޮތުން ދޫކޮށްލުން ޖާއިޒު ވެގެންދާ ޙާލަތަށެވެ. މިފަދަ ޙާލަތުތަކުގައި، ޝަރުޢީ ނުވަތަ ޤާނޫނީ ޙުކުމަށް ޢަމަލު ކުރުމަށް އޮންނަ ވާޖިބުކަން ވަގުތީގޮތުން ކެނޑި، ލުޔެއް ނުވަތަ "ރުޚްޞާއެއް" ލިބިގެން ދާނެކަމާއި، "ޙަރަޖް" އުފުއްލެވިގެން ދާނެކަން، އެއީ އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުންނާއި، އިސްލާމީ ފިޤްހުގެ އުޞޫލުތަކާއި ހަމަތަކުން އެކަށައެޅިފައި އޮންނަ ވަރުގަދަ ހަމައެކެވެ. ހަމައެހެންމެ، މިއީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އަންޒަމާނުއްސުރެ ބަލައިގަނެވި ޢަމަލު ކުރެވެމުން އަންނަ ހަމައެކެވެ. ޔަހޫދީ ދީނުގެ ތަލްމޫދީ ޖުރިސްޕްރުޑެންސް (Talmudic Jurisprudence) ގައި ވެސް، އަދި މި ޒަމާނުގެ ބޮޑެތި ޤާނޫނީ ނިޒާމުތައް ކަމުގައި ވާ އިނގިރޭސި ކޮމަން ލޯވ (English Common Law) ނިޒާމާއި، ޔޫރަޕިޔަން ކޮންޓިނެލްޓަލް ނިޒާމުތަކުގެ (European Continental Legal Systems) އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގައި ވެސް، މި އުޞޫލަކީ ބަލައިގަނެވޭ އުޞޫލެކެވެ. އަދި ކީއްތޯއެވެ! މި އުޞޫލު ނުވަތަ މަބްދައަކީ، އެޔާ ނުލައި ދުސްތޫރީ އަދި އިދާރީ ޢަދުލުގެ ނިޒާމު ވިޔަސް، މަދަނީ ޢަދުލުގެ ނިޒާމު ވިޔަސް، އަދި ޖިނާއީ ޢަދުލުގެ ނިޒާމު ވިޔަސް ނުހިނގާނެ އަސާސީ މަބްދައެކެވެ. ސަބަބަކީ، އަޅުގަނޑުމެން އިންސާނުން ކިތަންމެ ރަނގަޅަކަށް، ކިތަންމެ ޝާމިލުކޮށް، ކިތަންމެ ފުރިހަމަޔަކަށް ޤާނޫނުތައް ހެދިޔަސް، އިންސާނީ ދިރިއުޅުމުގައި ބައެއް ފަހަރު ދިމާ ވާ ކަންކަމާއި ޙާލަތުތަކުގައި އެ ޤާނޫނުތަކަށް ޢަމަލު ކުރުން މުސްތަޙީލު ވެގެން ދިޔުން، ނުވަތަ އެ ޤާނޫނުތަކަށް ޢަމަލު ކުރުމުން ނުކުންނަ ނަތީޖާތަކަކީ ބޮޑެތި ނުބައިތަކެއް ކަމުގައި ވެދާ ޙާލަތުތައް މެދުވެރި ވުން، އެއީ ދުނިޔޭގެ އާދަ ކަމުގައި ވާތީއެވެ. އެހެންކަމުން، ހަރުދަނާ ޤާނޫނީ ނިޒާމެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ، ހެދިފައި ހުންނަ ޢާއްމު ޤާނޫނީ އުޞޫލުތަކާއި ހަމަތަކުން، ޟަރޫރަތުގެ ޙާލަތުގައި، އެއްކިބާ ވެވޭނެ ގޮތްތަކެއް ނުވަތަ މަގުތަކެއް ވެސް އޮތުމެވެ. މިހެން ނޯންނަ ނަމަ، މި "ފްލެކްސިބިލިޓީ" ޤާނޫނުގައި ނޯންނަ ނަމަ، ޤާނޫނަކީ އިންސާނުންނަށް އެމައްޗަށް ޢަމަލު ނުކުރެވޭނެ ބޮޑު މުޞީބާތަކަށް މެނުވީ ނުވީހެވެ. ޤާނޫނުގެ އަތުން ބޮޑެތި ބޭއިންޞާފުތަކާއި އަނިޔާތަކާއި ޡުލްމުތައް ޢާއްމު ވެ، މުޖުތަމަޢުތަކުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް އޮތް ބޮޑު ހުރަހަކަށް ޤާނޫނު ވެގެން ގޮސް، ޤާނޫނުގެ އަމިއްލަ މައިގަނޑު މަޤްޞަދާ އިދިކޮޅު އަދި އެހެންކަމުން އާޚިރުގައި އަމިއްލަ ޒާތު ފަނާ ކޮށްލަނިވި – counterproductive, and therefore ultimately self-destructive – އެއްޗަކަށް ޤާނޫނު ވީހެވެ.

ޙާލަތުއް ޟަރޫރާގައި ޝަރުޢީ ޙުކުމްތަކަށް ޢަމަލު ކުރުމުގެ ވާޖިބުކަމުގެ ބުރައިން ލުއި ނުވަތަ "ރުޚްޞާ" ލިބި، "ރަފްޢުލް ޙަރަޖު" ގެ އުޞޫލުގެ ދަށުން މުކައްލަފުގެ ކިބައިން އުނދަގޫތައް އުފުއްލެވޭނެކަމުގެ މަބްދައު އިސްލާމީ ޝަރީޢަތުގައި ނެގެނީ ކީރިތި ޤުރްއާނުގެ މޫރިތި، ލޮބުވެތި، އަދި ބަރަކާތްތެރި އާޔަތްތަކުންނެވެ. 6 އާޔަތެއްގައި ޞަރީޙަ ބަސްފުޅުން ޙާލަތުއް ޟަރޫރާގައި ވާ މުކައްލަފަށް ލުއި ދެއްވައިފައި ވެއެވެ. އެއީ ސޫރަތުލް ބަޤަރާގެ 173 ވަނަ އާޔަތާއި، ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތާއި، ސޫރަތުލް އަންޢާމުގެ 119 ވަނަ އާޔަތާއި، ހަމަ އެ ސޫރަތުގެ 145 ވަނަ އާޔަތާއި، ސޫރަތުއް ނަޙްލުގެ 106 ވަނަ އާޔަތާއި، ހަމަ އެ ސޫރަތުގެ 115 ވަނަ އާޔަތެވެ. ކީރިތި މާތް ނަބިއްޔާގެ ސުންނަތުން ވެސް، ޙާލަތުއް ޟަރޫރާގައި ޢާއްމު ޙުކުމްތަކަށް ޢަމަލު ކުރުމުގެ ބުރައިން ލުއި ލިބުމުގެ އުޞޫލު ސާބިތު ވެއެވެ. މި މައުޟޫޢުގައި ޙަދީޘް ފޮތްތަކުގައި ހުރި އެތައް ހަދީޘްފުޅުތަކެއްގެ ތެރެއިން އެންމެ މަޝްހޫރު އެއް ޙަދީޘްފުޅަކީ، ޞަޙީޙް މުސްލިމްގައި އޮންނަ ޙަދީޘްފުޅެކެވެ. މީހަކު ތިމާގެ މުދައު ފޭރިގަތުމަށް ޓަކައި ތިމާޔާ ޙަމަލަ ދީ ހަނގުރާމަ ކުރާން ފަށައިފި ނަމަ، އަމިއްލަ މުދާ ސަލާމަތް ކުރުމުގެ ޟަރޫރަތަށް ޓަކައި އެ މީހަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ކަމަށާއި، އެ ހަނގުރާމައިގައި ތިމާ މަރު ވެއްޖެ ނަމަ ޝަހީދެއްގެ ދަރަޖަ ދެއްވާނެކަމަށާއި، އެ ހަނގުރާމައިގައި ތިމާގެ އަތުން ދުޝްމަނާ މަރު ވެއްޖެ ނަމަ އޭނާޔަށް ހުރީ ނަރަކަ ކަމަށް ބަޔާން ކުރައްވާ ޙަދީޘްފުޅެވެ.

މި އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަ ވެވަޑައިގެން، އިސްލާމީ އުއްމަތުގެ ބޮޑެތި ފިޤްހުވެރީން ވަނީ "ޙާލަތުއް ޟަރޫރާ" ގެ މައުޟޫޢުގައި އެތައް ހާސް ޞަފުޙާއެއްގެ ޢިލްމީ ބަޔާންތަކާއި ބަޙުޘްތައް ލިޔުއްވައިފައެވެ. "ޟަރޫރާ" އާއި "ރުޚްޞާ" އާއި "ރަފްޢުލް ޙަރަޖު" ފަދަ އިޞްޠިލާޙުތައް ބޭނުންފުޅު ކުރައްވައިގެންނެވެ. މި ބަޙުޘްތަކުގެ އެންމެ މަތިވެރި އެއް ރާއިދަކީ މުސްލިމުންގެ ފަޚުރެއް ކަމުގައި ވާ އަލްއިމާމް ޝާފިޢީއެވެ. އެކަލޭގެފާނަށް ފަހު، އިސްލާމީ ރަންޒަމާނުގެ ދުވަސްވަރު މި މައުޟޫޢުގައި ލިޔުއްވައި، ބަޙުޘް ކުރައްވައި ހެއްދެވި ބޮޑެތި މުފައްސިރުންނާއި، މުޙައްދިޘުންނާއި، ފަޤީހުންގެ ނަންފުޅުތައް މިތަނުގައި ކޮންމެހެން ލިސްޓް ކުރުމުގެ މާކަބޮޑު ޟަރޫރަތެއް ނެތެވެ. މި ޒަމާނުގެ އިސްލާމީ ފިޤްހުވެރީންގެ ތެރެއިން، މި މައުޟޫޢުގައި އެންމެ ފުޅާ ދާއިރާއެއްގައި ލިޔުއްވެވި އެއް ބެއިފުޅަކީ ސީރިޔާގެ މަޝްހޫރު ޢިލްމުވެރިޔާ ޕްރޮފެސަރ ޑރ. ވަހްބަތު މުޞްޠަފާ އައްޒުޙައިލީއެވެ. "ނަޟަރިއްޔަތުއް ޟަރޫރަތުއް ޝަރްޢިއްޔާ، ދިރާސަތުން މުޤާރަނަތުން" މި ނަމުގައި އޭނާ ތައުލީފު ކުރައްވައި 1960 ގެ އަހަރުތަކުގެ ތެރޭގައި ޝާއިޢު ކުރެއްވެވި މަޝްހޫރު ފޮތަކީ މި މައުޟޫޢުގައި ޢިލްމީ ޚަޒާނާއެކެވެ. އެ ފޮތުގައި އެންމެ އިހުއްސުރެ މުސްލިމް ޢިލްމުވެރީން މި މައުޟޫޢުގައި ދައްކަވައިފައި ހުރި ވާހަކަފުޅުތައް ކުރު ގޮތަކަށް ބަޔާން ކުރައްވައި، މި ޒަމާނުގެ ސިޔާގުގައި ޙާލަތުއް ޟަރޫރާއާ ބެހޭ ޝަރުޢީ އުޞޫލުތަކާއި ހަމަތައް ތަޠުބީޤު ކުރުމާ ބެހޭ ޝާމިލު ނަޒަރިއްޔާއެއް ހުށައެޅުއްވިއެވެ. އައްޒުޙައިލީގެ ނަޒަރުގައި، އިންސާނާގެ ފުރާނަޔާއި، ހަށިގަނޑުގެ ގުނަވަންތަކާއި، އޭނާގެ ނަސަބާއި ޢާއިލާ، އަދި އޭނާގެ ބުއްދިޔާއި މުދާ ފަދަ، މަޤާޞިދުއް ޝަރީޢާގެ ތެރެއިން ރައްކައުތެރި ކުރެވޭ އަސާސީ މަޞްލަޙަތުތަކުގެ ރައްކަލަށް ޓަކައި، ޙާލަތުއް ޟަރޫރާގައި، ޙަރާމް ކަންކަން ކުރުމާއި، ވާޖިބުތައް ދޫ ކޮށްލުމުގެ "ރުޚްޞާ" މުކައްލަފަށް ލިބިގެން ވެއެވެ. ޑރ. ޒުޙައިލީގެ އިތުރުން ވެސް، ޕްރޮފެސަރ ޖަމީލް މުޙައްމަދު މުބާރަކާއި، ޑރ. ޢަބްދުލްކަރީމް ޒައިދާނާއި، ޢައްލާމާ ޑރ. ޔޫސުފުލް ޤަރްޟާވީ ފަދަ ބެއިބެއިފުޅުންނަކީ ވެސް މި މައުޟޫޢުގައި ނުހަނު މުޢުތަބަރު އަދި ޢިލްމީގޮތުން ބުރަދަން ބޮޑު ފޮތްތަކާއި މަޟުމޫނުތައް ލިޔުއްވި ފަހުގެ ޢިލްމުވެރީންނެވެ.

ޙާލަތުއް ޟަރޫރާގައި، ޝަރުޢީ ޙުކުމްފުޅުތަކަށް ޢަމަލު ނުކޮށް ދޫ ކޮށްލުމުގެ ލުއި މުކައްލަފުންނަށް ލިބިގެން ވުމުގެ މަތިވެރި މަބްދައާ ގުޅޭ އެތައް އުޞޫލެއް އިސްލާމީ ފިޤްހުގެ ޤާޢިދާތަކުގައި (Islamic Legal Maxims) ވަނީ ބަޔާން ވެގެންނެވެ. ޒަމާނުއްސުރެ، މައިގަނޑު ފަސް ޤާޢިދާ ކަމުގައި ބެލެވޭ ޤާޢިދާތަކުގެ ތެރެއިން އެއް ޤާޢިދާއަކީ ވެސް މި މައުޟޫޢާ ގުޅޭ ޤާޢިދާއެކެވެ. އަދި އޭގެ ދަށުން ވެސް އިތުރު ޤާޢިދާތަކުން ވަނީ، ކަމާބެހޭ އަސާސީ އުޞޫލުތައް އެކަށައަޅައިފައެވެ. މި ޤާޢިދާތައް ވަނީ، ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އެކުލަވައިލެވުނު އިސްލާމީ ސިވިލް ކޯޑް - "މަޖައްލަތު އަޙްކާމުލް ޢަދްލިއްޔާ" - ގައި ވެސް އެކަށައެޅި ބަޔާން ކުރެވިފައެވެ. ތިރީގައި މި ދަންނަވައިލަނީ ޙާލަތުއް ޟަރޫރާޔާ ބެހޭ ފިޤްހީ ބައެއް ޤާޢިދާތަކެވެ. އެންމެ ފުރަތަމަ އެއޮތީ މައިގަނޑު ޤާޢިދާއެވެ. ދެން ލިސްޓު ކުރެވިފައި އެވަނީ އެއިގެ ދަށުން ހިނގާ ބައެއް ޤާޢިދާތަކެވެ. ބްރެކެޓުގައި އެވަނީ، ޤާޢިދާ ފުރިހަމަ ޢިބާރާތަކުން ތަރުޖަމާ ކުރުމުގެ ބަދަލުގައި، ތިލަކޮށް އެ ޤާޢިދާގެ މަފްހޫމު ބަޔާން ކޮށްފައެވެ.

المشقة تجلب التيسير – އަލްމަޝައްޤަތު ތަޖްލިބުއް ތައިސީރް (މުކައްލަފަށް އުފުލުން ނުކުޅަދާނަ ވަރުގެ ބުރައެއް ކުރިމަތި ވުމުން، ލުއި ލިބިދެވޭނެއެވެ)
الضرورات تبيح المحظورات – އައްޟަރޫރާތު ތުބީޙުލް މަޙްޡޫރާތު (ޟަރޫރަތަކީ ޙަރާމް ކަންކަން ހުއްދަ ކޮށްފަނިވި ކަމެކެވެ)
الحاجة تنزل منزلة الضرورة عامة كانت أو خاصة – އަލްޙާޖަތު ތުނައްޒަލު މަންޒިލަތައް ޟަރޫރަތި ޢާއްމަތަން ކާނަތް އައު ޚާއްޞަހ (ޟަރޫރަތެއް ކަމުގައި ޢާއްމުކޮށް މީސްތަކުންނަށް ދިމާ ވާ ޟަރޫރަތު ވެސް، އަދި ޚާއްޞަކޮށް ވަކި ފަރުދަކަށް ކުރިމަތި ވާ ޟަރޫރަތު ވެސް ވެއެވެ)
ما أبيح للضرورة يقدر بقدرها – މާ އުބީޙަ ލިއްޟަރޫރަތި ޔުޤައްދަރު ބިޤަދަރިހާ (ޟަރޫރަތެއްގައި ޝަރުޢީ ޙުކުމް ދޫކޮށްލެވޭނެ މިންވަރަކީ، އެ ޟަރޫރަތެއްގެ މިންވަރެވެ)
ما جاز لعذر بطل بزواله – މާ ޖާޒަ ލިޢުޛްރިން ބަޠުލަ ބިޒަވާލިހީ (ޟަރޫރަތަކާ ހުރެ ޢާއްމު ޙުކުމް މަޢާފު ވެގެން ދާދިޔުން، އެ ޟަރޫރަތް ނެތިދިޔުމުން ބާޠިލު ވެދެއެވެ)
الاضطرار لا يبطل حق الغير – އަލްއިޟްޠިރާރު ލާ ޔުބްޠިލު ޙައްޤުލްޣައިރި (ޟަރޫރަތަކީ އަނެކާގެ ޙައްޤުތައް ބާޠިލު ކުރާ ކަމެއް ނޫނެވެ.

އިނގިރޭސި ޤާނޫނީ ނިޒާމަށް ބަލާ އިރު، "ކަރަންޓް ލީގަލް ޕްރޮބްލަމްސް" ޖަރނަލްގައި 1953 ވަނަ އަހަރު "ދަ ޑިފެންސް އޮފް ނެސެސިޓީ" މި މައުޟޫޢުގައި ލިޔުއްވި މަޒުމޫނެއްގައި، ގްލެންވިލް ވިލިޔަމްސް ވިދާޅުވެފައި ވާ ގޮތުގައި، ނަން މަޝްހޫރު އަދި މުޢުތަބަރު އިނގިރޭސި ޤާނޫނީ ޢިލްމުވެރީން ޖުރިސްޓުންގެ ތެރެއިން ހެންރީ ޑި ބްރެކްޓަން (އަވަހާރަ ވީ ގާތްގަނޑަކަށް މީލާދީން 1268 ގައި) އާއި، ފްރާންސިސް ބޭކަން (އަވަހާރަ ވީ މީލާދީން 1626 ގައި) ޖަސްޓިސް އެޑްވަރޑް ކޯކް (އަވަހާރަ ވީ މީލާދީން 1634 ގައި) އާއި، ސަރ މެތިޔު ހެއިލް (އަވަހާރަ ވީ މީލާދީން 1676 ގައި) ފަދަ ބެއިފުޅުން ވަނީ ކޮމަން ލޯވގައި "ޑޮކްޓްރިން އޮފް ނެސެސިޓީ" އޮތް ކަމަށް ލިޔުއްވައި، އެ މަބްދައު އިނގިރޭސި ކޮމަން ލޯވ ކޯޓުތަކާއި އިކުއިޓީ ކޯޓުތަކުގައި ތަޠުބީޤު ކުރަމުން އައި ގޮތާ މެދު ބަޔާންތައް ލިޔުއްވައިފައެވެ. މި ބެއިބެއިފުޅުންގެ އިތުރުން މީލާދީން 1770 ގައި އަވަހާރަ ވި ސަރ ވިލިޔަމް ބްލެކްސްޓޯން އޭނާގެ މަޝްހޫރު "ކޮމެންޓްރީޒް އޮން ދަ ލޯވޒް އޮފް އިންގްލެންޑް" ގައި ވެސް ވަނީ އިނގިރޭސި ކޮމަން ލޯވ އާއި އިކުއިޓީ ކޯޓުތަކުގައި މި މަބްދައު ބަލައިގަނެވިފައި އޮތް ގޮތް ތަފްޞީލުކޮށް ބަޔާން ކުރައްވައިފައެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް، އިނގިރޭސި ޤާނޫނީ ނިޒާމުގައި މި މަބްދައަކީ ތަޠުބީޤު ކުރެވެމުންދާ މުހިއްމު މަބްދައެކެވެ.

ޤާނޫނީ އެހެން ކޮންމެ މަބްދައެއް އަދި އުޞޫލެކޭ ވެސް އެއްފަދައިން، ޙާލަތުއް ޟަރޫރާގެ މަބްދައަކީ ވެސް ބައެއް ފަހަރު ކޯޓުތަކުން ނުބައިކޮށް ތަޠުބީޤު ކޮށްފައި ވާ މަބްދައެކެވެ. މަޝްހޫރު މިސާލެއްގެ ގޮތުގައި، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން 1977 ގައި ނިންމެވި ބުއްޓޫ ވަރސަސް ޗީފް އޮފް އާރމީ ސްޓާފް ޤަޟިއްޔާ ފާހަގަ ކޮށްލެވެއެވެ. އެ ޤަޟިއްޔާގައި، ޖެނެރަލް ޒިޔާއުލް ޙައްޤު ޕާކިސްތާނުގައި ގެންނެވި ޢަސްކަރީ ބަޣާވާތަށް ޝަރްޢިއްޔަތު ދެއްވުމުގައި، އަސާސަކަށް ކޯޓުން "ޑޮކްޓްރިން އޮފް ނެސެސިޓީ" ބޭނުން ކުރެއްވީ ގޯސްކޮށް ކަމަށް ޕާކިސްތާނާއި ޕާކިސްތާނުން ބޭރުގެ ދުސްތޫރީ ޢިލްމުވެރީން ވެސް ގާތްގަނޑަކަށް އިއްތިފާޤު ވެވަޑައިގަންނަވައެވެ. ޙާލަތުއް ޟަރޫރާގެ މަބްދައަކީ ވެސް އޭގެ އިންތަކަކާއި މިންތަކެއް ވާ މަބްދައެކެވެ. އުޞޫލުތަކަކާއި ހަމަތަކެއްގެ މަތީން، ޙަޤީޤީ ޟަރޫރަތުތަކުގެ ޙާލަތުގައި ތަޠުބީޤު ކުރެވޭ މަބްދައެކެވެ. ނަމަވެސް އެއިގެ ސަބަބަކުން އެ މަބްދައުގެ މުހިއްމުކަމާއި އަގު ކުޑަ ވެގެން ނުދާނޭކަން އެއީ ދެބަސް ނުވެވޭނެ ޙަޤީޤަތެކެވެ.

ޢާއްމު ޤާނޫނީ ހަމަތަކަށް ބޯލެނބުމުގެ އިލްތިޒާމް، "ޙާލަތުއް ޟަރޫރާ" ގައި ތަޢުލީޤު ވެ، އެ ޙާލަތެއް ނިޔާ ކުރާ އަދި އެ ޙާލަތެއްގައި މުކައްލަފަށް ޢަމަލު ކުރެވޭން އޮތް ގޮތަކަށް ޢަމަލު ކުރުން އެއީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ބަލާ އިރު ޖާއިޒު، އަދި ރަނގަޅު ގޮތްކަން މިހައިވަރުން ސާފު ވާނެކަމަށް ދެކެމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މި ދަނޑިވަޅުގައި ދިވެހިރާއްޖެ މި އޮތީ ޤާނޫނުއަސާސީގައި އޮތް ހަމަޔަކަށް ޢަމަލު ކުރުމަށް ނުކުޅެދޭ ވަރުގެ ޟަރޫރީ ޙާލަތެއްގެ ތެރެޔަށް ވެއްޓިފައެވެ. ޤާނޫނުއަސާސީ ބުނަނީ، 03 ޖޫން 2017 ގައި މަޤާމާ ޙަވާލު ވި ކައުންސިލަރުންގެ ދުސްތޫރީ ދައުރު 03 ޖޫން 2020 ގައި ހަމަ ވާނެ ކަމުގައެވެ. ހަމަ ޤާނޫނުއަސާސީގައި ބުނަނީ ކައުންސިލަރުންގެ ގޮތުގައި ތިބޭން ވާނީ ރައްޔިތުންގެ ވޯޓަކުން، ދުސްތޫރީ ޝަރްޢިއްޔަތު (Constitutional Legitimacy) ލިބިގެން ވާ ބައެއް ކަމުގައެވެ. މި ދެ މާއްދާޔަށް ތަބަޢަ ވެވޭން އޮތް ގޮތަކީ، ކޮވިޑް ނަވާރައެވެ ކިޔޭ ބޭހެއް ފަރުވާއެއް ނެތް ބަލި އެތައް ހާސް މީހަކަށް ޖެހިދާނެކަމުގެ ރިސްކަށް ނުބަލައި، އަދި އެ ބަލި ޖެހިގެން އެތައް ހާސް ބަޔަކު މަރު ވެގެން ދިޔަޔަސް ފަރުވާލެއް ނެތް ކަމަށް ބަލައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމެވެ. އެ ޙާލަތުގައި ނުރައްކަލުގެ ތެރެޔަށް އެ ވައްޓައިލެވެނީ ރައްޔިތުންގެ ފުރާނައެވެ. ބަރުބާދީގެ ހިރާހުގެ ތެރެޔަށް އެ ވައްޓައިލެވެނީ ޤައުމުގެ އެތައް ހާސް ޢާއިލާއެކެވެ. އެއީ ޖާއިޒު ކަމަކަށް ވާނެތޯއެވެ؟ ހަމަ ޔަޤީނުން އެހެންނެއް ނުވާނެއެވެ. އެހެންކަމުން، މި ޙާލަތުގައި އިންތިޚާބު ނުބާއްވާން ނިންމަވައިފައި އެއޮތީ ރަނގަޅަށެވެ. ދެން އޮތް ގޮތަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިޞްލާޙު ކޮށްގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 އަހަރަށް ވުރެ ދިގު ކުރުމެވެ. އެކަން ކޮށްފިއްޔާ، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާޔާ ޚިލާފު ވެވުނީއެވެ. އަދި ހިންގުން ރަނގަޅު އުޞޫލެއް ނޫން ކަމުގައި ވާ "ރިޓްރޯސްޕެކްޓިވް އޮޕަރޭޝަން އޮފް ލޯވ" ހިންގުނީއެވެ.

ދިމާ ވި މައްސަލަޔަށް ކޮންމެ ޙައްލެއް ހޯދިޔަސް، އެ ޙައްލެއް ވާން ޖެހޭނީ އިންތިޚާބެއް ބާއްވައިގެން ރައްޔިތުންގެ ފުރާނަތައް ނުރައްކަލަށް ހުށަހޮޅުން ފިޔަވައި އެހެން ކޮންމެވެސް ޙައްލަކަށެވެ. ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް ރައްޔިތުންގެ މަޖިލިހުން އެދިވަޑައިގަތުމުން، ކޯޓުން އިސްތިޝާރީ ލަފާ ދެއްވާން ވާނީ ވެސް އެފަދަ ޙައްލެއް ހޯއްދަވައިދެއްވޭ މަގުންނެވެ. "ޙާލަތުއް ޟަރޫރާ" އާ ގުޅޭ ޝަރްޢީ އަދި ޤާނޫނީ މަބްދައުތަކާއި އުޞޫލުތަކުގެ ދަށުން، އަޅުގަނޑުގެ ނަޒަރުގައި، ދެ ގޮތުން ކުރެ އެއް ގޮތަކުން، ސުޕްރީމް ކޯޓަށް މައްސަލައިގެ ޙައްލު ދެއްވެވުނީހެވެ.

ފުރަތަމަ ގޮތަކީ، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގެ ސަބަބުން މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭން ނެތް ކަމަށް ކަނޑައަޅުއްވައި، މިހާރު ތިބި ކައުންސިލަރުންނަށް، ޙާލަތުއް ޟަރޫރާ ފިލައިގެން ގޮސް އިންތިޚާބެއް ބޭއްވި އައު ކައުންސިލަރުން އިންތިޚާބު ކުރެވޭންދެން، މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ތިބެވިދާނެ ކަމަށް ޤަޟާއީ ގޮތުން، "ޑޮކްޓްރިން އޮފް ނެސެސިޓީ" ގެ ޖުރިސްޕްރުޑެންޝަލް އަސާސުގައި ކަނޑައެޅުއްވުމެވެ. މި ނުކުތާގައި ވާހަކަ ދައްކާ އިރު، އަނެއްކާވެސް ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ޙާލަތުއް ޟަރޫރާގައި، އިންތިޚާބު ކުރެވިފައި ތިބޭ ބަޔަކު އެމީހުންގެ ދުސްތޫރީ ނުވަތަ ޤާނޫނީ ދައުރަށް ފަހު، މަޤާމުގައި ދެމިތިބުމުގެ މަފްހޫމަކީ ދިވެހި ޤާނޫނުއަސާސީގައި އޮތް ވެސް މަފްހޫމެއް ކަމެވެ. ޤާނޫނުއަސާސީގެ 80 ވަނަ މާއްދާގައެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާ ދަނޑިވަޅެއްގައި، ޢާއްމު އިންތިޚާބެއް ބޭއްވުމަށް ދަތި ވެއްޖެ ނަމަ، މަޖިލީހުގެ ޢުމުރު އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އިތުރު ކުރުމުގެ ޤަރާރެއް މަޖިލީހުން ފާސް ކުރުމަށް ހުއްދަ ދީފައި އޮންނަ އޮތުމުންނެވެ. އެހެންކަމުން، ޙާލަތުއް ޟަރޫރާގައި، އިންތިޚާބު ކުރެވިފައި ތިބޭ ބައެއްގެ މަޤާމުގެ ދައުރަށް ފަހު އެ ބަޔަކު މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ޙާލަތުއް ޟަރޫރާ ފިލައްޖައުމަށް ދާންދެން، ތިބުމަކީ ޤާނޫނުއަސާސީގެ ރޫޙު ހުރި ގޮތް ކަމަށް ވެސް ހަރުދަނާ އަސާސެއްގެ މަތީގައި ބުނެވިދާނެއެވެ. އެކަމަށް ޝަރްޢިއްޔަތު ލިބޭގޮތަށް ސުޕްރީމް ކޯޓުން ދެއްވާ ލަފަޔަކީ ވެސް ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތް ލަފައެއް ކަމަށް މެނުވީ ނުބެލެވޭނެ މެއެވެ.

ދެވަނަ ގޮތަކީ އެންމެ ފަހުގެ އިންތިޚާބުގައި ހޮވިފައި ތިބި ކައުންސިލަރުންނަށް 03 ޖޫން 2020 އަށް ފަހު މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ގޮތް މަގުފަހި ކުރުމަށް ޓަކައި، "ރިޓްރޯސްޕެކްޓިވްކޮށް" ހިނގާ ގޮތަށް ނަމަވެސް ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އިޞްލާޙު ކުރާން ޖެހޭކަމަށް ކަނޑައަޅުއްވައި، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ޟަރޫރީ ކަމެއް ކަމުގައި ބައްލަވައި، އެ ސަބަބަށް ޓަކައި "ޑޮކްޓްރިން އޮފް ނެސެސިޓީ" ގެ ޖުރިސްޕްރުޑެންޝަލް އަސާސުގައި، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާއަށް ޢަމަލު ކުރުމުގެ އިލްތިޒާމުން މި ޟަރޫރީ ޙާލަތުގައި ލުއި ލިބިގެންވާ ކަމަށް ކަނޑައަޅުއްވައި، އެގޮތުގެ މަތީން 231 ވަނަ މާއްދާގެ (ނ) އިޞްލާޙު ކުރުމަށް މަޖިލިހަށް ލަފާ ދެއްވުމެވެ.

މި ދެ ގޮތުގެ ތެރެއިން އަޅުގަނޑަށް ބޮޑަށް ބުރަ ވެވެނީ ފުރަތަމަ ގޮތަށެވެ. ދެވަނަ ގޮތުގައި "ރިޓްރޯސްޕެކްޓިވް" ކޮށް ޤާނޫނީ ހަމައެއް ހިންގުން ހިމެނޭތީއެވެ. އަދި އެޔަށްވުރެ ރަނގަޅު އެހެން ގޮތެއް އޮއްވައި، އެ ގޮތަށް ޢަމަލު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ބުނެވޭން ނެތީމައެވެ. މި ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރު ނުކޮށް، ޢަމަލު ކުރެވިދާނެ ތިންވަނަ ގޮތެއް ވެސް އެބައޮތެވެ. ޤާނޫނުއަސާސީގެ 231 ގެ (ނ) އިޞްލާޙު ކުރުމުގެ ހުރިހައި ތައްޔާރީތަކެއް ކޮށްފައި، ދެން 24 ގަޑިއިރު ނުވަތަ 48 ގަޑިއިރު ފަދަ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އުވައިލައިފައި، އެ ލިބޭ ވަގުތުގެ ތެރޭގައި ޤާނޫނުއަސާސީ އިޞްލާޙު ކޮށް ކައުންސިލަރުންގެ މުއްދަތު 03 ޖޫން 2020 އިން ފެށިގެން، ދެން ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކާ ހަމަޔަށް ދަންމައިލުމެވެ. އަދި އެޔަށްފަހު އަނެއްކާވެސް ކުއްލި ނުރައްކަލުގެ ޙާލަތު އަލުން އިޢުލާން ކުރުމެވެ. މިއީ ވެސް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ދެއްވި "ޙައްލަށް" ވުރެ ހަމަޖެހޭ، އަދި ޤާނޫނުއަސާސީއާ އަރައިރުންވުން ކުޑަ ގޮތެއް ކަމަށް ފެނެއެވެ.

ކޮންމެ ގޮތަކުން ވިޔަސް، ދިމާ ވި މައްސަލަޔަށް ޙައްލެއް ހޯއްދަވައިދެއްވާން ޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. އެހެނީ، އެ މައްސަލަޔަކީ ޖުޑީޝަލް ޙައްލެއް ހޯދުން ލާޒިމު މައްސަލައެކެވެ. އެއީ ކީއްވެގެންތޯއެވެ؟ އެއީ، އެ މައްސަލައިގައި ކުރާން ޖެހުނު ކަމަކީ ޤާނޫނުއަސާސީގެ މާއްދާތަކެއް ތަފްސީރު ކޮށް، އެ މާއްދާތައް ތަޠުބީޤު ކުރުމާ ބެހޭ ދުސްތޫރީ މައްސަލަޔަކަށް ޙައްލު ހޯދުން ކަމުގައި ވުމެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި މަޝްހޫރު މަރބަރީ ވަރސަސް މެޑިސަން (1803) ގެ މަޝްހޫރު ޙުކުމުގައި އޮންނަ ފަދައިން، ޤާނޫނު ހަދަނީ ޤާނޫނު ހަދާ މަޖިލިހުން ކަމުގައި، އަދި ޤާނޫނު ތަންފީޛު ކުރަނީ ތަންފީޛީ ބާރުން ކަމުގައި ވާހިނދު، އާޚިރީ މަރުޙަލާގައި ޤާނޫނު މާނަކޮށް ތަޠުބީޤު ކުރުން އޮންނާން ޖެހޭނީ ކޯޓަށެވެ. އެކަން ޤާނޫނު ހަދާ މަޖިލިހަށް ނުވަތަ ތަންފީޛީ ބާރަށް ދޫކޮށްލުން ވާނީ، ބާރުތައް ވަކި ކުރުމުގެ މަބްދައާ ޚިލާފު ވެގަތުމެއް ކަމުގައެވެ. މީގެ އިތުރުން، ދުސްތޫރީ ނުވަތަ ޤާނޫނީ ނައްޞަކަށް ޢަމަލު ކުރުމުގެ ތަކުލީފުން ވަގުތީ ގޮތުން ވިޔަސް ވީއްލިގަތުން ޖާއިޒު ވާ ވަރުގެ ޟަރޫރަތެއް އުފެދިފައި އޮތްތޯ ނުވަތަ ނޫންތޯ ބެލުން، އެއީ ވެސް ކަނޑައެޅިގެން ޤަޟާއީ ގޮތުން ނިންމާން ޖެހޭ މައްސަލައެކެވެ. އެހެންކަމުން، މައްސަލަޔަކީ ރައްޔިތުންގެ މަޖިލިހުން ސިޔާސީ ގޮތުން ޙައްލު ހޯދާން ޖެހޭ ސިޔާސީ މައްސަލައެއް (Political Question) ނޫނެވެ. އަދި ކީއްތޯއެވެ! އޮޅުމެއް ނެތި ސާފު ވާ ފަދައިން، މިއީ ކޯޓުން ޙައްލު ހޯދައިދޭން ޖެހޭ ޤަޟާއީ ސުވާލެކެވެ. ކޯޓުން "ޙައްލު" ހޯއްދަވައި ދެއްވި ވެސްމެ، އެހެން ނޫންތޯއެވެ! ހަމައެކަނި މައްސަލަޔަކީ، ހޯއްދަވައިދެއްވީ ނުބައި ޙައްލެއް ކަމުގައި ވީކަމެވެ.

ކުރީންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް ކުރިމަތި ވި ބޮޑު ދުސްތޫރީ މައްސަލައިގެ ޙަޤީޤީ ޤާނޫނީ ޙައްލު އޮތީ "ޙާލަތުއް ޟަރޫރާ" އާ ގުޅޭ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކުގައެވެ. ރައްޔިތުންގެ މަޖިލިހުން ހުށައެޅި ހުށައެޅުމަށް ޤާނޫނުއަސާސީއާ ޚިލާފު ނޫން ޙައްލެއް ހޯއްދަވައިދެއްވުނީހީ އެ އުޞޫލުތަކުގެ ތެރެއިންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މުޅީން ގޯސް އަސާސެއްގައި، ދެއްކެވީ ޤާނޫނުއަސާސީއާ ޚިލާފު ގޯސް މަގެކެވެ. މައްސަލަޔަށް ތަޠުބީޤު ކުރައްވާން ޖެހޭ ރަނގަޅު ޤާނޫނީ މަބްދައު ކަމުގައިވާ ޙާލަތުއް ޟަރޫރާގެ މަބްދައުގެ ވާހަކައެއް ނުދެއްކެވިއެވެ. ކީއްވެގެންތޯއެވެ؟ ކުރީގެ ސުޕްރީމް ކޯޓުން ބައެއް މައްސަލަތަކުގައި އެ މަބްދައު ތަޠުބީޤު ކުރައްވައިފައި ވާތީ، "އަހަރެމެންނަކީ އެމީހުންނެއް ނޫން، އެމީހުން ގޮތެއް ނުވާނަން، އެމީހުން ހެދި އެއްޗެއް ނުހަދާނަން" މި މެސެޖު ދެއްވުމުގެ އެދުންފުޅެއްގެ ސަބަބުންތޯއެވެ؟ ކުރީގެ ފަނޑިޔާރުން ގޯސް ވެ ނުބައި ވީ ވަރުން ގޮސް، ޝަރުޢީ އަދި ޤާނޫނީ މަބްދައުތައް ވެސް، އެ ބެއިފުޅުންނާ މާ "ގުޅުން ބޮޑު" ވެއްޖެ ނަމަ ގޯސް ވަނީތޯއެވެ؟ އެ ބެއިފުޅުން "ކިލާ" ވި އިރު "ޙާލަތުއް ޟަރޫރާގެ މަބްދައު" ވެސް "ކިލާ" ވީތޯއެވެ؟ އެއިރު ކޮފީ މޭޒުތަކުންނާއި ޓުވިޓަރުންނާއި ރާއްޖެ ޓީވީގެ ސިޔާސީ ޕްރޮގްރާމްތަކުން، "ޙާލަތުއް ޟަރޫރާ" ގެ ވާހަކަ ދައްކަވައިގެން ސުޕްރީމް ކޯޓަށް ޖެއްސުން ކުރައްވަވައި ފުރައްސާރަ ކުރެއްވެވުނުލެއް ބޮޑުކަމުން، މިއަދު އެ މަބްދައުގެ ވާހަކަ ޤަޟާއީ ނިންމުމެއްގައި ދައްކަވާން ލަދުފުޅު ގެންވަޑައިގަތީތޯއެވެ؟ ނުވަތަ އެއިރު "ޙާލަތުއް ޟަރޫރާ" އޭ ކިޔައިގެން ސުޕްރީމް ކޯޓަށް އެއްޗެހި ކިޔައި ހަޖޫ ޖަހަމުން ހިނގި މީހުންގެ ރުޅިޔާއި ނުރުހުމުގެ އަމާޒަކަށް ވެ، "މިއީ ވެސް ޙާލަތުއް ޟަރޫރާ ގުރޫޕެކޭ" ކިޔައި ޓުވީޓު ކުރާން ފަށައިފާނެތީވެ، އެ މަބްދައުގެ ވާހަކަ ދައްކަވާން ބިރުފުޅު ގެންވަޑައިގަތީތޯއެވެ؟ ނުވަތަ ސުޕްރީމް ކޯޓުން ޙައްލެއް ނެރުއްވައިފި ނަމަ، އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެންގެ ކަންކަން "އިޞްލާޙުގެ" މަގުން ހިންގެވުމަށް މާތްރަސްކަލާނގެ މި ވަގުތަށް މިންވަރު ކުރައްވައިފައި ތިއްބެވި ބެއިފުޅުން ކޯފާ ވެދާނެ ކަމަށް ބިރުފުޅުން ސުޕްރީމް ކޯޓުގެ ޤަޟާއީ ޙައްލެއް ދެއްވާން ކެރިވަޑައިނުގެން، "މަނިކުފާނަކީ ހިތްތަކުގެ ވެރިޔާ، މަނިކުފާނަކީ ބޮސް، މަނިކުފާނުގެ ގެކޮޅުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ" އުޞޫލުންމަޖިލިހަށްދޫކޮށްލެއްވީތޯއެވެ؟

ޚާތިމާ

ނިންމައިލުމުގެ ގޮތުން، ދެތިން ވާހަކައެއް ދަންނަވައިލާނަމެވެ.

މި ކޮލަމުގައި ދަންނަވައިފައި ވާނީ، 29 މެއި 2020 ގައި ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހަށް ދެއްވެވި އިސްތިޝާރީ ލަފަޔަކީ ޤާނޫނުއަސާސީއާ ޚިލާފު، އަދި ޖައުހަރީ ގޮތުންނާއި މައުޟޫޢީ ގޮތުން ވެސް ފެންވަރު ދަށް، ލަފައެއް ކަމުގައެވެ. ކުރިމަތި ވި ޙާލަތުގައި އެންމެ ރަނގަޅު ގޮތް އަދި އެންމެ ޞައްޙަ ޙައްލު ކަމަށް އަޅުގަނޑު ދެންނެވި ގޮތަކީ، "ޑޮކްޓްރިން އޮފް ނެސެސިޓީ" ގެ ދަށުން، ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް، މިހާރު ތިބި ކައުންސިލަރުންނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ތިބެވޭނެ ގޮތެއް ޤަޟާއީ ޙައްލަކުން ހޯދުމެވެ.

އަނެއް ވާހަކަޔަކީ، ޤާނޫނުއަސާސީއާ ކުޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ވަރަށް ވެސް ކަންފަސޭހަ ގޮތެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހުއްދައެއް ދެއްވި އިރު، ވިސްނައިނުލެއްވި މުހިއްމު ނުކުތާއެއްގެ ވާހަކައެވެ. ތެދުފުޅެކެވެ! ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން، އެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އެބައޮތެވެ. އެހެންކަމުން، އެ މަޖިލިހަށް ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެއެވެ. ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކަށް ޓަކައި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ފުރުޞަތު ހަނި ކުރުމަކީ ދިވެހި ދުސްތޫރީ ނިޒާމުގެ މަޞްލަޙަތު މިއަދު ނިޔާ ކުރާ ގޮތެވެ. ތަފާތު ސަބަބުތަކަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ، "މެޖޯރިޓޭރިޔަން ޓިރަނީ" (Majoritarian Tyranny) އާއި ރިޝްވަތު ފަދަ ނުބައި ވަސީލަތްތަކާއި ގޮތްގޮތުގެ ބޭނުން ހިފައިގެން، އިޞްލާޙުގެ ނަމުގައި އެއިރަކު ބާރުގައި ތިބި ބަޔަކު ހިތުހުރި ގޮތަކަށް ޤާނޫނުއަސާސީއާ ކުޅެ ޤާނޫނުއަސާސީގެ ސިޔާދަތު ނަގައިލައި، ޤާނޫނުއަސާސީ ގިއްގަޅުވައި ގަޅައިލައިގެން، ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލައިގެން ވިޔަސް ބާރު ހޯދައި ބައް ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އުފެދި އާލާވަމުން ދާދިޔުމެވެ. މިކަމަށް އަޅުގަނޑުމެން އެންމެންމެ ސަމާލު ވާން ޖެހޭ އިރު، ޢަމަލީ ގޮތުން މިކަމުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާ ކުރާން ޖެހޭ ފަރާތަކީ، ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތް، އަދި ޤާނޫނުގެ ޙުކުމުގެ މަބްދައުގެ ދޫ ކަމުގައި ވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައި ވާ ސުޕްރީމް ކޯޓެވެ. ދެވަނަ ސަބަބު ގުޅެނީ ޤާނޫނުއަސާސީގެ ޠަބީޢަތާއެވެ. ދުސްތޫރީ ޢިލްމާއި ފަލްސަފާގެ ހަމައިން، ޤާނޫނުއަސާސީ އަކީ ރައްޔިތުން ހަދާ އެއްޗެކެވެ. އެޔަށް އިޞްލާޙު ގެނައުމަކީ ވެސް ރައްޔިތުންގެ ސިޔާދަތީ ބާރުގެ ތެރެއިން ރައްޔިތުން ކުރާން ޖެހޭ ކަމެކެވެ. އެހެންކަމުން، ރަނގަޅު ދުސްތޫރީ ނިޒާމުތަކުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ޢާއްމު ޤާނޫނު ހަދާ މަޖިލިހަކަށް (Ordinary Legislature) ދޭ ވެސް ބާރެއް ނޫނެވެ. ޢާއްމު ޤާނޫނު ހަދާ މަޖިލިހަކަށް ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރު ދީފައި އޮތް ކަމުގައި ވިޔަސް، ޑިމޮކްރަސީ އާއި، މަބްދައުއް ދުސްތޫރިއްޔަތުގެ (Doctrine of Constitutionalism) އުޞޫލުތައް ނިޔާ ކުރާ ރިވެތި ގޮތަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގައި ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުން ވެސް މި ނުކުތާޔާ މެދު ވިސްނުން ބެހެއްޓުމެވެ. ތިމާގެ އަތަށް ލިބިފައި، ތިމާގެ އަތަށް ދެވިފައި އޮންނަ ކޮންމެ ބާރަކީ އަދި ހިތަށް އަރާ އިރަށް ބޭނުން ކުރުން ހެޔޮވެގެންވާ ބާރަކަށް ނުވެދާނެކަން ހަނދާނުގައި ބެހެއްޓުމެވެ. ހުއްދަ ކަންތައްތަކުގެ ތެރޭގައި ވެސް، ކުރުމަށް ވުރެ ނުކުރުން ރަނގަޅު ކަންކަން ހުންނަކަން ހަނދާނުން ކެހިގެން ދިޔަނުދިނުމެވެ. ހަމައެޔާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް، މި ނުކުތާ ހަނދުމަފުޅު ނައްތަވައިލައްވައިގެން ނުވާނެއެވެ. އެހެން އެއްވެސް ގޮތެއް ނެތް ޙާލަތުގައި މެނުވީ، ޤާނޫނުއަސާސީ އިޞްލާޙު ކުރާށޭ ވިދާޅުވެ މަޖިލިހުގެ ތަޅުންމައްޗަށް ބޯޅަ ޖައްސަވައިގެން ނުވާނެއެވެ. ތިންވަނަ ސަބަބު ގުޅެނީ ސިޔާސީ ޙަޤީޤަތަކާއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރައްޔިތުންގެ މަޖިލިހުގައި މިވަގުތު އޮތީ، ރާއްޖޭގައި އޮތް އެތައް ސިޔާސީ ޕާޓީއެއްގެ ތެރެއިން، ހަމަ އެންމެ ޕާޓީއެއްގެ ސުޕަރމެޖޯރިޓީއެކެވެ. ކަން ހިނގަމުންދާ ގޮތަށް ބަލާ އިރު، ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު އެއްވެސް ޕާޓީއެއްގެ ބަހެއް، ޚިޔާލެއް، ފިކުރެއް، ނުވަތަ ހުށައެޅުމެއް ބަލައެއްނުގަނެވެއެވެ. ހަމައެޔާއެކު، ދޮގު ނުހަދާ ތަފާސްހިސާބުތަކަކުން އެނގޭ ގޮތުގައި، މަޖިލިހުގައި ސުޕަރމެޖޯރިޓީ އޮތް ޕާޓީއަށް އެވަރުގެ މެޖޯރިޓީއެއް ލިބިފައި ވަނީ، އަޅުގަނޑުމެންގެ އިންތިޚާބުތަކުގެ ނިޒާމު (Electoral System) އާމެދު ސީރިޔަސް ސުވާލުތަކެއް ކޮށް، އެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތް ވަގުތުން ފަށާން ޖެހޭ ފަދަ ގޮތަކަށެވެ. މިއަދުގެ ދިވެހިރާއްޖޭގައި، ރައްޔިތުން ތަމްސީލު ކުރާ، ޑިމޮކްރެޓިކް އުޞޫލުގެ މައްޗަށް ހިނގާން ޖެހޭ ރައްޔިތުންގެ މަޖިލިހުގައި އެންމެ ޕާޓީއެއްގެ ސުޕަރމެޖޯރިޓީއެއް އެކުލެވިފައި އެވަނީ ޤައުމުގެ ވޯޓު ދެވޭ އާބާދީގެ ވެސް، އަދި ވޯޓު ދިން އާބާދީގެ ވެސް، އެންމެ ކުޑަމިނުން ސާދާ އަޣްލަބިއްޔަތަށް (Simple Majority) ވެސް ނުފުދޭ ވަރުގެ މަދު ޢަދަދެއްގެ ވޯޓުންނެވެ. ވީއިރު، މި ދަނޑިވަޅުގައި ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ދައުލަތް ފޯކަސް ކުރާން ޖެހޭ އެންމެ ބޮޑު އެއް މައްސަލަޔަކީ ޙަޤީޤަތުގައި މިއެވެ. ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނާން ޖެހިފައި އޮތް ޙަޤީޤީ އެންމެ ބޮޑު އެއް އިޞްލާޙަކީ، ރައްޔިތުން ދޭ ވޯޓާއި ރައްޔިތުންގެ ތާއީދު ޙަޤީޤީ ގޮތެއްގައި ރިވެލި ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ހެދުމަށް ޓަކައި، ރާއްޖޭގެ އިންތިޚާބުތަކުގެ ނިޒާމަށް ގެންނާން ވީ އިޞްލާޙުތަކެވެ. އަޅުގަނޑު ވެސް އެއްބަހެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކަށް މި ވާހަކަތައް ދައްކައިގެން، މި ސަބަބުތައް ދައްކައިގެން، ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީ އިޞްލާޙު ކޮށްގެން ނުވާނެޔެކޭ ވިދާޅެއްނުވެވޭނެއެވެ. މިއީ ސިޔާސީ މައްސަލަތަކެއް ކަމުގައި ވީމައެވެ. ނަމަވެސް ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި އޮންނަ، ހަމަ ގައިމުވެސް "އޮޕަރޭޓިވް" މާއްދާއެއްގައި ދިވެހި ދައުލަތް ހިނގާން ވާނީ "ޑިމޮކްރެޓިކް" އުޞޫލުންނޭ އޮންނަކަން، އެއީ ވެސް ސުޕްރީމް ކޯޓުން ހަނދުމަފުޅު ނައްތަވައިލައްވައިގެން ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން، މިހާރު މިއޮތް ރައްޔިތުންގެ މަޖިލިހަށް "ޤާނޫނުއަސާސީ އިޞްލާޙު ކުރާށޭ" ވިދާޅުވެ ދެއްވާ ލަފަޔަކީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުންފުޅު ހިންގަވައިފައި މެނުވީ ދެއްވައިގެން ވާނޭ ލަފައެއް ނޫނެވެ. އެ ވިސްނުންފުޅުތައް ހިންގެވި ކަމަކަށް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކުން ހަމަ އެއްގޮތަކަށް ވެސް ނުފެނެއެވެ. އަދި ކީއްތޯއެވެ! އެ ލަފާގެ އަލިފުން ޔާޔަށް، ފުރަތަމަ ޞަފުޙާއިން އެންމެ ފަހު ޞަފުޙާޔަށް، ފަސްމަންޒަރުން ފެންނަ ފަނޑު އެހެނަސް ދޮގު ކުރުން ދަތި ތަޞްވީރަކީ މަޖިލިހުގައި ބާރު އޮތް ފަރާތް ރުހޭ ގޮތަށް ސުޕްރީމް ކޯޓުން ކަން ކުރައްވައިފައި އޮތްކަމުގެ ތަޞްވީރެވެ.

ސުޕްރީމް ކޯޓަކީ ޤާނޫނުއަސާސީގެ ބެލެނިވެރި ފަރާތެވެ. 29 މެއި 2020 ގައި ދެއްވެވި ލަފަޔަކީ އެކަން އެނގޭ ގޮތަށް، އެ މަސްއޫލިއްޔަތު އަދާ ކުރައްވައިގެން ނެރުއްވެވި ލަފަޔަކަށް ވީނަމަ ހައުދަހައި ރަނގަޅެވެ. ނަމަވެސް ކަން ހިނގައިގެން ދިޔައީ އެހެންނެއް ނޫނެވެ. ކޮންމެއަކަސް، އެކަން ނިމުނީއެވެ. ތަމްސީލުގެ ފަހު މަންޒަރަށް ފަހު ފަރުދާ ވައްޓައިލެވިއްޖެއެވެ. ބޮކިތައް ނިވައިލެވި، އަޑުތައް ކަނޑައިލެވިއްޖެއެވެ. ސިނަމާގެ ތެރެޔަށް ވެރިވެފައި މިއޮތީ ހިމޭންކަމެވެ. މި ހިމޭން ދަނޑިވަޅުގައި، އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދިވެހިރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމް ދާދިފަހުން އާފަތިސް ނޫހުގައި ލިޔުއްވި ކޮލަމެކެވެ. ޚާއްޞަކޮށް އެ ކޮލަމުގެ ފަހު ޕެރެގްރާފެވެ. އެ ޕެރެގްރާފުގައި އޮންނަނީ މަޝްހޫރު ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ހާދިސާއެކެވެ. ތަންކޮޅެއް ނަކަލު ކޮށްލާނަމެވެ. "ކޮޅުމަޑުލު ބުރުނީގައި މާރީތި ފަތްމިންޏަކު އިން ވާހަކަ ދިވެހިރާއްޖޭގެ ރަދުންނަށް އެނގިވަޑައިގެން އެކަމަނާޔަކާ ކާވެނި ކުރައްވާ ހިތްޕުޅު ވެގެން އެ ރަށަށް ވަޑައިގެންފިއެވެ. ޚަބަރު ބެއްލެވި އިރު އެއީ ހުޅުދެލީ އަލިފުޅު ނަމަކަށް ކިޔާ މީހެއްގެ ހަލާލު އަނބިމީހާއެވެ. ދެން އަލިފުޅު ގެންނަވައިފައި ވަރިކުރާށޭ ވިދާޅުވީމާ އޭނާ ވަރިއެއް ނުކުރިއެވެ. ރަދުން ކޯފާ ވެގެން އަލިފުޅު ހަވަރަށް ދެއްވައިފިއެވެ. ދެން ނައިބުކަލޭގެ ގެންނަވައިފައި ދޮންހިޔަލަޔާ ތިމަންނާޔާ ކާވެނިކޮށްދޭށޭ ވިދާޅުވެއްޖެއެވެ. ނައިބުކަލޭގެ ދަންނަވައިފިއެވެ. މީހެއްގެ ރޯ ހަލާލެއް، ކާވެނިކޮށްދޭކަށް ނުކެރޭނެއެވެ. ރަދުން ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. ކަލޭ ހަވަރަށް ދީފާނަމެވެ. އަލިފުޅަށް ވީ ގޮތެއް ނުދެކެން ހެއްޔެވެ؟ އެވަގުތު ނައިބުކަލޭގެ ގަތް ބިރުން ދެންނެވިއެވެ. ސާހިބާއެވެ. އަޅުގަނޑު ކާވެނި ކޮށްދީފާނަމެވެ. މީހެއްގެ ރޯ ހަލާލެއް، ނުކިޔާ ރަނަކަށް، ނުދޭ ވަލީއަކަށް ރަދުންނަށް ކާވެނި ކޮށްދީފީމެވެ. ރަދުން ވިދާޅުވިއެވެ. ބަލަން ނުތިބެ ދޮންހިޔަލަ އެނދާއެކު ނަގައިގަނެގެން އޮޑިޔަށް ލާށެވެ. ..."

އާދޭހެވެ! 01 ޖޫން 2020 ވީ ހޯމަ ދުވަހުގެ ރެއިގަނޑު ދަންވަރު އަޅުގަނޑުމެން ކުރެ ހެއިލައި ތިބި މީހުންނަށް ފެނުނު މަންޒަރަކީ އެޔެވެ. ނުކިޔާ ރަނަކަށް، ނުދޭ ވަލީޔަކަށް، ނާއިބުކަލޭގެ ރަދުންނަށް އަނބިކޮށްދެއްވި "ދޮންހިޔަލަ" ދަމައިކޫއްތައި ގެންގޮސް އޮޑިޔަށް ލައިގެން، ރަދުން އޭނާގެ އަޢުވާނުންނާއިގެން ފުރައިވަޑައިގަތް މަންޒަރެވެ. ވާހަކައިގައި ކިޔާ ހުޅުދެލީ ޢަލިފުޅުގެ އަނބި ދޮންހިޔަލަ ފޭރިގަންނަވައިގެން، އޮޑިޔަކަށް ލައްވަވައިގެން، އުތުރުކަރަޔަށް – އިންޑިޔާއަށް – ވަޑައިގަންނަވާން ފުރައިވަޑައިގަތީ، މީގެ ހަތަރު ޤަރުނު ކުރީން ދިވެހި އިސްލާމީ ދީބު، ނަޞާރާ އިސްތިޢުމާރީ ފުރެތިކާލުންނަށް ވިއްކަވައިލެއްވި ނުވަވަނަ ޙަސަން ރަސްގެފާނޭ ކިޔަތެވެ. ނަމަވެސް އެ ރަސްގެފާނަކަށް ދޮންހިޔަލަގެ "ފޮނިމީރުކަން" ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ. އެއިގެ ކުރީން، ދޮން ހިޔަލަ އޭނާގެ ޢިއްޒަތުއްނަފްސާއި ކަރާމާތާއިގެން، ކަނޑުން ފައުޅު ވި މާވަރެއްގެ މައްޗަށް ފުންމައިލައިގެން ޝަހީދު ވީއެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ދުނިޔެ ހިނގަނީ ދޮގުވެރި، މަކަރުވެރި، ފާސިޤު، އަދި ފާޖިރު އަނިޔާވެރީންގެ ތަދުބީރުތަކާއި، ބަނގުރާ ޕާޓީތަކުގައި އެވެރީން ކުރާ މަކުރޫހަ ސައްލާތަކާ އެއްގޮތަކަށެއް ނޫނެވެ! އެހެނެއް ދުވަހަކު ނުވެސް ވާނެއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް