ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގެ މަސައްކަތް ފަށައިފި

ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގެ މޮޑެލް އެއް -- ފޮޓޯ: އެސްޖޭ ކޮންސްޓްރަކްޝަން

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފިއެވެ.

އެ ސްކޫލުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި މަސައްކަތް އެއް އަހަރުގެ ތެރޭ ނިންމާގޮތަށް ހަވާލުކޮށްފައިވަނީ 74.9 މިލިއަން ރުފިޔާއަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަނީ މާލޭ ޖަލު ހުރި ކޮއްޓާއެކު ޖެހިގެން ހުރި ކޮއްޓާ ދެކޮށި އެއްކޮށްލައިގެން ހިމެނޭ ސަރަހައްދުގައެެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އިމާރަތްކުރަނީ 1000 ދަރިވަރުންގެ ޖާގަ ހިިމެނޭގޮތަށެވެ. މިއީ ވަށައިޖެހޭ ތައުލީމަށް ހާއްސަކޮށްގެން ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ ސްކޫލު ކަމަށް އެޑިއުކޭޝަންމ ިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އާ ސްކޫލްގައި ޖުމްލަ 41 ކްލާސްރޫމް ހިމެނޭއިރު ކޮންމެ ކްލާހަކުން ޖާގަދޭނީ ގިނަވެގެން 25 ކުދިންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

މަޖީދިއްޔާ ސްކޫލު ދެބައިކޮށް، 2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު އުފެއްދި އިރު، އެ ސްކޫލުވެސް އޮތީ ފިރިހެން ކުދިންނަށް ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް 2011 ވަނަ އަހަރު މާލޭގެ މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލު އަދި ހިރިޔާ ސްކޫލާއެކު ދަރުމަވަންތަ ސްކޫލުގައި ގްރޭޑް އެކެއް ތައާރަފުކޮށް ފިރިހެން ކުދިންގެ އިތުރުން އަންހެންކުދިންނަށްވެސް އެ ސްކޫލުން ޖާގަ ދޭން ވަނީ ފަށައިފައެވެ.

ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތް ހަލާކުވެ، އެތަނުގައި ކިޔަވައިދޭން ރައްކާތެރިނުވުމުގެ ސަބަބުން ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް އަޅައި، ސްކޫލު ހިންގުން ވަނީ ވަގުތީ އިމާރަތަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް