ކޮޕީކުރުން މަދުކުރަން ނޫސްތަކުގެ އެތެރޭގެ އުސޫލުތައް ވަރުގަދަ ކުރަން ޖެހޭ: އެމްއެމްސީ

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- ފޮޓޯ/ މީޑިއާ ކައުންސިލް

ނޫހެއްގައި ޝާއިއުކުރާ ލިޔުންތަކުގެ ޕްރޫފް ރީޑްކޮށް ފެންވަރު ބެލުމަށް ގެންގުޅޭ ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމާއި ނޫސްތަކުގައި ކޮޕީ ކުރުމާއި ވަގުލުކުރުން (ޕްލެޖަރިޒަމް) ވީހާވެސް މަދުކުރުމަށް ނޫސްތަކުގެ އެތެރޭގެ އުސޫލުތައް ވަރުގަދަ ކުރަން ޖެހޭކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިހެން ބުނެފައި ވަނީ، ތިން ނޫހެއްގައި އެއް ކޮންޓެންޓެއް ޝާއިއުކުރި މައްސަލަ ބެލުމަށްފަހު، އެކުލަވާލި ރިޕޯޓްގަ އެވެ.

ރާއްޖޭގެ ތިން އޮންލައިން ނޫސް ކަމުގައިވާ ރާއްޖެ.އެމްވީ، ޗެނަލް ނިއުސް މޯލްޑިވްސް(ސީއެންއެމް) އަދި ފެށުން އޮންލައިން ގައި މިދިޔަ މަހުގެ 27 އަދި 28 ވަނަ ދުވަހު ވަނީ "ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ސުރުހީގެ ދަށުން އެއް ލިޔުމެއް ޝާއިއުކޮށްފަ އެވެ.

އެ މައްސަލަ ހޫނުވެ، އެންމެ ފަހުން މީޑިއާ ކައުންސިލުން ވަނީ މައްސަލަ ބަލައިފަ އެވެ.

މީޑިއާ ކައުންސިލުގެ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލަ ޖެހުނު ލިޔުން "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން"އަށް ފޮނުވާފައި ވަނީ ސީދާ ނޫހާ ގުޅުން ނެތް ފަރާތަކުން ކަން އެ ދެ ނޫހުން އެއްބަސްވާ ކަމަށެވެ.

އެހެން ނަމަވެސް އެ ދެ ނޫހުގައި ވެސް އެ ލިޔުން ޝާއިއު ކުރީ އެ ނޫހުގެ ނޫސްވެރިން ލިޔެފައިވާ ރިޕޯޓެއްގެ ގޮތަށް ކިޔުންތެރިންނަށް ދޭހަވާނެ ގޮތަކަށް ކަމަށް މައްސަލަ ބެލިބެލުމުން ފާހަގަވާ ކަމަށެވެ.

އެހެން ނަމަވެސް ނޫސްވެރިކަމުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ނޫހަށް ކޮންޓްރިބިއުޓް ކުރާ ފަރާތެއްގެ އޯ-ޕެޑެއް ނޫނީ އެޑްވަޓޯރިއަލް ޝާއިއު ކުރާ ނަމަ އެކަން އިނގޭނޭ ގޮތަށް އެޑިޓަރުގެ ނޯޓެއް ނޫނީ އެހެން ގޮތަކުން ނަމަވެސް އެކަން އިނގޭނެ ފަދަ ނޯޓިހެއް ހިމެނުން ކަމާއި އެކަން ކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

އޭގެ ސަބަބުން ކިޔުންތެރިންނަށް ލިޔުމުގެ އަސްލު އޮޅޭކަމާއި އެއީ މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" ވެސް ހިތްވަރު ދޭ ކަމެއް ނޫންކަމާއި އަދި ނޫސްވެރިކަމުގައި އަމަލު ކުރަމުން އަންނަ އާންމު، އަދި މުޖުތަމައު ބަލައިގެންފައިވާ އުސޫލާ ހިލާފު ގޮތެއްކަމަށެވެ.

ނޫހެއްގައި އޯ-ޕެޑް ލިޔާނެ ލިޔުންތެރިންނާއި ކޮލަމިސްޓުން ކަނޑައެޅުމުގައި ގިނަ ނޫސްތަކުގައި ރަނގަޅު ވެޓިން ޕްރޮސެސްއެއް ނެތްކަމާއި އެފަދަ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ނޫސްތަކުގައި އޮއްޓަރެއް ނުހުންނަ ދަށްފެންވަރުގެ ލިޔުންތަކަށް މަގުފަހިވާކަން ފާހަގާ ކަމަށް މީޑިއާ ކައުންސިލުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި އޯ-ޕެޑް އާއި ކޮލަމްތަކަކީ ސީނިއާ ނޫސްވެރިންނާއި އިލްމީ އަދި އެކި ދާއިރާތަކުގެ ތަޖުރިބާ
ލިބިފައިވާ ބޭބޭފުޅުން ލިޔުއްވާ ލިޔުންތަކެއްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ނޫސްތަކުގެ ސަމާލުކަމަށް ބައެއް ކަންކަން ގެނެސް، އެކަންކަމަށް އަމަލުކުރުމަށް ބާރު އެޅުމަށް، މައްސަލަ ބެލި ކޮމިޓީގެ މެންބަރުން ވަނީ އިއްތިފާގުވެފަ އެވެ.

އެގޮތުން ކޮންޓްރިބިއުޓަރެއްގެ އޯ-ޕެޑެއް ނުވަތަ ވިއްކާފައިވާ އެޑްވަޓޯރިއަލްއެއް ނޫހެއްގައި ޝާއިއުކުރާނަމަ، އެކަން ކިޔުންތެރިންނަށް އެނގޭނެ ފަދަ ގޮތަކަށް އެ ލިޔުން ނޫހުގައި ޝާއިއުކުރާނެ އެޑިޓޯރިއަލް އުސޫލެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި އެ އުސޫލަށް އަމަލު ކުރަންވާނެކަމަށް ރިޕޯޓުގެ ރެކޮމޮންޑޭޝަންތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

ނޫހެއްގައި ޝާއިއުކުރާ ލިޔުންތަކުގެ ޕްރޫފް ރީޑްކޮށް ފެންވަރު ބެލުމަށް ގެންގުޅޭ ނޫސްތަކުގެ އެޑިޓޯރިއަލް ޕޮލިސީތައް
މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމާއި ނޫސްތަކުގައި ކޮޕީ ކުރުމާއި ވަގުލުކުރުން (ޕްލެޖަރިޒަމް) ވީހާވެސް މަދުކުރުމަށް
ނޫސްތަކުގެ އެތެރޭގެ އުސޫލުތައް ވަރުގަދަ ކުރަން ޖެހޭކަމަށާއި އެގޮތުން އޯޕެޑެއް ޝާއިއުކުރުމުގައި ގެންގުޅޭ މިންގަނޑާއި
ވިއްކާފައިވާ އެޑްވަޓޯރިއަލް ފަދަ ލިޔުންތައް ޝާއިއުކުރާނެ ތަފްސީލީ އުސޫލުތަކެއް އެޑިޓޯރިއަލް ޕޮލިސީގައި ހިމަނާ
އަމަލުކުރަން ނޫސްތަކަށް އިރުޝާދު ދިނުމަށް ވެސް ވަނީ ހިމަނައިފަ އެވެ.

ނޫސްވެރިކަމުގެ ހަމަތަކާއި ހަމަހަމަ ނޫސްވެރިކަމަކަށް ބާރުދީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމަށް ނޫސްތަކުން އެކުލަވާލާފައިވާ، އެޑިޓޯރިއަލް ޕޮލިސީއާއި ނޫސްވެރިންގެ އަހުލާގީ މިންގަނޑަކީވެސް ޓެކްނޮލޮޖީ އާއި މީޑިއާގެ ދާއިރާއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް މަދުވެގެން އަހަރަކު އެއްފަހަރު މުރާޖައާކޮށް އެތަކެތި ހޯމް މިނިސްޓްރީ އާއި މީޑިއާ ކައުންސިލްގައި ފައިލްކުރަން އުސޫލެއް ކަނޑައަޅާ އެގޮތަށް އަމަލު ކުރަން ފެންނަކަމަށް ވެސް ރިޕޯޓުގައިިވެ އެވެ.

ނޫސްތަކުގެ އެފަދަ އުސޫލުތައް ކިޔުންތެރިންނަށް ފެންނާނެ ގޮތަށް ނޫސްތަކުން އާންމުކުރުން އެދެވިގެންވާކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ނޫސްތަކުގައި އަލަށް މަސައްކަތް ކުރަން ފަށާ ނޫސްވެރިންވެސް އެފަދަ ކަންކަމަށް އަހުލުވެރި ކުރުވަން
ހާއްސަ އިންޑަކްޝަން ތަމްރީން ޕްރޮގްރާމްތައް ނޫސްތަކުން އިންހައުސްކޮށް ހިންގަން ޖެހޭކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިއެއް ނޫނީ ލިޔުންތެރިއެއްގެ ކިބައިން ކޮޕީކުރުމުގެ އަމަލެއް ނުވަތަ ނޫސްވެރިކަމުގެ ސުލޫކާ ހިލާފު ކަމެއް
ފާހަގަ ކުރެވިއްޖެ ނަމަ، އެ މައްސަލައެއް ނޫހުގެ އެޑިޓޯރިއަލް އުސޫލުތަކުގެ ތެރެއިން އިދާރީ މައްސަލައެއްގެ ގޮތުގައި
ބަލައި، ކަން ހިނގާފައިވާ ގޮތާއި އެކަމުގައި އެ ނޫހަކުން ކަންކުރި ގޮތެއް އެ ނޫހެއްގެ ކިޔުންތެރިންނަށް އާންމުކުރުމަކީ
ރަނގަޅުކަމެއްކަމަށް ވެސް ކޮމިޓީން ލަފާދީފައިވެ އެވެ.

ކިޔުންތެރިންގެ ކިބައިން މާފަށް އެދެން ޖެހޭ ނަމަ، އެކަން އާންމުކޮށް ކުރުމަށް ނޫސްތަކަށް ބާރުއެޅުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ނޫހެއްގައި ޝާއިއުކުރާ ލިޔުމެއްގައި ކުށެއް އޮވެގެން ނޫނީ އެހެންވެސް ސަބަބަކާ ހުރެ ނަމަވެސް، އެ ނޫހަކުން އެ
ލިޔުމެއް އަނބުރާ ނަގާ ނަމަ، އެ ލިޔުމެއް ނެގިކަމާއި އެ ލިޔުން ނަގަން ޖެހުނު ސަބަބު ކިޔުންތެރިންނަށް އެނގޭނެ
ގޮތަކަށް އެ ނޫހެއްގެ އުސޫލުތައް ބެހެއްޓުމަށް ކައުންސިލުން ނޫސްތަކަށް އިރުޝާދު ދިނުމަށް ފެންނަކަމަށް ކޮމިޓީން ވަނީ އިއްތިފާގުވެފަ އެވެ.

މީޑިއާ ކައުންސިލްގެ ރިޕޯޓުގައި ބުނެފައި ވަނީ މިއީ ކިޔުންތެރިންގެ އިތުބާރު އުފެއްދުމަށް ދިވެހި ނޫސްތަކުން އަމަލު ކުރުން، ވަރަށް ބޮޑަށް އެދެވިގެންވާ އުސޫލެއް ކަމުގައި ކޮމިޓީއަށް ފާހަގަ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ނޫހެއްގައި އޮންނަ ލިޔުމެއް އިސްލާހު ކުރާ ހާލަތުގައި ވެސް، އެ ލިޔުމެއް އިސްލާހުކުރިކަން ކިޔުންތެރިންނަށް އެނގޭނެ ގޮތަކަށް ނޫހުގެ އިންތިޒާމްތައް ރާވާފައި ހުރުމަކީ ކިޔުންތެރިންގެ އިތުބާރު ނޫސްތަކަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ކޮމިޓީއިން ދެކޭ ކަމަށް ވެސް ބުނެފައިިވެ އެވެ.

ކޮމިޓީގެ ރެކޮމެންޑޭޝަންތަކަށް އަމަލީ ސިފަ ގެނައުމަށް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް ކައުންސިލްގެ ދާއިމީ ކޮމިޓީތަކަށް މިކަންކަން ހަވާލުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް