ސުޕްރީމް ކޯޓުގެ ލަފަޔާ ހިލާފަށް ގާނޫނު އަސާސީ އިސްލާހުކުރުމާ ދެކޮޅު: ޕީޕީއެމް

މަޖިލީހުގައި ހިމެނޭ އިނދިކޮޅު ދެ މެންބަރުން ކަމަށްވާ ޝިޔާމް އަދި ސައީދު: ސުޕްރީމް ކޯޓުން ދީފައިވާ ލަފަޔާ ހިލާފަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ ދެކޮޅު ކަމަށް އިނދިކޮޅު ޕާޓީން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން ދީފައިވާ އިސްތިޝާރީ ލަފަޔާ ހިލާފަށް ގާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަމާ ދެކޮޅު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި ދީފައިވާ ލަފާގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ އެ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން، ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކައުންސިލް އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފާއިވާ އިސްތިޝާރީ ލަފާގެ ރޫޙާ، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް އެ ކޯލިޝަނުން ތާއީދު ނުކުރާ ކަމަށެވެ.

އިދިކޮޅުން ވަނީ އެކަން ކުށްވެރިކޮށް އެކަމާ ކަންބޮޑުވާކަން ފާޅުކުކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހަށް އެކަނި ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާހު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ހައްލު ކުރެވޭނީ ގާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާހުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، އެކަން ނުކޮށް ލަސްކޮށްފައިވަނީ މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ރިޔާސަތުން ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގައި ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާޙަކާއި އެ އިސްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނާ ގޮތާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭނެ ކަމަށާއި އަދި ޤާނޫނުއަސާސީއަށް ބަދަލު ނުގެނެސް ކަމާއި ގުޅުން ނެތް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ވަގުތު ބޭކާރު ކުރަމުން ގެންދާކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފަ އެވެ.

ރާއްޖޭގައި ހަދާ އެންމެހާ ޤާނޫނުތައް ހަދަންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަމާއި، ޤާނޫނުއަސާސީއާއި ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލު އެއްޗަކަށްކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް ޤާނުނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިހާރު މަޖިލީހުން ކުރަމުން ގެންދާ މަސައްކަތަކީ ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމުގައި އިދިކޮޅުން ވަނީ ބުނެފަ އެވެ. އަދި މިހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަކީވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތު ކަމަށް ވެސް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޤާނޫނުއަސާސީ އިސްލާހުކުރުމާއެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލްގައިވެސް މިކޯލިޝަނުން ކަންބޮޑުވާ ކަންތައްތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. އެ ބިލް ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް